ރޯދަވެރިޔާ ވިސްނައި ފިކުރު ހިންގާލަން ޖެހޭ ބައެއް …

މާތް ﷲ އަށް ޙަމްދު ހުއްޓެވެ. އެކަލާނގެއީ އެންމެ އޯގާތެރި އައްރަޙީމެވެ. މުއުމިނުތަކުންނަށް އެންމެ ދަރުމަވަންތަ އައްރަޙްމާނެވެ. ނެތުމުގެ ތެރެއިން މީސްތަކުން ޚަލްޤު ކުރައްވައި އެބައިމީހުންނަށް ހެޔޮ ނުބައި ވަކިކޮށްދެއްވި އަލްހާދީއެވެ. އެބައިމީހުންނަށް ސީދާވެގެންވާ ތެދުމަގު ޢަމަލާއި ބަހުން ދެއްކެވުމަށްޓަކައި އެންމެ ފުރިހަމަ ނަމޫނާ ފޮނުއްވި އަލްލަޠީފުއެވެ.

ފަހެ އެކަލޭގެފާނަކީ އެކަލާނގެ ހަވާލުކުރެއްވި އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވި އަލްއަމީންއެވެ. މާތް ﷲ އެކަލޭގެފާނަށް ޞަލަޥާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި އަދި އެކަލޭގެފާނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީހާ ބައެއްގެ މައްޗަށް ތަނަވަސްވެގެންވާ އެއްޗެއް ކަމުގައި އެ ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. އާމީން.

މާތް ﷲ ގެ ރަޙްމަޔާއި ދީލަތިކަމުން އަޅުގަނޑުމެން މިއަހަރުވެސް މިދަނީ އެކަލާނގެ އަޅުތަކުންނަށް ދެއްވި އެންމެ ބޮޑު އެއް ނިޢުމަތުގެ ދުވަސްތަށް ހޭދަކުރަމުންނެވެ. މިފަދަ ރޯދަމަސްތަކަކީ އެކަލާނގެ ޞާލިޙު އަޅުން ތާއަބަދުމެ ލިބުމަށް އެދިއެދި ތިބޭ ނިޢުމަތެކެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ! އެބައިމީހުންގެ އެންމެ ބޮޑު އެދުމަކީ އެބައިމީހުންގެ ވެރި ރަސްކަލާނގެއާ ވީހާވެސް ބޮޑަކަށް ގާތްވެ ކުށްތަންވުމެވެ. އެފަދަ ފުރުޞަތެއް ލިބޭތޯ އެބައިމީހުން ތިބެނީ އިންތިޒާރުގައެވެ. އެއީ އެބައިމީހުންގެ ހިތްތަކުގެ ވެރި ރަސްކަލާނގެއާ ގުޅުން ބަހިކޮށް، ހެޔޮ ކަންކަމުގައި ވާދަކޮށް އެކަކަށް ވުރެ އަނެކަކު ކުރިއަރައި ދިއުމުގެ ޝައުޤު އޮންނަލެއް ބޮޑުކަމުންނެވެ. އެކަމުގު ސަބަބުން ހިތްތަކަށް ދިރުން ލިބިގެންދާތީއެވެ. މާޒީގައި ކުރެވިފައިވާ ފާފަތަކުގެ ސަސަބުން ހިތުގައި ޖެހިފައިވާ ކަޅު ލައްތައް ފިލުވައިލުމަށްޓަކައެވެ. މުޅިން އައު ސާފުޠާހިރު ނަފްސަކަށް އެބައިމީހުންގެ ނަފްސުތައް ބަދަލުކޮށްލައި އައު ސާފު ހުދު ޞަފްޙާއަކުން އަނެއްކާވެސް ޙަޔާތް ފެށުމަށްޓަކައެވެ. ކުރިއަށް ވުރެ މާ ނޫރާނީ ދުވަސްތަކެއް މި ދުނިޔެމަތީގައި ހޭދަކުރުމަށްޓަކައެވެ. ބާކީ އޮތް މަދު ދުވަސްކޮޅުގައި ދެން އިތުރު ކިލަނބުކަމެއް އެ ނަފްސަށް އެރިޔަ ނުދީ މި ޙަޔާތްގެ ފަހު ޞަފްޙާ ވީހާވެސް އުޖާލާކަން މަތީގައި ލައްޕާލެވޭތޯއެވެ.

