މުދިމުން ”الصَّلاَةُ فِي الرِّحَالِ“ ގޮވުމާމެދު ޚުލާޞާ ބަހެއް

މިއީ؛ މުޞީބާތުގެ ވަގުތުގައި ތިބިތަނެއްގައި ތިބެގެން ނުވަތަ ގޭގައި ތިބެގެން ނަމާދުކުރުމަށްޓަކައި މުދިމުން ބަންގީގައި ގޮވާލާ ”الصَّلاَةُ فِي الرِّحَالِ“ ނުވަތަ މިފަދަ ޢިބާރާތްތައް ބަންގީގައި ގޮވުމާބެހޭގޮތުން  ކުވައިތުގެ ޖާމިޢަތު ކުވައިތުގެ ކުއްލިއްޔަތުއް ޝަރީޢާގެ އުސްތާޒެއްކަމުގައިވާ ޑޮކްޓަރ މުޠްލަޤު ޖާސިރު މުޠްލަޤު އަލްޖާސިރު ލިޔުއްވާފައިވާ ”تلخيص المقال في مسائل قول المؤذنين: ”الصَّلاَةُ فِي الرِّحَالِ““ މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. (ޑައުންލޯޑް ކުރެއްވުމަށް)

މި މަސްއަލައަކީ ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، ޚާއްޞަކޮށް ލޮބުވެތި މުދިމުންނަށް ކޮންމެހެންވެސް މިވަގުތު އެނގުން މުހިއްމު މަޢުލޫމާތަކަށްވާނެކަން ކަށަވަރެވެ.

بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ، نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ:

ފަހެ، މީގެ ކުޑަދުވަސްކޮޅެއްކުރިން މުޅި ދުނިޔޭގައި ފެތުރެން ފަށާފައިވާ ވަބާއެއްގެ ސަބަބުން ދުނިޔޭގެ އާދައިގެ ޤައުމުތަކުގެ އިތުރަށް ބޮޑެތި ޤައުމަތަކަށްވެސް މިވަނީ ލޮޅުން އަރާފައެވެ. އެއީ ކޮރޯނާ – ކޮވިޑް 19 ގެ ވަބާއެވެ. މާތް ﷲ އަޅަމެންނާއި އެންމެހާ މުސްލިމުން މި ވަބާއިންނާއި، މި ނޫންވެސް ބަލިތަކުން ސަލާމަތްކޮށްދެއްވާންދޭނވެ!

ކުވައިތު ހިމެނޭގޮތަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ ވަރަށް ގިނަ ޝަރްޢީ ކަންކަމާބެހޭ މުއައްސަސާތަކުންނާއި، ފަތުވާ ކޮމެޓީތަކުން ވަނީ މި ބަލި ފިލަންދެން ވަގުތީގޮތުން މިސްކިތްތައް ބަންދުކުރުމަށާއި، ހުކުރުނަމާދު ނުކުރުމަށާއި، މިސްކިތްތަކުގައި ޖަމާޢަތްތައް ނުހެދުމަށް ފަތުވާތައް ދެއްވާފައެވެ. އެއީ؛ މީސްތަކުން ޖަމާޢީކޮށް އެއްތަނަކަށް އެއްވުމަކީ މި ބަލި އިތުރަށް ފެތުރިގެންދާނެ ސަބަބަކަށް ވާތީއެވެ.

މިސްކިތްތައް ބަންދުކުރުމަކީ، އެކަމުގެ ސަބަބުން މުއުމިނުންނަށްގެ ހިތްތަކަށް ހިތާމަވެރިކަން ވަދެގެންދާނެކަމެއްކަމާމެދަކު ޝައްކެތްނެތެވެ. އެހެންނަމަވެސް، ޢާތިފީގޮތުން ޙަރަކާތްކުރުވާ އެއްޗެއްކަމުގައި ޢިލްމާއި ފަތުވާ ވެގެންނުވާނެއެވެ. މި ލިޔުމުގައި މި އަލިއަޅުވާލެވެނީ އެކަމާބެހޭ ބަހުސެއް ނޫނެވެ. އަދި އެފަދަ ފަތުވާތައް އަޅާކިޔުމެއްވެސް ނޫނެވެ. އެކަން އޮތީ އެހެން ފަހަރަކުންނެވެ.

އެހެންނަމަވެސް، މިސްކިތްތައް ބަންދުކުރާ ޙާލަތްތަކުގައާއި، ހުރި ތަނެއްގައި ހުރެ ނަމާދުކުރުމަށް ގޮވާލެވޭއިރު، ތިމަންގެ ލޮބުވެތި މުދިމުންނަށް މިކަމާގުޅުންހުރި މަސްއަލަތައް ޞަފްޙާތަކެއްގައި ބަޔާންކޮށްދިނުމަށް އަހަރެން ބޭނުންވެއެވެ. ﷲގެ ތައުފީޤާއެކު އަހަރެން ބުނަމެވެ:

ފުރަތަމަ މަސްއަލަ: މި މަސްއަލައާގުޅޭގޮތުން ވާރިދުވެފައިވާ ދަލީލުތައް

މި މަސްއަލާގައި ޙަދީޘްތަކެއް އައިސްފައިވެއެވެ. އެއިގެ ތެރޭގައި:

