ޢަޤީދާގެ 200 ސުވާލާއި ޖަވާބު (9): ސުވާލު 36 އިން 40 އަށް

ސ36 : އީމާންކަމަކީ ކޮބާ؟

ޖ: އީމާންކަމަކީ ބަހާއި ޢަމަލެވެ. އެބަހާއި ޢަމަލަކީ، ހިތުގެ އަޑިންނާއި ދުލުން ބުނެވޭ ބުނުމާއި، ހިތާއި ދުލުންނާއި އަދި އެހެންވެސް ގުނަންތަކުގެ ޢަމަލެވެ. ﷲ އަށް ކިޔަމަންތެރިވާ ވަރަކަށް އިތުރުވާ ހުއްޓެވެ. އަދި އެއިލާހަށް އުރެދޭވަރަކަށް ބަލިކަށިވާ ހުއްޓެވެ. އަދި އެކަކު އަނެކެއްގެ އީމާންކަމުގެ މިންވަރު ތަފާތުވެގެންވެއެވެ.

ސ37 : އީމާންކަން އެކުލެވިގެންވަނީ ދުލުން ފާޅުކުރެވޭ ބަހާއި ޢަމަލުންކަމުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿وَلَـٰكِنَّ اللَّـهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ﴾   الحجرات: ٧ މާނައީ: ”އަދި އެހެނެއްކަމަކު ﷲ، ތިޔަބައިމީހުން އީމާންކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ އީމާންކަން ޒީނަތްތެރިކުރެއްވިއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿فَآمِنُوا بِاللَّـهِ وَرَسُولِهِ﴾   الأعراف: ١٥٨ މާނައީ: ”ފަހެ، ﷲއަށާއި އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ.“ މިއީ މީހަކު،  އެ ދެ ކަލިމައަކާނުލައި އިސްލާމްދީނަށް ނުވަދެވޭ، ޝަހާދަތުގެ ދެކަލިމައިގެ މާނައެވެ. އެއީ؛ އިޢުތިޤާދީގޮތުން ހިތުގެ ޢަމަލެކެވެ. އަދި ބުނުމުގެގޮތުން ދުލުގެ ޢަމަލެކެވެ. މިދެބައި އެއްނުވާހާ ހިނދަކު، މި ދެ ކަލިމައިގެ ފައިދާނުކުރާ ހުއްޓެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَا كَانَ اللَّـهُ لِيُضِيعَ إِيمَانَكُمْ﴾   البقرة: ١٤٣ މާނައީ: ”އަދި ތިޔަބައިމީހުންގެ އީމާންކަން ގެއްލެނި ކުރެއްވުމަކީ ﷲ އާ އެކަށީގެންވާ ކަމެއް ކަމުގައި ނުވެއެވެ.“ މިއާޔަތުގައި ބަޔާންވެގެންވަނީ؛ ޤިބުލަ ބަދަލުކުރެވުމުގެ ކުރިން، ބައިތުލްމަޤްދިސަށް ކޮށްފައިވާ ނަމާދުތަކުގެ ވާހަކައެވެ. ﷲ އެވަނީ މުޅި ނަމާދަށް އީމާންކަންކަމުގެ ނަން ދެއްވަވާފައެވެ. ނަމާދު އެކުލެވިގެންވަނީ ހިތާއި، ދުލާއި، އަދި އެހެންވެސް ގުނަންތަކުންކުރާ ޢަމަލުތަކުގެ މައްޗަށެވެ. ހަމައެފަދައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، ﷲ ގެ މަގުގައި ޖިހާދުކުރުމާއި، ލައިލަތުލްޤަދުރިވިލޭރޭ ރޭއަޅުކަންކުރުމާއި، ރަމަޟާންމަހުގައި ރޯދަ ހިފުމާއި، ފަސް ނަމާދު އަދާކުރުމުގައި ދެމިހުރުން ފަދަ ކަންކަމަކީ އީމާންކަމުގެ ތެރެއިންވާ ކަންކަންކަމުގައި ލައްވަވާފައެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ސުވާލު ދެންނެވުނެވެ. ”އެންމެ މަތިވެރިވެގެން ވަނީ ކޮން ޢަމަލެއްތޯއެވެ؟“ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((أَفْضَلُ الإِسْلَامِ إِيمَانٌ بِاللَّهِ وَرَسُولِهِ))([1]) މާނައީ: ”އިސްލާމްދީނުގައި އެންމެ މަތިވެރި ކަމަކީ ﷲ އަށާއި، އެއިލާހުގެ ރަސޫލާއަށް އީމާންވުމެވެ.“

