ޢަޤީދާގެ 200 ސުވާލާއި ޖަވާބު (8): ސުވާލު 31 އިން 35 އަށް

ސ31 : ނަމާދާއި ޒަކާތުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ﴾   التوبة: ٥ މާނައީ: ”ފަހެ، އެބައިމީހުން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅެފިނަމަ، ދެން އެބައިމީހުން މިނިވަންކަމާއެކު ދޫކޮށްލާށެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ﴾   التوبة: ١١ މާނައީ: ”ފަހެ، އެބައިމީހުން ތަވްބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅެފިނަމަ، ފަހެ އެބައިމީހުންނަކީ ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ﴾   البينة: ٥ މާނައީ: ”ﷲއަށް ދީން ޚާލިޞްކުރާ ޙާލު، އެއިލާހަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ އެބައިމީހުންނަށް އަމުރުކުރެވިގެންނުވެއެވެ.“ މިފަދަ އެހެން އާޔަތްތަކެވެ.

ސ32 : ރޯދައިގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾   البقرة: ١٨٣ މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ﴾   البقرة: ١٨٥ މާނައީ: ”ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރު ދެކިއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ.“

     ހަމައެފަދައިން އަޢުރަބީގެ ޙަދީޘްގައިވެއެވެ. އަޢުރާބީ ދެންނެވިއެވެ. ”ﷲ އަހަރެންގެ މައްޗަށް ރޯދައިން ފަރުޟުކުރެއްވި މިންވަރަކީ ކޮބައިކަމުގެ ޚަބަރު ދެއްވާށެވެ.“ އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((شَهْرَ رَمَضَانَ إِلَّا أَنْ تَطَّوَّعَ شَيْئًا))(1) މާނައީ: ”ރަމަޟާން މަހުގެ ރޯދަ ފިޔަވައި، ސުންނަތުގެ ގޮތުން ތިބާ ހިފާ ރޯދައެއް މެނުވީނުވެއެވެ.“

ސ33 : ޙައްޖުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّـهِ﴾   البقرة: ١٩٦ މާނައީ: ”ތިޔަބައިމީހުން ﷲއަށްޓަކައި ޙައްޖާއިޢުމުރާ ފުރިހަމައަށް އަދާކުރާށެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلً﴾   آل عمران: ٩٧ މާނައީ: ”އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ،  އެ ގެފުޅަށް ޤަސްދުކޮށްގެންދިއުމީ، (އެބަހީ: ޙައްޖުވުމަކީ) ﷲއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ.“ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ اللَّهَ تَعَالَى كَتَبَ عَلَيْكُمْ الْحَجَّ))(2) މާނައީ: ”ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް ޙައްޖު ފަރުޟުކުރައްވައިފިއެވެ.“ މިޙަދީޘް ރިވާވެފައިވަނީ ދެޞަހީޙުގައެވެ. (އެބަހީ: ޞަޙީޙުލް ބުޚާރީއާއި ޞަޙީޙް މުސްލިމްގައެވެ.) ހަމައެފަދައިން ކުރީގައި ނަންގަނެވިފައިވާ ޖިބްރީލްގެފާނުގެ ޙަދީޘާއި، އިސްލާމްދީން ބިނާވެފައިވަނީ ފަސްރުކުނުގެ މައްޗަށް ކަމަށް ނަންގަނެވިފައިވާ ޙަދީޘްފަދަ އެތައް ދަލީލެއްވެއެވެ.

ސ34 : ދެނެހުރެ، މި ރުކުންތަކުގެ ތެރެއިން ރުކުނަކަށް އިންކާރުކޮށްފި މީހާއާއި، މި ރުކުންތަކަށް އިޤުރާރުވެ މި ރުކުންތަކަށް ބޮޑާވެއްޖެމީހާގެ ޙުކުމަކީ ކޮބާ؟

ޖ: އެ މީހަކު ޖެހޭނީ ކުފުރުވީތީވެ ޤަތުލުކުރާށެވެ. އިބިލީހާއި ފިރުޢަވްނުފަދަ ދެކޮޅުހަދައި ބޮޑާވެގަތްމީހުންނެކޭ މިފަދަ މީހެކޭ ތަފާތެއްނެތެވެ.

