ދަނާރު ގެ ނަމުގައި ފޮތްކިޔުމުގެ މުބާރާތެއް ފަށަނީ


ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރޯދައާއި ގުޅޭ އެކި އެކި ދީނީ މަޢުލޫމާތު ހިމެނޭ ގޮތަށް ”ދަނާރު“ ގެ ނަމުގައި ފޮތްކިޔުމުގެ މުބާރާތެއް ބޭއްވުމަށް ޖަމްޢިއްޔަތުއް ސަލަފުން ނިންމައިފިއެވެ.
މި ޕްރޮގްރާމާއިގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މުބާރާތުގެ ކޯޑިނޭޓަރު އަދި ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމެޓީގެ މެމްބަރެއްކަމަށްވާ މުޙައްމަދު ސުޖާޢު ވިދާޅުވީ މި މުބާރާތް ކުރިއަށްދާނީ 3 ހަފްތާއަށްކަމަށާއި މިއަންނަ އާދީއްތަ ދުވަހު މިމުބާރާތް ފެށޭނެކަމަށެވެ. އަދި 12 އަހަރުން މަތީ ކޮންމެ ފަރާތަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

”މި މުބާރާތުގައި ކިޔަންޖެހޭނީ އަޅުގަނޑުމެން ކުރިން ޝާއިޢުކޮށްފައިވާ ”ރޯދައިގެ ހަދިޔާ“ ކިޔާ ރޯދަޔާ ގުޅޭ ތަފާތު ޙުކުމްތަކާއި މަޢުލޫމާތު އެކުލޭވޭ ފޮތެއް. އެއީ 36 ޞަފްޙާގެ ކުޑަކުޑަ ފޮތެއް. މިއަންނަ އާދިއްތަ ދުވަހުން ފެށިގެން މުބާރާތް ކުރިއަށްދާނީ ތިން ހަފްތާގެ މުއްދަތަށް އިންޝާﷲ“ މުޙައްމަދު ވިދާޅުވިއެވެ.
29 މާރިޗުން އެޕްރީލް މަހުގެ 29 އަށް ކުރިޔަށްދާ މިމުބާރާތް ކުރިއަށް ދަނީ ޖަމްޢިއްޔަތުއްސަލަފުގެ ފޭސްޕުކް ޕޭޖް މެދުވެރިކޮށް މުޅި ރާއްޖެއަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު އެ އެހަފްތާއެއްގައި، ފޮތުން ކިޔަންޖެހޭ މިންވަރުގެ ޕީޑީއެފް ފައިލެއް ސަލަފުގެ ފޭސްބުކް ބޭޖުން ޑައުންލޯޑްކުރެވޭނެއެވެ. ދެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ހެނދުނު 9:00 ޖަހާއިރު އެ ހަފްތާއަކަށް ކިއުމަށް ކަނޑައެޅި ބައިން އެމް.ސީ.ކިޔު. ސުވާލުތަކެއްގެ މައްޗަށް އޮންނަ ކުޑަ ޓެސްޓެއް ހުޅުވާލާނެއެވެ. މި ޓެސްޓުގައި ހޮނިހިރު ދުވަހުގެ 4 ޖަހަންދެން ބައިވެރިވޭނެއެވެ.
ދަނާރު ޕްރޮގްރާމްގެ މުޝްރިފް އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިގޮތުގައި 3 ހަފްތާގެ މުއްދަތަށް ޕްރޮގްރާމް ކުރިއަށްގެންގޮސް މުޅި ފޮތުން އޮންނަ ފައިނަލް ޓެސްޓެއްދޭނެކަމަށާއި އެއަށްފަހު އެ 4 ޓެސްޓުން ލިބޭ މާކްސްއަށްބަލާފައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައި ފައިސާގެ އިނާމު ދެވޭނެކަމަށެވެ.

”މިގޮތަށް ތިން ހަފްތާ ފުރިހަމަ ވީމާ 29 އެޕްރީލް ވާ ބުދަދުވަހު އޮންނާނީ މުޅި ފޮތުން އޮންނަ ފައިނަލް ޓެސްޓެއް. އެއަށްފަހު އެ ހަތަރު ޓެސްޓުން ލިބޭ މާކްސްއަށްބަލާފައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައި، އަޅުގަނޑުމެން އެފަރާތްތަކަށް ފައިސާގެ އިނާމެއް އިންޝާﷲ ދޭނަން“ އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިއެވެ.
ދަނާރު މުބާރާތުގެ 1 ވަނައަށް އަންނަ ފަރާތަކަށް 1500 ރުފިޔާ ކަނޑައަޅާފައިވާއިރު 2 ވަނައަށް އަންނަ ފަރާތަކަށް ކަނޑައަޅާފައިވަނީ 1000ރުފިޔާގެ އިނާމެކެވެ. އަދި 3 ވަނައަށް އަންނަ ފަރާތަކަށް 500 ރުފިޔާވަނީ ކަނޑައަޅާފައެވެ.

 176 total views