ސ38 : އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެއްކަމުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ﴾   الفتح: ٤ މާނައީ: ”އެއީ އެބައިމީހުންގެ އީމާންކަމުގެ މައްޗަށް، އެބައިމީހުންނަށް އީމާންކަން އިތުރުވުމަށްޓަކައެވެ.“ ﴿وَزِدْنَاهُمْ هُدًى﴾   الكهف: ١٣ މާނައީ: ”އަދި ތިމަންއިލާހު، އެބައިމީހުންނަށް (އެބަހީ: ކަހުފުބާގާ މީހުންނަށް) ތެދުމަގު އިތުރުކޮށްދެއްވީމެވެ.“ ﴿وَيَزِيدُ اللَّـهُ الَّذِينَ اهْتَدَوْا هُدًى﴾   مريم: ٧٦ މާނައީ: ”އަދި ތެދުމަގު ލިބިގެންފި މީހުންނަށް ﷲ ތެދުމަގު ދެއްކެވުން އިތުރުކުރައްވައެވެ.“ ﴿وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى﴾   محمد: ١٧ މާނައީ: ”އަދި ތެދުމަގު ލިބިގެންވާ މީހުންނަށް، އެކަލާނގެ ތެދުމަގު އިތުރުކުރެއްވިއެވެ.“ ﴿وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا﴾   المدثر: ٣١ މާނައީ: ”އަދި އީމާންވި މީހުންގެ އީމާންކަން އިތުރުވުމަށެވެ.“ ﴿فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَانًا﴾   التوبة: ١٢٤ މާނައީ: ”ފަހެ، އީމާންވެއްޖެ މީސްތަކުން ދަންނާށެވެ. ފަހެ، އެ ސޫރަތް އެބައިމީހުންގެ އީމާންކަން އިތުރުކުރިއެވެ.“ ﴿فَاخْشَوْهُمْ فَزَادَهُمْ إِيمَانًا﴾   آل عمران: ١٧٣ މާނައީ: ”(ހަނގުރާމަކުރަން ބިރުގަތް މީހުން ބުންޏެވެ.) ފަހެ، ތިޔަބައިމީހުން، އެބައިމީހުންދެކެ (އެބަހީ: މުޝްރިކުންދެކެ) ބިރުގަންނާށެވެ! ފަހެ، އެ ބަސް އެބައިމީހުންގެ (އެބަހީ: މުއުމިނުންގެ) އީމާންކަން އިތުރުކުރިއެވެ.“ ﴿وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا﴾   الأحزاب: ٢٢ މާނައީ: ”އަދި އެބައިމީހުންނަކަށް އެކަމުގެ ސަބަބުން އީމާންކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެއެވެ.“ މިފަދަ އެހެން އާޔަތްތައްވެއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((لَوْ أَنَّكُمْ تَكُونُونَ فِي كُلِّ حَالَةٍ كَحَالَتِكُمْ عِنْدِي لَصَافَحَتْكُمُ الْمَلَائِكَةُ))([2]) މާނައީ : ”ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހުގައި ހުންނަ ޙާލަތުގައި (އެބަހީ އެފަދަ އީމާންކަމެއްގައި)، ހުރިހާ ޙާލަތެއްގައިވެސް ހުންނަކަމުގައިވަނީނަމަ، މަލާއިކަތް ބޭކަލުން އަތާއަތްޖޯޑުކުރައްވައި ތިޔަބައިމީހުންނާ ސަލާމް ކުރެއްވީހެވެ.“ ނުވަތަ މިފަދަ އެހެން ޢިބާރަތަކުންނެވެ.

ސ39 : އެކެއްގެ އީމާންކަމާއި އަނެކެއްގެ އީމާންކަމާއި ތަފާތު ވެގެންވާކަމުގެ ދަލީލަކީ ކޮބާ؟

