”އޭރު ހުރީ ޤުރްއާނުގެ ސޫރަތެއް ކިޔަވާށެވެ. އެ ސޫރަތް ފުރިހަމަނުކޮށް މެދުކަނޑާލަން ބޭނުންނުވީއެވެ.“

މި ވާހަކަ މިއަދު އަޅުގަނޑުމެންނަށް ޤަބޫލުކުރަން ދަތިވެދާނެއެވެ. ނަމަވެސް މިއީވެސް ހަމަ ތެދު ވާހަކައެކެވެ. ހިނގާފައިވާ ޙާދިޘާއެކެވެ. އަދުގެ ޒުވާނުން ލިބިގަންނަންޖެހޭ ޢިބުރަތެކެވެ.

 އެއީ ރޭގަނޑެއްގެ މެންދަމުގެ ވަގުތެވެ. ވަށައިގެންވަނީ އަނދަރިކަމެވެ. އެބޭކަލަކު އެހުންނެވީ ކޮންތާކުކަން އެނގޭތޯއެވެ؟ ބޮޑު ސަހަރާއެއްގެ ތެރޭގައިވާ ވާދީއެއްގެ ތުންފަތްމަތީގަ އެވެ. ގިނިކަންޏާއެއް ނޫނެވެ. އެއީ މަދީނާގެ ޒުވާނެކެވެ. އަންޞާރިއްޔަ ބޭކަލެކެވެ. އެކަލޭގެފާނު މިހާ ދަންވަރު ވާދީތެރޭގައި ކުރައްވާކަމެއް ބަލާލާހިތުން މިހާރު ތިހުރީ ކެތްމަދުވެފައި ހެއްޔެވެ؟ އެކަލޭގެފާނު އެކުރައްވަނީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ނެތިފައިވާ އާދައެކެވެ. އެކަލޭގެފާނު ހުންނެވީ ދަމުނަމާދަށެވެ. އަނެއްކާވެސް އަނެއް ސުވާލެވެ. މަދީނާގެ ގޭގައި ނުހުންނަވާ ވާދީއެއް ތެރޭގައި އެހުންނެވީ ކީއްވެގެންތޯއެވެ؟ ނޫނެކެވެ. އެކަލޭގެފާނަކީ ބަކަރި ހުއިހައްޕަން ސަހަރާތެރެއަށް ނުކުމެ އުޅުއްވާ ބޭކަލެއްނޫނެވެ. އެކަލޭގެފާނު އެރޭގެ އެވަގުތުގައި އެވާދީގެ ތުންފަތްމަތީގައި އެހުންނެވީ ކައުއިތުރު ނަބިއްޔާ-ޞައްލަﷲޢަލައިހި ވަސައްލަމަ- ގެ އަމުރުފުޅަށެވެ.

ނަބިއްޔާ -ޞައްލަﷲ ޢަލައިހިވަސައްލަމަ- އެކަލޭގެފާނަށް އެހެން އަމުރުފުޅުކުރެއްވީ ކީއްވެގެންތޯއެވެ؟ އެވަގުތު ނަބިއްޔާ-ޞައްލަﷲޢަލައިހި ވަސައްލަމަ- ކޮބައިތޯއެވެ؟ އެތަނުގައި ނަމާދު ކުރައްވަން އެހުންނެވީ ވަކި ސަބަބެއް އޮވެގެންތޯއެވެ؟ އެއީ އަނެއްކާ ޚާއްޞަ މާތްކަމެއް ލިބިގެންވާ ވާދީއަކީތޯއެވެ؟ މިއީ ހައްތަހާވެސް ތިބޭފުޅުންގެ ހިތްޕުޅަށް އަރާ ފައިބާނެ ސުވާލުތަކެކެވެ. މި ސުވާލުތަކަށް މިފަހަރު ޖަވާބުދެއްވާނީ އަޅުގަނޑެއްނޫނެވެ. މީގެ އެތައް ޤަރުނެއްކުރިން އެވާދީގައި އެވަގުތު ހަމަ ހުންނެވި އެހެން ބޭކަލެކެވެ.

 އެއީ މަތިވެރި ޞަހާބީ ޖާބިރު ބިން ޢަބްދުﷲ- ރަޟިޔައްﷲޢަންހެވެ. އެކަލޭގެފާނުގެ ކިބައިން އިމާމް އަޙްމަދާއި އިމާމް އަބޫ ދާވޫދު ރިވާކުރައްވާފައިވެއެވެ.

