ދެ އަނބިންގެ ސަބަބުން ދަސްވި ފިލާވަޅު – ފުރަތަމަބައި

ހުތް ޢަލިދީދީއަކީ ވަރަށް ސާދާ ދިރިއުޅުމެއް އުޅުއްވަމުން ދިޔަ މުދައްރިސެކެވެ. ކުޑައިރުއްސުރެ ޢުރުދޫ ބަސް ވަނީ ދަސްކޮށްފައެވެ. ހިސާބަކަށް ޢަރަބިބަހާއި ފާރިސީބަސްވެސް ދަނެއެވެ. އިނގިރޭސި ބަހުން ވާހަކަ ދައްކާލާ އުޅެވޭވަރުވެއެވެ. ސިންހަޅަ ބަހާއި ބަންގާޅުބަހުން މީހުން ވާހަކަ ދެއްކީމާ އެކިޔާ އެއްޗެއް އެނގެއެވެ.

އާދައިގެ މަތިން މިއަދުވެސް ފަތިސްނަމާދު ކޮށްލައިގެން ބުއްތަށި ބޮއެގެން ހުތްޢަލިދީދީ ވަނީ އޭނާގެ މަކްތަބަށެވެ. ކާފައާއި ބައްޕަގެ ކިބައިން ވާރުތަކޮށްފައިވާ ފޮތްތައް ތަރުތީބުން އެކޮޓަރީގައި ހުރި ތިން ހަރުގައި އަތުރާފައި ހުއްޓެވެ. މިއަދު އިސްކޫލުގައި ކިޔަވާދެން ޖެހިފައި އޮތީ އިސްލާމީ އަދަބުތައް މި މަޢުޟޫއު ކަމުން ޢުރުދޫބަހުން ލިޔެފައިވާ “ އައްދުޢާ ވަ އާދާބު“ ކިޔާ ފޮތެއް ހުޅުވާލިއެވެ. އެފޮތުގައި ހުރީ އެކި އެކި ދުޢާތަކާއި އިސްލާމީ އަދަބުތަކާއި ގުޅޭ ޙަދީޘުތަކެވެ. ކެއިން ބުއިމުގެ އަދަބުތަކާއި ނިދާއިރުގެ އަދަބުތަކާއި ކިނބިހިއެޅުމާއި އާފުރުމުގެ އަދަބުތައްވެސް ހުއްޓެވެ. އަދި ލިބާސްލާނޭގޮތާއި ފައިވާނަށް އަރައި ބާލާނެ ގޮތްވެސް ވަނީ ކިޔައިދީފައެވެ. ފަހަރަކު އަދަބަކާއި ގުޅޭ ޙަދީޘެއް ނުވަތަ ޙަދީޘްތައް ވަކިން ގަނޑެއްގައި ލިޔަމުން ދިޔައެވެ. މިހެން ލިޔަމުން ދަނިކޮށް ތަންކޮޅެއް ދިގު ޙަދީޘެއް ފެނިއްޖެއެވެ. އަޞްލު ވާހަކައެކެވެ. އެވާހަކައިން އިސްލާމީ އަދަބެއް ދަސްކޮށްދީފައިވާ ޙާދިޘާއެކެވެ. ނޯޓުކުރަން ގެންގުޅުނު ގަލަން މޭޒުމަތީގައި ބާއްވާފައި އަޅައިގެން އިން އައިނު ރަނގަޅުކޮށްލިއެވެ. އަދި ގޮނޑިއާއި އެކު  މޭޒާއި ކައިރިވެލިއެވެ. ވާހަކަ ކިޔަމުން ދާވަރަަކަށް ހުތްޢަލިދީދީގެ މޫނުމައްޗަށް އެއަންނަނީ އާދަޔާ ޚިލާފުބަދަލެކެވެ. މޫނުމަތި އަލިވަނީކަމެއް އަނގަހުޅުވެނީ ކަމެއް