(1) ނާފިޢުގެ ކިބައިން ރިވާވެފައިވެއެވެ. أَذَّنَ ابْنُ عُمَرَ فِي لَيْلَةٍ بَارِدَةٍ بِضَجْنَانَ، ثُمَّ قَالَ: صَلُّوا فِي رِحَالِكُمْ، فَأَخْبَرَنَا أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَأْمُرُ مُؤَذِّنًا يُؤَذِّنُ، ثُمَّ يَقُولُ عَلَى إِثْرِهِ: ((أَلَا صَلُّوا فِي الرِّحَالِ)) فِي اللَّيْلَةِ البَارِدَةِ، أَوِ الـمَطِيرَةِ فِي السَّفَرِ.([1]) މާނައީ: ”(މައްކާގެ ކައިރީގައިވާ) ”ضَجْنَان“ އޭ ކިޔުނު ފަރުބަދަ ކައިރީގައި، ފިނި ރެއެއްގައި އިބްނު ޢުމަރު ބަންގި ގޮވާލެއްވިއެވެ. ދެން ”صَلُّوا فِي رِحَالِكُمْ“ މިފަދައިން ގޮވާލެއްވިއެވެ. އޭގެފަހުގައި، ތިމަންމެންނަށް ޚަބަރު ދެއްވިއެވެ. ފިނި ރެއެއްގައި، ނުވަތަ ދަތުރުމަތީގައި ވާރެވެހުނު ރެއަކު ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަންގިގޮވާ ބޭކަލަކަށް ބަންގިގޮވުމަށް އަމުރުކުރެއްވިއެވެ. އަދި ބަންގީގެފަހުގައި އެބޭކަލަކު ”أَلَا صَلُّوا فِي الرِّحَالِ“ މިފަދައިން ގޮވާލެއްވިއެވެ.“

(2) ޢަބްދުﷲ ބުނުލް ޙާރިޘް ވިދާޅުވިއެވެ. ”خَطَبَنَا ابْنُ عَبَّاسٍ فِي يَوْمٍ رَدْغٍ، فَلَمَّا بَلَغَ الـمُؤَذِّنُ حَيَّ عَلَى الصَّلاَةِ، فَأَمَرَهُ أَنْ يُنَادِيَ ((الصَّلاَةُ فِي الرِّحَالِ))، فَنَظَرَ القَوْمُ بَعْضُهُمْ إِلَى بَعْضٍ، فَقَالَ: «فَعَلَ هَذَا مَنْ هُوَ خَيْرٌ مِنْهُ وَإِنَّهَا عَزْمَةٌ“([2]) މާނައީ: ”ވިއްސާރަވެ، ކިސަޑުހެދިފައިވާ ދުވަހެއްގައި އިބްނު ޢައްބާސް ތިމަންމެނަށް ޚުޠުބާއެއް ދެއްވިއެވެ. އޭގެފަހުގައި، ބަންގިގޮވާމީހާ ”حَيَّ عَلَى الصَّلاَةِ“ އާ ހަމައަށް ބަންގިފޯރުމުން ”الصَّلاَةُ فِي الرِّحَالِ“ މިފަދައިން ގޮވާލެއްވުމަށް އަމުރުކުރެއްވިއެވެ. އެހިނދު، (ނުރުހުންވުމުގެ ގޮތުން) އެތަނުގައި ތިބިމީހުން އެއްބަޔަކު އަނެއްބަޔަށް ބަލާލިއެވެ. އެހިނދު (އިބްނު ޢައްބާސް) ވިދާޅުވިއެވެ. ”ފަހެ، ބަންގި ގޮވިމީހާއަށްވުރެ ހެޔޮ ބޭކަލަކު (އެބަހީ؛ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ) މިގޮތަށް ކަންތައް ކުރެއްވިއެވެ. އަދި ހަމަކަށަވަރުން (ހުކުރު ނަމާދަކީ ދޫނުކޮށްލެވޭނެ) ވާޖިބުވެގެންވާ ކަމެކެވެ.“ (އެބަހީ؛ އެއްކޮށް ދޫކޮށްލުން ހުއްދަނުވާ، އެހެންނަމަވެސް، އުޒުރުގެ ސަބަބުން އެންމެން ހުކުރު ނަމާދަށް ހާޒިރުވާކަށް ނުޖެހޭނެއެވެ.)

އަދި ޞަޙީޙުލް ބުޚާރީގައި އައިސްފައިވާ ލަފްޒުގައި ވަނީ މިފަދައިންނެވެ. قَالَ ابْنُ عَبَّاسٍ لِمُؤَذِّنِهِ فِي يَوْمٍ مَطِيرٍ: إِذَا قُلْتَ أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ، فَلاَ تَقُلْ حَيَّ عَلَى الصَّلاَةِ، قُلْ: «صَلُّوا فِي بُيُوتِكُمْ»، فَكَأَنَّ النَّاسَ اسْتَنْكَرُوا، قَالَ: فَعَلَهُ مَنْ هُوَ خَيْرٌ مِنِّي.([3]) މާނައީ: ”ވާރޭވެހުނު ދުވަހެއްގައި އިބްނު ޢައްބާސް އެކަލޭގެފާނުގެ ބަންގިގޮވާމީހާއަށް ވިދާޅުވިއެވެ. ތިބާ ”أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ“ ކިޔުމަށްފަހު ”حَيَّ عَلَى الصَّلاَةِ“ ނުގޮވާށެވެ. (އޭގެ ބަދަލުގައި) ”صَلُّوا فِي بُيُوتِكُمْ“ (މާނައީ: ތިޔަބައިމީހުން، ތިޔަބައިމީހުންގެ ގެތަކުގައި ނަމާދުކުރާށެވެ!) މިފަދައިން ގޮވާށެވެ. ފަހެ، މީސްތަކުންގެ ފަރާތުން ނުރުހުންތެރިކަން ފެނުނުހިނދު ވިދާޅުވިއެވެ. ތިމަންނައަށްވުރެ ހެޔޮ ބޭކަލަކު (އެބަހީ؛ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ) މިގޮތަށް ކަންތައް ކުރެއްވިއެވެ.“

