ޢަޤީދާގެ 200 ސުވާލާއި ޖަވާބު (13): ސުވާލު 56 އިން 60 އަށް

ސ56: އޭގެ މިސާލަކީ ކޮބާ؟

ޖ: އޭގެ މިސާލަކީ: އެއިލާހުގެ އިސްމުފުޅުގެ ތެރޭގައި ”الرَّحْمَنُ“ ”الرَّحِيْمُ“ ވެއެވެ. މި ދެ އިސްމުފުޅު ދަލީލުކުރަނީ މިދެނަން ކިޔޭ ފަރާތަށެވެ. އެއީ ހަމައެކަނި ﷲ ޢައްޒަވަޖައްލައެވެ. އަދި ދަލީލުކުރަނީ މި ދެ އިސްމުފުޅުން ނެގޭ ޞިފަފުޅުކަމުގައިވާ ރަޙްމަތަށެވެ. އަދި މި ދެ އިސްމުފުޅުން ނެގޭ ޞިފަފުޅުނޫން އެހެން ލާޒިމުކުރާ ޞިފަފުޅުތައްކަމަށްވާ ދިރިދެމިވޮޑިގެންވާކަމަށާއި، ކުޅަދުންވެވޮޑިގެންވާކަމަށް ދަލީލުކުރެއެވެ. ދެން ބާކީހުރި އިސްމުފުޅުތައްވެސް މިފަދައެވެ. މިއީ އެއިލާހުގެ މަޚްލޫޤުތަކުންނާ ޚިލާފުކަމެކެވެ. އެހެނީ، މީހަކީ ޖާހިލެއް ނަމަވެސް އެމީހަކަށް ޙަކީމޭ ކިޔާފާނެއެވެ. އަދި އަނިޔާވެރިޔަކަށްވެސް ޙަކަމް (އެބަހީ: ޙުކުމް ކުރުމުގައި މޮޅުމީހާ) އޭ ކިޔާފާނެއެވެ. އަދި ޤަދަރެއްނެތް މީހަކަށްވެސް ޢަޒީޒް (އެބަހީ: ޢިއްޒަތްތެރިމީހާ) އޭ ކިޔާފާނެއެވެ. ޝަރަފުވެރިނޫން މީހަކަށްވެސް ޝަރީފް (އެބަހީ: ޝަރަފުވެރިޔާ) އޭ ކިޔާފާނެއެވެ. އަދި ހެޔޮނޫން މީހަކަށްވެސް ކަރީމް (އެބަހީ: ހެޔޮމީހާ) އޭ ކިޔާފާނެއެވެ. އަދި ނުބައިމީހަކަށްވެސް ޞާލިޙު އޭ ކިޔާފާނެއެވެ. އަދި ނުތަނަވަސްކަމުގައި އުޅޭމީހާއަށްވެސް ސަޢީދު (އެބަހީ: ބާއްޖަވެރިމީހާ) އޭ ކިޔާފާނެއެވެ. އަދި އަސަދު (އެބަހީ: ސިންގާ) އަދި ޙަންޟަލާ އާއި ޢަލްޤަމާ (އެބަހީ: މިއީ ހިތިދެގަހަކަށްކިޔާ ދެނަން) މިފަދަ ނަންނަން މިސިފަތައް ލިބިގެންނުވާ މީހާއަށް ކިޔާފާނެއެވެ.

ފަހެ، ﷲ ގެ މަތިވެރިކަމާއެވެ. ޙަމްދުހުރީ އެކަލާނގެއަށެވެ. އެކަލާނގެ ވަނީ އެކަލާނގެ ޞިފަކުރައްވާފައިވާ ފަދައިންނެވެ. އަދި އެއިލާހުގެ މަޚްލޫޤުން އެއިލާހަށް ޞިފަކުރާ ޞިފަކުރުންތަކުން އެއިލާހު ވަނީ މަތިވެރިވެ ވޮޑިގެންނެވެ.

