ޢަޤީދާގެ 200 ސުވާލާއި ޖަވާބު (14): ސުވާލު 61 އިން 65 އަށް

ސ61: އެއިލާހުގެ ޢަމަލުފުޅުތަކުގެ ސިފަފުޅުތައް ބަޔާންކޮށްދޭ ޤުރުއާނުގެ ދަލީލަކީ ކޮބާ؟

ޖ: އޭގެ މިސާލަކީ އަންނަނިވި ވަޙީ ބަސްފުޅުފަދަ ވަޙީ ބަސްފުޅުތަކެވެ. ﴿ثُمَّ اسْتَوَى إِلَى السَّمَاءِ﴾ البقرة: ٢٩ މާނައީ: ”(ބިމާއި ބިމުގައި ވާހާތަކެއްޗެއް ހެއްދެވުމަށްފަހު)، ދެން އުޑު ހެއްދެވުމަށް އިރާދަކުރެއްވިއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿هَلْ يَنْظُرُونَ إِلَّا أَنْ يَأْتِيَهُمُ اللَّهُ﴾ البقرة: ٢١٠ މާނައީ: ”ތުނި ވިލާތަކުގެ ހިޔާތަކެއްގެ ތެރެއިން ﷲގެ (ކޯފާގެ) އަމުރުފުޅާއި، އަދި މަލާއިކަތުން އެބައިމީހުންގެ ގާތަށް އައުމަށް މެނުވީ، އެބައިމީހުން ބަލަބަލައި ނުތިބެނީ ހެއްޔެވެ؟ އެހިނދު ނިޔާކަނޑައެޅި ނިމިއްޖެއެވެ. “ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّماوَاتُ مَطْوِيَّاتٌ بِيَمِينِهِ﴾ الزمر: ٦٧ މާނައީ: ”ﷲއަށް ޤަދަރުކުރުން ޙައްޤުވެގެންވާގޮތުގައި، އެބައިމީހުން އެކަލާނގެއަށް ޤަދަރެއް ނުކުރެއެވެ. އަދި ޤިޔާމަތްދުވަހުން، މުޅިބިން، އެކަލާނގެ މުށްޕުޅުގެ ތެރެއަށް ލައްވާހުށްޓެވެ. އަދި އުޑުތައްވާހުށީ، ފަށްޖަހައިލައްވާފައިވާ ޙާލު، އެކަލާނގެ ކަނާތްޕުޅުގައެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿مَا مَنَعَكَ أَنْ تَسْجُدَ لِمَا خَلَقْتُ بِيَدَيَّ﴾ ص: ٧٥ މާނައީ: ”(ﷲ ވަޙީ ކުރެއްވިއެވެ.) ތިމަންއިލާހު އަތްޕުޅުން ހެއްދެވި މީހަކަށް ސަޖިދަކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَكَتَبْنَا لَهُ فِي الْأَلْوَاحِ مِنْ كُلِّ شَيْءٍ﴾ الأعراف: ١٤٥ މާނައީ: ”(ދީނާބެހޭ) ކޮންމެކަމެއް (ތައުރާތުގެ) ފިލާތަކުގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ލިޔެދެއްވީމެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿فَلَمَّا تَجَلَّى رَبُّهُ لِلْجَبَلِ جَعَلَهُ دَكًّا﴾ الأعراف: ١٤٣ މާނައީ: ”ފަހެ، އެކަލޭގެފާނުގެ ވެރިއިލާހު ފަރުބަދަޔަށް ތަޖައްލީވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވިއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَنْ تِلْكُمَا الشَّجَرَةِ﴾ الحج: ١٨ މާނައީ: ”ހަމަކަށަވަރުން، ﷲ، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވައެވެ.“ މިފަދަ އެހެނިހެން އާޔަތްތަކެވެ.