(3) އުސާމަތުލް ހުޛަލީ رَضِيَ اللهُ عَنْهُ ކިބައިން އައިސްފައިވެއެވެ. ޙުނައިނު ހަނގުރާމައިގެ ދުވަހަކީ ވިއްސާރަ ދުވަހެކެވެ. ފަހެ، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ބަންގިގޮވާމީހާއަށް ”أَنَّ الصَّلاَةَ فِي الرِّحَالِ“ މިފަދައިން ގޮވާލެއްވުމަށް އަމުރުކުރެއްވިއެވެ.([4])

އިބްނު ޚުޒައިމާގައި އައިސްފައިވާ ލަފްޒުގައިވެއެވެ. ”ތިމަންމެން ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއެކުގައި ޙުދައިބިއްޔާގެ ދުވަސްތަކުގައި ވަނިކޮށް ވާރޭ ވެހުނެވެ. އެ ވާރޭގެ ސަބަބުން ތިމަންމެންގެ ފައިވާންތަކުގެ ތިރި ތެތްނުވެއެވެ. (އެބަހީ؛ ވާރޭވެހުނީ އެހާ ބޯކޮށެއްނޫނެވެ.) ފަހެ، ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ފަރާތްޕުޅުން ގޮވާލެއްވި ބޭކަލަކު ”أَنْ صَلُّوا فِي الرِّحَالِكُمْ“ މިފަދައިން ގޮވާލެއްވިއެވެ.([5])

(4) ނުޢައިމުއް ނައްޙާމް([6]) رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. ފިނިކަންގަދަ ރެއެއްގައި ތިމަން، ތިމަންގެ އަނބިމީހާ ޤަޟާޙާޖަތްކުރުވުމަށްޓަކައި ސަހަރާތެރޭގައި ވަނިކޮށް، ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ފަރާތްޕުޅުން ބޭކަލަކު ފަތިސްނަމާދަށް ގޮވާލެއްވިއެވެ. ފަހެ، ތިމަންނައަށް އަޑުއިވުނުހިނދު، ތިމަންނަ އެބޭކަލަކަށް ދެންނެވީމެވެ. ”(ގޭގައި) ހުރެއްޖެމީހެއްގެ މައްޗަކަށް ކުށެއްނެތޭ މިފަދައިން ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިނަމައެވެ.“ ފަހެ، އެބޭކަލަކު ”الصَّلَاةُ خَيْرٌ مِنَ النَّوْمِ“ މިފަދައިން ގޮވާލެއްވުމަށްފަހު ”وَمَنْ قَعَدَ فَلَا حَرَجَ“ (މާނައީ: ”އަދި ގޭގައި ހުރެއްޖެމީހެއްގެ މައްޗަކަށް ކުށެއްނެތެވެ.) މިފަދައިން ގޮވާލެއްވިއެވެ.([7])

ދެވަނަ މަސްއަލަ: ބަންގިގޮވާލުން މިގޮތަށް ޚާއްޞަވެގެންވަނީ ފިންޏާއި ވާރޭގެ ޙާލަތަކަށް އެކަނިތަ؟

ޖަވާބު: ފިންޏާއި ވާރޭގެ ޙާލަތަށް އެކަނި މި ޙުކުމް ޚާއްޞަވެގެންނުވެއެވެ. މުސްލިމުން މިސްކިތްތަކަށް ދިޔުމަށް ހުރަސްއަޅާ ކޮންމެ ވަގުތަކަށް މި ޙުކުމް ޝާމިލުވާނެކަމަށް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.

އަލްޙާފިޡް އިބްނު ޢަބްދުލްބައްރު رَحِمَهُ اللهُ ވިދާޅުވިއެވެ. ”އަދި މި ޙަދީޘްގައިވާ ފިޤްހުގެ ތެރޭގައިވެއެވެ: ވާރެވެހޭ ރޭތަކުގައްޔާއި، ގަދަޔަށް ވައިޖެހޭ ރޭތަކުގައި ޖަމާޢަތުގެ ނަމާދަށްނުގޮސް މަޑުކޮށްލުމަކީ ލިބިގެންވާ ލުއިކަމެކެވެ. މި ފަދަކަންކަމުގެ ތެރޭގައި: (މިސްކިތަށް ދިޔުން) މަނާކުރާފަދަ ކޮންމެ ޢުޛުރަކާއި، ގެއްލުން ލިބިދާނެ ކޮންމެކަމެއް ވަންނާނެއެވެ. (ބަނޑުހައިވެފައި ހުއްޓައި) ރޭގަނޑުގެކެއުން ތައްޔާރުވުމުގެ ސަބަބުނާއި، ޤަޟާޙާޖަތަށް ދާންޖެހުމުގެ ސަބަބުން ޖަމާޢަތަށްނުގޮސް މަޑުކޮށްލުމަކީ ހުއްދަކަމެއްކަމުގައިވާއިރު، މިފަދަ (ޤުދުރަތީ ބޮޑެތި) ކަންކަމުގައި ޖަމާޢަތަށް ނުގޮސް މަޑުކޮށްލުމަކީ އައުލާވާނެކަމެކެވެ. (މި މަސްއަލާގައި) ދަތުރުމައްޗާއި، ރަށުގައި ހާޒިރުވެ ހުންނައިރު (ފަރުދީކޮށް ނަމާދުކުރުން) ތިމަންގެ ގާތުގައި ހަމަހަމަވެގެންވެއެވެ. ނައްޞުތަކުގައި ދަތުރުގެ ވާހަކަ އައިސްފައިވީނަމަވެސް، މާނައިގެގޮތުން ބަލާއިރު ރަށުގައި ހާޒިރުވެހުރުން ވަންނާނެއެވެ. އެހެނީ، ވާރެއާއި، އުނދަގޫތަކަކީ މި ދެ ޙާލަތުގައި ކުރިމަތިވާނެ ކަންކަމެކެވެ.“([8])

