ހެނދުނާއިހަވީރުގެ ޛިކުރުތައް ކިއުމުގެ މުހިއްމުކަން

އުއްމުލް މުއުމިނީން ޖުވައިރިޔާ – ރަޟިޔަﷲ ޢަންހާ- ގެ އަރިޙުން ޢަބްދުﷲ ބިން ޢައްބާސް – ރަޟިޔަﷲ ޢަންހުމާ- ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އެއްދުވަހަކު ފަތިސްނަމާދަށްފަހު ތިމަންކަމަނާގެ ގަނޑުވަރަށް ނަބިއްޔާ- ޞައްލަﷲ ޢަލައިހިވަސައްލަމަ- ވަޑައިގެންނެވިއެވެ. އެވަގުތު ތިމަންކަމަނާ އިންނެވީ ފަތިސްނަމާދު ކުރައްވައިގެން ޛިކުރުކުރެއްވުމުގަ އެވެ. ކުޑަވަގުތުކޮޅަކު އިތުރުއެކަލޭގެފާނު ހުންނަވާފައި ނުކުމެވަޑައިގަތެވެ. ދެން އެތައްއިރެއްކުރައްވައި އެނބުރި އަނެއްކާވެސް ތިމަންކަމަނާގެ ގާތަށް ވަޑައިގަތެވެ. އޭރުވެސް ތިމަންކަމަނާ އިންނެވީ ޛިކުރުކުރެއްވުމުގަ އެވެ. އެވަގުތު އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ.“ ކަމަނާ އަދިވެސް ތިޔައިންނެވީ ތިމަންކަލޭގެފާނު ގަނޑުވަރުން އޭރު ނުކުމެވަޑައިގެންނެވި އިރުއްސުރެތޯއެވެ.“ ތިމަންކަމަނާ، އާދޭހެވެ ދެންނެވުމުން އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ކަމަނާ ހަތަރުކަލިމައެއް ތިން ފަހަރަށް ވިދާޅުވިނަމަ މިހުރިހާއިރު ތިޔަކުރެއްވި ޛިކުރުތަކަށްވުރެ މީޒާނުގައި އެކަލިމަތައް މާ ބަރުވާނެތެވެ.“

ދެން ޖުވައިރިޔާ –ރަޟިޔަﷲ ޢަންހާ- އެކަލިމަތައް ޢަބްދުﷲ ބިން ޢައްބާސް- ރަޞިޔަﷲ ޢަންހުމާ- އަށް އުނގަންނަވައިދެއްވިއެވެ. އެއީ އަޅުގަނޑުމެން ހެނދުނާއިހަވީރު ކިޔާ ޛިކުރުތަކުގެތެރޭގައި ހިމެނޭ ހެނދުނުގައި ކިޔާ ”سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ“ އެވެ.

ލޮބުވެތި އަޚުންނޭވެ! މި ކުޑަކުޑަ ޙާދިޘާއިން ހެނދުނާއިހަވީރުގެ ޛިކުރުތައް ކިއުމުގެ މުހިއްމުކަން ޘާބިތުވެއެވެ. އަދި ރަސޫލާ-ޞައްލަﷲޢަލައިހިވަސައްލަމަ- ގެ ސުންނަތުގައި ވާރިދުވެފައިވާ ދުޢާތަކާއި ޛިކުރުތައް ކިއުމަކީ އޭގެ ސަބަބުން ކުޑަވަގުތުކޮޅެއްގެތެރޭގައި ގިނަގުނަ ޘަވާބާއިދަރުމަ ލިބެނިވިކަމެއްކަން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. 

އާއެކެވެ. ކޮންމެ ދުވަހެއްގެ ހެނދުނާއިހަވީރު ކިއުމަށް ވާރިދުވެގެން އައިސްފައިވާ ޛިކުރުތަކުން އެކިކަންކަމަށް ފުދިގެންދެއެވެ. ﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދޭމީހާއަށް ހެނދުނާއިހަވީރު ސައްޔިދުލް އިސްތިޣުފާރު اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ މި ދުޢާ ހިމެނިގެންވެއެވެ. ހެނދުނު މި އިސްތިޣްފާރަކީ ޔަޤީންކަމާއިއެކު ކިޔައިފިމީހާ އިރުއޮއްސުމުގެކުރިން މަރުވެއްޖެނަމަ އެމީހަކަށް ސުވަރުގެ ލިބޭނެކަމަށް ވާރިދުވެގެންވާ ޛިކުރެކެވެ. އަދި ކުއްލި މުޞީބާތްތަކުން ސަލާމަތްވާން އެދޭނަމަ بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ މިފަދަ ޛިކުރުތައްވެއެވެ. އަދި ދުނިޔެޔެއާއި މުދަލާ އަހުލުވެރިންނާއި ދަރިން އެކި މުސީބާތްތަކުން ރައްކާތެރިކޮށް ޢާފިޔަތުގެ ނިޢުމަތް އެދޭނަމަ ކިޔުމަށްވެސް ޛިކުރުތައް ވެއެވެ. ހަމައެގޮތަށް ކަނޑުގެ ލޮނުގަނޑުން އުފެދޭ ފޮނުހާ ގިނަ ފާފަ ކުރެވިފައިވީނަމަވެސް ހެނދުނާއި ހަވީރު سُبْحَانَ اللهِ وَبِحَمْدِهِ ސަތޭކަފަހަރު ކިޔައިފިނަމަ އެފާފަތައް އިންޝާﷲ ފޮހެވިގެންދާނެއެވެ. މިފަދަ އެތައް ޛިކުރެއް ހިމެނޭއިރު މިޛިކުރުތައް ފަރުވާތެރިކަމާއިއެކު ކިޔުމަކީ ދެދުނިޔޭގައިވެސްރައްކާތެރިކަންލިބޭނެކަމެއްކަށް ކަށަވަރެވެ. އަދި އޭގެސަބަބުން ރިޒުޤުތަނަވަސްވެ ހިތުގެ ހަމަޖެހުން އިތުރުކޮށްދޭނެކަމެކެވެ.

ވީމާ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ހެނދުނާއި ހަވީރު ކިއުމަށް ވާރިދުވެގެންވާ ޛިކުރުތައް ކިޔަމާތޯއެވެ. އެއްކޮށް ނުކިޔުނުނަމަވެސް އޭގެތެރެއިން ބައެއް ނަމަވެސް ދޫކޮށްނުލައި އާދަވެގެން ކިޔަމާތޯއެވެ. އެހެނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ- އެކަލޭގެފާނުގެ ހުރިހާ ފާފައެއް ފުއްސެވިގެންވާ ޙާލުގައިވެސް ކޮންމެ ފަތިސްނަމާދަކަށްފަހު އިރުއަރާ އަލިވަންދެން އެކަލޭގެފާނު ނަމާދުކުރެއްވި ތަނެއްގައި އެޛިކުރުތައް ކިޔުއްވުމަށް އިންނަވައެވެ. އެހެންވީރު އަޅުގަނޑުމެން ފާފަތަކުގައި ޣަރަގުވެފައިވާ އިންސާނުން މި ޛިކުރުތައް ކިއުން މާއައުލާވެގެންވޭ ނޫންތޯއެވެ؟

 285 total views