 އެހެންފަހަރަކު ތިމަންބޭކަލުން ނަބިއްޔާ-ޞައްލަﷲޢަލައިހި ވަސައްލަމަ-ގެ އަރިހުގައި ހަނގުރާމައަކަށް ނުކުތީމެވެ. އެއީ ”ޣަޒުވަތު ޛާތުއްރިޤާޢު“ އޭ ކިޔުނު ހަނގުރާމައެވެ. މިހަނގުރާމަ ކުރެވުނީ މުސްލިމުންނާއި ޣާޠުފާނު ވަންހައިގެ އައުރާބީންނާއި ދެމެދުއެވެ. ކަންވީ ގޮތަކީ އެމީހުން މަދީނާއަށް ހަމަލާދީ މަގުފޭރޭން އުޅޭކަމުގެ ޚަބަރު ލިބިވަޑައިގަތުމުން ހަތްސަތޭކަ ބޭކަލުންނާއި އެކު އެމީހުން ދިރިއުޅޭ ހިސާބަށް ވަޑައިގަތީއެވެ. މިޚަބަރު ކޮންމެވެސް ގޮތަކަށް ލިބިގެން އެއްކަލަ އައުރާބީންތައް ބިރުން ފިލަން ފަރުބަދަތަކުގެ މައްޗަށް ގޮސްފިއެވެ. ބައެއް މީހުން އަނބިދަރިންވެސް ދޫކޮށްލާފައެވެ. ކޮންމެއަކަސް މުސްލިމުންނަށް މިހިސާބަށް އާދެވުނު އިރު ކާފަރު ފިރިހެނުންތައް ފިލާފިކަން އެނގުމުން އިތުރު ނަބީކަލޭގެފާނު ޤަޞްދުކުރެއްވީ އެނބުރި މަދީނާއަށް ވަޑައިގަތުމަށެވެ. ދަތުރު ފަށަންވެފައިވަނިކޮށް މުސްލިމުންގެ މުޖާހިދެއް އެއްލި ތީރަކުން ކާފަރުންގެ އަންހެނެއް ޒަޚަމުވިއެވެ. ދެން އެކަނބުލޭގެ ހައްޔަރުކޮށް އަސީރަކަށް ހަދައިގެން މުސްލިމުން މަދީނާއަށް ދިޔުމަށް ދަތުރުފެށިއެވެ.

 މުސްލިމުން އެނބުރި ދިޔަކަން ކަށަވަރުވުމުން ފިލަން ފަރުބަދަ މައްޗަށްދިޔަ ފިރިހެނުންތައް އެމީހުންގެ ފޭލިގެތަކަށް އަތުވެއްޖެއެވެ. ދެން އަސީރުކުރެވުނު އަންހެން މީހާގެ ފިރިސޮރަށް އަނބިމީހާ އަސީރުކުރިކަން އެނގިގެން ވަރުއަރުވާފައި މުޙައްމަދުގެފާނުގެ އަޞްޙާބުންގެ ތެރެއިން މީހެއްގެ ލޭއޮހޮރުވާފައި ނޫނީ އަހުރެން މައިތިރިއެއްނުވާނަމޭ ކިޔާފައި މުސްލިމުންގެ ލަޝްކަރުގެ ފަހަތުން ނުކުމެއްޖެއެވެ.

