ޢަޤީދާގެ 200 ސުވާލާއި ޖަވާބު (15): ސުވާލު 66 އިން 70 އަށް

ސ66: ﷲ ވޮޑިގެންވަނީ (ހަތްއުޑުގެ) މަތީގައިކަމުގެ ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: މިކަމުގެ މައްޗަށް ދަލީލުކުރާ ސުންނަތުގެ ދަލީލުތައް ގުނާ ޢަދަދު ނުކުރެވޭ ހުއްޓެވެ. މިގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން އައިސްފައިވާ ”حَدِيْثُ الأَوْعَالِ“ ގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްގައިވެއެވެ. ((وَالْعَرْشِ فَوْقَ ذَلِكَ، وَاللهُ فَوْقَ الْعَرْشِ، وَهُوَ يَعْلَمُ مَا أَنْتُمْ عَلَيْهِ))([1]) މާނައީ: ”އަދި ޢަރުޝި ވަނީ އޭގެ (އެބަހީ: ހަތްއުޑުގެ) މަތީގައެވެ. އަދި ﷲ ވޮޑިގެންވަނީ ޢަރުޝި މަތީގައެވެ. އަދި ތިޔަބައިމީހުންގެ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ.“ އަދި އެކަލޭގެފާނު، (ޔަހޫދީ ޤަބީލާއެއްކަމުގައިވާ) ޤުރައިޡާ([2]) ގެ (މީހުންނާމެދު ޙުކުމް ކުރެއްވި) ޙާދިސާގައި ސަޢުދު (ބުން މުޢާޛު) އަށް ޙަދީޘްކުރެއްވިއެވެ. ((لَقَدْ حَكَمْتَ فِيهِمْ بِحُكْمِ الْمَلِكِ مِنْ فَوْقِ سَبْعَةٍ أَرْقِعَةٍ))([3]) މާނައީ: ”ހަމަށަވަރުން، ތިބާ އެބައިމީހުންނާމެދު ޙުކުމްކޮށްފައިވަނީ، ހަތްއުޑުގެ މަތީގައި ވޮޑިގެންވާ ރަސްކަލާނގެ ޙުކުމްފުޅެވެ. (އެބަހީ: އެއިލާހުގެ ޙުކުމްފުޅާ އެއްގޮތަށެވެ.)“ އަދި އެކަލޭގެފާނު އަންހެންކުއްޖަކަށް ޙަދީޘް ކުރެއްވިއެވެ. ((أَيْنَ اللهُ؟)). قَالَتْ: فِى السَّمَاءِ. قَالَ: ((أَعْتِقْهَا فَإِنَّهَا مُؤْمِنَةٌ))([4]) މާނައީ: ”ﷲ ކޮބައިހެއްޔެވެ؟ އެކުއްޖާ ދެންނެވިއެވެ. އުޑުގައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެކުއްޖާ މިނިވަންކުރާށެވެ. ފަހެ، އެކުއްޖާއަކީ މުއުމިނާއެކެވެ.“ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މިޢުރާޖުކުރެވުނު ވާހަކަ ބަޔާންވެގެންވާ ޙަދީޘްތަކަކީ މިކަމުގެ ދަލީލުތަކެކެވެ. އަދި މަލާއިކަތުން ވަޑައިގަތުމާބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. ((ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ فَيَسْأَلُهُمْ وَهُوَ أَعْلَمُ بِهِمْ))([5]) މާނައީ: ”އެއަށްފަހު، ތިޔަބައިމީހުންނާއެކު ރޭގަނޑު ހޭދަކުރެއްވި ބޭކަލުން (އެބަހީ: މަލާއިކަތުން) މައްޗަށް އަރައިވަޑައިގަންނަވާނެއެވެ. އަދި އެބޭކަލުންގެ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ޙާލު، އެއިލާހު އެބޭކަލުންނާ ސުވާލުކުރައްވާނެތެވެ…“ އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ وَلاَ يَصْعَدُ إِلَى اللَّهِ إِلاَّ الطَّيِّبُ))([6]) މާނައީ: ”ޙަލާލު ރަނގަޅު މުދަލުގެ ތެރެއިން ކަދުރުއޮށެއްގެ މިންވަރު ޞަދަޤާތްކޮށްފިމީހާ ދަންނާށެވެ. ޙަލާލު ރަނގަޅު (ތަކެތިން ކޮށްފައިވާ ޞަދާޤާތް) މެނުވީ އެއިލާހުގެ ޙަޟްރަތަށް އަރައިގެން ނުދެއެވެ.“ އަދި ވަޙީއާބެހޭ ޙަދީޘްގައި ޙަދީޘްކުރައްވާފައިވެއެވެ. ((إِذَا قَضَى اللَّهُ الأَمْرَ فِي السَّمَاءِ ضَرَبَتْ الْمَلاَئِكَةُ بِأَجْنِحَتِهَا خُضْعَانًا لِقَوْلِهِ كَأَنَّهُ سِلْسِلَةٌ عَلَى صَفْوَانٍ))([7]) މާނައީ: ”ﷲ އުޑަށް އަމުރެއް ކުރައްވައިފި ހިނދު، އެއިލާހުގެ އެ ބަސްފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން މަޑުމޮޅިވެގެންވާ ޙާލު މަލާއިކަތުން، އެބޭކަލުންގެ ފިޔަފުޅުތައް ތިރިކުރައްވާ ހުށްޓެވެ. (އެބޭކަލުން އެކުރައްވާ ކަންތަކުގެ އަޑުގެ) މިސާލަކީ ޗޭނުފައްޗެއް ގާތައްމަތީގައި ދަމާއަޑުފަދަ އަޑެކެވެ.“ މިފަދަ އެހެންވެސް ޙަދީޘްތަކެވެ. ޖަހުމީން([8]) ފިޔަވައި، ﷲ ސުބުޙާނަހޫ ވަތަޢާލާ (ހަތްއުޑުގެ) މަތީގައި ވޮޑިގެންކަމާމެދު އެންމެހާ މަޚްލޫޤުތަކެއް އެއްބަސްވެއެވެ.

