ﷲ ގަންދީ ބުނަމެވެ. ބަނޑުގައި ދެން އިތުރު ޖާގައެއްނެތެވެ.

މިއީ މީގެ އެތަށް ޤަރުނެއްގެ ކުރިން ހިނގާފައިވާ ވާޙަކައެކެވެ. އެކަމަކު ތެދު ޙަޤީޤަތެކެވެ. މިކަން ހިނގާފައިވަނީ މަދީނާގައެވެ. ފެންނަ މަންޒަރަކީ އެރަށުގެ މަގެއްގެ މައްޗެވެ. އެމަގުގެ އެއްފަރާތުގައި އެއިންނެވީ ޒުވާންބޭކަލެކެވެ. ވަރަށް ނިކަމެތި ޙާލުގައެވެ. ކާނެ ބޯނެ އެއްޗެއް ނެތިގެން ހައިހޫނުކަން ތަޙައްމަލު ކުރަމުން ދަނީއެވެ. ބަނޑުގައިވަނީ އަތްތިލަވަރުގެ ހިލައެއް ބަދެފައެވެ. ކާއެއްޗެއް ނުކައި ހުރުމުގެސަބަބުން ބަނޑުހައިވެގެން ހިނދިފައެވެ.

އެބޮޑުމަގުގެ އެއްފަރާތުގައި އިށީނދެގެން އިންނެވިއެވެ. އެކަމަކު އެއީ ސަލާންޖަހާކަށް ނޫނެވެ. އެކަލޭގެފާނުގެ ޙާލުކޮޅުފެނި މަގުމަތިން ދާމީހަކު ކެއުމަކަށް ދަޢުވަތު ދެއްވާފާނެތޯއެވެ. ކުޑަ ހިނދުކޮޅެއްގެ ފަހެވެ. މަގުގެ ކޮޅުން ހިންގަވާފައި އެވަޑައިގަންނަވަނީ އުމްމަތުގެ ތެދުވެރިޔާއެވެ. އަބޫބަކުރުގެފާނެވެ. އެކަލޭގެފާނު ވަޑައިގެން އެއްކަލަ ޒުވާންބޭފުޅާއާއި އަރާހަމަވުމުން އެ ޒުވާނާ ޤުރުއާނުގެ އާޔަތަކާއި ބެހޭގޮތުން ސުވާލެއްކުރެއްވިއެވެ. އެ ސުވާލަށް ޖަވާބު ދެއްވާފައި އަބޫބަކުރުގެފާނު ވަޑައިގަތެވެ. އެކަލޭގެފާނަށް އެޒުވާންބޭފުޅާގެ ހާލުކޮޅެއް ފާހަގަވެ ވަޑައިނުގެންނެވީކަމެއް ނުވަތަ އެކަލޭގެފާނުގެ އަތްޕުޅުގައިވެސް މީހަކަށް ދިއްކޮށްލާނެ އެއްޗެއް ނެތީ ނޫންކަމެއް ސާފެއްނޫނެވެ. އޭގެ އިރުކޮޅެއްފަހުން އެ ޒުވާނާގެ އަރިހުގައި އެހުންނެވީ އުއްމަތުގެ ފާރޫޤު ޢުމަރު ބިން ޚައްޠާބުގެފާނެވެ. އެކަލޭގެފާނަށްވެސް އެ ޒުވާނާ ސުވާލެއްކުރިއެވެ. އެކަލޭގެފާނުވެސް ޖަވާބުދެއްވާފައި ވަޑައިގެންނެވިއެވެ.