ސ57: އިސްމުފުޅުތައް ނެގިގެންވާގޮތަށް ބަލާއިރު ”الأَسْمَاءُ الْحُسْنَى“ ބެހިގެންވަނީ ކިތައް ބަޔަށް؟

ޖ: އިސްމުފުޅުތައް ނެގިގެންވާގޮތަށް ބަލާއިރު ”الأَسْمَاءُ الْحُسْنَى“ ބެހިގެންވަނީ ހަތަރު ބަޔަށެވެ.

ފުރަތަމައީ: އެއިސްމުފުޅެއްގައި ”الأَسْمَاءُ الْحُسْنَى“ ގެ އެންމެހާ އިސްމުފުޅުތަކުގެ މާނަ އެކުލެވިގެންވާ އިސްމުފުޅެވެ. އެއީ ”اللهُ“ އެވެ. މި ސަބަބަށްޓަކައި އެންމެހާ އިސްމުފުޅުތައް އައިސްފައިވަނީ މި އިސްމުފުޅުގެ ޞިފަފުޅުތައްކަމުގައެވެ. މިސާލެއްގެގޮތުން އަންނަނިވި އާޔަތް ފަދަ އާޔަތްތައްވެއެވެ. ﴿هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَه﴾ الحشر: ٢٤ މާނައީ: ”އެކަލާނގެއީ، ﷲއެވެ. ހުރިހާ އެއްޗެއް ހައްދަވާ، ހުރިހާ އެއްޗެއް އުފައްދަވާ، (އެންމެހާ އެއްޗެއް) ޞޫރަކުރައްވާ އިލާހެވެ.“ އަދި މި އިސްމުފުޅު އެއްވެސް ތަނެއްގައި އެހެން އިސްމުފުޅެއްގެ ފަހަތަށް ތަބާވެގެން އައިސްފައެއްނުވެއެވެ.

ދެވަނައީ: އެއިސްމުފުޅެއްގައި އެއިލާހުގެ ޛާތުފުޅުގެ ޞިފަފުޅުތައް އެކުލެވިގެންވާ އިސްމުފުޅުތަކެވެ. އެއީ އެއިލާހުގެ އިސްމުފުޅުތަކުގެ ތެރެއިންވާ ”السَّمِيْعُ“  އެވެ. މިއިސްމުފުޅު ނެގިފައިވަނީ އެއިލާހުގެ ތަނަވަސްވެގެންވާ އައްސަވާ ވޮޑިގެންވުމުންނެވެ. އެއިލާހު އެންމެހާ އަޑުތައް އައްސަވާވޮޑިގެންވެއެވެ. އެއަޑަކީ ސިއްރު އަދި ފާޅުވެގެންވާ އަޑެއްނަމަވެސް ތަފާތެއް ނެތެވެ. އަދި އެއިލާހުގެ އިސްމުފުޅު ”البَصِيْرُ“ ނެގިފައިވަނީ އެއިލާހުގެ ތަނަވަސްވެގެންވާ ބައްލަވާވޮޑިގަތުމުންނެވެ. އެއިލާހު އެންމެހާ ކަމެއް އަދި އެއްޗެއް، އެކަމަކީ ނުވަތަ އެއްޗަކީ ކިތަންމެ ކުޑަ ނުވަތަ ކިތަންމެ ބޮޑު ކަމެއް ނުވަތަ އެއްޗެއް ނަމަވެސް މޮޅަށް ބައްލަވާވޮޑިގެންވެއެވެ. އަދި އެއިލާހުގެ އިސްމުފުޅު ”العَلِيْمُ“ ނެގިފައިވަނީ އެއިލާހުގެ ތަނަވަސްވެގެންވާ ދެނެވޮޑިގަތުމުންނެވެ. އެއިލާހީ: ﴿لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَلَا أَصْغَرُ مِنْ ذَلِكَ وَلَا أَكْبَرُ﴾ سبأ: ٣ މާނައީ : ”އުޑުތަކާއި، ބިމުގައިވާ ޛައްރެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާނގެއަށް ވަންހަނާވެގެންނެއް ނުވެއެވެ.“ އަދި އެއިލާހުގެ އިސްމުފުޅު ”القَدِيْرُ“ ނެގިފައިވަނީ އެއިލާހުގެ ކުޅަދުންވަންތަކަމުންނެވެ. އެއިލާހުގެ ކުޅަދުންވަންތަކަން އެންމެހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. އެއީ އެތަކެތި އީޖާދުކުރެއްވުމާއި، އެތަކެތި ނެތިކުރެއްވުން ފަދަ އެންމެހާ ކަމެއްގައެވެ.

