ބޮޑެތިބަދަލުތަކާއެކު ’ސަލާތުއެމްވީ‘ ގެ އަޕްޑޭޓެއް ނުކުމެއްޖެ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން 2013 ވަނަ އަހަރު ލޯންޗުކޮށްފައިވާ މޮބައިލް އެޕްލިކޭޝަންއެއްކަމަށްވާ’ސަލާތުއެމްވީ‘ ގެ އަޕްޑޭޓެއް ނުކުމެއްޖެއެވެ.

ނަމާދު ވަގުތު އަންގައިދިނުމަށާއި، ނަމާދު ކުރާނޭގޮތާއި ނަމާދުގައި ކިޔާ ދުޢާތައް ހިމަނައިގެން އުފައްދާފައިވާ’ސަލާތުއެމްވީ‘ އެޕްލިކޭޝަންގެ ވަރަށްބޮޑު ބަދަލުތަކަކާއެކު އިއްޔެ ނުކުތް އަޕްޑޭޓަކީ އެންޑްރޮއިޑް ފޯނުތަކަށް ނުކުތް އަޕްޑޭޓެކެވެ. ’ސަލާތުއެމްވީ‘ ގެ އައި.އޯ.އެސް ވާޝަންގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެތެރޭގައި އައި.އޯ.އެސް ވާޝަން ނެރެވޭވަރުވާނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމެޓީގެ މެމްބަރު އަޒްމާން ވިދާޅުވެފައިވެއެވެ.

”ޢާއްމުކޮށް އެންމެންނަށް ލިބޭނެހެން ޓެސްޓިންއެއް މިއަދު މިފެށީ. އަދި މިއީ އެންޑްރޮޑް އޮޕަރޭޓިންގ ސިސްޓަމްއަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން. މިހާރު ލައްކައަށްވުރެ ގިނަ މީހުން ޑައުންލޯޑް ކޮށްފައިވާ މި އެޕްލިކޭޝަންއަކީ ރާއްޖޭގެ ނިސްބަތުން ވަރަށް ގިނަ ބަޔަކު ބޭނުންކުރަމުންދާ އެޕެއް“ އަޒްމާން ވިދާޅުވިއެވެ.

’ސަލާތުއެމްވީ‘ އެޕްލިކޭޝަންއާއި ގުޅޭގޮތުން، ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް، އަދި ’ސަލާތުއެމްވީ’އެޕްލިކޭޝަންގެ ޕްރޮޖެކްޓް މެނޭޖަރު އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވީ މިއަދު މިނެރުނު ’ސަލާތުއެމްވީ‘ ގެ އަޕްޑޭޓަކީ މި އެޕްގެ މުޅިން އާ ވާރޝަނެއްކަމަށާއި މިފަހަރު މިވަނީ މުޅި އެޕްލިކޭޝަން އެއްކޮށް ބަދަލުކޮށްފައިކަމަށެވެ.

”އެންމެ ފުރަތަމަ މި އެޕް އާންމު ކުރެވުނުފަހުން ދެފަހަރަކުވަނީ ކުދިކުދި ބަގްފިކްސިންގ އާއެކު އަޕްޑޭޓް ކުރެވިފަ، ނަމަވެސް މިފަހަރުގެ އަޕްޑޭޓަކީ ވަރަށް ތަފާތުކޮށް މުޅި އެޕްލިކޭޝަން އެކުގައި ބަދަލުކޮށްލައި، ގިނަ ފީޗާތަކެއް އިތުރުކުރެވިގެން ގެނެސްދެވޭ، ’ސަލާތުއެމްވީ‘ ގެ މުޅިން އާ ވާރޝަންއެއް މިއީ“  ޝައިޚް ފިކްރީ ވިދާޅުވިއެވެ.