އަލްއިމާމް އަންނަވަވީ رَحِمَهُ اللهُ ވިދާޅުވިއެވެ. ”މި ޙަދީޘަކީ ވާރެއާއި އެނޫންވެސް އުޒުރުތަކުގެ ޙާލަތްތަކުގައި ޖަމާޢަތުގައި ބައިވެރިވުމަށް އައިސްފައިވާ އަމުރު ލުއިކޮށްދޭނެކަމުގެ ދަލީލެކެވެ.“([9])

އަބުލް ޢައްބާސް އަލްޤުރްޠުބީ رَحِمَهُ اللهُ ވިދާޅުވިއެވެ. ”މި ދެ ޙަދީޘްގެ ބޭރުފުށުގެ މާނައިން ދޭހަކޮށްދެނީ: ވާރެއާއި، ވަޔާއި، ފިނީގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ ސަބަބުން ޖަމާޢަތުގެ ނަމާދާއި، ހުކުރުނަމާދަށް ހާޒިރުނުވެ މަޑުކޮށްލުން ހުއްދަކަމެވެ. އަދި ރަށުގައި ހާޒިރުވެ ހުންނައިރުގައާއި ދަތުރުމަތީގައި ކުރިމަތިވާ އެންމެހާ ބޮޑެތި ދަތިކަންތައްތައް މީގެ ތެރޭގައި ހިމެނޭނެއެވެ.“([10])

ތިންވަނަ މަސްއަލަ: ބަންގިގޮވާއިރު މިގޮތަށް ގޮވަން އައިސްފައިވާ ގޮތަކީ ކޮބާ؟

ޖަވާބަކީ: ކުރިން ބަޔާންވެ ދިޔަ ޙަދީޘްތަކަށް ބަލާއިރު، އެކި ޢިބާރާތްތަކުން ގޮވުމަށް އައިސްފައިވާކަން އެނގެއެވެ. މީގެ ތެރޭގައި: ”صَلُّوا فِي رِحَالِكُمْ“ އަދި ”أَلَا صَلُّوا فِي الرِّحَالِ“ އަދި ”الصَّلاَةُ فِي الرِّحَالِ“ އަދި ”صَلُّوا فِي بُيُوتِكُمْ“ އަދި ”وَمَنْ قَعَدَ فَلَا حَرَجَ“ މި ޢިބާރާތްތައް އައިސްފައިވެއެވެ.

މިކަމުގެ މައްޗަށް ބިނާކޮށް: ވާރިދުވެފައިވާ ޢިބާރާތްތަކުގެ ތެރެއިން ކޮންމެ ޢިބާރާތަކުންވެސް ގޮވާލުން ބަންގިގޮވާމީހާއަށް ހުއްދަވެގެންވެއެވެ.

ހަތަރުވަނަ މަސްއަލަ: ބަންގިގޮވާއިރު މިގޮތަށް ގޮވާލާނީ ކިތައް ފަހަރު؟

ޖަވާބަކީ: އަލްއިމާމް އަލްބައިހަޤީ، އެބޭފުޅާގެ ސުނަނުގައި ނާފިޢުގެ ކިބައިން ގެންނަވާފައިވެއެވެ. أَنَّ ابْنَ عُمَرَ نَادَى بِالصَّلَاةِ فِي لَيْلَةٍ ذَاتِ بَرْدٍ وَرِيحٍ، ثُمَّ قَالَ فِي آخِرِ نِدَائِهِ: أَلَا صَلُّوا فِي رِحَالِكُمْ، أَلَا صَلُّوا فِي الرِّحَالِ، فَإِنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَأْمُرُ الْمُؤَذِّنَ إِذَا كَانَتْ لَيْلَةٌ بَارِدَةٌ أَوْ ذَاتُ مَطَرٍ أَوْ ذَاتُ رِيحٍ فِي سَفَرٍ يَقُولُ: ”أَلَا صَلُّوا فِي الرِّحَالِ“.([11]) މާނައީ: ވައިގަދަ، ފިނިރެއެއްގައި އިބްނު ޢުމަރު ނަމާދަށް ގޮވާލެއްވިއެވެ. ދެން، އެގޮވާލެއްވުމުގެ އެންމެފަހު (ގޮވާލެއްވުމަކަށް) ((أَلَا صَلُّوا فِي رِحَالِكُمْ، أَلَا صَلُّوا فِي الرِّحَالِ)) މިފަދައިން ގޮވާލެއްވިއެވެ. ފިނި ރެއެއްގައި، ނުވަތަ ބޯކޮށް ވާރޭވެހުނު ރެއެއްގައި، ނުވަތަ ދަތުރުމަތީގައި ވައިގަދަރެއަކު ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަންގިގޮވާ ބޭކަލަކަށް ބަންގިގޮވުމަށް އަމުރުކުރެއްވިއެވެ. އަދި ބަންގީގެފަހުގައި އެބޭކަލަކު ”أَلَا صَلُّوا فِي الرِّحَالِ“ މިފަދައިން ގޮވާލެއްވިއެވެ.“

ފަހެ، މި ރިވާޔަތުގައިވާގޮތުން މި ޢިބާރާތް ދެ ފަހަރު ގޮވުމަށް އައިސްފައިވެއެވެ. އަދި ”نِهَايَةُ الْمُحْتَاجِ إِلَي شَرْحِ الْمِنْهَاجِ“ މި ފޮތަށް الشَّبْرَامَلُّسِيّ ލިޔުއްވާފައިވާ ޙާޝިޔާގައިވެއެވެ. ”“أَلَا صَلُّوا فِي الرِّحَالِ“ އެބަހީ؛ މިފަދައިން ދެ ފަހަރު ގޮވުމެވެ.“([12])

ފަސްވަނަ މަސްއަލަ: ބަންގިގޮވާއިރު މިގޮތަށް ގޮވާލާނީ ކޮން ވަގުތަކު؟

(1) ޢިލްމުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިންތަކެއް ބުރަވެވަޑައިގަންނަވާގޮތުގައި، ބަންގިގޮވާމީހާ މިގޮތަށް ގޮވާލުން އެންމެ މޮޅުއިތުރުވެގެންވަނީ ބަންގި ނިންމާލުމާ ވިދިގެންނެވެ.