ސ62: އެއިލާހުގެ ޢަމަލުފުޅުތަކުގެ ސިފަފުޅު ބަޔާންކޮށްދޭ ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: އޭގެ ދަލީލަކީ އަންނަނިވި ރަސޫލާގެ ޙަދީޘް ފަދަ ޙަދީޘެވެ. ((يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ))([1]) މާނައީ: ”އަހަރެމެންގެ ވެރިރަސްކަލާނގެ، ކޮންމެ ރެއެއްގެ ފަހު ތިންބައިކުޅަ އެއްބައިގައި ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާ ހުއްޓެވެ.“ އަދި ޝަފާޢަތުގެ ވާހަކަ ބަޔާންވެގެންވާ ޙަދީޘްގައި ވެއެވެ. ((فَيَأْتِيهِمْ اللَّهُ فِي صُورَتِهِ الَّتِي يَعْرِفُونَ فَيَقُولُ: أَنَا رَبُّكُمْ. فَيَقُولُونَ: أَنْتَ رَبُّنَا))([2]) މާނައީ: ”ފަހެ، އެބައިމީހުންނަށް އެނގޭނެފަދަ ޞޫރަފުޅެއްގައި، ﷲ އެބައިމީހުންގެ (ގާތަށް) ވޮޑިގަންނަވާނެތެވެ. ފަހެ، އެއިލާހު ވަޙީކުރައްވާނެތެވެ. ތިމަންނައީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އެހިނދު އެބައިމީހުން ދަންނަވާނެތެވެ. ތިޔައީ އަހަރެމެންގެ ވެރިރަސްކަލާނގެއެވެ.“ މި ޙަދީޘްގައި އަހަރެމެން މާނަމިކުރަނީ ޢަމަލުފުޅުގެ ޞިފަފުޅުކަމުގައިވާ އެބައިމީހުންގެ ގާތަށް ވޮޑިގެންވުމަށެވެ. އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ اللَّهَ يَقْبِضُ يَوْمَ الْقِيَامَةِ الأَرْضَ وَتَكُونُ السَّمَوَاتُ بِيَمِينِهِ، ثُمَّ يَقُولُ: أَنَا الْمَلِكُ))([3]) މާނައީ: ”ހަމަކަށަވަރުން، ޤިޔާމަތްދުވަހު ދުނިޔެ ﷲގެ މުށްޕުޅުގެ ތެރެއަށް ލައްވާހުށްޓެވެ. އަދި އުޑުތައް ވާހުށީ އެއިލާހުގެ ކަނާއަތްޕުޅުގައެވެ.  ދެން އެއިލާހު ވަޙީ ކުރައްވާނެއެވެ. ރަސްކަލާނގެއީ ތިމަންކަލާނގެއެވެ.“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((لَمَّا خَلَقَ اللَّهُ الْخَلْقَ كَتَبَ بِيَدِهِ عَلَى نَفْسِهِ أَنَّ رَحْمَتِي تَغْلِبُ غَضَبِي))([4]) މާނައީ: ”ޚަލްޤުތައް ޚަލްޤުކުރެއްވުމަށްފަހު، އެއިލާހުގެ އަތްޕުޅުން އެއިލާހުގެ ނަފްސުފުޅަށް ލިޔުއްވިއެވެ. ހަމަކަށަވަރުން، ތިމަންއިލާހުގެ ކޯފާގެ މައްޗަށް ތިމަންއިލާހުގެ ރަޙްމަތް ގަދަވެގެންވެއެވެ.“ އަދި އާދަމްގެފާނާއި މޫސާގެފާނުގެ ވާހަކަ ބަޔާންވެގެންވާ ޙަދީޘްގައިވެއެވެ. ((فَقَالَ آدَمُ: يَا مُوسَى! إِنَّ اللهَ اصْطَفَاكَ بِكَلاَمِهِ وَخَطَّ لَكَ التَّوْرَاةَ بِيَدِهِ))([5]) މާނައީ: ”ފަހެ، އާދަމްގެފާނު ވިދާޅުވިއެވެ. އޭ މޫސާއެވެ! ހަމަކަށަވަރުން، ﷲ ވަނީ (މެދުވެރިއެއްނެތި) އެއިލާހުގެ ބަސްފުޅު ކަލޭގެފާނުގެ މައްޗަށް ވަޙީ ކުރެއްވުމުގެ ސަބަބުން ކަލޭގެފާނު ޚިޔާރު ކުރައްވާފައެވެ. އަދި އެއިލާހުގެ އަތްޕުޅުން ކަލޭގެފާނަށްޓަކައި ތައުރާތު ލިޔުއްވާ ދެއްވާފައެވެ.“ ފަހެ، ﷲ ތަޢާލާގެ ބަސްވަޙީކުރެއްވުމާއި، އެއިލާހުގެ އަތްޕުޅަކީ އެއިލާހުގެ ޛާތީ ދެ ޞިފަފުޅެވެ. އަދި އެއިލާހު ބަސްވަޙީ ކުރެއްވުމަކީ އެއިލާހުގެ ޛާތީ އަދި ޢަމަލުފުޅުގެ ޞިފަފުޅެކެވެ. އަދި އެއިލާހު ތަވްރާތު ލިޔުއްވުމަކީ ޢަމަލުފުޅުގެ ޞިފަފުޅެކެވެ. އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ، وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا))([6]) މާނައީ: ”އިރު ހުޅަނގުފަރާތުން އަރައްޖެއުމަށް ދާންދެން، ހަމަކަށަވަރުން، ދުވާލު ފާފަކުރާމީހާއަށް ތައުބާލެއްވުމަށްޓަކައި، ރޭގަނޑު ﷲ، އެއިލާހުގެ އަތްޕުޅު ހުޅުއްވާލައްވައެވެ. އަދި ރޭގަނޑު ފާފަކުރާމީހާއަށް ތައުބާލެއްވުމަށްޓަކައި، ދުވާލު އެއިލާހުގެ އަތްޕުޅު ހުޅުއްވާ ލައްވައެވެ.“ މިފަދަ އެތައް ޙަދީޘްތަކެއްވެއެވެ.

