ޢަޤީދާގެ 200 ސުވާލާއި ޖަވާބު (7): ސުވާލު 26 އިން 30 އަށް

ސ26 : ޝަހާދަތުގެ ކަލިމައަށް ލޯބިވުމަކީ ޝަރުޠެއްކަމަށް ޤުރުއާނާއި ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީ ކުރައްވަފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّـهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ﴾  المائدة: ٥٤ މާނައީ:  ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ ދީންދޫކޮށް މުރުތައްދުވާމީހާ (ދަންނާށެވެ!) ފަހެ، (އެބައިމީހުންގެ ބަދަލުގައި) އެބަޔަކަށް އެކަލާނގެ ލޯބިވެވޮޑިގެންވާ، އަދި އެބަޔަކު އެކަލާނގެދެކެ ލޯބިވާ ބަޔަކު ﷲ ގެންނަވާފާނެއެވެ.“ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ بِهِنَّ حَلاَوَةَ الإِيمَانِ: أَنْ يَكُونَ اللّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا وَأَنْ يُحِبَّ الْمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ بَعْدَ أَنْ أَنْقَذَهُ اللَّهُ مِنْهُ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ))([i]) މާނައީ: ”މީހެއްގެ ކިބާގައި ތިން ކަމެއް ހުރެއްޖެމީހަކަށް، އެތިންކަމުގެ ސަބަބުން އީމާންކަމުގެ ފޮނިކަން ލިބޭހުއްޓެވެ. (އެ ޞިފަތަކަކީ) އެންމެހާ މީސްތަކުންނަށްވުރެ ބޮޑަށް އެމީހެއްގެ ކައިރީ އެންމެ ލޮބުވެތިވެގެންވާ ދެފަރާތަކީ ﷲއާއި އެއިލާހުގެ ރަސޫލާކަމުގައިވުމެވެ. އަދި މީހެއް ދެކެ ލޯބިވެ، އެލޯތްބަކީ ހަމައެކަނި ﷲއަށްޓަކައި ވީ ލޯތްބެއްކަމުގައި ހެދުމެވެ. އަދި އަލިފާނަށް އެމީހެއްގެ ނަފުސު އެއްލާލުމަށް ނުރުހުންތެރިވާ ފަދައިން، ﷲ ކާފަރުކަމުން އެމީހަކު މުއްތިކުރެއްވުމަށްފަހު އަލުން ކާފަރުކަމަށް އަނބުރާ ދިޔުމަށް ނުރުހުންތެރިވުމެވެ.“

ސ27 : އެކުވެރިވެ އުޅުމާއި ރުޅިއައުން ވަނީ ހަމައެކަނި ﷲ އަށްޓަކައިކަމުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ޢައްޒަވަޖައްލަ ވަޙީ ކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ﴾  މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަޞާރާއިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެބައިމީހުންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެބައިމީހުން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެބައިމީހުންގެ ތެރެއިންވާ މީހެކެވެ.“ މި އާޔަތުން ފެށިގެންގޮސް ﴿إِنَّمَا وَلِيُّكُمُ اللَّـهُ وَرَسُولُهُ وَالَّذِينَ آمَنُوا﴾ المائدة: ٥١ – ٥٥   މާނައީ: ”ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެހީތެރިޔަކީ ﷲއެވެ. އަދި އެކަލާނގެ ރަސޫލާއެވެ. އަދި އީމާންވެގެންތިބި މީހުންނެވެ.“ މި އާޔަތުގެ ނިޔަލަށެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا آبَاءَكُمْ وَإِخْوَانَكُمْ أَوْلِيَاءَ إِنِ اسْتَحَبُّوا الْكُفْرَ عَلَى الْإِيمَانِ﴾ التوبة: ٢٣  މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، އެއްބަނޑުއެއްބަފާ މީހުން (ވިޔަސް) އެބައިމީހުން އީމާންކަމަށްވުރެ ބޮޑަށް ކާފިރުކަމަށް ލޯބިކުރާނަމަ، އެއީ ތިޔަބައިމީހުންގެ އެހީތެރި، އެކުވެރިން ކަމުގައި ނުހިފާށެވެ!“ މި އާޔަތާއި މިއާޔަތުގެ ފަހުން އައިސްފައިވާ އާޔަތެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ﴾ المجادلة: ٢٢ މާނައީ: ”ﷲއާއި އާޚިރަތް ދުވަހަށް އީމަންވާ މީހުން، ﷲއާއި އެކަލާނގެ ރަސޫލާއާ އިދިކޮޅު ހަދާމީހުންނަށް ލޯބި ބަހައްޓާތަން ކަލޭގެފާނު ނުދެކޭނެއެވެ.“ މި އާޔަތެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ﴾ الممتحنة: ١ މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހުގެ ޢަދުއްވުންނާއި، އަދި ތިޔަބައިމީހުންގެ ޢަދުއްވުންނަކީ، އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ.“ ސޫރަތުލް މުމްތަޙިނާގެ މިއާޔަތުން ފެށިގެންގޮސް އެސޫރަތުގެ ނިޔަލަށް އައިސްފައިވާ އާޔަތްތަކަކީ މިކަމަށް ދަލީލުކޮށްދޭ އާޔަތްތަކެވެ. އަދިވެސް މިފަދަ އެހެން އާޔަތްކުން މިކަމަށް ދަލީލު ލިބެއެވެ.