މިގޮތަށް ދެކެވަޑައިގަންނަވާ ބޭކަލުންތެރޭގައި އިމާމުއް ޝާފިޢީ رَحِمَهُ اللهُ ހިމެނިވަޑައިގަންނަވައެވެ. ޝާފިޢީ ވިދާޅުވެފައިވެއެވެ. ”ތިމަންގެ ގާތުގައި އެންމެ ލޮބުވެތިގޮތަކީ؛ ބަންގިގޮވާމީހާ ބަންގިގޮވާނިމުމަށްފަހު މިފަދައިން ގޮވާލުމަށް ވެރިޔާ އެންގުމެވެ. ބަންގީގެ ތެރޭގައި މިފަދައިން ގޮވާލިޔަސް މައްސަލައެއްނެތެވެ.“([13])

އިމާމު އަންނަވަވީ رَحِمَهُ اللهُ ވިދާޅުވިއެވެ. ”ދެ ގޮތަކީވެސް (އެބަހީ؛ ބަންގީގެފަހުންނާއި ބަންގީގެ ތެރޭގައި މިގޮތަށް ގޮވާލުމަކީ) ހުއްދަ ދެގޮތެވެ. މި ދެގޮތް އައްޝާފިޢީ رَحِمَهُ اللهُ ތަޢާލާ، ’އަލްއުއްމު‘ އޭ ކިޔުނުފޮތުގެ ”كتاب الأذان“ ގައި ގެންނަވާފައިވެއެވެ. އަދި ތިމަންމެންގެ ޖުމްހޫރު ޢިލްމުވެރިން އެގޮތަށް ތަބާވެވަޑައިގަންނަވައެވެ. ފަހެ، ސުންނަތުން ސާބިތުވާގޮތުގައި ބަންގީގެފަހުންނާއި ބަންގީގެ ތެރޭގައި މިގޮތަށް ގޮވާލުމަކީ ހުއްދަކަމެކެވެ. އެހެންނަމަވެސް، ބަންގީގެ ޢިބާރާތްތައް ބަދަލުނުގެނެސް ބެހެއްޓުމަށްޓަކައި އެންމެ ރަނގަޅުގޮތަކީ ބަންގީގެފަހުގައި މިގޮތަށް ގޮވާލުމެވެ.“([14])

ހަމަމިގޮތަށް؛ ޞަޙީޙުލް ބުޚާރީގެ ޝަރަޙާގައި އަލްއިމާމް އިބްނުއް ނަޙްވީ، މަޝްހޫރު ނަމުންނަމަ އިބްނުލް މުލައްޤިން رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ.([15])

އަދި އަބުލް ވަލީދު އަލްބާޖީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. ”ބަންގިގޮވާމީހާ ބަންގި ނިންމުމަށްފަހު ”أَلَا صَلُّوا فِي رِحَالِكُمْ“ ގޮވާލުން އައިސްފައިވާކަމަށް އިޙްތިމާލު އެބައޮތެވެ. މިގޮތް އައުލާކަށް ބޮޑެވެ. އެހެނީ، ބަންގިއަކީ ގުޅިގެން ގޮވާލެވޭ ގޮވާލުމެކެވެ. ބަންގީގައި ނުވާއެއްޗެއް ބަންގީގެ ތެރެއަށް އެއްކުރުން ހުއްދައެއްނުވާނެއެވެ. އަދި އެއީ ވަގުތުވަދެއްޖެކަން އަންގައިދީ، ނަމާދަށް ގޮވާލެވޭ ގޮވާލުމެކެވެ. އެހެންކަމުން، މިގޮވާލުން އަންނަންޖެހޭނީ ގުޅިގެންނެވެ. ބަންގީގެ ކަލިމަތަކުގައި ގުޅުމެއްނެތި، އެހެން ބަސްތަކެއް ބަންގީގެތެރެއަށް ވަދެއްޖެނަމަ އެއީ (ނަމާދަށް ޚާއްޞަ) ގޮވާލުމެއްކަމަކަށް ނުވާނެއެވެ. އެހެނީ، ބަންގީގައި ހިމެނޭ ލަފްޒުތަކަކީ މީސްތަކުންގެ ބަސްތަކުގައި އެންމެހާ ވަގުތުތަކެއްގައިވެސް ތަކުރާރުވޭވޭ ހުންނަ ކަލިމަތަކެކެވެ.“([16])

އިމާމުލް ޙަރަމައިނި އަލްޖުވައިނީ رَحِمَهُ اللهُ ވިދާޅުވިއެވެ. ”ދެން މިގޮތަށް (”حَيَّ عَلَى الفَلَاحِ“ އަށްފަހު) މިގޮތަށް ގޮވާލުމަކީ މުސްތަޙައްބުކަމެއްކަމަށް الصَّيْدَلَانِيُّ ވިދާޅުވެފައިވެއެވެ. ބަންގިގޮވާމީހާ ”حَيَّ عَلَى الفَلَاحِ“ ކިޔުމަށްފަހު މިގޮތަށް ގޮވާލުމަކީ މައްސަލަނުކުންނާނެކަމެކެވެ. ފަހެ، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުން މިގޮތަށް ޞައްޙަކޮށް އައިސްފައެއްނުވެއެވެ. ބަންގިގޮވަމުންދާއިރު، ބަންގީގެ ކަލިމަތަކުގެ ތެރޭގައި ކަލިމަތަކަށް ބަދަލު ގެނައުމަށް ޞައްޙަކޮށް އައިސްފައެއްނުވެއެވެ. އަދި މިއީ ތިމަންގެގާތުގައި (ސުންނަތާ) ދުރުގޮތެކެވެ. ބަންގިއަށްފަހުގައި (މިގޮތަށް) ގޮވާލުމަކީ ބަންގީގެ މަޤްޞަދު ގެއްލޭނޭކަމެއް ނޫނެވެ.“([17])