މި ޞަފްޙާތަކުގައި އަޅުގަނޑު މި ޤަސްދު ކުރަނީ އެބޭކަލުންގެ ހެޔޮލަފާ ގިނަގުނަ ނަމޫނާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުގެ ތެރެއިން ތިޔަ ބޭފުޅުންނަށް ފައިދާ ކުރާނެ ކަމަށް ފެންނަ ބައެއް މަދު މިންވަރެކެވެ. އަޅުގަނޑުމެން ހޭދަކުރަމުން މިދާ ދުވަސްތަކުގައި އެބޭކަލުންގެ ވިސްނުންފުޅާއި ޢަމަލުފުޅުތައް ބެހެއްޓެވި ގޮތް އެނގުމަކީ ހެވެއް އެދޭ ކޮންމެ މީހަކަށް ނުހަނު ފައިދާ ކުރާނެ ކަމެއް ކަމުގައި ޤަބޫލު ކުރެވޭތީއެވެ. މާތް ﷲ އަޅަމެންނަށް އިޚްލާޞްތެރިކަން ދެއްވައި ހެޔޮ ކަންކަމަށް ތަޥްފީޤު ދެއްވާށިއެވެ.

ޢުމަރުގެފާނު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ:

”ليس الصيام ) -أي في حقيقته- ( من الطعام والشراب وحده، ولكنه من الكذب والباطل، واللغو والحلف“. ) أخرجه ابن أبي شيبة)

ތަރުޖަމާ: ”ރޯދަ ހިފުމަކީ ކެއުންބުއިމަށް އެކަނި (ޚާއްޞަވެގެން)ވާ ކަމެއް ނޫނެވެ. އެކަމަކު އެއީ ދޮގާއި ބާޠިލާއި ބޭކާރު ވާހަކައާއި (ޙާޖަތެއް ނެތި) ހުވާ ކުރުމަށް ވެސް އޮތް ކަމެކެވެ“.


ޖާބިރު ބިން ޢަބްދު ﷲ رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ:

”إذا صمت فليصم سمعك وبصرك، ولسانك عن الكذب والمحارم، ودع أذى الجار، وليكن عليك وقار وسكينة يوم صومك، ولا تجعل يوم صومك ويوم فطرك سواء“.

ތަރުޖަމާ: ”ތިބާ ރޯދަ ހިފާ ނަމަ ތިބާގެ އިވުމާއި ފެނުމުން ވެސް ރޯދަ ހިފާށެވެ. އަދި ދޮގު ހެދުމާއި ޙަރާމް ކަންކަމުން ތިބާގެ ދޫ ވެސް ރޯދައަށް ބަހައްޓާށެވެ. އަދި އަވަށްޓެރިޔާގެ އުނދަގުލަށް ވެސް އަޅާނުލާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހު އިބާގެ ކިބައިގައި މަޑުމައިތިރި ކަމާއި ހަމަހިމޭންކަން ބަހައްޓާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހާއި ރޯދައަށް ނުހުންނަ ދުވަސް އެއްފަދަ ނުކުރާށެވެ“.


މުޖާހިދު رحمهالله ވިދާޅުވިއެވެ:

”خصلتان من حفظهما سلم له صومه: الغيبة والكذب“). أخرجه ابن أبي شيبة).

ތަރުޖަމާ: ”އެ ދެ ސިފަ ރައްކާތެރިކޮށްފި މީހާގެ ރޯދަ ސަލާމަތް ކުރެވޭނެ ދެ ސިފައެއް ވެއެވެ. އެއީ ޣީބަ ބުނުމާއި ދޮގު ހެދުމެވެ“.

އަޙްނަފު ބިން ޤައިސް رحمه الله  މުސްކުޅިފުޅު ވުމުން ވިދާޅުވެވުނެވެ: 

”إنك شيخ كبير وإن الصيام يضعفك“

ތަރުޖަމާ: ”ހަމަކަށަވަރުން ކަލޭގެފާނު ތިޔަވަނީ އުމުރުފުޅުން ވަރަށް ދުވަސް ވެފައެވެ. ހަމަކަށަވަރުން (ކަލޭގެފާނު) ރޯދަ (ހިއްޕަވާނަމަ) ކަލޭގެފާނުގެ (ހަށިކޮޅު އިތުރަށް) ބަލިކަށިވެގެން ދާނެއެވެ“.

ޖަވާބުގައި ވިދާޅުވިއެވެ: ”إني أعده لسفر طويل، والصبر على طاعة الله سبحانه أهون من الصبر على عذابه“.

ތަރުޖަމާ: ”ހަމަކަށަވަރުން ތިމަންކަލޭގެފާނު އެ (ރޯދަތައް މި) ތައްޔާރު ކުރަނީ ދިގުވެގެންވާ ދަތުރަކަށެވެ. މާތް ﷲ ސުބްޙާނަހޫ ޥަތަޢާލާއަށް ކިޔަމަންތެރިވުމުގެ (ހެޔޮ ޢަމަލުކުރުން) މަތީގައި ކެތްތެރިވުން އެކަލާނގެ ޢަޛާބަށް ކެތްކުރުމަށް ވުރެ ލުއިކަން ބޮޑުވެގެން ވެއެވެ“.