ސ67: ﷲ އިސްތަވާ ވޮޑިގެންވާ މައްސަލާގައި ސަލަފުއްޞާލިޙުންގެ ބަސްފުޅަކީ ކޮބާ؟

ޖ: އެބޭކަލުންގެ އެންމެހާ ބޭކަލުންގެ ބަސްފުޅަކީ: ’އިސްތަވާވޮޑިގެންވުމަކީ ކޮބައިކަން އޮޅިގެން ނުވެއެވެ. އަދި އެއީ ކިހިނެއްކަން ބުއްދިއަށް ނުގެނެވޭނެއެވެ. އަދި އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އެކަމާމެދު ސުވާލުކުރުމަކީ ބިދުޢައެކެވެ. އަދި ރިސާލަތު އައިސްފައިވަނީ ﷲގެ ޙަޟްރަތުންނެވެ. އަދި ރަސޫލާގެ މައްޗަށް ވަނީ އެރިސާލަތުގެ ފޯރުކޮށްދެއްވުމެވެ. އަދި އަހަރެމެންގެ މައްޗަށް ވަނީ ތެދުކޮށް ކަށަވަރުކުރުމާއެކު، ކިޔަމަންތެރިވެ ބޯލެނބުމެވެ.‘

މިއީ ﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކާބެހޭ އާޔަތްތަކާއި ޙަދީޘްތަކާމެދު އެބޭފުޅުންގެ ބަސްފުޅުތައް ހުރި މަގެވެ. ﴿آمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا﴾ آل عمران: ٧ މާނައީ: ”(ޢިލްމުގައި ހަރުދަނާކަމާއި ޘާބިތުކަން ލިބިފައިވާ މީހުން ބުނާނެއެވެ.) ތިމަންމެން މިތިބީ އެ އާޔަތްތަކަށް އީމާންވެގެންނެވެ. ހުރިހާ އާޔަތްތަކެއްވެސްވަނީ، ތިމަންމެންގެ ވެރިއިލާހުގެ ޙަޟްރަތުންނެވެ.“ ﴿آمَنَّا بِاللَّهِ وَاشْهَدْ بِأَنَّا مُسْلِمُونَ﴾ آل عمران: ٥٢ މާނައީ: ”(ޢީސާގެފާނުގެ ޞަޙާބީން ދެންނެވިއެވެ.) ތިމަންމެންވަނީ، ﷲއަށް އީމާންވެގެންނެވެ. އަދި، ތިމަންމެންނީ މުސްލިމުން ކަމުގައި ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ.“