ޞަޙީޙުލް ބުޚާރީގެ ޝަރަޙައެއްކަމުގައިވާ ”فَيْضُ البَارِي عَلَى صَحِيْحِ البُخَارِي“ ލިޔުއްވި އައްޝައިޚް މުޙައްމަދު އަންވަރު ޝާހް އަލްކަޝްމީރީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. ”އިބްނު ޢުމަރު رَضِيَ اللهُ عَنْهُمَا ގެ ކިބައިން ޞުލްޙަލްޙުދައިބިޔާގައި ޙާދިޘާގައި އައިސްފައިވަނީ ’ބަންގިގޮވާނިމުމަށްފަހު ގޮވާލުމަށެވެ.“ ތިމަންގެ ބަހަކީ: (މިކަމުގައި) ޢަމަލުކުރުން އޮތީ މިގޮތަށެވެ. އެހެނީ، އިބްނު ޢުމަރަކީ ވަރަށް ބޮޑަށް އަޘަރުތަކަށް ތަބާވެވަޑައިގަންވާ ބޭކަލެކެވެ.“([18])

ބަންގީގެ ކަލިމަތަކުގެ ތެރޭގައި މިގޮތަށް ގޮވާލުމަކީ ބީރައްޓެހިކަމެއްގެ ގޮތުގައި ޞިފަކުރައްވައި، (ބަންގީގެފަހުގައި ގޮވާލުމަކީ) ރަނގަޅުގޮތްކަމުގައި ބަޔާންކުރައްވައި އަލްޙާފިޡް އިބްނު ރަޖަބު އަލްޙަންބަލީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. ”الحَيَّعَلَتَانِ ބަދަލުކޮށް، އޭގެ ބަދަލުގައި ”أَلَا صَلُّوا فِي رِحَالِكُمْ“ ގޮވާލުމަކީ ބީރައްޓެހިކަން ބޮޑު ބީރައްޓެހިކަމެކެވެ.“ (الحَيَّعَلَتَانِ އަކީ ”حَيَّ عَلَى الصَّلاَةِ“ އާއި ”حَيَّ عَلَى الفَلَاحِ“ އެވެ.)([19])

(2) އަނެއްބައި ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އެންމެ މަތިވެރިގޮތަކީ ބަންގީގެ ތެރޭގައި الحَيَّعَلَتَانِ އަށްފަހުގައި ގޮވުމެވެ.

ބަޔާންވެގޮސްފައިވާ ފަދައިން الصَّيْدَلَانِيُّ ގެ ކިބައިން އަލްޖުވައިނީ މިގޮތަށް ގެންނަވާފައިވެއެވެ. އަދި މިއީ ޝާފިޢީ މަޛްހަބުގެ ބައެއް ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތެކެވެ.([20])

މިގޮތަށް ދަލީލުކުރަނީ؛ އަންނަސާއީ، އެބޭފުޅާގެ ސުނަނުގައި ޢަމްރު ބުން ޢައުސްގެ ކިބައިން ރިވާވެފައިވާ ރިވާޔަތެވެ. ޢަމްރު ވިދާޅުވިއެވެ. ޘަޤީފުވަންހައިގެ މީހަކު ތިމަންމެނަށް ޚަބަރުދިނެވެ. ދަތުރުމަތީގައި ވިއްސާރަ ރެއެއްގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ފަރާތްޕުޅުން ގޮވާލައްވާ ބޭކަލަކު ”حَيَّ عَلَى الصَّلاَةِ، حَيَّ عَلَى الفَلَاحِ، صَلُّوا فِي رِحَالِكُمْ“ މިފަދައިން ގޮވާލެއްވި އަޑުއެހީމެވެ.([21])

(3) އަދި އަނެއްބައި ޢިލްމުވެރިން ދެކެވަޑައިގަންވަނީ މިގޮތަށް ކިޔާނީ الحَيَّعَلَتَانِ ގެ ބަދަލުގައެވެ.

މިއީ ކުރިން ބަޔާންވެގޮސްފައިވާ އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا ގެ ޙަދީޘުން ދޭހަވާ ގޮތެވެ.

އަލްހާފިޡް އިބްނު ޙަޖަރު رَحِمَهُ اللهُ ވިދާޅުވިއެވެ. ”އިބްނު ޚުޒައިމާއާއި، އޭގެފަހުގައި އިބްނު ޚުޒައިމާއަށް ތަބާވެވަޑައިގެންނެވި އިބްނު ޙިއްބާނާއި، ދެން އޭގެފަހުގައި ތަބާވެވަޑައިގެންނެވި އަލްމުޙިއްބުއް ޠަބަރީ (އެބޭކަލުންގެ ފޮތްތަކުގައި) ބާބު ބަންނަވާފައިވާގޮތުގައި؛ (ބޯކޮށް، ގަދައަށް) ވާރެވެހޭ ދުވަސްދުވަހު ”حَيَّ عَلَى الصَّلاَةِ“ ގޮވުން ދޫކޮށްލަންޖެހެއެވެ. މިބޭކަލުން ބައްލަވާފައިވަނީ އެކަލިމައިގެ މާނައަށެވެ. އެހެނީ، ”حَيَّ عَلَى الصَّلاَةِ“ ގޮވުމާއެކު ”الصَّلاَةُ فِي الرِّحَالِ“ ނުވަތަ ”صَلُّوا فِي بُيُوتِكُمْ“ ގޮވާލުމަކީ ފުށުއަރާކަމެކެވެ. ޝާފިޢީ މަޛްހަބުގައި އައިސްފައިވާ އެއްބަހެއްގައިވަނީ ބަންގިއަށްފަހުގައި ގޮވާލުމަށެވެ. އަނެއްބައި ބޭކަލުންގެ އަރިހުގައި الحَيَّعَلَتَانِ އަށްފަހުގައެވެ. މި ޙަދީޘުން ދަލީލު ލިބެނީ މިބުނެވިދިޔަ ގޮތަށެވެ.“([22])