ސ35 : މި ރުކުންތަކަށް އިޤުރާރުވުމަށްފަހު، ކަންނެތްކަމުގެ ސަބަބުން ނުވަތަ ނުބައި ތައުވީލެއް ކޮށްގެން މި ރުކުންތައް އަދާނުކޮށްފިމީހާގެ ޙުކުމަކީ ކޮބާ؟

ޖ: މިފަދަ ސަބަބަކާހުރެ ނަމާދު އޭގެ ވަގުތުން ފަސްކޮށްފިކަމުގައިވާނަމަ، އެފަދަ މީހަކު ތައުބާވުމަށް އަންގަންޖެހޭނެއެވެ. އެމީހާ ތައުބާވެއްޖެނަމަ އޭނާގެ މައްޗަށް ކުށެއްނެތެވެ. ނަމަވެސް އޭނާ ތައުބާ ނުވެއްޖެނަމަ، ޙައްދެއްގެ ގޮތުގައި އެ މީހާ ޖެހޭނީ ޤަތުލުކުރާށެވެ. އެހެނީ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ﴾   التوبة: ٥ މާނައީ: ”ފަހެ، އެބައިމީހުން ތަވްބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅެފިނަމަ، ދެން އެބައިމީހުން މިނިވަންކަމާއެކު ދޫކޮށްލާށެވެ.“ ހަމައެފަދައިން ޙަދީޘްގައި އައިސްފައިވެއެވެ. ((أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا: أَنْ لَا إِلَهَ إَلاَّ اللهُ، وَأَنَّ مُحَمَّدًا رَسُوْلُ اللهِ، وَيُقِيْمُوا الصَّلاَةَ، وَيُؤْتُوا الزَّكَاةَ. فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إِلَّا بِحَقِّ الإِسْلاَمِ وَحِسَابُهُمْ عَلَى اللهِ تَعَالَى))(3) މާނައީ: ”މީސްތަކުންނާ ހަނގުރާމަކުރެއްވުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެވިގެންވެއެވެ. އެއީ އެބައިމީހުން ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެންއެއްވެސް އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވެ، އަދި ނަމާދު ޤާއިމުކޮށް، އަދި ޒަކާތް ދީފުމަށް ދާންދެނެވެ. ފަހެ، އެބައިމީހުން އެގޮތަށް ޢަމަލުކޮށްފިނަމަ، އިސްލާމްދީނުގައި ޤަތުލުކުރުން ވާޖިބުވާ ޙައްޤެއްގެ ސަބަބުން ފިޔަވައި އެބައިމީހުންގެ ލެޔާއި، މުދާ އެބައިމީހުން ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކޮށްފިއެވެ. އަދި އެބައިމީހުންގެ ޙިސާބު ވަނީ ﷲގެ މައްޗަށެވެ.“ މިފަދަ އެހެން ދަލީލުތައް މިކަމާގުޅޭގޮތުން އައިސްފައިވެއެވެ.

     ޒަކާތް ދަންނައެވެ. ފަހެ، ޒަކާތް ނެރުމަށް ދެކޮޅުހަދާމީހަކީ މާބޮޑު ބާރުތަކެއް ލިބިފައިނުވާ މީހެއްނަމަ، ވެރިމީހާ ޖެހޭނީ އެމީހާގެ އަތުން ގަދަކަމުން ޒަކާތް ނެރުވާށެވެ. އަދި އެކަމުގެ ޢުޤޫބާތެއްގެ ގޮތުގައި އޭނަގެ މުދަލުން ބައެއް އަތުލާށެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((وَمَنْ مَنَعَهَا فَإِنَّا آخِذُوهَا وَشَطْرَ مَالِهِ عَزْمَةً مِنْ عَزَمَاتِ رَبِّنَا عَزَّ وَجَلَّ لَيْسَ لآلِ مُحَمَّدٍ مِنْهَا شَيْءٌ))(4) މާނައީ: ”އަދި (ޒަކާތް ނެރުމަށް) މަނާވެގެންފިމީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން އަހަރެމެން އެ (އެބަހީ: ޒަކާތަށްވާ މުދާ) އަތުލައިގަންނަ ހުށީމެވެ. އަދި އެމީހާގެ މުދަލުގެ ދެބައިކުޅައެއްބައިވެސް ޢުޤޫބާތެއްގެގޮތުން އަތުލައިގަންނަ ހުށީމެވެ. އެއީ އަހަރެމެންގެ ވެރިއިލާހުގެ ޙަޟްރަތުންވާ ޢުޤޫބާތެއްގެގޮތުންނެވެ. އެއިގެ ތެރެއިން (އެބަހީ: ޒަކާތުގެ މުދަލުން) އެއްވެސް އެއްޗެއް މުޙައްމަދުގެފާނުގެ އާލުންނަކަށް ނުވެއެވެ.“