 މަދީނާއާއި ދިމާލަށް ދަތުރުކުރަމުން އައި މުސްލިމުންގެ ލަޝްކަރު އިރުއޮއްސުމުން ވާދީއަކަށް ފައިބައިފިއެވެ. ދެން ޖާބިރުގެފާނު ވިދާޅުވިއެވެ. “ އެވާދީގެ ތެރެއަށް ފައިބައި އެރޭ އެތަނުގައި ރޭކުރެއްވުމަށް ނަބިއްޔާ-ޞައްލަﷲޢަލައިހި ވަސައްލަމަ- ނިންމެވިއެވެ. އަދި ލަޝްކަރުގެ ފާރަވެރިއަކަށް ތިބޭނީ ކޮންބޭކަލުނެއްތޯ ސުވާލުކުރެއްވިއެވެ. އެވަގުތު އަންޞާރުންގެ ތެރެއިން ޒުވާން ބޭކަލަކާއި މުހާޖިރުންގެ ތެރެއިން ބޭކަލަކު އެކަމަށް އިސްނެއްގެވިއެވެ. ދެން އެ ދެބޭކަލުންނަށް ވާދީގެ ފެށޭހިސާބުގައި ތިބުމަށް އަމުރުކުރެއްވިއެވެ. އަދި ލަޝްކަރުގައި ބާކީ ތިއްބެވި ބޭކަލުން އަވަހާރަފުޅުލެއްޕެވިއެވެ. ދެން އެއްކަލަ ދެބޭކަލުން ހަތިޔާރާއި އެކު ވާދީއަށް ވަދެވެން އޮންނަ ހިސާބަށް ދުރުވިއެވެ. އަދި އެއަށްފަހު ކޮންމެވެސް އެއްބޭކަލަކު އިރާކޮޅު ހޭލާހުންނަވާފައި މެންދަމު އަނެއްބޭކަލަކު ހުންނަވާގޮތަށް ކަނޑައެޅުންވިއެވެ. އެގޮތުން އެންމެ ފުރަތަމަ ހޭލާ ހުންނަވާގޮތަށް ހަމަޖެހުނީ އަންޞާރިއްޔަ ބޭފުޅާއެވެ. އެހެންކަމުން މުހާޖިރިއްޔަ ބޭފުޅާ (މައްކާއަށް ނިސްބަތްވާ) އެކަލޭގެފާނުގެ އެކުވެރިޔާ އާއި މާދުރުނޫން ހިސާބެއްގައި އޮށޯވެ ވަޑައިގެންފިއެވެ.

 ކުޑަވަގުތުކޮޅެއްގެ ތެރޭގައި މުޅިވާދީގެ ތެރެ އަޑުމަޑުވެއްޖެއެވެ. މުޅި ލަޝްކަރުގެ އެންމެން އަވަހާރަފުޅު ލައްޕަވައިފިއެވެ. ދެން ހޭލާ ދަމަށް ހުންނެވި އަންޞާރިއްޔަ ބޭފުޅާވެސް ކުޑަކޮށް މަޑުކޮށްލާފައި ނުރައްކަލެއް ނެތްކަމަށް ބައްލަވާފައި ވުޟޫކޮށްލައިގެން ނަމާދު ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު ނަމާދުގެ ތެރޭގައި ރަނގަޅަށް މަޝްޣޫލުވެވަޑައިގެންފި އެވެ. ކީރިތި ޤުރްއާނުގެ އާޔަތްތައް ތިލާވަތުކުރައްވަމުން ވަޑައިގަންނަވަމުން ދިޔައެވެ. އެއް ރަކުޢަތް ކުރައްވާ އަނެއް ރަކުޢަތަށް ފައްޓަވައިފިއެވެ. ޤުރުއާނުގެ އަސަރުގައި އެކަލޭގެފާނު ވަށައިގެންވާ މާހައުލުވެސް ހަނދާނުން ކައްސާލިކަހަލައެވެ. އެތަންވަޅު މުސްލިމުންގެ ލަޝްކަރުގެ ފަހަތުން ނުކުތް އެއްކަލަ އަސީރުކުރެވުނު އަންހެންމީހާގެ ފިރމީހާއަށް އެ ވާދީއާ ހިސާބަށް އާދެވިއްޖެއެވެ. މީހަކު ނަމާދަށް ހުރިކަން އޭނާއަށް އިހުސާސުވެގެން އެވާނީ މުސްލިމުންގެ ލަޝްކަރުގެ ފާރަވެރިޔާއަށް ކަމަށް ހިތާހިތުން ބުނެފިއެވެ. އަދި އެ އަޑުއަންނަ ދިމާއަށް އޭނާގެ އަތުގައިވާ ތީރުތަކުން ތީރެއް ދޫކޮށްލައިފިއެވެ. އެންމެ ފުރަތަމަ ތީރުވެސް ގޮސް ހެރުނީ ނަމާދަށް ހުންނެވި އެއްކަލަ އަންޞާރިއްޔަ ބޭފުޅާގެ ހަށިކޮޅަށެވެ. ދެން ކަންތައްވީ ކިހިނެއްތޯއެވެ. އެކަލޭގެފާނަށް ކަމެއްވީކަންވެސް އިހުސާސު ނުވާކަހަލައެވެ. އެހުންނެވި ގޮތަށް ހުންނެވިއެވެ. އަޑު ކަނޑައިގެން ނުދިޔައީމާ އެއްކަލަ ކާފަރުކަލޭގެ ދެވަނަ ތީރެއް ފޮނުވާލިއެވެ. މިފަހަރުވެސް ހަމަ ކަމެއްވީކަމަކަށް ނުދެއްކިއެވެ. އޭނާ ތިންވަނަ ތީރު ފޮނުވާލިއެވެ.