ސ68: ﷲ އީ އެއިލާހުގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ އިލާހުކަމުގެ ޤުރުއާނުގެ ދަލީލަކީ ކޮބާ؟

ޖ: މިކަމުގެ ދަލީލުތައް ގިނަގުނައެވެ. މިގޮތުން ﷲގެ ވަޙީކުރައްވާފއިވެއެވެ. ﴿وَهُوَ الْقَاهِرُ فَوْقَ عِبَادِهِ﴾ الأنعام: ١٨ މާނައީ: ”އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ އިލާހެވެ.“ މިއިސްމުފުޅުން އެއިލާހުގެ މަތިވެރިކަމާއި، ގަދަވެވޮޑިގެންވުމާއި، އެކަލާނގެ މަތީގައި ވޮޑިގެންވާކަމުގެ ދަލީލު ނެގެއެވެ. އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿سُبْحَانَهُ هُوَ اللَّهُ الْوَاحِدُ الْقَهَّارُ﴾ الزمر: ٤ މާނައީ: ”އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ، ﷲއެވެ.“ އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿لِمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ﴾ غافر: ١٦ މާނައީ: ”(ޤިޔާމަތްދުވަހުން، ﷲ  ވަޙީކުރައްވާނެއެވެ.) މިއަދު ވެރިކަންއޮތީ ކާކަށްހެއްޔެވެ؟ (ޖަވާބުދޭނެ ފަރާތެއް ނެތުމުން، ދެން އެކަލާނގެ ޖަވާބުދެއްވާނެއެވެ.) އެއްކައުވަންތަ، ބާރުވެރިވަންތަ ﷲއަށެވެ.“ އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿قُلْ إِنَّمَا أَنَا مُنْذِرٌ وَمَا مِنْ إِلَهٍ إِلَّا اللَّهُ الْوَاحِدُ الْقَهَّارُ﴾ ص: ٦٥ މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، އިންޒާރުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ ﷲމެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އެހެން އިލާހަކު ނުވެއެވެ.“ އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿مَا مِنْ دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا﴾ هود: ٥٦ މާނައީ: ”ހިނގާބިނގާ އުޅޭ އެއްވެސް ދިރޭ އެއްޗެއް، އެ އެއްޗެއްގެ نَاصِيَة ގައި، (އެބަހީ: ނިތްކުރިމަތީގެ އިސްތަށިގަނޑުގައި) އެކަލާނގެ ހިއްޕަވާ ޙާލުގައިވާ ކަމުގައި މެނުވީ ނުވެއެވެ. (އެބަހީ އެ އެންމެހާ ތަކެތީގެ ހުރިހައި ބާރެއް އެކަލާނގެއަށް މިލްކުވެގެންވެއެވެ.)“ އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿يَا مَعْشَرَ الْجِنِّ وَالْإِنْسِ إِنِ اسْتَطَعْتُمْ أَنْ تَنْفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانْفُذُوا لَا تَنْفُذُونَ إِلَّا بِسُلْطَانٍ﴾ الرحمن: ٣٣ މާނައީ: ”އޭ ޖިންނީންނާއި، އިންސީންގެ ޖަމާޢަތުގެ މީހުންނޭވެ! އުޑުތަކާއި، ބިމުގެ އެންމެހާ ފަރާތްތަކުން ނުކުމެގެން ދިޔުމަށް، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ، ފަހެ، ތިޔަބައިމީހުން ނުކުމެގެން ގޮސްބަލާށެވެ! ވަރުގަދަ ބާރަކުން މެނުވީ، ތިޔަބައިމީހުންނަކަށް ނުނުކުމެވޭނެއެވެ.“ މިފަދަ އެހެންވެސް އާޔަތްތަކެވެ.

