ﷲތަޢާލާ އެކަނބަލަކަށް ސަލާމް ފޮނުއްވި ކަނބަލެއްގެ ވާހަކަ

މިއީ މައްކާގެ ޤުރައިޝު ވަންހައަށް މައްކާގެ ވެރިކަން ހޯދައިދެއްވި ޤުޞައްޔުގެ ދަރިފަސްކޮޅަށް ނިސްބަތްވާ ކަމަނާއެއްގެ ވާހަކައެވެ. ވާހަކަ ފަށާނީ އެއަހަރުގެ ރަމަޟާންމަހުންނެވެ. އެއީ ރޯދަމަހުގެ ރޭތަކުން ރެއެކެވެ. ގޭގައި އެކަމަނާ އޮންނެވީ ދަރިދަރިކަނބަލުންނާއި އެކުއެވެ. ފިރިކަލުންނެއް ނެތެވެ. އެކަމަނާގެ ފިރިކަލުންވީ ކޮންތާކުތޯއެވެ؟ ބޭރަށް ވަޑައިގެން ގެއަށް ނުދުރުވަނީތޯއެވެ؟ ރޭގަނޑު ގެއަށް ފިރިކަލުން ނުދުރުވިޔަސް އެކަމަނާ މައްސަލައެއް ނުޖައްސަވަނީ ނުވަތަ ޝަކުވާ ނުކުރައްވަނީ ކީއްވެގެންބާއެވެ؟ ދަރިންކޮޅާއިއެކު އެކަނި އެއަވަހާރަފުޅު ލައްޕަވަނީ އެނޫން އެހެން ގޮތެއް ނެތިގެންބާއެވެ.

އެއީ އިސްލާމުދީނުގެ އަލިގަދަ ނޫރު މައްކާއިން ފާޅުވުމުގެ ކުރިއެވެ. ގެކޮޅުގައި އެކަނިމާ އެކަނި އެއޮންނެވި ކަމަނާއަށް ކުއްލި ސިހުމެއް ލިބުނީ ކުއްލިއަކަށް ގޭތެރެއަށް ވެންނެވި ފިރިކަލުން ފެނުނީމައެވެ. އެކަލޭގެފާނުވަނީ މުޅިން ވަރުބަލިފުޅު ވެފައެވެ. މޫނުފުޅު މަތީގައި ވަނީ ބިރުވެރިކަމާއި ހާސްކަމެވެ. އެހެންވާނެތާއެވެ. އެބޭކަލަކު އެ ވަޑައިގަތީހަސަތޭކަ ސާޅިސްދެ މީޓަރު އުސް ފަރުބަދަ އެއްގެ އެންމެ މަތީންމިއަނދިރި ރޭގަނޑު ފައިބައިވަޑައިގެންނެވެ. އަދި އެފަރުބަދައިން ފައިބާވަޑައިގެން ދެންވެސް ގެއަށް ވަޑައިގެންނެވީ ހިންގަވާފައެވެ. 

ފިރިކަލުން ފެނުމާއި އެކު އެކަމާނާ ތެދުވިއެވެ. އަދި އިތުރު ސުވާލެއްވެސް ނުކުރައްވާ ފިރިކަލުންނަށް އެނދު ދެއްވާފައި އެކަމަނާ އެތަނުން ދުރަށް ދިޔައެވެ. އެރޭ އެކަމަނާ ނިދިކުރެއްވީ ދަރިދަރިކަނބަލުންނާއި އެކުގައި ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ފިރިކަލުންގެ ހިތްޕުޅަށް ލިބިފައިވާ ބިރުވެރިކަމާއި ހާސްކަން ފިލައިގެން ދިޔައީ އެތަށް އިރަކުންކަމެވެ. އެކަންތައް ފިލާ މީހާ ހަމަޖެހެންދެން އެކަލޭގެފާނު އޮންނެވީ ރަޖާގަނޑެއްގެ ދަށުގައި ނިވާވެގެންނެވެ. އެކަލޭގެފާނުގެ އަރިހުގައި އެކަކުވެސް ނެތެވެ.