          އަދި އެބަޔަކީ ބޮޑު ޖަމާޢަތެއްކަމުގައިވާނަމަ، އަދި އެބައިމީހުނަށް ބާރު ލިބިފައިވާނަމަ، އެބައިމީހުން ޒަކާތް ނެރެއްޖެއުމަށް ދާންދެން ވެރިމީހާގެ މައްޗަށް ވަނީ އެބައިމީހުންނާ ހަނގުރާމަކުރުމެވެ. ނަންގަނެވިދިޔަ އާޔަތާއި، ޙަދީޘާއި، އެނޫންވެސް އެހެން ދަލީލުތަކުގައި ވާފަދައިންނެވެ. ހަމައެފަދައިން އަބޫބަކުރުގެފާނާއި އެހެނިހެން ޞަޙާބީން ރަޟިޔަﷲ އަޖުމަޢީން ޢަމަލުކުރެއްވި ފަދައިންނެވެ.

     ރޯދަ ދަންނައެވެ. ރޯދަ އެފަދަ ސަބަބަކާހުރެ ދޫކޮށްލައިފިނަމަ އެކަމަށް ޙުކުމެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ވެރިމީހާ ނުވަތަ ވެރިޔާގެ ނާއިބުންގެ މައްޗަށް ވަނީ އެމީހާއަށް ނަޞޭޙަތް ދީ ނުވަތަ އެހެންވެސް އަދަބެއް ދީގެން އެމީހާ ރޯދަ ހިފުމަށް ތަރުބިއްޔަތުކުރުމެވެ.

     ޙައްޖު ދަންނައެވެ. މީހެއްގެ ޢުމުރުގެ ކޮންމެ ވަގުތަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް އޮތް ވަގުތެވެ. މަރު ފިޔަވައި އެ ވަގުތު ފާއިތުކޮށްލާނޭ އިތުރުކަމެއް ނުވެއެވެ. ވާޖިބުވެގެންވަނީ ކެރިކުޅަދާނަވީ އެންމެ އަވަހަކަށް ޙައްޖުގެ އަޅުކަން އަދާކުރުމެވެ. ކަންނެތްކަމާއި ފަރުވާކުޑަކަމުގެ ސަބަބުން މި އަޅުކަން އަދާނުކޮށްފި މީހަކަށް އާޚިރަތްދުވަހު ލިބޭނޭ ޢަޛާބުގެ ވަޢީދުތައް އައިސްފައިވެއެވެ. އެފަދަ މީހަކަށް މި ދުނިޔޭގައި ޚާއްޞަ ޢުޤޫބަތެއް ވާރިދުވެގެން ނުވެއެވެ.


(1) رواه البخاري (1805، 6590).

(2) رواه مسلم (الحج / 412)، وأحمد (1 / 371، 2 / 508).

(3) رواه البخاري (25، 1399)، ومسلم (الإيمان / 32، 37).

(4) (حسن) رواه أبو داود (1575) ، والنسائي (2292) أ، (2297) أ، وابن الجارود (174) ، والحاكم (1 / 398) ، والبيهقي (4 / 105) ، وأحمد (4 / 2، 4).

 1,228 total views