ސ69: ﷲ އީ އެއިލާހުގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ އިލާހުކަމުގެ ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: މިކަމުގެ ސުންނަތުގެ ދަލީލުތައް ގިނަގުނައެވެ. މިގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަންނަނިވި ޙަދީޘްތައްވެއެވެ. ((أَعُوذُ بِكَ مِنْ شَرِّ كُلِّ دَابَّةٍ أَنْتَ آخِذٌ بِنَاصِيَتِهَا))([9]) މާނައީ: ”އިބައިލާހު، ދިރޭ ކޮންމެ އެއްޗެއްގެ ނިތްކުރިމަތީގެ އިސްތަށިގަނޑުގައި ހިއްޕަވާފައިވާ (އެބަހީ: އެތަކެތީގެ އެންމެހާ ބާރެއް ލިބިވޮޑިގެންފައިވާ) ކޮންމެ އެއްޗެއްގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށް މިއަޅާ އިބައިލާހަށް ދަންނަވަމެވެ.“ އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. ((اللَّهُمَّ إِنِّي عَبْدُكَ وَابْنُ عَبْدِكَ، وَابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ))([10]) މާނައީ: ”އޭ ހައްދަވާ ބޮޑުކުރައްވާ އިލާހެވެ! ހަމަކަށަވަރުން، މިއަޅާއީ އިބައިލާހުގެ އަޅަކީމެވެ. އަދި އިބައިލާހުގެ އަޅެއްގެ ދަރިޔަކީމެވެ. އަދި އިބައިލާހުގެ (އަންހެން) އަޅެއްގެ ދަރިޔަކީމެވެ. މިއަޅާގެ އެންމެހާ ބާރެއް މިލްކުވެވޮޑިގެންވަނީ އިބައިލާހަށެވެ. އިބައިލާހު ވަނީ މިއަޅާއާމެދު ޙުކުމްކުރައްވާފައެވެ. އިބައިލާހު މިއަޅާއާމެދު ފައިޞަލާކުރައްވާފައިވަނީ ޢަދުލުވެރިކަމާއެކުގައެވެ.“ އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. ((إِنَّكَ تَقْضِى وَلاَ يُقْضَى عَلَيْكَ، وَإِنَّهُ لاَ يَذِلُّ مَنْ وَالَيْتَ وَلاَ يَعِزُّ مَنْ عَادَيْتَ))([11]) މާނައީ: ”ފަހެ، އިބަﷲ ފައިޞަލާކުރައްވަމުއެވެ. އަދި އިބަﷲގެ ފައިޞަލާއާ ޚިލާފަށް އެއްވެސް ފަރާތަކަށް ފައިޞަލާއެއް ނުކުރެވޭނެއެވެ. ހަމަކަށަވަރުން އިބަﷲ ރަޙުމަތްތެރިވެވޮޑިގެންފިމީހަކު ނިކަމެތިނުވާހުއްޓެވެ. އަދި އިބަﷲ ދުޝްމަނުވެވޮޑިގެންފިމީހަކު ޢިއްޒަތްތެރިނުވާ ހުއްޓެވެ.“ މިފަދަ އެހެންވެސް އެތައް ޙަދީޘެކެވެ.

ސ70: އެންމެހާ ކަމެއްގައި އެއިލާހު މަތިވެރިވެގެންވާކަމުގެ ދަލީލަކީ ކޮބާ؟ އަދި އެއިލާހަށް ނިސްބަތްކުރުމުން ދުރުހެލިވާންޖެހޭ ކަންކަމަކީ ކޮބާ؟