އިބްރާހީމް ބިން އަދްހަމް رحمه الله ވިދާޅުވިއެވެ: “ من ضبط بطنه ضبط دينه، ومن ملك جوعه ملك الأخلاق الصالحة“.

ތަރުޖަމާ: ”އެމީހެއްގެ ބަނޑު (ކެއުން) އިޞްލާޙުކޮށްފި މީހާ އޭނާގެ ދީންވެރިކަން އިޞްލާޙުކޮށްފިއެވެ. އެމީހެއްގެ (ބަނޑު) ހައިކަން ހަންމަތަކޮށްފި މީހާ (ހެޔޮ ރިވެތި) އަޚްލާޤާއި ޞާލިޙުކަން މިލްކުކޮށްފިއެވެ“.

އިމާމް ބުޚާރީ رحمه الله އާ މެދުގައި ރިވާވެގެންވެއެވެ:

”ރޯދަމަހުގެ ފުރަތަމަ ރޭ އައުމާއެކު، އެކަލޭގެފާނުގެ އަޞްޙާބުން އެކަލޭގެފާނުގެ އަރިހަށް އެއްކުރެއްވުމަށް ފަހު އެބައިމީހުންނާ އެކުގައި ނަމާދު ކުރައްވައެވެ. އަދި ކޮންމެ ރަކުޢަތެއްގައި ވިހި އާޔަތް ކިޔުއްވައެވެ. އަދި ޤުރްއާން ޚަތިމު ކުރެއްވެދެން އެފަދައިން ކަންކުރައްވައެވެ. އަދި ހާރުދަމުގައި ޤުރްއާނުގެ ދެބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ އެއްބައި ކިޔުއްވައެވެ. އަދި ކޮންމެ ރެއެއްގެ (އިރުއްސޭއިރުގެ) ރޯދަ ވީއްލުމަކާ ހަމައަށް ޚަތިމު ކުރައްވައެވެ. އަދި ވިދާޅުވެއެވެ: ”ކޮންމަ ޚަތިމަކާ އެކުގައި އިޖާބަވެގެންވާ ދުޢާއެއްވެއެވެ“. (صفة الصفوة:4/170)

ޢުމަރުގެފާނު رضي الله عنه އާ މެދުގައި ރިވާވެގެންވެއެވެ. ރަމަޟާން މަހުގައި ރޭތަކުގައި މީސްތަކުންނާއިގެން އިމާމުވެވަޑައިގެން ނަމާދު ކުރެއްވުމަށް އުބައްޔު ބުނު ކަޢުބު އާއި ތަމީމުއްދާރީ رضي الله عنهما ، މި ދެބޭކަލުންނަށް އެކަލޭގެފާނު އަމުރު ކުރައްވާ ކަމުގައި ވެއެވެ. ފަހެ އޭގެން ކޮންމެ ބޭކަލެއް 100 އާޔަތް ކިޔުއްވާ ކަމުގައި ވެއެވެ. އެބޭކަލުން ނަމާދުގައި ކިޔަވާލެއް ދިގުކަމުންމީސްތަކުން ވާޅުވެ އެބައިމީހުންގެ އަސާތަކުގެ މައްޗަށް ބުރަވެގެން ކޮޅަށް ތިބޭ ކަމުގައި ވެއެވެ. އަދި ފަތިސް ކައިރިވުމުން މެނުވީ އެބައިމީހުންގެ ނަމާދު ނިންމާލާފައި އެނބުރި ގެއަށް ދާކަމުގައި ނުވެއެވެ. (أخرجه البيهقي)

وعن داود بن الحصين عن عبد الرحمن بن هرمز قال: كان القراء يقومون بسورة البقرة في ثمان ركعات فإذا قام بها القراء في اثنتي عشرة ركعة رأى الناس أنه قد خفف عنهم [أخرجه البيهقي].

ޢަބްދުއްރަޙްމާނު ބުނު ހުރްމުޒް ވިދާޅުވެފައިވެއެވެ: ”(ރަމަޞާން މަހުގެ ރޭގަނޑު އިމާމުވެ ނަމާދު ކުރާ) ޤުއްރާއިން 8 ރަކުޢަތުން ބަޤަރާ ސޫރަތް ކިޔަވައި ނިންމާކަމުގައި ވެއެވެ. އަދި 12 ރަކުޢަތުން ނިންމައިފި ނަމަ އެބައިމީހުންނަށް ލުއިކޮށްފި ކަމުގައި މީސްތަކުން ދެކެއެވެ“. (أخرجه البيهقي).

 2,578 total views