ދެން ގޭތެރެއިން ފެންނަ މަންޒަރަކީ އެއްކަލަ ކަމަނާއާއި އެކަމަނާގެ ފިރިކަލުން ވާހަކައެއްގައި ތިބޭ މަންޒަރެވެ. ދަރިއެއްގެ ހިލަމެއްވެސް ގޭތެރެއިން ނުވެއެވެ. ފެންނަ ފެނުމަށް ފިރިކަލުން ޒުވާނެވެ. އާނއެކެވެ. އެއީ އެކަމަނާގެ ތިންވަނަ ކައިވެންޏެވެ. މި ފިރިކަލުންނަކީ އެކަމަނާއަށް ވުރެ ހަގުބޭފުޅެކެވެ. އިސްވެ އެކައިވެންޏަށް ހުށައެޅީ އެކަމަނާއެވެ. ލާރިއާއި މުއްސަނދިކަމަކަށް ނޫނެވެ. އެކަލޭގެފާނަށްވުރެ އެކަމަނާ މުއްސަދިވެފައި ޤަބީލާގައި ނަންހިނގައެވެ. އަނެއްކޮޅުން މިހާރު އެކަމަނާގެމި ކައިވެންޏަށް ފަސްދަރިން އިތުރު ދެކައިވެއްޏަށް ދެދަރިންވަނީ ލިބިފައެވެ. އެހެންވީމާ މުސްކުޅިވެސް ވާނެތާއެވެ. ނުވިޔަސް އެހެން ފެންނާނެތާއެވެ. ރޭގައި ފަރުބަދައިން ފައިބާގެން އެއައި ކަލޭގެފާނާއި ކައިވެނި ކުރެއްވިތާ މިހާރު އެވަނީ ފަނަރަ އަހަރެވެ. އެކަމަނާ ފިރިކަލުން ޞިފަކުރައްވަނީ މިފަދައިންނެވެ.

“ ތިޔައީ މެހެމާނުންނަށް މެހެމާނުދާރީ އަދާކުރައްވާ، ނިކަމެތިނަށް އެހީތެރިވެ ވަޑައިގަންނަވާ، މުހުތާޖުވެގެންވާ މީހުންގެ ބޭނުންފުއްދަވައިދެއްވާ ބޭކަލެކެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ ކަލޭގެފާނަށް ދެރަ ގޮތެއް މެދުވެރިއެއް ނުކުރަށްވާނެއެވެ.“ އެ ކަމަނާ އެހެން އެވިދާޅުވީ ރޭގައި އެކަލޭގެފާނަށް އެއުސް ފަރުބަދައިގެ އެންމެމަތީގެ ހޮހަޅަތެރެއިން ދިމާވިކަންތައްތައް ކިޔާދެއްވީމައެވެ. ދެން ހަމަ އިސާހިތަކު ފިރިކަލުންގެ އަތްޕުޅުގައި ހިފައިގެން އެހެރަ ނުކުންނެވީ ގެކޮޅުން ބޭރަށެވެ. މަގުމަތިން ދާހާމީހުން ބަލާހާބެލުމަކަށް ކިޔާފާނެ އެއްޗަކަށް ބެލުމެއްނެތި ގޮސް އެވަނީ އެކަމާނާގެ ބޮޑުބޭބެގެ ދަރިއެއްގެ ގެއަށެވެ. އެއީ އެކަމަނާއަށް ވުރެ މާމުސްކުޅި ބޭފުޅެކެވެ. އެކަމަކު އެއީ އެޒަމާނުގެ އެބަހީ އިސްލާމުދީން ފާޅުވުމުގެ ކުރީގައި މައްކާގައި ކިޔަވައިގެންތިބި މަދު މީސްތަކުންގެ ތެރެއިން މީހެކެވެ. ކިޔެވީ ނަޞާރާއިންގެ ކައިރިން ނަޞާރާދީނެވެ. ކުރިސްޓިއަނު ދީނަށް ވަދެ އޭނާ ހުރީ ބުދުތަކަށް އަޅުކަންކުރުމުން ދުރުވެގެންނެވެ. އޭރު އަދި ރަސޫލާ ފޮނުއްވިކަމެއް ހާމައެއްނުވެއެވެ.

“ ތިޔަހެން ވިއްޔާ ކަލޭގެފާނު މިރަށުން ބޭރުކޮށްލާނެ“ ފަރުބަދައިގެ ހޮހޮޅައިގެ ތެރެއިން ރޭގައި އެކަމާނާގެ ފިރިކަލުންނަށް ދިމާވި ކަންތައްތައްކިޔާދެއްވުމުން ބޮޑުބޭބެގެ ކުއްޖާ ބުންޏެވެ. އެކަމާނާއާއި ފިރިކަލުން ޙައިރާންވިއެވެ.

“ ތިމަންކަލޭގެފާނު މި މައްކާއިން މިރަށު މީހުން ބޭރުކޮށްލާނެއޭތޯ“؟ ފިރިކަލުން ދެންނެވިއެވެ. އެކަމަނާގެ ބޮޑުބޭބެގެ ދަރިފުޅު އާނއެކޭ ބުންޏެވެ. އަދި “ އެދުވަހުން އަހަރެން ދުނިޔޭގައި ހުންނާނެ ނަމަ ނަޞްރުދޭނަމަވެ“.