ތިންވަނައީ: ﷲގެ ޢަމަލުފުޅާ ގުޅިފައިވާ އިސްމުފުޅުތަކެވެ. މިސާލަކަށް: ”الخَالِقُ“ ”الرَّازَّقُ“ ”البَارِئُ“ ”الـمُصَوِّرُ“ ފަދަ އިސްމުފުޅުތަކެވެ.

ހަތަރުވަނައީ: އެއިލާހު ކީރިތިވަންތަކަމާގުޅޭ، އަދި އެއިލާހު އެންމެހާ އުނި ޞިފަތަކުން އެއްކިބާވެގެންވުމާގުޅޭ އިސްމުފުޅުތަކެވެ. މިސާލަކަށް ”القُدُّوْسُ“ ”السَّلَامُ“ ފަދަ އިސްމުފުޅުތަކެވެ.

ސ58: އިސްމުފުޅުތައް ﷲއަށް ނިސްބަތްކުރުމުގައި ”الأَسْمَاءُ الْحُسْنَى“ ބެހިގެންވަނީ ކިތައް ބަޔަށް؟

ޖ: އޭގެތެރެއިން ބައެއް އިސްމުފުޅުތަކަކީ ވަކިން ނުވަތަ އެހެން އިސްމުފުޅަކާ އެއްކޮށް ނިސްބަތްކުރެވޭ އިސްމުފުޅުތަކެވެ. އެފަދަ އިސްމުފުޅުތަކަކީ ކޮންމެގޮތަކުން ބެލިނަމަވެސް އެއިސްމުފުޅުތަކުގައި ފުރިހަމަކަން އެކުލެވިގެންވާ އިސްމުފުޅުތަކެވެ. މިސާލަކަށް ”الحَيُّ الْقَيُّوْمُ“ ”الأَحَدُ الصَّمَدُ“ ފަދަ އިސްމުފުޅުތަކެވެ.