މިއަޕްޑޭޓްގައި ކުރީގެ އެޕްގައި ހިމެނިފައިނުވާ އެތައްކަމެއް ވަނީ އިތުރުކޮށްފައެވެ. އެގޮތުން، ’ސަލާތުއެމްވީ‘ ގެ މިފަހަރުގެ އަޕްޑޭޓާއެކު، މުޅި އެޕްގެ ޑިޒައިންވެސް ވަނީ ބަދަލުކޮށްފައެވެ. ޒައިތޫނި ކުލަޔާއި ވިލުނޫކުލައިގެ ދެ ތީމް ހިމެނިފައިވާ މިއެޕް އާއެކު، އެޕްގެ ވިޖެޓް ވެސްވަނީ ތަޢާރަފުކޮށްފައެވެ. އޭގެ އިތުރުން، ނަމާދުގަޑިތަކުގައި ލެވޭ އެލާޓްތަކުގައި އިތުރު އިޚްތިޔާރުތައްވަނީ ހިމަނާފައެވެ. މުޅި އެޕްލިކޭޝަންވަނީ ދިވެހި ޢަރަބި، އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ފުރިހަމަ ކޮށްފައެވެ. އަދި ނަމާދު ވަގުތުގެ ކުރިން، އެމީހަކު ބޭނުން ވަގުތަކަށް، އިތުރު އެލާޓްތައް ސެޓްކުރުވޭނެ ގޮތްވެސްވަނީ ހިމަނާފައެވެ. 

ނަމާދުގެ ރުކުންތަކާއި، ނަމާދު ކުރާނޭ ގޮތާއި، ނަމާދުގެ ޒިކުރުތަކާއި އެ ޒިކުރުތަކުގެ މާނަވެސް މިފަހަރުވަނީ އިތުރުކޮށްފައެވެ. ކުރިންވެސް އެޕްގައި ހިމެނޭ، ވުޟޫ ކުރާނެގޮތާއި، ހިނައިގަންނާނެ ގޮތާއި، ތަޔައްމުމު ކުރާނޭގޮތުގެ އިތުރުން ދަތުރުވެރިޔާގެ ނަމާދާގުޅޭ މަޢުލޫމާތުތައް، އެޕް ބޭނުންކުރަން ފަސޭހަ ވާނޭހެންވަނީ ޓެބްތަކަށް ބަހާލައި މުޅިން އާ ފަރުމާއަކަށްވަނީ ބަދަލުކުރެވިފަ އެވެ.    

’ސަލާތުއެމްވީ‘ އެޕް ޓެސްޓު ކުރުމަށް ބީޓާ ވާރޝަންއެއް ޗެކް ކުރަމުންދާތާ ގާތްގަނޑަކަށް ތިން ހަފްތާވެއްޖެކަމަށްވެސް ޝައިޚް ފިކުރީ ވިދާޅުވިއެވެ. ނަމަވެސް މިހާރު މިވަނީ އާންމުނަށް އެޕް ޑައުލޯޑް ކުރެވޭނޭހެން ހުޅުވާލެވިފައެވެ. އަދި އައީއޯއެސްގެ އަޕްޑޭޓް ވަރަށް އަވަހަށް އާއްމުންނަށް ލިބޭނެކަމުގައިވެސް ޝެއިޚް ވިދާޅުވިއެވެ. 

އައިއޯއެސް އާއި އެންޑްރޮއިޑް އެޕް ޓެސްޓިންގ ނިމުމުން ’ސަލާތުއެމްވީ‘ ގެ މި ވާރޝަން ރަސްމީކޮށް އިފްތިތާޙު ކުރުމަށް އާންމުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ’ސަލާތުއެމްވީ‘ ގެ އެޕްގެ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައިވާނަމަ ނުވަތަ ޚިޔާލެއް ހުށަހެޅުވުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމަކީ ޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ. 

ސުވާލާއި އަދި ޚިޔާލު ފޮނުއްވުމަށް: apps@salaf.mv

އެޕް ޑައުލޯޑް ކުރެއްވުމަށް: https://play.google.com/store/apps/details?id=mv.salaf.salat

 1,072 total views