ސ63: އެއިލާހުގެ ކޮންމެ ޢަމަލުފުޅުގެ ޞިފަފުޅުން އިސްމުފުޅު ނެގިދާނެ ހެއްޔެވެ؟ ނޫނީ އެންމެހާ އިސްމުފުޅުތަކަކީ އުނިއިތުރު ނުގެނެވޭނެ އިސްމުފުޅުތައް ހެއްޔެވެ؟

ޖ: އެއިލާހުގެ ކޮންމެ ޢަމަލުފުޅުގެ ޞިފަފުޅުން އިސްމުފުޅެއް ނުނެގޭނެއެވެ. އަދި އެއިލާހުގެ އިސްމުފުޅުތަކަކީ އުނިއިތުރު ނުގެނެވޭނެ އިސްމުފުޅުތަކެކެވެ. އެއިލާހުގެ ފޮތުގައި އެއިލާހު ބަޔާންކުރައްވާފައިވާ އިސްމުފުޅަކުން، ނުވަތަ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެއިލާހަށް ނިސްބަތްކުރައްވާފައިވާ އިސްމުފުޅަކުން ނޫނީ އެއިލާހަށް އިސްމުފުޅު ނިސްބަތް ނުކުރެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ ޛާތުފުޅަށް ޢާއްމުކޮށް ނިސްބަތްކުރައްވާފައިވާ ކޮންމެ ޢަމަލުފުޅަކުން އިސްމުފުޅެއް ނުނެގޭނެއެވެ. އޭގެތެރެއިން ބައެއް ޢަމަލުފުޅުތަކުން އެއިލާހު (ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކުގައި) ޞިފަކުރައްވާފައިވެއެވެ. މިސާލެއްގެގޮތުން އަންނަނިވި އާޔަތްވެއެވެ. ﴿اللَّهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ﴾ الروم: ٤٠ މާނައީ: ”ތިޔަބައިމީހުން ހައްދަވައި، ދެން ތިޔަބައިމީހުންނަށް ރިޒްޤުދެއްވައި، ދެން ތިޔަބައިމީހުން މަރުގަންނަވައި، ދެން ތިޔަބައިމީހުން އަލުން ދިރުއްވަނީ ﷲއެވެ.“

     (މިއާޔަތުގައި) އެކަލާނގެއީ ”الخَالِقُ“ (ޚަލްޤުކުރައްވާ ފަރާތް)، ”الرَّازِقُ“ (ރިޒްޤުދެއްވާ ފަރާތް)، ”الـمُحْيِيْ“ (ދިރުއްވާ ފަރާތް)، ”الـمُمِيْتُ“ (މަރުއްވާ ފަރާތް)، ”الـمُدَبِّرُ“ (ތަދުބީރުކުރައްވާ ފަރާތް) ކަމުގައި އެވަނީ ބަޔާންކުރައްވާފައެވެ. (އެކަލާނގެއަށް މި ޞިފަފުޅުތައް ލިބިވޮޑިގެންވީނަމަވެސް، ބަޔާންވެދިޔަ އާޔަތްތަކުގައި އެވަނީ ކަމުގެ ގޮތަށް ގެންނަވާފައެވެ. ކަމުގެ ގޮތަށް އައިސްފައިވާ އާޔަތްތަކަކުން އެކަލާނގެ އިސްމުފުޅުގެ ދަލީލަކަށް ނުފުދޭނެއެވެ. އެކަލާނގެ އިސްމުފުޅެއްނަމަ ދަލީލުތަކުގައި އައިސްފައިވާންޖެހޭނީ ނަމެއްގެ ގޮތަށެވެ.)