އަދި އޭގެތެރެއިން ބައެއް އިސްމުފުޅުތަކަކީ އެ އިސްމުފުޅަތަކަކާއެކު އެއިސްމުފުޅުތަކުގެ އިދިކޮޅު އެއްކޮށް ގެނެވޭ އިސްމުފުޅުތަކެވެ. މިއިން އިސްމުފުޅެއް ވަކިވަކިން ގެނެސްފިނަމަ އުނިކަން އެކުލެވޭނެއެވެ. މިސާލަކަށް ”الضَّارُّ النَّافِعُ“ (އެބަހީ: ގެއްލުންދެއްވަވާ އަދި މަންފާކޮށްދެއްވަވާ ފަރާތް)، އަދި ”الخَافِضُ الرَّافِعُ“ (އެބަހީ: ދަށްކުރައްވަވާ އަދި މަތިކުރައްވާ ފަރާތް)، އަދި ”الـمُعْطِيْ الـمَانِعُ“ (އެބަހީ: ދެއްވަވާ އަދި މަނާކުރައްވާ ފަރާތް)، އަދި ”الـمُعِزُّ الـمُذِلُّ“ (އެބަހީ: ޢިއްޒަތްތެރިކުރައްވާ އަދި ނިކަމެތިކުރައްވާ ފަރާތް) ފަދަ އިސްމުފުޅުތަކެވެ. އެއްވެސް ޙާލެއްގެ ”الضَّارُّ“ (އެބަހީ: ގެއްލުންދެއްވަވާ ފަރާތް)، އަދި ”الخَافِضُ“ (އެބަހީ: ދަށްކުރައްވަވާ ފަރާތް)، އަދި ”الـمُعْطِي“ (އެބަހީ ދެއްވަވާ ފަރާތް)، އަދި ”الـمُعِزُّ“ (އެބަހީ ޢިއްޒަތްތެރިކުރައްވާ ފަރާތް) މިއިން އިސްމުފުޅެއް ވަކިން ބޭނުންކުރުން ހުއްދަވެގެންނުވެއެވެ. މިއިން އިސްމުފުޅެއް ވަކިވަކިން އެއިލާހުގެ ވަޙީކަމުގައިވާ ކީރިތި ޤުރުއާނުގައި، އަދި ނަބިއްޔާގެ ސުންނަތުގައި އައިސްފައެއް ނުވެއެވެ. މިފަދަ އިސްމުފުޅުތަކުގެ ތެރޭގައި ”الـمُنْتَقِمُ“ (އެބަހީ: ބަދަލުހިއްޕަވާ ފަރާތް) ވެއެވެ. މިއިސްމުފުޅު ޤުރުއާނުގައި އެހެން ބަހަކާގުޅިގެން މެނުވީ އައިސްފައެއް ނުވެއެވެ. މިސާލަކަށް އަންނަނިވި އާޔަތްވެއެވެ. ﴿إِنَّا مِنَ الْمُجْرِمِينَ مُنْتَقِمُونَ﴾ السجدة: ٢٢ މާނައީ: ”ހަމަކަށަވަރުން، ތިމަންއިލާހު، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ.“ ނުވަތަ މިކަލިމައިން ނެގޭ ކަލިމަ، ”ذُوْ“ (އެބަހީ: ކަމެއް މިލްކުވުން ނުވަތަ ވެރި) އާއެކު މެނުވީ އައިސްފައެއް ނުވެއެވެ. މިސާލަކަށް އަންނަނިވި އާޔަތްވެއެވެ. ﴿وَاللَّهُ عَزِيزٌ ذُو انْتِقَامٍ﴾ آل عمران: ٤  މާނައީ: ”ﷲއީ، ބަދަލު ހިއްޕެވުމުގެ ވެރި، ގަދަފަދަވަންތަ އިލާހެވެ.“

ސ59: ކުރީގައި ބަޔާންވެފައިވާނޭ ފަދައިން ﷲ ގެ ސިފަފުޅުތައް ބެހިގެންވަނީ ދެބަޔަކަށެވެ. އެއިލާހުގެ ޛާތީ ސިފަފުޅުތަކާއި، އެއިލާހުގެ ޢަމަލުފުޅުތަކުގެ ސިފަފުޅުތަކަށެވެ. އެއިލާހުގެ ޛާތީ ސިފަފުޅުތައް ބަޔާންކޮށްދޭ ޤުރުއާނުގެ ދަލީލަކީ ކޮބާ؟