ސ28 : ”شَهَادَةُ أَنَّ مُحَمَّداً رَسُوْلُ اللهِ“ ގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿ لَقَدْ مَنَّ اللَّـهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ﴾ آل عمران: ١٦٤ މާނައީ: ”ހަމަކަށަވަރުން، މުއުމިނުންގެ މައްޗަށް ﷲ ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެބައިމީހުންގެ ތެރެޔަށް، ހަމަ އެބައިމީހުންގެ ތެރެއިން ރަސޫލަކު ފޮނުއްވި ހިނދުއެވެ. އެކަލާނގެ އާޔަތްތައް އެބައިމީހުންނަށް ކިޔަވައިދެއްވާ އަދި، އެބައިމީހުން ޠާހިރުކުރައްވާ، އަދި ފޮތާއި ޙިކުމަތް، އެބައިމީހުންނަށް އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ.“ މި އާޔަތުގެ ނިޔަލަށެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ﴾ التوبة: ١٢٨ މާނައީ: ”ހަމަތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމު ހުރި ބޭކަލެކެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَاللَّـهُ يَعْلَمُ إِنَّكَ لَرَسُولُهُ﴾ المنافقون: ١ މާނައީ: ”ހަމަކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ ރަސޫލާކަން ﷲ ދެނެވޮޑިގެންވެއެވެ.“ މިފަދަ އެހެން އާޔަތްތަކެވެ.

ސ29 : ”شَهَادَةُ أَنَّ مُحَمَّداً رَسُوْلُ اللهِ“ ގެ މާނައަކީ ކޮބާ؟

ޖ: ”شَهَادَةُ أَنَّ مُحَمَّداً رَسُوْلُ اللهِ“  ގެ މާނައަކީ ދުލުން މި ކަލިމަ ކިޔުމާއިއެކު، ހިތުގެ އެންމެ އަޑިން މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި، އިންސީންނާއި ޖިންނީންގެ ތެރެއަށް ފޮނުއްވުނު ރަސޫލާކަމަށް ތެދުކޮށް ކަށަވަރުކޮށް ގަތުމެވެ. ﴿شَاهِدًا وَمُبَشِّرًا وَنَذِيرًا * وَدَاعِيًا إِلَى اللَّـهِ بِإِذْنِهِ وَسِرَاجًا مُّنِيرًا﴾ الأحزاب: ٤٥ – ٤٦ މާނައީ: ”ހަމަކަށަވަރުން، ތިމަންއިލާހު، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި (ކާފަރުންނަށް) ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ. އަދި ﷲގެ ދީނަށް، އެކަލާނގެ އަމުރުފުޅާއެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެބައިމީހުންގެ މަގަށް) އަލިކުރާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ.“