އުއްމަތުގެ އެންމެ މާތް ދެބޭކަލުންނަށްވެސް އެޒުވާނާގެ ޙާލަތެއް ފާހަގަވެވަޑައިނުގަތެވެ. ޢިއްފަތެރި އަބުރުވެރިންނަކީ ސަލާންޖަހާ މީހުންކައިރީ އާދޭސްކުރާބައެއްނޫނެވެ. އެޒުވާނާއަކީވެސް އެފަދަ އަބުރުވެރި ބޭކަލެކެވެ. ކޮންމެ ދަތިކަމަކަށްފަހު ފަސޭހަކަމެއް އަންނަ އުޞޫލުން އެޒުވާނާއަށް އުއްމީދު އާވެއްޖެއެވެ. އުފާވެރިކަށް އިޙްސާސް ވެއްޖެއެވެ. ކަންފަތްފުޅުގައި ޖެހުނު އެޙަދީޘުފުޅުންނެވެ.

”އޭ އަބޫ ހުރައިރާއޭ! ތިމަންކަލޭގެފާނުގެ ފަހައްޕުޅުން ވަޑައިގަންނަވާށެވެ“. އެޒުވާނާގެ ނަމުން ގޮވާލެއްވި އަޑުފުޅު އައިދިމާއަށް ބަލާލިއެވެ. ހިނިވަރުނަކުރައްވައިގެން ކުރިމަތީގައި އެހުންނެވީ ކޮންބޭކަލެއްތޯއެވެ؟ އެކުއުޅޭ އެކުވެރިންގެ އިޙްސާސް ތައް އެބޭކަލުންގެ ދުލުން ބަޔާންކުރުމުގެ ކުރިން އެކަން ދެނެގަންނަ އެންމެ ހެޔޮ ޞާޙިބާއެވެ. އާނއެކެވެ. މުޅި މަދީނާގެ ވެރިޔާއެވެ. މުޅި އާދަމުގެ ދަރިންގެ ޞާޙިބާއެވެ. ތިހީފުޅުކުރެއްވީ ރަނގަޅަށެވެ. އެއީ ކައުއިތުރު ނަބިއްޔާ މުޙައްމަދު -ޞައްލަﷲޢަލައިހި ވަސައްލަމަ- އެވެ.