ޖ: އޭގެ މިސާލަކީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. ﴿بَلْ يَدَاهُ مَبْسُوطَتَانِ﴾  المائدة: ٦٤ މާނައީ: ”އަދި ކިއެއްތަ! އެއިލާހުގެ ދެއަތްޕުޅުވަނީ ހުޅުވި ތަނަވަސްވެގެންނެވެ.“ ﴿كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ﴾  القصص: ٨٨ މާނައީ: ”އެކަލާނގެ ވަޖުހުފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާހުށްޓެވެ.“ ﴿وَيَبْقَى وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ﴾  الرحمن: ٢٧ މާނައީ: ”އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިއިލާހުގެ ވަޖުހުފުޅު ދެމިވޮޑިގެންވެއެވެ.“ ﴿وَلِتُصْنَعَ عَلَى عَيْنِي﴾  طه: ٣٩ މާނައީ: ”އެއީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން ކަލޭގެފާނު ބޮޑުފުޅުވުމަށެވެ.“ ﴿أَبْصِرْ بِهِ وَأَسْمِعْ﴾  الكهف: ٢٦ މާނައީ: ”އެކަލާނގެ ބައްލަވާވޮޑިގަތުމާއި، އައްސަވާވޮޑިގަތުން ބޮޑުކަމާއެވެ!“ ﴿إِنَّنِي مَعَكُمَا أَسْمَعُ وَأَرَى﴾  طه: ٤٦ މާނައީ: ”ހަމަކަށަވަރުން، ތިމަންއިލާހު އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ ޙާލު، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ.“ ﴿يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِ عِلْمًا﴾  طه: ١١٠ މާނައީ: ”އެބައިމީހުންގެ ކުރިމަތީގައިވާ ކަންތައްތަކާއި، އެބައިމީހުންގެ ފަހަތުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެބައިމީހުންނަކަށް އެކަންތައްތަކުގެ ޢިލްމެއް ނުވެއެވެ.“ ﴿وَكَلَّمَ اللَّهُ مُوسَى تَكْلِيمًا﴾  النساء: ١٦٤ މާނައީ: ”މެދުވެރިއެއްނެތި މޫސާގެފާނަށް ﷲ ބަސް ވަޙީކުރެއްވިއެވެ.“ ﴿وَإِذْ نَادَى رَبُّكَ مُوسَى أَنِ ائْتِ الْقَوْمَ الظَّالِمِينَ﴾  الشعراء: ١٠ މާނައީ: ”ކަލޭގެފާނުގެ ވެރިރަސްކަލާނގެ މޫސާގެފާނަށް ނިދާ އިއްވެވިހިނދު ހަނދުމަކުރައްވާށެވެ! އަނިޔާވެރި ގައުމުގެމީހުންގެ ގާތަށް ކަލޭގެފާނު (ރަސޫލު ކަމާއިގެން) ވަޑައިގަންނަވާށެވެ.“ ﴿وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَنْ تِلْكُمَا الشَّجَرَةِ﴾  الأعراف: ٢٢ މާނައީ: ”އަދި އެ ދެކަނބަލުންގެ ވެރިއިލާހު، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންއިލާހު ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟“ ﴿وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَا أَجَبْتُمُ الْمُرْسَلِينَ﴾  القصص: ٦٥ މާނައީ: ”އަދި އެބައިމީހުންނަށް (އެބަހީ:މުޝްރިކުންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ ވަޙީ ކުރައްވާނެއެވެ. (ތިމަންއިލާހު ފޮނުއްވި) ރަސޫލުންނަށް ތިޔަބައިމީހުން ދިނީ ކޮން ޖަވާބެއް ހެއްޔެވެ؟“ މިފަދަ (ޛާތީ ޞިފަފުޅުތައް ދޭހަކޮށްދޭ) އެހެނިހެން އާޔަތްތަކެވެ.