މިބަސްފުޅުން ދޭހަކޮށްދެނީ އަލްހާފިޡް އިބްނު ޙަޖަރު رَحِمَهُ اللهُ ބުރަވެވަޑައިގަންނަވަނީ މިގޮތަށްކަމަށެވެ.

އަލްއިމާމް އަންނަވަވީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. ”ބަންގީގެ ތެރޭގައި މިގޮތަށް ގޮވާލުމަށް (الصَّيْدَلَانِيُّ ގެ ކިބައިން) އައިސްފައިވާ ބަހަކީ (ސުންނަތާ) ދުރު ގޮތެއްކަމުގައި އިމާމުލް ޙަރަމައިނި (އަލްޖުވައިނީ) ގެންނަވާފައިވެއެވެ. އަދި ވިދާޅުވެފައިވެއެވެ. ސާބިތުވެގެންނުވާއިރު، ބަންގީގެ ކަލިމަތަށް ބަދަލުކުރުމަކީ (ސުންނަތާ) ދުރުގޮތެކެވެ. މިގޮތަށް ”كِتَابُ صَلَاةِ الجَمَاعَة“([23]) ގައި ގެންނަވާފައިވެއެވެ. އަލްޖުވައިނީ (ސުންނަތާ) ދުރުގޮތްކަމުގައި ވިދާޅުވެފައިވާ މިގޮތަކީ ދުރުގޮތެއްނޫނެވެ. އެހެނެއްކަމަކު، ޙައްޤު ގޮތަކީ އަދި ސުންނަތްގޮތަކީ މިއެވެ. އަދި ދެ ޞަޙީޙައިން (އެބަހީ؛ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމް) ގައި ބަންގިއަށްފަހުގައާއި ބަންގީގެ ތެރޭގައި ގޮވާލުމަށް ސާބިތުކޮށް އައިސްފައިވެއެވެ.“([24])

ބުރަވެވޭ ގޮތަކީ؛ މިކަމުގައި ޢަމަލުކުރަންޖެހޭގޮތް ތަނަވަސްވެގެންވެއެވެ. ބަންގިގޮވާމީހާ އެދޭކަމުގައިވާނަމަ ބަންގީގެފަހުގައި، ނުވަތަ ބަޔާންވެދިޔަގޮތަށް ބަންގީގެ ތެރޭގައި ގޮވިދާނެއެވެ.

މިއީ އިލްއިމާމް އައްޝާފިޢީއާއި އަލްއިމާމް އަންނަވަވީ رَحِمَهُمَا اللهُ ގެ ބަހުގައި ބަޔާންވެފައިވާ ގޮތެވެ.

އަދި އިބްނު ޢައްބާސްއާއި އިބްނު ޢުމަރު رَضِيَ اللهُ عَنْهُمْ ގެ ކިބައިން ރިވާވެފައިވާ ޙަދީޘްތައް ގެންނެވުމަށްފަހު އަލްއިމާމް އިބްނުލް މުފްލިޙް رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. ”މި ޙަދީޘްތަކުން ދަލީލުކުރަނީ ބޭނުންގޮތަކަށް ޢަމަލުކުރެވިދާނެކަމަށެވެ.“([25])

ބަދްރުއްދީން އަލްޢައިނީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. ”ދެ ގޮތަށް ޢަމަލުކުރުންވެސް ހުއްދައެވެ. ބަންގި ނިންމާފައި ގޮވާލުން މޮޅު އިތުރެވެ.“([26])

އަދި ޢަބްދުލްޣަނިއްޔުލް ލަބަދީ ”نَيْلُ الـمَآرِبِ“ އަށް ލިޔުއްވާފައިވާ ޙާޝިޔާގައި ވިދާޅުވެފައިވެއެވެ. ”މި ދެ ޙަދީޘްގެ (އެބަހީ؛ އިބްނު ޢައްބާސްއާއި އިބްނު ޢުމަރު رَضِيَ اللهُ عَنْهُمْ ގެ ކިބައިން ރިވާވެފައިވާ ޙަދީޘް) ޖަމާކުރުމުން ދެ ގޮތްވެސް ހުއްދައެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ سُبْحَانَهُ وَتَعَالَى އެވެ.“([27])

އައްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رَحِمَهُ اللهُ ވިދާޅުވަނީވެސް މިގޮތަށެވެ.([28])

ހަވަނަ މަސްއަލަ: ބަންގިގޮވާމީހާގެ ފަހަތުން އެކަލިމަތައް ކިޔަމުންދާމީހާ، ބަންގިގޮވާމީހާ ”الصَّلاَةُ فِي الرِّحَالِ“ ކިޔާއިރު ކިޔާނީ ކޮން ޒިކުރެއް؟

ޖަވާބު: މިކަމާބެހޭގޮތުން ޞަރީޙަ ނައްޞެއް އައިސްފައެއްނުވެއެވެ. އެހެންނަމަވެސް، އައްޝައިޚު ޒަކަރިއްޔާ އަލްއަންޞާރީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. ”ޤިޔާސްއަށް ބުރަވާއިރު، ”أَلَا صَلُّوا فِي رِحَالِكُمْ“ ގޮވާއިރު ކިޔާނީ الحَيَّعَلَتَانِ ގައި ކިޔާ ޒިކުރެވެ. ”الـمُهِمَّات“ އޭ ކިޔުނު ފޮތުގައި މިގޮތަށް ބަޔާންވެފައިވެއެވެ.“([29])

އެބަހީ؛ ކިޔާނީ ”لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ“ އެވެ.