އެކަލޭގެފާނަށް އަބޫހުރައިރަތުގެފާނު މާދުރުން ފެނިވަޑައިގެންވަގުތުވެސް އެކަލޭގެފާނު އެއިންނެވީ ބަނޑުހައިވެގެންކަން ދެނެވަޑައިގަތެވެ. އެހެންކަމުން އަބޫ ހުރައިރަތުގެފާނު ގޮވައިގެން ވަޑައިގެން ވަދެވަޑައިގަތީ ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ- ގެ  އަނބިކަނބަލެއްގެ ގަނޑުވަރަށެވެ. ކަންދިމާކުރިގޮތުން އެކަމާނާގެ ގަނޑުވަރުގައި ރޯކިރުއަޅާފައިވާ ކަންވާރެއް ހުއްޓެވެ. އެއީ އެހެން ޞަހާބީއަކު ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ- އަށް ހަދިޔާކުރެއްވި އެއްޗެއްކަމަށް އަނބިކަނބަލުންވިދާޅުވިއެވެ. ދެމީހަކަށް ފުދޭވަރެއްގެ ކިރުކޮޅެކެވެ. ނަމަވެސް އަބޫހުރައިރަތުގެފާނަށް ލިނބުނު ހަމަޖެހުން ފުޑުފުޑުވިކަހަލައެވެ. އެއީ ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ-އެކަލޭގެފާނަށް ގޮވާލައްވާ އެ ޙަދީޘުފުޅުކުރެއްވި ބަސްފުޅުންނެވެ. ނަމަވެސް ކިތަމެ ހައިވެފައި ހުއްޓަސް ﷲއާއި އެއިލާހުގެ ރަސޫލާގެ ބަސްފުޅުގެ މައްޗަށް އަމިއްލަ އެދުން އިސްކުރަށްވަން އަބޫހުރައިރަތުގެފާނުގެ އީމާންކަން އެއްބަހެއްނުވިއެވެ. ”ލައްބައޭ“ ވިދާޅުވެ އެގަނޑުވަރުން ނުކުންނަވައިފިއެވެ. ހިތާހިތުން އެތަށް ވާހަކައެއް އަމިއްލަ ނަފްސަށް ދަންކަމުން އެކަލޭގެފާނު ގޮސް އެވެންނެވީ މަސްޖިދުއްނަބަވީއަށެވެ. އެމިސްކިތުގެ އުތުރުފަރާތުގައި ތިއްބެވި މުހާޖިރުންގެ ފަޤީރު ބޭކަލުންނަށް ގޮވާލައްވާ އެބޭކަލުން ޖަމާކުރައްވައިގެން އެވަޑައިގަތީ އަނެއްކާވެސް އެއްކަލަ ގަނޑުވަރުކޮޅަށެވެ. ހުއްދަ ލިބިވަޑައިގަތުމުން އެހުރިހާ ބޭކަލުން އެގަނޑުވަރުކޮޅަށް ވަދެވަޑައިގެން އިށީނދެ ހަމަޖެހުމާއިއެކު އެއްކަލަ ކިރުފޮދު އަޅާފައި ހުރި ކަންވާރު ނައްގަވާ އެ ކަންވާރު ހާޒިރުވެ ވަޑައިގެން ތިއްބެވި ބޭކަލުންގެ ތެރެއިން ފަހަރަކު ބޭކަލަކަށް ދެއްވުމަށް ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ- އަނެއްކާވެސް ޙަވާލުކުރެއްވީ އަބޫހުރައިރަތުގެފާނަށެވެ. އެކަލޭގެފާނަށް އެއިން ކިރުފޮދެއްނުލިބި މިއެންމެބޭކަލުން ބޯއިރު ހުސްނުވާނެބާއޭ ހިތަށްއަރުވަމުން ފަހަރަކު ބޭކަލަކަށް އެކަންވާރު އެބަ ފޯރުކޮށްދެއެވެ. އެމަޖްލިހަށް ޙާޟިރުވެ ވަޑައިގެން ހުރިހާ ބޭކަލުން ބަނޑުފުރެންދެން ކިރުފޮދު ހިއްޕަވާ ނިމުނު އިރުވެސް އެކަންވާރުގައި ކިރު ހުއްޓެވެ. އަނެއްކާވެސް ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ-ހިނިވަރުނަ ކުރަންވާ ”އޭ އަބޫ ހުއްރާއޭ!“ ޙަދީޘުކުރައްވައިފިއެވެ. އެހެނީ އެކަލޭގެފާނަށް އަބޫހުރައިރާގެ މޫނުފުޅުމައްޗަށް އަރައިފޭބި އިޙްޞާޞްތައް ފެނިވަޑައިގެން އެކަލޭގެފާނު ވެފައިވާ ހައިހޫނުކަމުން އެކަންވާރުން ކިރުފޮދެއްނުލިބި ކަންވާރު ހުސްވެދާނެކަމަށް ބިރުފުޅުން ހުންނެވިކަން ދެނެވަޑައިގަތެވެ.

