ހުކުރު ދުވަހެއްގައި ބާވާލެއްވުނު މި އާޔަތް ޔަހޫދީންނަށް ބާވާލެއްވުނުނަމަ އެމީހުން ތިބީ އެދުވަސް ޢީދުދުވަހަކަށް ހަދާށެވެ.

ޔަހޫދީންނަކީ ސަމާވީ ދީނެއްގެ ބައެކެވެ. އެމީހުންނަކީ އެކި ޒަމާންތަކުގައި އެމީހުންގެ ނޭއްގާނީކަމާއި މަކަރުވެރިކަމަށް މަޝްހޫރު ބައެކެވެ. އަދި އެއީ ހަސަދަވެރިކަމާއި ބޮޑާކަމުގެ ޞިފަ ލިބިގެންފައިވާ ބައެކެވެ. މިކަން އެންމެ ރަނގަޅަށް އެނގެނީ އިސްލާމީ ތާރީޚުންނެވެ. 

އެންމެ ފުރަތަމަ އެބައިމީހުން ފާރިސީންނާއި ރޫމީންގެ އެކި ވެރިކަންތަކުގައި ވަނީ ބައިތުލް މަޤްދިސުން ނެރެލެވިފައެވެ. ނަތިޖާއެއްގެ ގޮތުން އެބައިމީހުން ޝާމުކަރައިން ނުކުމެ، ދެން އައިސް ވަޒަންވެރިވީ އެންމެ ފަހުގެ ނަބިއްޔާ ހިޖްރަ ކުރައްވާނެކަމަށް އެމީހުންގެ އަތުގައިވާ ތައުރާތުގައި ބަޔާންކޮށްދެއްވާފައިވާ ޞިފަތައް ލިބިގެންވި ހިސާބެއްގައެވެ. ޢަރަބިކަރައިގައެވެ. އެއްބަޔަކު ފަދަކު އާއި ޖައުމަތުލް ޖަންދަލު އަދި ވާދީ ޤުރާގައެވެ. އަނެއްބަޔަކު ޚައިބަރުގައެވެ. އޭގެތެރެއިން ތިން ޤަބީލާއެއް ”ޔަޘްރިބޭ“ ކިޔުނު ރަށުގައިވެސް ވަޒަންވެރިވިއެވެ. މިމީހުން ވެގެން ދިޔައީ އެންމެ ފަހުގެ ނަބިއްޔާގެ އަވައްޓެރީންކަމުގައެވެ. އެއީ އެމީހުންގެ ރަށް ”ޔަޘްރިބަށް“ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ހިޖްރަ ކުރެއްވުމުންނެވެ. ފަހުން އެރަށް އަލްމަދީނާގެ ގޮތުގައި މަޝްހޫރުވެގެން ދިޔައީއެވެ.

ކޮންމެއަކަސް، މިޔަހޫދީންނަށް އެމީހުންގެ ވަޒަނަށް އެވަޑައިގެންނެވީ އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާކަން އެމީހުންގެ ދަރީން އެއީ ދަރީންކަން އެނގޭހާ ސާފުކޮށް އެނގި ކަށަވަރު ވިއެވެ. ނަމަވެސް، ޔަހޫދީންގެ ތެރެއިން ނޫން ގޮތަކަށް އެރަސޫލާ ފާޅުވުމަކީ މިމީހުން ޤަބޫލުކުރަން ބޭނުންވި ޙަޤީޤަތެއް ނޫނެވެ. ނަތީޖާއަކަށްވީ އެމީހުން އެރަސޫލާއާއި ދެކޮޅުވެރިވުމެވެ. އެއްބަސްވި އެއްބަސްވުމަށްޣަދަރުވެރިވުމެވެ. އާޚިރުގައި އެމީހުން މަދީނާއިން ބޭރުކޮށްލެވުނެވެ. އަދި އެވަރުންވެސް ޢަދާވާތްތެރިކަން ފާޅުކުރުން އިތުރުކުރުމުގެ ނަތީޖާއަކަށް ވީ، މުސްލިމުން އެމީހުންގެ ރަށެއްކަމުގައިވާ ޚައިބަރު ފަތަޙަކުރެއްވުމެވެ. އަދި އެންމެ ފަހުން ޢުމަރުގެފާނުގެ ވެރިކަމުގައި އެޔަހޫދީން އެކުއެކަށް ޢަރަބި ޖަޒީރާއިން ނެރެލެވުނެވެ. ނަމަވެސް، އެއާއި އެކުވެސް ބައެއްފަހަރު ޔަހޫދީންގެ ތެރެއިން ބައެއްމީހުން ވިޔަފާރިކުރުން ފަދަ ކަންކަމުގައި ޢަރަބިޖަޒީރާގެ ރަށްރަށް ކަމަށްވާ މަދީނާއާއި، ޚައިބަރާއި ޠާއިފުގައި ހިސާބަކަށް އަހަރުގެ ބައެއް ދުވަސްވަރު ތިބެއެވެ. މިހެން ތިބި މީހުންގެ ތެރެއިން މީހަކާއި މުސްލިމުންގެ ދެވަނަ ޚަލީފާ އާއި މެދު ހިނގައި ދިޔާ އާދަޔާ ޚިލާފު ވާހަކައެއް އޮވެއެވެ. އެއީ މިލިޔާ ވާހަކައެވެ.

ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު ވެރިކަންކުރައްވަމުން އައި މަތިވެރި މަދީނާއަށް ޒިޔާރަތްކުރި ޔަހޫދީއަކު އެކަލޭގެފާނުގެ ދަރުބާރަށް ދިޔައެވެ. މީނާ ދިޔައީ ހަދިޔާއެއް ހިފައިގެން ނުވަތަ ގެއްލިފައިވާ ޙައްޤެއް ހޯދާކަށް ނޫނެވެ. އެހެންނަމަވެސް، އޭނާއަށް ޤުރުއާން ކިޔެވުމުގެތެރޭގައި ފެނުނު އާޔަތްތަކާއި މެދު ޢުމަރުގެފާނަށް ޚަބަރު ދޭށެވެ.

“ މުއުމިނުންގެ އަމީރެވެ! ތިޔަބޭކަލުންގެ ފޮތުގައި އެވާ އާޔަތްތައް އަހަރެމެން ޔަހޫދީންނަށް ބާވާލެއްވުނުނަމަ އެއާޔަތް ބާވާލެއްވުނު ދުވަސް އެއީ ކޮންމެ އަހަރަކު އަހަރެމެން ފާހަގަ ކުރާ ޢީދަކަށް ހެދީމުހެވެ.“ ޔަހޫދީކަލޭގެ ޢުމަރުގެފާނުގެ އަރިހުގައި ބުންޏެވެ.

އެވަގުތު މުޅި އެދަރުބާރު އެކީއެކަށް މިޔަހޫދީ ކަލޭގެ މިބުނާ އާޔަތަކީ ކޮބައިކަން ދެނެގަތުމަށް ޝައުޤުވެރިވެއްޖެއެވެ.  އަދި ޚުދު ޢުމަރުގެފާނުވެސް އެއާޔަތަކާއި ބެހޭގޮތުން ސުވާލުކޮށްފިއެވެ. ދެން މިޔަހޫދީކަލޭގެ އިރުގަނޑަކު ހުރެފައި އެއީ ކޮން އާޔަތެއްކަން ބުނެފިއެވެ. އެވަގުތު މުސްލިމުންގެ ދެވަނަ ޚަލީފާ ވިދާޅުވިއެވެ. “ ﷲ ގަންދީ ދަންނަވަމެވެ. ތިޔަ އާޔަތް ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ގެ މައްޗަށް ބާވާލެއްވުނު ދުވަހާއި ވަގުތު ތިމަންކަލޭގެފާނަށް އެގިވަޑައިގަނެއެވެ. އެއީ އެކަލޭގެފާނު ޢަރަފާތުބިމުގައި ހުންނަވަނިކޮށް، އެދުވަހުގެ އިރު މެދުން ފިލާ އިރު އޮއްސުމާއި ދެމެދުގެ ވަގުތުތަކުގެ ތެރެއިން ވަގުތެއްގައެވެ“.