ނޭނގެއެވެ. ވަކި ހިސާބަކުން މޭޒުމަތީގައި ބޯއަޅައިފިއެވެ. އަދި އަޑުވީލާ ދެން އެފެށީ ހޭށެވެ. ހެމުން ހެމުން އެތައް އިރަކު އެހެން އޮވެއްޖެއެވެ، އަދި ވާހަކައިގެ އަނެއްބައި ފުރިހަމަ ކުރަން ފެށިއެވެ. ދެން އެއްކޮށްވާހަކަ ފުރިހަމަ ކުރުމަށްފަހު ނޯޓުފޮތުގައި އެނޯޓުކުރާ އެއްޗެއް ނޯޓުކޮށްފައި އެފޮތް އެލީ އިސްކޫލަށް ދާއިރު އަބަދުވެސް ގެންދާ ކުޑަކުޑަ ލަކުޑިން ހަދާފައި ހުރި ބްރިފްކޭސްވަރުގެ ފޮއްޓަށެވެ. އަދި އެއަށްފަހު އައިނު ނަގައި މޭޒުމަތީގައި ބޭއްވިއެވެ. އަދި ގޮނޑިން ތެދުވެ މޯޅިއަކަށް ދެމިލިއެވެ.ދެން ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ. އޭރު ގަޑީގެ ކަށި ހަޔަކުންނައްޓައިފިއެވެ. ހެނދުނު ހަގަޑި ބަޔަށްވުރެ ބޮޑުވެއްޖެއެވެ. ހަތްގަޑިބައިވުމާއި ދެމެދު ގަޑިއެއްހާއިރު އޮތަތީވެ ހަރުން ފޮތެެއް ނަގައިގެން އަނެއްކައިވެސް މޭޒުކައިރީގައި އިށިއިނެެވެ. އަދި އެއްކަލަ އުރުދޫފޮތް ހުޅުވާލާފައި އެފޮތުން އެބަލާއެއްޗެއް ބަލާފައި އެފޮތް ލައްޕާލިއެވެ. ދެން އެހުޅުވީ ފަހުން އެނެގި ފޮތެވެ. ބޯފޮތެކެވެ. ބޭރުގަނޑުގައި ”އަލްމިންހާޖު ފީ ޝަރަޙި ޞަޙީހި މުސްލިމި ބިން އަލްޙައްޖާޖި“ މިހެެއް ލިޔެފައި އޮތެވެ. އެފޮތް ހުޅުވައިގެން އެހޯދަން ބޭނުންވާތަނެއް ހޯދުނީ އެތައްގަނޑެއް އުކިފަހުންނެވެ. އެތަން ހޯދައިފައި ކައިރީގައި އޮތް އައިނު އަޅާ ކިޔަން ފަށައިފިއެވެ. ކުޑަ ތަންކޮޅެއް ކިޔުނުތަނާހެން މީހަކަު ފަހަތުން އައިސް ކޮއްޓާލިތަނާ ސިއްސައިގެން ހިނގައްޖެއެވެ. އަވަސްއަވަހަށް ފޮތްލައްޕާލިއެވެ. އަދި ގޮޑިން ތެދުވެ ފަހަތަށް ބަލާލިއެވެ.“ ހާދަ ބޮޑަކަށް ތި ސިހުނީ .އަނެއްކާ ލޯބީގެ ސިޓީއެއް ލިޔަނީތަ؟“ ކައިރީގައި ހުރި އަނބިމީހާ ބުނެފިއެވެ.

“ ނޫން ނޫން. އެއީ އިސްކޫލަށް ބޭނުންވާ އެއްޗެއް ކިޔާލީ. ހަތްގަޑި ބައިވީ ދޯ. އާއި މިދަނީ މުސަޅުތަކަށް ކާންދޭން. ”