“ ލައްބައިކަ“ މިހެއްވިދާޅުވެ އަބޫހުރައިރަތުގެފާނު ޖަވާބުދާރިވެވަޑައިގަތުމުން ޙަދީޘުކުރެއްވިއެވެ. ”ބާކީ މިތިއްބެވީ ތިންމަންމެން ދެބޭކަލުންނޭނޫންތޯއެވެ؟“ އަބޫހުރައިރަތުގެފާނު އާދޭހޭ ދެންނެވުމުން އަނެއްކާވެސް ޙަދީޘުކުރެއްވިއެވެ. ”އޭ އަބޫ ހުއްރާއެވެ! އިށިއިދެވަޑައިގެން ބާކީ ހުރި ކިރުފޮދު ހިއްޕަވާށެވެ“ އަވަސްއަވަހަށް އަބޫ ހުރައިރަތުގެފާނު ބަނޑުހައިހޫނުކަން ފިލުވުމަށް އިށީނދެވަޑައިގެން ކިރުފޮދު ހިއްޕެވިއެވެ. އެންމެ ފަހަރަކުނޫނެވެ. ދެތިންފަހަރުއެވެ. ކޮންމެ ފަހަރަކުވެސް އަދި އިތުރަށް ހިއްޕަވާށޭ ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ- ޙަދީޘުފުޅު ކުރެއްވުމުން އަނެއްކާވެސް އިތުރަށް ހިއްޕަވަނީއެވެ. އެހެން ހިއްޕަވަމުން ގޮސް އެންމެފަހުން ”ޙައްޤުދީނާގެން ކަލޭގެފާނު ފޮނުންވި ފަރާތްޤަންދެއްވާ ދަންނަވަމެވެ. ދެން ތިމަންކަލޭގެފާނުގެ ބަނޑުގައި އިތުރަށް ކިރުފޮދެއްބޯނެ ޖާގައެއްނެތެވެ.“ އަބޫ ހުރައިރަތުގެފާނު ދަންނަވައިފިއެވެ. ދެން ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ- އަބޫ ހުރައިރަތުގެފާނުގެ އަތްޕުޅުން އެކަންވާރު ނަންގަވާ ބާކީ އިން ކިރުފޮދު ހިއްޕެވިއެވެ.

އެކުވެރިންނޭ! މިއީ މިއުންމަތުގެ ބޭކަލުންގެ ޙަޔާތުން ކުޑަކުޑަ ޙަދިޘާއެކެވެ. އެބޭކަލުން މަދީނާގައި އުޅުއްވީ މިފަދަ ތަދުމަޑުކަމުގައެވެ. ނަމަވެސް ﷲއާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަށްވެވަޑައިގަތެވެ. އެދެފަރާތުގެ އަމުރުފުޅަށް ތަބާވެވަޑައިގަތެވެ. އެކަމުގެ ސަބަބުން އެބޭކަލުންގެ ޙަޔާތްފުޅުގައި ބަރަކާތްލެއްވިގެން ދިޔައެވެ. މި ވާހަކާއިންވެސް އެކަށް ހާމަވެއްޖެއްނޫންތޯއެވެ. ދެމީހަކަށް ފުދޭވަރެއްގެ ކިރުފޮދަކުން ”އަހުލުއްޞުއްފަ“ގެ ނިކަމެތި ޙާލުގައި ތިބި ބޭކަލުންނާއި އަބޫހުރައިރަތުގެފާނާއި އަދި ނަބިއްޔާ-ޞައްލަﷲޢަލައިހިވަސައްލަމަ-ވެސް ބަނޑުފުރާ ކިރުފޮދު އެހިއްޕެވީ އެކަލޭގެފާނުގެ އަމުރުފުޅަށް އަބޫހުރައިރަތުގެފާނު އެކިރުފޮދަށް ބޭނުންވާ ޙާލުވެސް ކިޔަމަތްތެރިވެ ވަޑައިގަތުމުގެ ސަބަބުންނެވެ. ﷲތަޢާލާ އެކިރުފޮދުގައި ބަރަކާތްލައްވާ އެ އިތުރުކޮށްދެއްވިއެވެ.

އަޅުގަނޑުމެންވެސް މިދަނީ ތަދުމަޑުކަމާއި ދިމާއަށެވެ. މުޅިދުނިޔެމިވަނީ ބަލިމަޑުކަމެއްގެ ސަބަބުން ހުއްޓިފައެވެ. ކާބޯތަކެތި އިސްރާފުނުކޮށް އިޤްތިޞާދުކުރައްވާށެވެ. އަދި ﷲއާއި ރަސޫލާގެ އަމުރުފުޅުތައް ފަރުދީގޮތުންނާއި ޤައުމީ ގޮތުން ތަންފީޒު ކުރައްވާށެވެ. އޭރުން ﷲ ބަރަކާތްލައްވާނެއެވެ.

މަޞްދަރު: صحيح البخاري، كتاب الرقائق.

 1,016 total views