ލޮބުވެތި އަޚުންނޭ! އުޚުތުންނޭ! އެ އާޔަތެއް ޔަހޫދީންނަށް ބާވައިލެއްވިނަމަ އެދުވަހެއް އެއީ ޢީދުދުވަސްކަމަށް އެމީހުން ކަނޑައަޅަށް ނިންމައިގެން އެތިބީ، އެއީ ހަފްތާ ހަތްދުވަހުން މިފަދަ ހުކުރު ދުވަހެކެވެ. އެއީ މީގެ ގާތްގަނޑަކަށް 1430 އަހަރު ކުރިން ހިޖްރައިން 10 ވަނަ އަހަރުގެ ޙައްޖުމަހުގެ ނުވައެއްވީ ހުކުރު ދުވަހުގެ ޢަޞްރުވަގުތުގައި ހިނގައިދިޔަ ހާދިޘާއެކެވެ. ދެން އޮތީ އެއީ ކޮންސޫރަތެއްގެ، ކޮން އާޔަތެއްތޯޯ ހިތަށް އަރާ ސުވާލެއްނޫންތޯއެވެ. އެއީ ސޫރަތުލް މާއިދާގެ ތިންވަނަ އާޔަތުގެ ބައެކެވެ. އެއީ ﷲ ތަޢާލާގެ މިބަސްފުޅެވެ. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا )

މާނައީ: މިއަދު ތިމަންއިލާހު ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް އެކީ އެކަށް ފަތުރާލައި ނިންމަވައިފީމެވެ. އަދި އިސްލާމްދީނަކީ އެއީ ތިޔަބައިމީހުން ދިރިއުޅެންވީ ގޮތްކަމަށް ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.

އެ ޔަހޫދީ ކަލޭގެއަށް މިއާޔަތުގެ މުހިއްމުކަން ވިސްނުނަސް އަދު އަހަރުމެނަށް އެކަން އެބަ ވިސްނޭތޯއެވެ. ޔަހޫދީން މި އާަޔަތް އެމީހުންނަށް ބާވާލައްވާތޯ އެ އެދުނީ މިއާޔަތުގައިވާ މާނައިގެ ފުންކަމާއި އެކަމުން އެ ކުރަހައިދޭ ވަރުގަދަ ޤަވައިދާ އަސާޞުގެ ހަރުދަނާކަމުންނެވެ. އެހެނީ، މިއާޔަތުން މި ދޭހަވަނީ އިސްލާމްދީނަކީ ﷲ ތަޢާލާ ފުރިހަމަކޮށްދެއްވާފައިވާ އެއިލާހުގެ ނިޢުމަތްތަކުގެ ތެރެއިން މުސްލިމުންނަށް ދެއްވި ނިޢުމަތެއްކަމެވެ. އަދި އެއިލާހު އެވަނީ، އެދީނުގައިވާ އެންމެހައި ކަންތައްތަކަށް ރުހިވޮޑިގެންނެވެ. އަހަރެމެން އިންސާނުން ކުރާ ހުރިހާކަމެއް ކުރަނީ ”ރުހުން ހޯދާށެވެ“. އިންސާނަކު އަނެއް އިންސާނާގެ ރުހުންވިޔަސް ނުވަތަ ކަލާނގެ ރުއްސެވުން ވިޔަސްވެސްމެއެވެ. މިހެން މިކަންއޮތްއިރު ކަލާނގެ ރުއްސެވުން ހޯދާނެމަގު ކަލާނގެ ފުރިހަމަކޮށްދެއްވުމަކީ އުފާކޮށް ޝުކުރުވެރި ވާންޖެހޭނެކަމެކެވެ. އެކަމަކު އަޅުަގަނޑުމެނަށް އެކަމާއި އެބަ ޝުކުރުވެރިވެވޭތޯއެވެ. އަބަދުވެސް ދޮންމީހުން ފަހަތުން ދުވުން ނޫންކަމެއް ކުރެވޭތީ މިހާރު ނުފެނެއެވެ. އަޅެ އިސްލާމުން އެމީހުންގެ ދީނަށް ރުޖޫޢަވާކަށް ނުވޭތޯއެވެ؟

 1,572 total views