: އަވަސް ކުރާތީ .ސައި އެހެރީ ހެދިފަ. ލަސްވެއްޖެއްޔާ ސައިތަށި ހިހޫވާނެ.“

އެހެން ބުނެފައި އަނބިމީހާ ކޮޓަރިންނުކުމެއްޖެއެވެ.  ހުތްޢަލިދީދީވެސް ބަދިގެ ފަރާތުގައި ހުރި ބޮޑު ބަބުކެޔޮގަސް ކައިރީގައި ހަދާފައި ހުރި މުސަޅު ކޮއްޓާ ދިމާއަށް ހިނގައިގަތެވެ. ހިނގަމުން އެހެރަދަނީ އަމިއްލަ ނަފްސަށް އެތައް ވާހަކައެއް ދައްކަމުންނެވެ. އަދި ކޮއްޓަށް ވަދެ ފެންއަޅާ ހަންބުރީގައި ހުރި ފެންތައް އޮއްސާލާ އެއަށް އައު ރީތި ފެން އެޅި އިރުވެސް އެކިޔާ އެއްޗެއް އެބަ ކިޔައެވެ. އިތުރުމީހެއް ކައިރީގައި ހުއްޓަސް އެ އަޑު ނީވޭނެހައި މަޑުމަޑުންނެވެ.

ކޮންމެއަކަސް މުސަޅުތަަކަށް ކާންދީފައި އައިސް ކާގެއަށް ވަދެ މޭޒުކައިރީގައި އިނދެ ހެނދުނުގެ ނާސްތާ ކުރަންފަށައިފިއެވެ.

”ކޮން ކަމަކާތަ ތިޔަ ހެނީ އިރު އިރު ކޮޅާ.“ ބަދިގެ ތެރެއިން ބޯދިއްކޮށްލާފައި އަންހެނުން ބުންޏެވެ.  

”އަހަރެން އެބަ ހެމުތަ. އަހަރެން މި ރޮށިކަނީއެއްނު. މީހުން ކާންތިބެގެން ހޭތަ. ޢައިޝާފުޅަށް ވެސް ވެފަ ތިހުންނަ ގޮތެއްދޯ.“ މިހެން ބުނެ ޗޮކެއްކަނޑައިލައިފިއެވެ.

ކޮންމެއަކަސް އެހެން ދުވަސްތަކަށްވުރެ އަވަހަށް ސައިބުއިކަމާއި އަދި ބޮއެގެން އެދިޔަ ގޮތަށް ގޮސް އެހެން ދުވަސްދުވަހާ ޚިލާފަށް ޢަލިދީދީ މިއަދު އަނެއްކާވެސް ފޮތްކިޔާ ކޮޓަރިއަށް ވަންކަށް އަންހެނުން ޢައިޝާފުޅަށް ފާހަގަވެއްޖެއެވެ. މެންދުރަށް ކައްކަން އުދާފައި ހުރި ބަތްތަވާ ކެކުނީމަ ބަދިގެއިން ނުކުތް އިރު ޢަލިދީދީ އޭނާގެ ލަކުޑި ފޮށި ހިފައިގެން އެތެރެގެއިން ނުކުމެ  ފެންޑާމައްޗަށް އަރާ ހަމަވެއްޖެއެވެ.

އަހަރެން މިދަނީ އިސްކޫލަށް. މެންދުރު ކާން އަންނާނަން.“ މިހެން ބުނެފައި ޢަލިދީދީ ނުކުމެގެން ހިގައްޖެއެވެ.