     އަދި އޭގެތެރެއިން ބައެއް ޢަމަލުފުޅުތައް އެއިލާހުގެ ނަފްސުފުޅަށް ނިސްބަތްކުރައްވާފައިވަނީ ޖަޒާއެއްގެގޮތުން އަދި ގޮންޖެއްސެވުމުގެ ގޮތުންނެވެ. މިފަދަ ޢަމަލުފުޅުތައް ބަލައިގަންނަންވާނީ އެބަޔާންކުރައްވާފައިވާގޮތަށް، އެޢަމަލުފުޅުތަކުގައި ރިވެތިކަމާއި ފުރިހަމަކަން ވާކަން ދެނެގެންވާ ޙާލުއެވެ. މިސާލެއްގެގޮތުން އަންނަނިވި އާޔަތްތައްވެއެވެ. ﴿يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ﴾ النساء: ١٤٢ މާނައީ: ”ހަމަކަށަވަރުން، މުނާފިޤުން، ﷲ އަށް އޮޅުވާލުމަށް ރޭވިއެވެ. އަދި އެއިލާހު އެބައިމީހުންނަށް އޮޅުއްވާލެއްވިއެވެ.“ ﴿وَمَكَرُوا وَمَكَرَ اللَّهُ وَاللَّهُ خَيْرُ الْمَاكِرِينَ﴾ آل عمران: ٥٤ މާނައީ: ”އެބައިމީހުން (އެބަހީ: ކާފަރުވި މީހުން) މަކަރުވެރި ނުބައި ރޭވުންތައް ރޭވިއެވެ. އަދި (އެބައިމީހުންނަށް ޖަޒާއެއްގެ ގޮތުގައި) ﷲ ވެސް ރޭއްވެވިއެވެ. ﷲއީ އެންމެ މޮޅު ރޭއްވެވުން ތެރިޔާއެވެ.“ ﴿نَسُوا اللَّهَ فَنَسِيَهُمْ﴾ التوبة: ٦٧ މާނައީ: ”އެބައިމީހުން ﷲ ހަނދުމަނެތި ކޮށްލިއެވެ. ދެން ﷲ އެބައިމީހުންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ.“

     ނަމަވެސް މިފަދަ އެއްވެސް އާޔަތެއް، އެއިލާހު ބަޔާންކުރައްވާފައިވާ ގޮތަށް މެނުވީ އެއިލާހަށް ނިސްބަތްކޮށްގެން ނުވާނެއެވެ. އެއްވެސް ޙާލެއްގައި އެއިލާހު މަކަރު ހައްދަވައޭ، އަދި އޮޅުވާ ލައްވައޭ، އަދި މަލާމާތްކުރައްވައޭ ފަދަ ބަސްތައް ބުނެގެންނުވާނެއެވެ. އަދި ހަމައެފަދައިން، އެއިލާހީ މަކަރުހައްދަވާ ފަރާތޭ، އޮޅުއްވާލައްވާ ފަރާތޭ، މަލާމާތްކުރައްވާ ފަރާތޭ ބުނެގެންނުވާނެއެވެ. ހަމަބުއްދި ހުރި މުސްލިމަކު މިފަދަ ބަހެއް އެއިލާހަށް ނިސްބަތްނުކުރާނެއެވެ. އެހެނީ، ހަމައެކަނި މިފަދަ ޢަމަލުތައް ކުރާމީހުންނަށް ޖަޒާއެއްގެގޮތުން މެނުވީ، މަކަރު ހެއްދެވުމާއި، އަދި އޮޅުވާލެއްވުން ފަދަ ޞިފަތައް ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ނަފްސުފުޅަށް ނިސްބަތްކުރައްވާފައެއް ނުވެއެވެ. އެނގިގެންވާގޮތުގައި، މަޚްލޫޤުންނަށް މިފަދަ ޢަމަލުތައް ޢަދުލުވެރިކަމާއެކު ނިސްބަތްކުރުމަކީ ރިވެތިކަމަކަށްވާއިރު، ޚާލިޤުވަންތަ، މޮޅަށް ދެނެވޮޑިގެންވާ، ޢަދުލުވެރި، ޙިކުމަތްވަންތަ އިލާހަށް ނިސްބަތްކުރުން މާއައުލާވެގެންވެއެވެ.