ޖ: އެންމެހާ ކަމެއްގައި އެއިލާހު މަތިވެރިވެގެންވުމަކީ، އެއިލާހުގެ އިސްމުފުޅުތައްކަމަށްވާ ”الْقُدُّوْسُ“ ”السَّلَامُ“ ”الْكَبِيرُ“ ”الـمُتَعَالُ“ ފަދަ އިސްމުފުޅުތަކުން ނެގިފައިވާ ކަމެއްކަން ދަންނާށެވެ. އަދި މިކަމުން އެއިލާހުގެ އެންމެހާ ޞިފަފުޅުތަކަކީ ރިވެތިވެގެންވާ، ފުރިހަމަ، އަދި އެއިލާހުގެ ޖަލާލުވަންތަކަމާ އެކަށީގެންވާ ޞިފަފުޅުތައް ކަމުގައިވުން ލާޒިމުކުރާނެއެވެ. ވީހިނދު، އެއިލާހީ: އެއިލާހުގެ މުލްކުވަންތަވެރިކަމުގައި އެއްވެސް ފަރާތެއްގެ ހިއްސާއެއްނުވާ، އަދި އެ މުލްކުވަންތަކަމުގެ ބައެއްގައިވެސް އެއްވެސްފަރާތެއްގެ ހިއްސާއެއްނުވާ، އެހެން ފަރާތެއްގެ އެހީއަކަށް، ބާރަކަށް ބޭނުންވެވޮޑިގަތުމެއްނުވާ، އެއިލާހުގެ އިޒުނަޔަކާނުލައި އެއިލާހުގެ ޙަޟްރަތުގައި މަދަދުދެވޭނެ ނުވަތަ ޝަފާޢަތްތެރިވެވޭނެ މީހަކުނުވާ، އަދި އެއިލާހާ ދެކޮޅަށް އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނުދެވޭނެ އެއްކައުވަންތަ މަތިވެރި އިލާހެވެ.

އެއިލާހުގެ ޢަޡީމްވަންތަކަމާއި، ކިބުރިޔާވަންތަކަމާއި، މުލްކުވަންތަކަމާއި، ބާރުވަންތަކަމުގެ ސަބަބުން އެއިލާހާ ދެކޮޅުހެދޭނެ، ނުވަތަ އެއިލާހުގެ މައްޗަށް ގަދަވެގަނެވޭނެ، ނުވަތަ އެއިލާހާ ދެކޮޅަށް ނަޞްރުދެވޭނެ ފަރާތެއްވުމަށްވުރެ އެއިލާހު މަތިވެރިވެވޮޑިގެންވެއެވެ. އަދި އެންމެހާ ތަކެތި އެއިލާހަށް ބޭނުންތެރިވުމުގެ ސަބަބުންނާއި، އެއިލާހު އެއްވެސް އެއްޗަކަށް ބޭނުންވެވޮޑިގެންނުވުމުގެ ސަބަބުން (އެބަހީ: ޞަމަދިއްޔަތުގެ ސަބަބުން) އަނބިކަނބަލަކަށާއި، ދަރިކަލަކަށާއި، މައިންބަފަޔަކަށާއި، ކުފޫހަމަވެގެންވާ ފަރާތެއްވުމުންނާއި، އެއްވައްތަރު ފަރާތެއްވުމަށްވުރެ އެއިލާހު މަތިވެރިވެވޮޑިގެންވެއެވެ.

އެއިލާހުގެ ފުރިހަމަ ދިރިދެމިވޮޑިގެންވުމާއި، ޤާއިމުވޮޑިގެންވުމުންނާއި، ކުޅަދުންވަންތަކަމުގެ ސަބަބުން އަވަހާރަވުމުންނާއި، އުމުރުން ދުވަސްވުމާއި، އަވަހާރަފުޅު ލެއްޕެވުމާއި، ވަރުބަލިފުޅުވެވޮޑިގެންވުމާއި، ނުކުޅެދުމުގެ ޞިފަ ލިބިވޮޑިގެންވުމަށްވުރެ އެއިލާހު މަތިވެރިވެވޮޑިގެންވެއެވެ. އަދި އެއިލާހުގެ ދެނެވޮޑިގަތުމުގެ ފުރިހަމަކަމާހުރެ، ހަނދާންނެތުމާއި ޣާފިލުވުމާއި، ބިމާއިއުޑުގައި ހިނގާކަމެއްގެ ޛައްރެއްގެ މިންވަރުވެސް އެއިލާހަށް ވަންހަނާވެގެންވުމަށްވުރެ އެއިލާހު މަތިވެރިވެވޮޑިގެންވެއެވެ.