ފިރިމީހާ ދިޔަފަހުން ޢައިޝާފުޅަށް ހަމަ އިރުއިރުކޮޅާ ޢަލދީދީގެ ފޮތްިކިޔާ ކޮޓަރިއާއި ދިމާލަށް އެބަ ބެލެއެވެ. ފަންގި ވިންނަން އިނދެވެސް އެތައް ފަހަރަކު އެކޮޓަރީގެ ދޮަރަށް ބަލާލެވުނެވެ. އެގާރަގަޑި ބަޔަށް ވުރެ ބޮޑުވި ފަހުން ފަންގިވިނުން ހުއްޓާލާފައި ފެންވަރަން ގިފިއްޔަށް ވަނުމުގެ ކުރިން ތުވާލިބަލާ އެތެރިގެއަށް ވަންނަށް ދިޔައީ ޢަލިދީދީގެ ފޮތްކިޔާ ކޮޓަރި ހުރަސްކޮށްފައެވެ. އެކޮޓަރި ފަހަނަ އަޅާ ތަންކޮޅަކަށް ދެވުނުތަނާ ހީވީ މީހަކު ޢައިޝާފުޅު ފަހަތުން ހިފެހެއްޓިހެނެވެ. ކުރިއަށް ފިޔަވަޅެއް ނުނެގުނެވެ. ހަމަ ހިތް އާދޭސްކުރަނީއެވެ. ސިކުނޑީގެ ތެރޭަގައި ހަމަ އެސުވާލު އެނބުރެނީއެވެ. ”ހެނދުނު ސައިބޮއިގެން ޢަލިދީދީ އެކޮޓަރިއަށް މިއަދު އެވަނީ ކީއްކުރަންބާވައެވެ؟“ އެންމެފަހުން އެސުވާލަށް ޖަވާބު ހޯދަން ޢައިޝާފުޅު އެނބުރިއްޖެއެވެ. ބާރުބާރަށް ގޮސް އެކޮޓަރީގެ ތަޅުގައި ހިފިއެވެ. ނަސީބަކުން ކޮޓަރި ހުރީ ތަޅުނުލައެވެ. ފައިވާންވެސް ނުބާލާ ވަދެގެން ގޮސް މޭޒުމަތީގައި އޮތް ސިޓީލިޔާ ގަނޑުކަޑާ ފޮތް ހުޅުވާލިއެވެ.

ޢައިޝާފުޅުގެ ފައިދޮށުން ބިންގަނޑު ދެމިގެންކަހަލައެވެ. މެއަށް ފެން އެއްޗެއް އެޅުނު ކަހަލައެވެ. ބޭރަށް ލާން ހިފި ނޭވާވެސް އެވަނީ އެތެރެއަށެވެ. ފިރިމީހާ އެ ފޮތުގައި ލިޔެފައިވާ އެ ޢިބާރާތް ފެނުނީމައެވެ.

“ ދެއަނބިންގެ ސަބަބުން ދަސްވި ފިލާވަޅު“ އަނެއްކާ ޢަލިދީދީ އަހަރެންނަާއި ސިއްރުން އެހެން އަންބެއް ގެންގުޅެނީބާ؟ އިތުރަށް ލިޔެފައި އޮތީ ކޮން އެއްޗެއްތޯ ނުކިޔާ ޢައިޝާފުޅު ފޮތް ލައްޕާލިއެވެ. އަދި ބޮލުގައި އަތުން ހިފާ ތަޅުވާލިއެވެ.

“ ނޫން ،ނޫން އެހެންނެއް ނުވާނެ. ޢަލިދީދީ އެއީ އަހަރެންގެ ޙައްޤެއް“ ޢައިޝާފުޅު މަޑުމަޑުން ނަފްސާ މުޚާޠަބު ކުރަމުން ކިޔާލިއެވެ. އެއަށް ފަހު އަނެއްކާވެސް ފޮތް ހުޅުވާލިއެވެ. އަދި އެފޮތުގައި ލިޔެފައިވާ އެގަނޑު ފޮތާ ވަކި ކޮށްލިއެވެ. އަދި ރީތިކޮށް ފައްޖަހާލާފައި ލިބާހުގެ ކަރުވަޅު ތެރެއަށް އެކަރުދާސް ގަނޑުލިއެވެ. އެއަށް ފަހު އެކޮޓަރިން ނުކުތުމަށް ހިނގައި ގަތެވެ. ކޮޓަރިން ނުކުތުމަށް އެޅި ފިޔަވަޅު އެޅުނީ ޢަލިދީދީގެ ކުރިމައްޗަށްށެވެ. ޢައިޝާފުޅު ބިރުން ހާސްވެހުރެ ޢަލިދީދީ އާއި ދިމާލަށް އިސްއުފުލާ ބަލާލިއެވެ. ޢަލިދީދީވެސް އެތައް ސުވާލެއް މޫނުމައްޗަށް އަރުވަމުން އަނބިމީހާއާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. (ނުނިމޭ)                                                 

 9,241 total views