ސ60 : އެއިލާހުގެ ޛާތީ ސިފަފުޅުތައް ބަޔާންކޮށްދޭ ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަންނަނިވި ޙަދީޘް ފަދަ ޙަދީޘްތަކެވެ. ((حِجَابُهُ النُّورُ، لَوْ كَشَفَهُ لأَحْرَقَتْ سُبُحَاتُ وَجْهِهِ مَا انْتَهَى إِلَيْهِ بَصَرُهُ مِنْ خَلْقِهِ))([1]) މާނައީ: ”އެއިލާހުގެ ފަރުދާކޮޅު ވަނީ ނޫރުންނެވެ. އެއިލާހު، އެފަރުދާކޮޅު ކަޝްފުކޮށްލައިފިކަމުގައިވާނަމަ، އެއިލާހުގެ ވަޖުފުޅުގެ ނޫރުން، އެއިލާހުގެ ފެނިވޮޑިގަތުން ފޯރާ ހިސާބުގައިވާ އެންމެހާ ޚަލްޤުތައް އަނދައިގެން ދިޔަހީއެވެ.“ (އެބަހީ: އެންމެހާ ޙަލްޤުތައް އަނދައިގެން ދިޔައީހެވެ. އެހެނީ؛ އެއިލާހުގެ ފެނިވޮޑިގަތުން ނުފޯރާ އެއްވެސް ހިސާބެއް ނުވެއެވެ.) އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((يَمِينَ اللهِ مَلأَى لَا يَغِيضُهَا نَفَقَةٌ سَحَّاءُ اللَّيْلَ وَالنَّهَارَ، أَرَأَيْتُمْ مَا أَنْفَقَ مُنْذُ خَلَقَ السَّمَوَاتِ وَالأَرْضَ، فَإِنَّهُ لَمْ يَغِضْ مَا فِي يَمِينِهِ، وَعَرْشُهُ عَلَى الْمَاءِ، وَبِيَدِهِ الأُخْرَى الْفَيْضُ أَوْ الْقَبْضُ يَرْفَعُ وَيَخْفِضُ))([2]) މާނައީ: ”ﷲގެ ކަނާއަތްޕުޅުވަނީ (ރިޒްޤާއި ފުދިވޮޑިގަތުމުން) ފުރިފައެވެ. ރޭގަނޑާއި ދުވާލު މެދުކެނޑުމެއްނެތި ހޭދަކުރިކަމުގައިވީނަމަވެސް އުނިނުވާހުށްޓެވެ. އުޑުތަކާއި ބިން ހެއްދެވީއްސުރެ، އެއިލާހު ހޭދަކުރެއްވި މިންވަރެއް ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން (އެހުރިހާ ޒަމާންތަކެއް ވަންދެން ހޭދަކުރެއްވި އިރުވެސް) އެއިލާހުގެ ކަނާއަތްޕުޅުގައިވާ އެއްޗަކުން އެއްވެސް އެއްޗެއް މަދެއްނުވެއެވެ. އަދި އެއިލާހުގެ ޢަރުޝިވަނީ ފެންގަނޑެއްގެ މަތީގައެވެ. އަދި އެއިލާހުގެ އަނެއް އަތްޕުޅުގައި ވަނީ އިޙްސާންތެރި ދެއްވުމާއި ހިއްޕެވުމެވެ. އެކަލާނގެ މީސްތަކުން (ގެ ދަރަޖަ) އުފުއްލަވައެވެ. އަދި (ހިއްޕަވައިގެން އެބައިމީހުންގެ ދަރަޖަ) ދަށްކުރައްވައެވެ.“ އަދި ދައްޖާލުގެ ވާހަކަ ބަޔާންކުރައްވާފައިވާ ޙަދީޘްގައިވެއެވެ. ))إِنَّ اللهَ لَا يَخْفَى عَلَيْكُمْ، إِنَّ اللَّهَ لَيْسَ بِأَعْوَرَ(( وَأَشَارَ بِيَدِهِ إِلَى عَيْنِهِ([3]) މާނައީ: ”ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ﷲ އޮޅިގެން ނުވާތެވެ. ހަމަކަށަވަރުން ﷲ އީ ލޯފަން އިލާހެއް ނޫނެވެ.“ އަދި (މިފަދައިން ޙަދީޘް ކުރައްވާފައި) ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ އަތްޕުޅުން، އެކަލޭގެފާނުގެ ލޯފުޅަށް އިޝާރާތް ކުރެއްވިއެވެ.