އެއިލާހުގެ ފުރިހަމަ ޙިކުމަތްވަންތަކަމާއި، ޙަމްދުވަންތަކަމުގެ ސަބަބުން، އެއްވެސް އެއްޗެއް ބޭކާރުގޮތުގައި ހެއްދެވުމުންނާއި، ޚަލްޤުތައް ބޭކާރުގޮތުގައި؛ އަމުރުތަކެއް އަދި ނަހީއެއް ނުވާގޮތަށް ދޫކޮށްލެއްވުމުންނާއި، އެބައިމީހުން އަލުން ދިރުއްވުމެއްނެތި އަދި ޖަޒާ ދެއްވުމެއްނެތި ދޫކޮށްލެއްވުމަށްވުރެ އެއިލާހު މަތިވެރިވެވޮޑިގެންވެއެވެ. އަދި އެއިލާހުގެ ޢަދުލުވެރިކަމުގެ ފުރިހަމަކަމުގެ ސަބަބުން، އެއްވެސް މީހަކަށް ޛައްރެއްގެ މިންވަރުވިޔަސް އަނިޔާވެރިވެ ވޮޑިގެންވުމުންނާއި، އެމީހެއްގެ ހެޔޮކަމުގެ ތިލަފަތުން ޛައްރެއްގެ މިންވަރުވެސް އުނިކުރެއްވުމަށްވުރެ އެއިލާހު މަތިވެރިވެވޮޑިގެންވެއެވެ.

އެއިލާހުގެ ފުދިވޮޑިގެންވުމުގެ ސަބަބުން، އެހެން ފަރާތަކަށް ކާންބޯން ދެއްވުމާއި، ރިޒުޤު ދެއްވުމާއި، އެއްވެސްފަރާތަކަށް އެއްޗެއް ދެއްވުމަށް ޖެހިލުންވެވޮޑިގެންވުމަށްވުރެ އެއިލާހު މަތިވެރިވެވޮޑިގެންވެއެވެ. އަދި އެއިލާހުގެ ޛާތުފުޅަށް އެއިލާހު ޞިފަކުރައްވާފައިވާ، އަދި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެއިލާހަށް ޞިފަކުރައްވާފައިވާ އެންމެހާ ޞިފަފުފުޅުތަކުގެ ސަބަބުން، އެސިފަފުޅުތަކުގެ މާނައޮޅުވާލުމާއި، އެއިލާހުގެ މަޚްލޫޤުންނާ އެއްސިފަކުރުމަށްވުރެ އެއިލާހު މަތިވެރިވެވޮޑިގެންވެއެވެ.

އެއިލާހުގެ ހުސްޠާހިރުވަންތަކަމާއި، ޙަމްދުވަންތަކަމާއި، ޢިއްޒަތްތެރިކަމާއި، ޖަލާލުވަންތަކަމާއި، މަތިވެރިކަމުގެ ސަބަބުން، އެއިލާހުގެ އިލާހިއްޔަވަންތަކަމާއި، ރައްބުވަންތަކަމާއި، އަދި އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ނަފީކޮށްފާނެ އެންމެހާ ކަމަކަށްވުރެ އެއިލާހު މަތިވެރިވެވޮޑިގެންވެއެވެ. ﴿وَلَهُ الْمَثَلُ الْأَعْلَى فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ ﴾ الروم: ٢٧ މާނައީ: ”އުޑުތަކާއި ބިމުގައި އެންމެ ފުރިހަމަ މިސާލު ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ އިލާހެވެ.“ މިކަމާގުޅޭ ވަޙީއާއި ސުންނަތުގެ ނައްޞުތަކުން މިކަން ރަނގަޅަށް އެނގި ރޯފިލާފައިވުމާއެކު، މިކަމުގެ ދަލީލުތައް ގިނަގުނަވެފައި، މަޝްހޫރެވެ.


([1]) (ضعيف جدا)، رواه ابن أبي عاصم في السنة (577) ، وأبو داود (2724) ، والترمذي (3320) ، وابن خزيمة في التوحيد (68). والحديث أخرجه أبو داود أيضا وابن ماجه (193) ، والآجري في الشريعة ص (292) ومنها ما أخرجه أحمد (1 / 206، 207).