     ވުމާއިއެކު، ވާޖިބުވެގެންވަނީ، އިހުޒަމާނުގައި ހިނގާފައިވާ ކަންތައްތަކާއި މުސްތަޤްބަލުގައި ވާނޭ ކަންތައްތަކާބެހޭގޮތުން އެކަލޭގެފާނު ޚަބަރު ދެއްވި ހުރިހާ ޚަބަރެއް ތެދުކުރުމެވެ. ހަމައެފަދައިން އެކަލޭގެފާނު ޙަލާލުކަމަށާއި، ޙަރާމުކަމަށް ޚަބަރު ދެއްވި އެންމެހާ ކަންތައްތަކާއި ތަކެތީގެ ޚަބަރު ތެދުކުރުމެވެ. އަދި އެކަލޭގެފާނު އަމުރުކުރެއްވި އެންމެހާ ކަންތައްތަކަށް ބޯލަނބައި ކިޔަމަންގަތުމާއި، އެކަލޭގެފާނު ނަހީ ކުރެއްވި އެންމެހާ ކަންތައްތަކުން އެއްކިބާވުމެވެ. އަދި ސިއްރާއި ފާޅުގައި، އެކަލޭގެފާނު ގެނެސް ދެއްވި ޝަރީޢަތަށާއި އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމާއިއެކު، އެކަލޭގެފާނު ޙުކުމްކުރެއްވިގޮތާއިމެދު ރުހި ކިޔަމަންތެރިވުމެވެ. ދެނެގަންނަންޖެހޭ ކަމަކީ، އެކަލޭގެފާނަށް ކިޔަމަންތެރިވުމަކީ ﷲ އަށް ކިޔަމަންތެރިވުންކަމެވެ. އަދި އެކަލޭގެފާނަށް އުރެދުމަކީ ﷲ އަށް އުރެދުންކަމެވެ. އެހެނީ، އެކަލޭގެފަނަކީ ﷲ ގެ ރިސާލަތު މީސްތަކުންނަށް ބަޔާންކޮށްދެއްވި ސާހިބާއެވެ. އަދި އިސްލާމްދީން ފުރިހަމަވުމަށް ފަހުގައި މެނުވީ، ﷲ އެކަލޭގެފާނުގެ ފުރާނަފުޅު ހިއްޕަވާފައެއްނުވެއެވެ. އަދި އެކަލޭގެފާނުވަނީ މި ރިސާލަތު އޭގެ އެންމެ ފުރިހަމަގޮތުގައި މި އުއްމަތަށް ފޯރުކޮށް ދެއްވަފައިވާކަން ދެނެގަންނަންޖެހެއެވެ. ހަމައެފަދައިން އެކަލޭގެފާނުވަނީ، އެކަލޭގެފާނުގެ އުއްމަތަށް ސާފުސީދާ މަގަށް މަގު ދައްކަވާފައެވެ. އެ މަގުން އެއްކިބާވެއްޖެމީހަކީ ހަލާކުވެ ބަރުބާދުވެފައިވާ މީހެކެވެ. މި ބާބާ ގުޅޭ އިތުރު މައްސަލަތައް ފަހުން ނަންގަނެވޭ ހުއްޓެވެ. إن شاء الله.

ސ30 : ”شَهَادَةُ أَنَّ مُحَمَّداً رَسُوْلُ اللهِ“ ގެ ޝަރުޠުތަކަކީ ކޮބާ؟ އަދި ޝަހާދަތުގެ މިކަލިމައާނުލައި، ޝަހާދަތުގެ ފުރަތަމަ ކަލިމަ (އެބަހީ ”شَهَادَةُ أَنْ لَا إِلَـٰهَ إِلَّا اللهُ“) ޤަބޫލުވެވިގެންވޭ ހެއްޔެވެ؟

ޖ: ކުރީގައި ނަންގަނެވިގެންވާނޭ ފަދައިން، ޝަހާދަތުގެ ދެ ކަލިމައާނުލައި އިސްލާމްދީނަށް ނުވަދޭ ހުއްޓެވެ. މި ދެ ކަލިމައަކީ، މީގެ އެއްކަލިމައާއި އަނެއްކަލިމައާ ގުޅި ލާމެހިފައިވާ ދެ ކަލިމައެވެ. ވުމާއިއެކު، ޝަހާދަތުގެ ފުރަތަމަ ކަލިމަ (އެބަހީ ”شَهَادَةُ أَنْ لَا إِلَـٰهَ إِلَّا اللهُ“) ގެ ޝަރުޠުތަކަކީ، ޝަހާދަތުގެ ދެވަނަ ކަލިމަ (އެބަހީ ”شَهَادَةُ أَنَّ مُحَمَّداً رَسُوْلُ اللهِ“) މި ކަލިމައިގެވެސް ޝަރުޠުތަކެވެ. ހަމައެފަދައިން ޝަހާދަތުގެ ދެވަނަ ކަލިމަގެ ޝަރުޠުތަކަކީ، ޝަހާދަތުގެ ފުރަތަމަ ކަލިމަގެވެސް ޝަރުޠުތަކެވެ.


([i]) رواه البخاري (16، 21، 6941) ، ومسلم (الإيمان / 67، 68) .