ދެން މާގިނަ ދުވަހެއް ނުވެ މިމީހާ މަރުވެއްޖެއެވެ. އެކަމަކު އެކަމަނާގެ ފިރިކަލުންނެއް މައްކާއިން ބޭރެއްނުވެއެވެ. އަދި އެ ކްރިސްޓިއަން ދީން ކިޔަވައިގެން ހުރި މީހާ މަރުވުމާއި އެކު މައްކާގައި ބުދަށް ފާޑުކިޔާ މީހުން ހުސްވީކަމަށް ހިކޮށްގެން ތިބިބަޔަކު ތިއްބެވެ.

އެމީހުން އެހެން ތިއްބާ ދެން ﷲތަޢާލާ އެފޮނުއްވީ އެއިލާހުގެ އެންމެ ފަހުގެ ނަބިއްޔާއެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެކަލޭގެފާނުގެ ގޮވާލެއްވުމަށް އެންމެ ފުރަތަމަ އިޖާބަދެއްވީ އެއްކަލަ ކަމަނާއެވެ. އެއީ ޤުޞައްޔުގެ ދަރި ޢަބްދުލް ޢުއްޒާގެ ދަރި އައްސަދުގެ ދަރި ޚުވައިލިދުގެ ދަރިކަނބަލުން ޚަދީޖާއެވެ.

އެ ފަރުބަދަ މަތިން ރަމަޟާންމަހުގެ އެކަޅުފޮއި ރޭގައި ފައިބައިގެންހާސްވެ  ކަންބޮޑުވެގެންވާ ޙާލު އައިސް ޚަދީޖަތުގެފާނުގެ ގެކޮޅަށް އެވެންނެވީ ކާކުކަށް ތިޔަބޭފުޅުންނަށް އެގޭނެއެވެ. ނަމަވެސް އެކަލޭގެފާނަށް ނަޞްރު ދޭނަމޭ އެބުނީ ޚަދީޖަތުގެފާނުގެ ބޮޑުބޭބެގެ ދަރިކަލުން ވަރަގަތު ބުނު ނައުފަލެވެ. 

ކަންތައްވީވެސް އެވަރަޤަތު ހަމަ ވިދާޅުވިގޮތަށެވެ. އޭނާގެ ބޮޑުބޭބެގެ ދަރިކަނބަލުންގެ ފިރިކަލުން މުޙައްމަދު ބުނު ޢަބުދުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްލާމުދީނަށް ގޮވާލައްވަން ފެއްޓެވީމާ އެތައް ދުރާލަކާއި ތުރާލެއް އެކަލޭގެފާނަށް ފޯރިއެވެ. އެހުރިހާ ކަމެއްގައި ދިހަ އަހަރު އެކަލޭގެފާނައި އެކު އެންމެ ޘާބިތުވެގެން ހުންނެވީ އަނބިކަނބަލުން ޚަދީޖާ ރަޟިޔައްﷲ ޢަންހާއެވެ. އިސްލާމްދީނަށް ގޮވާލައްވަން ފިރިކަލުން ކުރެއްވި ހުރިހާ ކަމެއްގައި ޚަދީޖަތުގެފާނު ބައިވެރިވެވަޑައިގަތެވެ. ކިހާ މިންވަރަކަށް ކަން އެނގޭތޯއެވެ؟

ﷲތަޢާލާ އެއިލާހުގެ އެންމެ ކުއްތަންވެގެންވާ  މަލާއިކަތާ ޖިބްރީލުގެފާނު މައްކާގެ ބިމަށް ފޮނުއްވައްޖައުމަށް ދާންދެނެވެ. އެކަލޭގެފާނު ފައިބާވަޑައިގެން އެކަމާނާގެ ގެކޮޅަށް ވަދެވަޑައިގަތެވެ. އޭރު ނަބީކަލޭގެފާނު ގޭގައި އިންނެވިއެވެ.