([2]) ޤުރައިޡާއަކީ: މަދީނާވަށައިގެން އުޅުނު ޔަހޫދީ ޤަބީލާތަކުގެ ތެރެއިން އެއް ޤަބީލާއެއްގެ މީހުންނެވެ. މުސްލިމުންނާއެކު އުޅެމުންއައިސް، ޚަންދަޤު ހަނގުރާމައިގެދުވަސްވަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޚިޔާނާތްތެރިވެ، މަދީނާގެ ތެރެއިން މުސްލިމުންނާ ޢަދާވާތްތެރިވިއެވެ. މި ސަބަބާހުރެ؛ ޚަންދަޤު ހަނގުރާމައިން ވަޑައިގެން ހިޖުރައިން 5 ވަނަ އަހަރުގެ ޛުލްޤައިދާމަހުގައި އެބައިމީހުންނާ ހަނގުރާމަކުރުމަށް ރަސޫލުﷲ ނިންމެވިއެވެ. އަދި 25 ދުވަސްވަންދެން އެބައިމީހުން ޙިސާރުކުރެއްވިއެވެ. އަދި އެބައިމީހުންނާމެދު ޙުކުމްކުރެއްވުމަށް ސަޢުދު ބުން މުޢާޛު ރަޟިޔަﷲ ޢަންހުއާ އެންގެވިއެވެ. މިގޮތުން؛ މުސްލިމުންނާ ހަނގުރާމަކުރިމީހުން ޤަތުލުކުރުމަށާއި، އެބައިމީހުންގެ އަންހެނުންނާއި ކުޑަކުދިން އަސީރުންގެ ގޮތުގައި ބެހެއްޓުމަށާއި، އެބައިމީހުންގެ މުދާތައް މުސްލިމުން ހޯދައިގަތުމަށެވެ. މި ޙުކުމާމެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެއްބަސްވެވަޑައިގެންނެވިއެވެ.

([3]) رواه البخاري (3043، 3804، 4121)، ومسلم (الجهاد والسير / 64).

([4]) رواه مسلم (مساجد/ 33).

([5]) رواه البخاري (555، 3223)، ومسلم (مساجد / 210).

([6]) رواه البخاري (7430، 1410) ، ومسلم (الزكاة / 63).

([7]) رواه البخاري (4701، 4800).

([8]) ޖަހްމީންނަކީ: ޖަހްމު ބުން ޞަފްވާން ކިޔާމީހަކަށް ތަބާވާ ބައެކެވެ. މީނަގެ ނުބައި ފިކުރުތައް ފަތުރަން ފަށާފައިވަނީ ”ތިރުމުޛު“ އޭ ކިޔުނު ރަށުގައެވެ. އަދި ހިޖުރައިން 128 ވަނަ އަހަރު ”މަރޫ“ އޭ ކިޔުނު ރަށުގައި ސަލްމު ބުން އަޙްވަޛު ވަނީ އޭނާ ޤަތުލުކޮށްލާފައެވެ. އޭނައަކީ މާތް ﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް އެއްކޮށް ނާފީކުރުމުގެ ޢަޤީދާ ގެންގުޅުނުމީހެކެވެ. އަދި މާތް ﷲ ވަނީ ކަންކަން ކުރުމަށް މީސްތަކުންނަށް މަޖުބޫރުކުރައްވާފައިވާކަމަށް ޤަބޫލުކުރުންފަދަ ބާޠިލު އެކި ޢަޤީދާތައް ގެންގުޅުނު މީހެކެވެ.

([9]) رواه مسلم (الذكر / 61، 62، 63).

([10]) رواه أحمد (1 / 391، 452) ، تقدم س 52..

([11]) (صحيح) ، رواه أحمد (1 / 199، 200) ، وأبو داود (1425، 1426) ، والترمذي (464) ، وابن ماجه (1178) ، والحاكم (3 / 172) ، والنسائي (1746، 1178).

 5,622 total views