وَهَذَا وَاللهُ أَعْلَمُ، وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن.

ލިޔުނީ

މުޠްލަޤު އަލްޖާސިރު

ކުވައިތު

22 ރަޖަބު 1441ހ. (17/3/2020މ.) ވީ އަންގާރަދުވަހުގެ ހެދުނު


([1]) رواه البخاري (632)، ومسلم (697).

([2]) رواه البخاري (616)، ومسلم (699).

([3]) صحيح البخاري (901).

([4]) رواه أبو داود (1057) وأبو داود الطيالسي في مسنده (1417).

([5]) صحيح ابن خزيمة (1657).

([6]) މިއީ ޞަޙާބީ: ނުޢައިމު ބުން ޢަބްދުﷲ ބުން އުސައިދުއެވެ. ބަނޫ ޢަދުއްޔު ބުން ކަޢުބުގެ ބޭފުޅެކެވެ. މަޝްހޫރުވެފައިވަނީ ”އައްނައްހާމް“ ގެ ނަމުންނެވެ. މިނަންދެވިފައިވާ ގޮތާބެހޭގޮތުން އައިސްފައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ނުޢައުމަށް ޙަދީޘް ކުރެއްވިއެވެ. ”ތިމަންކަލޭގެފާނު (ހުވަފެންފުޅުގައި) ސުވަރުގެއަށް ވަދެވަޑައިގެންނެވިއިރު، ނުޢައިމުގެ ކަރުކެހުމުގެ އަޑު ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.“ انظر: الإصابة للحافظ ابن حجر (6/361).

([7]) رواه ابن أبي شيبة في مسنده (2/46 – رقم: 553)، والبيهقي في السنن الكبرى (1/397)، وقال الألباني في ”السلسلة الصحيحة“ (6/203): وهذا إسناد صحيح عزيز على شرط الشيخين.

([8]) الاستذكار، لابن عبدالبر (1/401).

([9]) شرح صحيح مسلم، للنووي (5/207).

([10]) المفهم لما أشكل من تلخيص كتاب مسلم (6/126).

([11]) رواه البيهقي في السنن الك برى (2/70)، والحديث مروي في الصحيحين وغيرهما من طرق أخرى.

([12]) حاشية الشبراملسي على نهاية المحتاج إلى شرح المنهاج (1/409).

([13]) الأم، للإمام الشافعي (2/196)، ط. دار الوفاء.

([14]) شرح النووي على مسلم (5/207).

([15]) التوضيح لشرح الجامع الصحيح (6/348)، وهذا هو معتمد الشافعية، انظر: نهاية المحتاج للرملي (1/409).

([16]) المنتقى شرح الموطأ (1/139).

([17]) ”نهاية المطلب في دراية المذهب“ (2/369).

([18]) فيض الباري على صحيح البخاري (2/216).

([19]) فتح الباري لابن رجب (5/304).

([20]) نهاية المحتاج ، للرملي (1/409).

([21]) رواه النسائي (653) وصححه الألباني.

([22]) فتح الباري لابن حجر (2/427).

([23]) އިމާމުލް ޙަރަމައިނި އަލްޖުވައިނީ ރަޙިމަހުﷲ ”نهاية المطلب في دراية المذهب“ (2/369) ވިދާޅުވިއެވެ. ”ދެން މިގޮތަށް (”حَيَّ عَلَى الفَلَاحِ“ އަށްފަހު) މިގޮތަށް ގޮވާލުމަކީ މުސްތަޙައްބުކަމެއްކަމަށް الصَّيْدَلَانِيُّ ވިދާޅުވެފައިވެއެވެ. ބަންގިގޮވާމީހާ ”حَيَّ عَلَى الفَلَاحِ“ ކިޔުމަށްފަހު މިގޮތަށް ގޮވާލުމަކީ މައްސަލަނުކުންނާނެކަމެކެވެ. ފަހެ، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުން މިގޮތަށް ޞައްޙަކޮށް އައިސްފައެއްނުވެއެވެ. ބަންގިގޮވަމުންދާއިރު، ބަންގީގެ ކަލިމަތަކުގެ ތެރޭގައި ކަލިމަތަކަށް ބަދަލު ގެނައުމަށް ޞައްޙަކޮށް އައިސްފައެއްނުވެއެވެ. އަދި މިއީ ތިމަންގެގާތުގައި (ސުންނަތާ) ދުރުގޮތެކެވެ. ބަންގިއަށްފަހުގައި (މިގޮތަށް) ގޮވާލުމަކީ ބަންގީގެ މަޤްޞަދު ގެއްލޭނޭކަމެއް ނޫނެވެ.“

([24]) المجموع شرح المهذب (3/130).

([25]) الفروع (3/63).

([26]) عمدة القاري شرح صحيح البخاري (5/128).

([27]) حاشية اللبدي على نيل المآرب (1/48).

([28]) فتاوى نور على الدرب لابن باز بعناية الشويعر (13/118).

([29]) أسنى المطالب في شرح روض الطالب (1/130). قلت: وقد راجعت كتاب المهمات فلم أجده.

 900 total views