“ އޭ ﷲގެ ރަސޫލާއެވެ. ޚަދީޖާ ކަލޭގެފާނުގެ އަރިހަށް ކާއެއްޗެއް ނުވަތަ ޖަހައިގެންކާނެ އެއްޗެއް ނުވަތަ ބޯނެ އެއްޗެއް ހިފައިގެން އެބަ ދުރުވެއެވެ. އެކަމަނާ އަތުވެއްޖެނަމަ އެކަމަނާއަށް ﷲތަޢާލާއާއި ތިމަންކަލޭގެފާނުގެ ސަލާމު ރައްދުކޮށްދެއްވާށެވެ. އަދި އެކަމަނާއަށް ސުވަރުގޭގައި އިތާމުތުން ހަދާފައިވާ ގެކޮޅެއް ވާކަމުގެ އުފާވެރި ޚަބަރުވެސް ދެއްވާށެވެ. އެގެކޮޅުގައި ވަރުބަލިވުމެއް އަދި ބޮލަށް އުނދަގޫވުމެއް ނުވެއެވެ.“ މިހެންދެންނެވުމަށްފަހު ޖިބްރީލުގެފާނު ދުރުވިއެވެ.

އެކުވެރިންނޭ! ﷲތަޢާލާ އެކަމަނާއަށް ހަތްއުޑުމަތިން ސަލާމް ފޮނުއްވީ ކީއްވެ ބާއެވެ؟ އެކަމަނާއަކި އަވަހާރަވެ ވަޑައިގެންނެވި އިރުވެސް ފަރުޟު ފަސްނަމާދު ކުރެއްވި ބޭކަނބަލެއްނޫނެވެ. އަދި ސަލާމަށްފަހު އަނެއްކާ އެދެއްވީ ކޮންކަހަލަ އުފާވެރި ޚަބަރެއްތޯއެވެ! ސުވަރުގޭގައި އެކަމަނާއަށްޓަކައި ﷲތަޢާލާ އިތާމުތުގެ ޚާއްޞަ ގެކޮޅެއް ތައްޔާރުކުރައްވާފައިވާ ކަމުގެ ޚަބަރެވެ. އެކަމަކު އެކަމަނާ މޫނު ބުރުގާ ކީއްކުރަންތޯ ބުރުގާއެއްވެސް ނާޅުއްވައެވެ. އަޅެ ފަހެ މިހާ ބޮޑު ޝަރަފެއް ޚަދީޖަތުގެފާނަށް ލިބިލެއްވި ކީއްވެގެންކަން އެނގޭތޯއެވެ؟ އޭގެ ކުރިން އެކަމަނާ ފަރުޟު ނަމާދު ނުކުރެއްވީ އެނަމާދު ތައް ފަރުޟުވެވުނީ އެކަމާނަ އަވަހާރަވި ފަހުންނެވެ. ހަމަ އެގޮތަށް ހިޖާބުވުމުގެ އާޔަތްތައް ވެސް ބާވާލެއްވުނީ އެކަމަނާ އަވަހާރަވެ ވަޑައިގެންނެވި ފަހުންނެވެ. އެއީ އެކަމަނާގެ ބޮޑުބޭބެ ދަރިކަލުން ޚަބަރު ކުރެއްވި ގޮތަށް ފިރިކަލުން ނަބީކަލޭގެފާނު މައްކާއިން ނުކުންނަވާ މަދީނާއަށް ވެސް ހިޖްރަކުރެއްވިތާ އެތައް އަހަރެއްގެ ފަހުންނެވެ. 

ދެން އޮތީ ޚަދީޖަތުގެފާނަށް އުޑުން އެފޮނުއްވުނު ސަލާމު ފޮނުވީ ކީވެގެންބާއޭ ކުރެވޭ ސުވާލެވެ. ނަބީކަލޭގެފާނަށް މައްކާގައި އިސްލާމީ ދަޢުވަތު އެންމެ ފުރަތަމަ ފެތުރެއްވުމަށް ވާގިވެރިވެ ވަޑައިގެންނެވީ ބޮޑުބޭބޭ އަބޫޠާލިބާއި އަނބިކަނބަލުން ޚަދީޖާއެވެ. އެކަމުގެ ސަބަބުން އަބޫ ޠާލިބު ކާފަރެއްކަމުގައި ވާއިރުވެސް އޭނާވެގެން ދިޔައީ ނަރަކައިގައި އެންމެ ލުއި އަޒާބު ދެވޭ މީހާއަށެވެ. އެހެންވީ އިރު ނަބީކަލޭގެފާނަށް އިމާންވެގެން އެކަލޭގެފާނުގެ ދަޢުވަތަށް އެކަމަނާގެ މުޅި މުދަލާއި ފިކުރާއި ވަގުތު ހޭދަކުރެއްވި ޚަދީޖަތުގެފާނަށް ސަލާމާއި ސުވަރުގެ ނުލިބެންވީސަބަބެއް ނެތެވެ. އެހެންނޫންތޯއެވެ؟

 5,084 total views