”سبحان الله  ތިމަންކަލޭގެފާނަށް ކުރިން އިޝާރާތެއް ނުކުރެއްވީ ކީއްވެގެއްތޯ؟“ މިފަހަރު އިތުރު އަޑެއް އިވުމާއި އެކު އެއްކަލަ ކާފަރުކަލޭގެ އޭނާކުރި ހުވާ ފުދިއްޖެކަމަށް ބަލާފައި އޭނާގެ ރަށާދިމާއަށް ފިލައިގެން ދުއްވައިގަތެވެ.

ދެން ޖާބިރުގެފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ތިންވަނަ ތީރު ހަށިކޮޅަށް އެރުމުން އެއްކަލަ އަންޞާރިއްޔަ ބޭފުޅާ ނަމާދު ކުރުކޮށްލައްވާ ސަލާން ދެއްވާފައި ކައިރީގައި އަވަހާރަފުޅުލައްޕަވާފައި އޮތް އެކުވެރި މުހާޖިރިއްޔަ ބޭފުޅާ ގައިގައި ކޮށްޓަވާލެއްވިއެވެ. ހަމަ ކޮށްޓަވާލެއްވުމުން އެކަލޭގެފާނު ހޭފުޅުލެއްވިއެވެ. އަދި އެކުވެރިޔާ ޒަޚަމްވެފައިވާތަން ފެނިވަޑައިގެން ކުރިން ނުގޮވީ ކީއްވެތޯ ސުވާލުކުރެއްވިއެވެ. ދެން ޖަވާބުގައި އެ އަންޞާރިއްޔަ ބޭފުޅާ ވިދާޅުވިކަމަށް ޖާބިރުގެފާނު ދެންނެވިއެވެ.

“ އޭރު ތިމަންކަލޭގެފާނު ހުންނެވީ ސޫރަތެއްކިޔުއްވާށެވެ. އެސޫރަތް އެއްކޮށް ފުރިހަމަ ނުކޮށް މެދު ކަނޑާލަން ބޭނުންފުޅުވެ ވަޑައިނުގަތީއެވެ“.

ﷲ އަކްބަރު. ލޮބުވެތި އަޚުންނޭވެ! އުޚްތުންނޭވެ! އެބޭކަލުންގެ ހިތްޕުޅުގައި ކީރިތި ޤުރްއާނަށް ދެވިފައި އެވަނީ ހާދަހާ މަތިވެރިކަމެކެވެ. އެބޭފުޅުންނަށް ޤުރްއާނުން އެ ލިބިލައްވަނީ ހާދަހާ މަތިވެރި އުފަލެކެވެ. އިހުސާސެކެވެ. ނަމަވެސް އަދު އަޅުގަނޑުމެންވެސް މިކިޔަވަނީ ހަމަ އެ ޤުރްއާނެވެ. އެ އިހްސާސެއް ނުވެއެވެ. އަބަދުވެސް ބަލަނީ އަވަހަށް ނިންމާލެވޭތޯއެވެ. ޤުރްއާންކިޔަވަން އިންދާ ފޯނުން އަޑެއް އިވުނަސް ކިޔެވުން ހުއްޓާލާފައި ބަލާލެވެނީ އަތުގައި އޮންނަ ފޯނަށެވެ. ވައިބާރއިން މެސެޖެއް އައިތޯ ޗެކުކޮށްލެވެނީ ކިތައްފަހަރުކަމެއް ނޭނގެއެވެ.

ކޮންމެއަކަސް ދެން ހެނދުނުވުމުން އެ ލަޝްކަރު އެނބުރި މަދީނާއަށް ދިޔައީއެވެ. މިހިސާބުން ވާހަކަ ނިމުނީއެވެ.

 1,632 total views