ސ64 : ”الأَعْلَى“ (އެބަހީ: އެންމެ މަތިވެރި ފަރާތް) މިއިސްމުފުޅުންނާއި، މިއިސްމުފުޅުގެ މާނާގައި އައިސްފައިވާ ”الظَّاهِرُ“ ”القَاهِرُ“ ”الـمُتَعَالِي“ ފަދަ އިސްމުފުޅުތަކުން ނެގޭ ޞިފަފުޅުތަކަކީ ކޮބާ؟

ޖ: ”الأَعْلَى“ (އެބަހީ: އެންމެ މަތިވެރި ފަރާތް) މި އިސްމުފުޅުން ނެގެނީ އެންމެ މަތިވެރި ވެގެންވާކަމުގެ ޞިފަފުޅެވެ. އަދި އިސްމުފުޅުން ޘާބިތުކޮށްދެނީ އެއިލާހަކީ ހުރިހާ މާނައެއްގައިވެސް އެންމެ މަތިވެރިވެގެންވާ އިލާހުކަމެވެ. އެއިލާހު ވޮޑިގެންވަނީ އެއިލާހުގެ ޢަރުޝި މަތީގައިކަމާއި، އެއިލާހުގެ އެންމެހާ މަޚްލޫޤުންނަށްވުރެ މަތިވެރިވެވޮޑިގެން، އެމަޚްލޫޤުތަކާ ވަކިވެވޮޑިގެންކަމެވެ. އަދި އެއިލާހު މަތިވެރިވެ ވޮޑިގެންވާއިރުވެސް، އެއިލާހުގެ މަޚްލޫޤުންގެ އެންމެހާކަމެއް ހިންގަވައި، އެބައިމީހުންގެ އެންމެހާކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުގެ ޢިލްމުފުޅު ވަނީ އެންމެހާ އެއްޗެއް ވަށާލައިގެންނެވެ. އެބައިމީހުންނަކަށް ކިތަންމެ ކުޑަކަމެއް ނަމަވެސް އެއިލާހަށް ވަންހަނާ ނުކުރެވޭ ހުއްޓެވެ. އަދި ބާރުވެރިވަންތަކަމުގައި އެކަލާނގެ މަތިވެރިވެގެންވުމަކީ: އެކަލާނގެ މައްޗަށް ގަދަވެގަނެވޭނެ އެއްވެސް ފަރާތެއްނުވުމާއި، އެކަލާނގެއާ ދެބަސްވެ އަރާރުންވާނެ ފަރާތެއްނުވުމާއި، އެކަލާނގެއާ ދެކޮޅުވެރިވެވޭނެ ފަރާތެއް ނުވުމާއި، އެކަލާނގެއަށް ކަންކަން މަނާކުރާނެ ފަރާތެއްނުވުމެވެ. އެންމެހާ އެއްޗެއް ވަނީ އެކަލާނގެ މަތިވެރިވަންތަކަމުގެ ކުރިމަތީގައި ދަށްވެގެންނެވެ. އެކަލާނގެ ޢިއްޒަތްވަންތަކަމުގެ ކުރިމަތީގައި ނިކަމެތިވެގެންނެވެ. އެކަލާނގެ ކިބްރިޔާވަންތަކަމުގެ ކުރިމަތީގައި ދެރަވެ ނިކަމެތިވެގެންނެވެ. އެންމެހާ އެއްޗެއް ވަނީ އެކަލާނގެ މިލްކުވެރިކަމާއި ބާރުފުޅުގެ ދަށުގައެވެ. އެކަލާނގެ ބާރުވަންތަކަމުގެ ދާއިރާއިން އެއްވެސް އެއްޗަކަށް ނުނިކުމެވޭނެއެވެ. އަދި އެކަލާނގެއީ ހައިބަތުގެގޮތުން މަތިވެރިވަންތަ ފަރާތެކެވެ. ފަހެ، އެންމެހާ ފުރިހަމަ ޞިފަފުޅުތަކެއް އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ. އަދި އެންމެހާ އުނިޞިފަތަކުން އެކަލާނގެ ހުސްދުރުވެވޮޑިގެންވެއެވެ. އެކަލާނގެއީ ޢިއްޒަތްވަންތަ، ޖަލާލުވަންތަ، މަތިވެރިވަންތަ ކަލާނގެއެވެ. އެކަލާނގެ މަތިވެރިވުމުގެ މާނައިގެ ތެރޭގައި މިހުރިހާ މާނައެއްވެސް ވަންނާނެއެވެ. މީގެ އެއް މާނައާއި އަނެއް މާނަ ވަކިނުކުރެވޭނެއެވެ.