ޖ: ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿وَالسَّابِقُونَ السَّابِقُونَ * أُولَئِكَ الْمُقَرَّبُونَ﴾   الواقعة: ١٠ – ١١ މާނައީ: ”އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ. ކުއްތަންކުރައްވާފައިވާ މީހުންނީ، އެބައިމީހުންނެވެ.“ މި ސޫރަތުގެ މިއާޔަތަކުން ފެށިގެން ﴿وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ﴾   الواقعة: ٢٧  މާނައީ: ”އަދި ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟“ މި އާޔަތުގެ ނިޔަލަށެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿ فَأَمَّا إِنْ كَانَ مِنَ الْمُقَرَّبِينَ * فَرَوْحٌ وَرَيْحَانٌ وَجَنَّةُ نَعِيمٍ * وَأَمَّا إِنْ كَانَ مِنْ أَصْحَابِ الْيَمِينِ * فَسَلَامٌ لَكَ مِنْ أَصْحَابِ الْيَمِينِ﴾   الواقعة: ٨٨ – ٩١ މާނައީ: ”ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ ރިޒްޤާއި، ނިޢުމަތުގެ ސުވަރުގެ ހުށްޓެވެ. އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް ސަލާމް ހުށްޓެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿فَمِنْهُمْ ظَالِمٌ لِنَفْسِهِ وَمِنْهُمْ مُقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ﴾   فاطر: ٣٢ މާނައީ: ”ފަހެ، އެބައިމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ ބަޔަކު، އެބައިމީހުންގެތެރެއިން ވެއެވެ. އަދި (ހެޔޮކަންތައް ކުރުމުގައި) މެދުމިންވެ ތިބޭ މީހުން، އެބައިމީހުންގެ ތެރެއިންވެއެވެ. އަދި ﷲގެ އިޛުނަފުޅާއެކު، ހެޔޮކަންތަކުގައި ކުރިއަރައިދާ މީހުން އެބައިމީހުންގެ ތެރެއިންވެއެވެ.“ ހަމައެހެންމެ، ޝަފާޢަތުގެ ވާހަކަ ނަންގަނެވިގެންވާ ޙަދީޘްގައި ވެއެވެ. ((أَنَّ اللهَ يُخْرِجُ مِنَ النَّارِ مَنْ كَانَ فِي قَلْبِهِ وَزْنُ دِيْنَارٍ مِنْ إِيمَانٍ، ثُمَّ مَنْ كَانَ فِي قَلْبِهِ نِصْفُ دِيْنَارٍ مِنْ إِيمَانٍ)) މާނައީ: ”ހަމަކަށަވަރުން، ﷲ، އެމީހެއްގެ ހިތުގައި ދީނާރެއްގެ މިންވަރުގެ އީމާންކަންވާމީހާ، ދެން އެއަށްފަހު، އެމީހެއްގެ ހިތުގައި ދީނާރެއްގެ ދެބައިކުޅަ އެއްބައި މިންވަރުގެ އީމާންކަންވާމީހާ ނަރަކައިން ނެރުއްވާނެތެވެ.“ އެހެން ރިވާޔަތެއްގައިވެއެވެ. ((يَخْرُجُ مِنَ النَّارِ مَنْ قَالَ لَا إِلَهَ إِلَّا اللَّهُ وَكَانَ فِي قَلْبِهِ مِنَ الخَيْرِ مَا يَزِنُ شَعِيرَةٍ، ثُمَّ يَخْرُجُ مِنَ النَّارِ مَنْ قَالَ لَا إِلَهَ إِلَّا اللَّهُ وَكَانَ فِي قَلْبِهِ مِنَ الخَيْرِ مَا يَزِنُ بُرَّةٍ، ثُمَّ يَخْرُجُ مِنَ النَّارِ مَنْ قَالَ لَا إِلَهَ إِلَّا اللَّهُ وَكَانَ فِي قَلْبِهِ مِنَ الخَيْرِ مَا يَزِنُ ذَرَّةٍ))([3]) މާނައީ: ”لَا إِلَهَ إِلَّا اللَّهُ ކިޔައި، ހިތުގައި ގޮދަނެއްގެ ބަރުދަނުގެ ހެޔޮކަންހުރި މީހަކު ނަރަކައިން ނެރުއްވާނެތެވެ. ދެން، لَا إِلَهَ إِلَّا اللَّهُ ކިޔައި، ހިތުގައި ހިމަގޮދަނެއްގެ ބަރުދަނުގެ ހެޔޮކަންހުރި މީހަކު ނަރަކައިން ނެރުއްވާނެތެވެ. ދެން، لَا إِلَهَ إِلَّا اللَّهُ ކިޔައި، ހިތުގައި ޛައްރެއްގެ ބަރުދަނުގެ ހެޔޮކަންހުރި މީހަކު ނަރަކައިން ނެރުއްވާނެތެވެ.“

ސ40 : ދީނުގެ ހުރިހާކަމަކަށް އީމާންކަން ޝާމިލުވާކަމުގެ ދަލީލަކީ ކޮބާ؟

ޖ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޢަބްދުލް ޤައިސްގެ ވަފުދުގެ މީހުންނަށް ޙަދީޘްކުރެއްވިއެވެ. ((آمُرُكُمْ بِالإِيمَانِ بِاللَّهِ وَحْدَهُ)) قَالَ: ((أَتَدْرُونَ مَا الإِيمَانُ بِاللَّهِ وَحْدَهُ؟)) قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ. قَالَ: ((شَهَادَةُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامُ الصَّلاَةِ، وَإِيتَاءُ الزَّكَاةِ، وَأَنْ تُؤَدُّوا مِنْ الْمَغْنَمِ الْخُمُسَ)) މާނައީ: ”ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އަމުރުކުރައްވަނީ، ހަމައެކަނި ﷲއަށް އީމާންވުމަށެވެ.“ ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ”ހަމައެކަނި ﷲއަށް އީމާންވުމަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟“ އެބޭކަލުން ދެންނެވިއެވެ. މޮޅަށްދެނެވޮޑިގެންވަނީ ﷲއެވެ. އަދި އެކަލާނގެ ރަސޫލާއެވެ. ޙަދީޘް ކުރެއްވިއެވެ. ”(އެއީ) ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެންއެއްވެސް އިލާހެއް ނުވާކަމަށާއި، މުޙައްމަދުގެފާނީ ހަމަކަށަވަރުން ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމެވެ. އަދި ޣަނީމާމުދަލުން (ﷲގެ މަގުގައި) ފަސްބައިކުޅައެއްބައި ދިނުމެވެ.“


([1]) رواه البخاري (26، 1519) ، ومسلم (الإيمان / 135).

([2]) رواه مسلم (التوبة / 12) وابن ماجه (4239) واللفظ له.

([3]) رواه البخاري (44، 7410) ، ومسلم (الإيمان / 325).

 1,408 total views