ހިތުގައި އޮތީ ކޮރޯނާގެ ބިރު ތޯއެވެ؟


މުޅި އިންސާނިއްޔަތު ހުއްޓުމަކަށް ގެނުވާވަރު ބިރުވެރިކަމެއް ފެތުރި ޢާއްމުވަމުން މިހިރަ ދަނީއެވެ. ކޮވިޑް-19 އޭ ކިޔުނު ވައިރަހެއް މީސްތަކުންގެ ހިތްތަކުގައި ނާމާން އިހުސާސެއް ކުރުވާފައެވެ. އިންސާނުންގެ ލޮލަށްވެސް ނުފެންނަ މި ކުޑަކުޑަ ވައިރަސްގެ ވާހަކަ ތިބާވެސް އަހައިފީމު ނޫންހެއްޔެވެ؟ ބިރުވެސް އެބަގަނޭ ނޫންހެއްޔެވެ؟ އެކަމަކު ބުނެބަލާށެވެ! ތިބާގެ ހިތުގައި އޮތީ ކޮރޯނާގެ ބިރު ތޯއެވެ؟ 

ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗެއް އުފައްދަވާ، މުޅި ކާއިނާތު ހިންގަވާ މަތިވެރި ޚާލިގު އުފެއްދެވި މަޚްލޫޤެއްކަމުގައިނޫނީ އެކޮރޯނާ ނުވެއެވެ. އެއީ ކާއިނަތުގައިވާ ގުރަހަތަކާއި، އަހުރުމެން އިންސާނުންނާއި، ފަނިފަކުސާތަކުގެ އިތުރުން ލޮލަށް ނުފެންނަ ޖަރާސީމުތައްވެސް ވުޖޫދު ކުރެއްވި އިލާހެވެ. 

ހުންރޯގާއެއް ޖެހިއްޖެނަމަ އަޅުގަނޑުމެން އެކަކުވެސް ހާސްވެގެން އުޅޭތީއެއް ނުފެނެއެވެ. ޕެނެޑޯލްފަދަ އަތްމަތީބޭހެއް ބޭނުންކޮށްލުމުން ދެތިން ދުވަސްތެރޭ އެފިލާ ހިނގައިދާނެތީއެވެ. އެއަށްވުރެ ގިނަދުވަހަށް ބަލި ދެމި ހުރެއްޖެނަމަ ޞިއްޙީމާހިރެއްގެ ލަފަޔާއެކު އެންޓިބަޔޮޓިކް ބޭނުންކުރުމުން، އެރޯގާއަށް ތިބާގެ ހަށިގަނޑުގައި ދެމި ނުހެރެވޭނެކަން ތިބާ ޔަގީން ކުރެއެވެ. ކޮރޯނާއަކީވެސް ވައިރަހެކެވެ. އެހެނަސް އެއަށްދޭނެ ދިފާއީ ދަވާއެއް މިވަގުތަށް އަދި ނެތް ވައިރަހެކެވެ. ބަލިވީކަންވެސް ނޭނގި ދުވަސްތަކެއް ހޭދަވާ ވަބާއެކެވެ. ނޭވާލާ ނިޒާމުގެ ވަޒީފާއަށް ހުރަސްއަޅާ، ތިބާ މި ދުނިޔެއާ ވަކިކޮށްލާނީ ކޮންވަގުތަކުކަން އަންދާޒާކޮށްލަންވެސް ނޭނގޭ ބިރުވެރި ސުންޕާއެކެވެ. އާނއެކެވެ. ކޮރޯނާގެ ޢާއްމު ނަތީޖާއަކީ މަރެވެ.

އަލް-މުލްކު ސޫރަތުގެ 2ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَهُوَ الْعَزِيزُ الْغَفُورُ﴾ (الملك: 2). މާނައީ:- ”އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެعمل ރަނގަޅީ

 ކާކުތޯ امتحان ކުރެއްވުމަށްޓަކައި،މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. 

އަދިއެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާރަސްކަލާނގެއެވެ.“ 

އެއްވެސް ބައްޔެއްވެ ރަނގަޅުވެއްޖެނަމަ އެއީ ދިރިހުރުމެކެވެ. އެހެނަސް ބައްޔެއްގެސަބަބުން ރަނގަޅުވުމުގެ އުއްމީދު ނެތްނަމަ ދެން ތިބާގެ ކުރިމަތީ ވަނީ ﷲ އުފެއްދެވި މަޚްލޫގެއްކަމަށްވާ މަރެވެ. ތިބާ ތިބިރުގަންނަނީ ކޮރޯނާދެކެ ތޯއެވެ؟ ނުވަތަ ތިބާއަށް ތިޔަ ބިރުގަނެވެނީ މަރުދެކެތޯއެވެ؟

މަރު އެއީ ކޮންމެ ނަފްސަކަށްމެ ކުރިމަތިވާނޭ ކަމެކެވެ.

 ﴿ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ … ﴾ (آل عمران: 185).މާނައީ:- ”ކޮންމެ نفس އަކީވެސް، މަރުގެ ރަހަލިބިގަންނާނޭ އެއްޗެކެވެ. …“ ބިރުގަނެ ވިސްނާ ފިކުރުކުރަންވީ މަރުވާނެތީއެއްނޫނެވެ. ގަދައަޅާ މަސައްކަތް ކުރަންވީ ތިބާއާއި މަރު ބައްދަލު ކުރާހިނދު އީމާންތެރިކަމުގެ ގޮތުން ރަނގަޅު ޙާލަތެއްގައި ތިބާއަށް ހުރެވޭތޯއެވެ. 

اللهم هون علينا سكرات الموت وأحسنخاتمتنا ޔާ ﷲ! އަޅަމެންނަށް މަރުގެ ސަކަރާތް ލުއިކޮށްދެއްވާނދޭވެ! އަދި އަޅަމެންގެ ނިމުން ރިވެތިކޮށްދެއްވާނދޭވެ! 

 1,364 total views