ސ65 : ﷲ ވޮޑިގެންވަނީ (ހަތްއުޑުގެ) މަތީގައިކަމުގެ ޤުރުއާނުގެ ދަލީލަކީ ކޮބާ؟

ޖ: މިކަމުގެ މައްޗަށް ދަލީލުކުރާ ޞަރީޙަ ދަލީލުތައް ގުނާ ޢަދަދު ނުކުރެވޭ ހުއްޓެވެ. ފަހެ، އޭގެތެރޭގައި ބަޔާންވެދިޔަ އިސްމުފުޅުތަކާއި، އެމާނާގައިވާ އިސްމުފުޅުތައްވެއެވެ. އަދި ﷲގެ ވަޙީ ބަސްފުޅުވެއެވެ. ﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى﴾ طه: ٥ މާނައީ: ”ރަޙްމާންވަންތަ ރަސްކަލާނގެ، ޢަރްޝީގެ މައްޗަށް އިސްތަވާވެ ވޮޑިގެންވިއެވެ.“ މިފަދައިން ޤުރުއާނުގައި ހަތްފަހަރު ތަކުރާރުވެފައިވެއެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿أَأَمِنْتُمْ مَنْ فِي السَّمَاءِ﴾ الملك: ١٦ މާނައީ: ”އުޑުގައިވާ ކަލާނގެ (ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު ބިރެއްނެތި) އަމާންކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿يَخَافُونَ رَبَّهُمْ مِنْ فَوْقِهِمْ﴾ النحل: ٥٠ މާނައީ: ”މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ (އެބަހީ: މަލާއިކަތުންގެ) ވެރިއިލާހަށް، އެބޭކަލުން ބިރުވެތިވެއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ﴾ فاطر: ١٠ މާނައީ: ”ރަނގަޅު ބަސްތައް އުފުލިގެންދަނީ، އެކަލާނގެ ޙަޟްރަތަށެވެ. އަދި ޞާލިޙު ޢަމަލު އެކަލާނގެ ޙަޟްރަތަށް އުފުލެއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ﴾ المعارج: ٤ މާނައީ: ”މަލާއިކަތުންނާއި، ޖިބްރީލްގެފާނު، އެކަލާނގެ ޙަޟްރަތަށް އަރާވަޑައިގަންނަވާނެއެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ﴾ السجدة: ٥ މާނައީ: ”އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ ތަދުބީރު ކުރައްވަތެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿يَا عِيسَى إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ﴾ آل عمران: ٥٥ މާނައީ: ”އޭ ޢީސާގެފާނެވެ! ހަމަކަށަވަރުން، ތިމަންއިލާހު ކަލޭގެފާނު ގެންދަވާހުށީމެވެ. އަދި، ތިމަންއިލާހުގެ ޙަޟްރަތަށް ކަލޭގެފާނު އުފުއްލަވާ ހުށީމެވެ.“ މިފަދަ އެތައް އާޔަތްތަކެކެވެ.


([1]) رواه البخاري (1145، 6321) ، ومسلم (مسافرين / 168، 169، 170).

([2]) رواه البخاري (6573، 7437) ، ومسلم (الإيمان / 299).

([3]) رواه البخاري (4812، 6519، 7382) ، ومسلم (صفة الجنة والنار / 23).

([4]) رواه البخاري (3194، 7422) ، ومسلم (التوبة / 14، 15، 16).

([5]) رواه البخاري (6614، 3409، 4736) ، ومسلم (القدر / 13).

([6]) رواه مسلم (التوبة / 31)

 1,292 total views