އަދި އިސްތިޚާރާނަމާދުގައި ކުރާ ދުޢާގައި ޙަދީޘް ކުރައްވާފައިވެއެވެ. ((اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلَا أَقْدِرُ، وَتَعْلَمُ وَلَا أَعْلَمُ، وَأَنْتَ عَلَّامُ الْغُيُوبِ))([4]) މާނައީ: ”އޭ ހައްދަވާ ބޮޑުކުރައްވާ އިލާހެވެ! ހަމަކަށަވަރުން މިއަޅާ، އިބަﷲގެ ޢިލްމުފުޅުގެ ޒަރިއްޔާއިން އިބަﷲގެ ޙަޟްރަތުން ހެޔޮކަންތަކަށް އެދެމެވެ. އަދި އިބަﷲގެ ކުޅަދުންވަންތަކަމުގެ ޒަރިއްޔާއިން، އިބަﷲގެ ޙަޟްރަތުން ކުޅަދާނަކަން ދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބަﷲގެ މާތް ދަރުމަވަންތަކަމުން ދެއްވުމަށް އެދިދަންނަވަމެވެ. ފަހެ، ހަމަކަށަވަރުން އެންމެހާ ކަމަކަށް ކުޅަދުންވަންތައެވެ. އަދި މިއަޅާ ނުކުޅެދިގެންވަމެވެ. އަދި އިބަﷲ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަމުއެވެ. އަދި މިއަޅާ ނުދަންނަމެވެ. އަދި އިބަﷲއީ ޣައިބުގައިވާ އެންމެހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ…“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّكُمْ لاَ تَدْعُونَ أَصَمَّ وَلاَ غَائِبًا، تَدْعُونَ سَمِيعًا بَصِيرًا قَرِيبًا))([5]) މާނައީ: ”ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ދުޢާކުރަނީ ބީރު އަދި ދުރުގައިވާ އިލާހަކަށް ނޫނެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން ތިޔަ ދުޢާކުރަނީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ، (މޮޅަށް އައްސަވާވޮޑިގެންވުމުންނާއި، މޮޅަށް ބައްލަވާވޮޑިގެންވުމުންނާއި، އަދި އެއިލާހުގެ ޢިލްމުފުޅުން) ގާތުގައި ވޮޑިގެންވާ އިލާހަކަށެވެ.“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((إِذَا أَرَادَ اللهُ أَنْ يُوحِيَ بِالأَمْرِ تَكَلَّمَ بِالْوَحْيِ))([6]) މާނައީ: ”ﷲ ކަމަކަށް އަމުރުކުރެއްވުމަށް ވަޙީކުރަން އެދިވޮޑިގެންފި ހިނދަކު، ވަޙީގެ ޒަރީޢާއިން ބަސްވަޙީ ކުރައްވައެވެ…“ އަދިވެސް ޤިޔާމަތުގެ ވާހަކަ ނަންގަނެވިގެންވާ ޙަދީޘްގައިވެއެވެ. ((يَقُولُ اللَّهُ تَعَالَى: يَا آدَمُ. فَيَقُولُ: لَبَّيْكَ))([7]) މާނައީ: ”ﷲ ތަޢާލާ ވަޙީ ކުރައްވާނެތެވެ. އޭ އާދަމްއެވެ! ފަހެ، އާދަމްގެފާނު ވިދާޅުވާނެތެވެ. އާދޭހެވެ…“ އަދި ޤިޔާމަތްދުވަހު، ﷲ އެއިލާހުގެ އަޅުންނަށް ބަސް ވަޙީކުރައްވާނެކަމާއި، ސުވަރުގޭގެ އަހުލުންނާ ބަސްވަޙީކުރައްވާނެކަމާއި، މިނޫނަސް ގުނާ ޢަދަދުނުކުރެވޭ އެތައް ޙަދީޘެއްވެއެވެ.


([1]) رواه مسلم (الإيمان / 293).

([2]) رواه البخاري (4684، 7411) ، ومسلم (الزكاة / 993).

([3]) رواه البخاري (3057، 3337) ، ومسلم (الفتن / 95، 100).

([4]) رواه البخاري (1162) ، وأبو داود (1538) ، والترمذي (480).

([5]) رواه البخاري (2992، 4205) ، ومسلم (الذكر / 44، 45).

([6]) (إسناده فيه ضعف) ، رواه ابن أبي عاصم في السنة (515) ، والآجري في الشريعة (126) ، وفي سنده نعيم بن حماد، وقد مضى القول فيه قريبا، وفي سند الحديث الوليد بن مسلم وهو يدلس تدليس تسوية، وقد عنعن الحديث عن شيخ شيخه.

([7]) رواه البخاري (4741) ، ومسلم (الإيمان / 379).

 411 total views