ފަހު ދިހައެއް އައިފަހުން އަންހެނުން ހުންނަނީ މިލާ މޯޅިވެފަ. ކީއްވެ ކަމެއް ނޭނގެ؟

ޢިމްރާން ރަފީޢު  (އަޞްލު ނަމެއްނޫން) އަކީ ރާއްޖޭގެ އުތުރަށް ނިސްބަތްވާ ޒުވާނެކެވެ. ރަށާއި ކައިރީގައި އޮތް އެހެން ރަށެއްގެ ކުއްޖަކާ ކައިވެނިކޮށްގެން ދިރި އުޅެނީ މާލޭގައެވެ. މިޒާޖުގައި ސަކަ ގޮތެއް ހުންނަ ޢިމްރާނަށް އާއްމުކޮށް ކިޔައި އުޅެނީ އިންމައެވެ. އޭނާ އަބަދުވެސް އަންހެނުން އުފަލުގައި ބަހައްޓަން ވަރަށް އިސްކަންދެއެވެ. ކޮފީތަކަށްވެސް ދަނީ ވަރަށް މަދުންނެވެ.

ކޮރޯނާވައިރަސްގެ ބަލާއާފަތުގެ ސަބަބުން ރޯދަމަހު އަމުދުން ގޭބަންދުގައި ތިބެން ޖެހުމުން ދެމަފިރންގެ މެދުގައި އޮތް ލޯބި އިތުރުވިއެވެ. އިންމަ ބަދިގެއަށް ވަދެ ކައްކައިދިނުމާއި ގޭތެރެ ސާފުކުރުން ފަދަ ކަންތައްތައްކޮށްދެއެވެ. ރަމަޟާންމަސް ބައްދަލު ކުރީ އެދެމަފިރިންގެ ޙަޔާތަށް މުޅިން އައު އިޙްސާސްތަކަކާއި ކުލަތަކަކާއި އެކުއެވެ. ހަމަ އެއާއި އެކު އިންމަގެ ކުޅަދާނަ ކަމުން ސުފުރާމައްޗަށް މިފަހަރު އެކިވައްތަރުގެ ޑިޝް ދަނީ އިތުރުވަމުންނެވެ. އެއްދިހައެއް ފާއިތުވެއްޖެއެވެ. ދެމަފިރިންގެ މެދުގައި މައްސަލެއް ނުޖެހި ވަރަށް އޮމާންކޮށް ދަތުރު ކުރަމުން އެބަދެއެވެ. މެދު ދިހައެއްވެސް ނިމެނީއެވެ. ކުޑަކޮށް ވައިބާރުވާހެން އިންމައަށް ހީވާން ފަށައިފިއެވެ. އަންހެނުން ބައެއް ފަހަރު ރުޅިގަދަވެއެވެ. މަޖަލަކަށް ބުނާބަހެއްވެސް ވަރަށް ސީރިއަސްކޮށް ނަގާތަން ފެންނަން ފަށައިފިއެވެ. އެކަމަކު ދެތިން ދުވަހު އެހެން ވައި ބާރުވެލާފައި މޫސުން ރަނގަޅުވެއްޖެއެވެ. އަންހެނުން ހާރުދަމަށް ތެދުވެ ހާރުކާން ހެދިޔަސް ނުކައި ނިދާންފަށައިފިއެވެ. ފަތިސްނަމާދަށް ހޭނުލާން ފަށައފިއެވެ. އޭރު މެދު ދިހައެއް ނިމި ގަދަ ދިހައެއް ފެށިއްޖެއެވެ. އާދެ ރަމަޟާންމަހުގެ އެންމެ މާތް ދިހައެއް ފެށިއްޖެއެވެ. އެދުވަސްތަކުގައި ލައިލަތުލް ޤަދުރި ހިމެނޭ މަތިވެރި ދުވަސްތަކެވެ.

އެއީ ރަމަޟާން މަހުން ވިހިވަނަ ދުވަހެވެ. އިންމައަށް ހޭލެވުނީ މެންދުރު ބާރަވެސް ޖެހިފަހުންނެވެ. އެއީ ރޭގަނޑު އެއްކޮށް ހޭލާ ހުރީމައެވެ. ކިޔެވިދުވަސްވަރު ލާނެއްކޮށް އުޅުނަސް މިހާރު ވިސްނި ބުއްދި ހުރީ ފުރިހަމަވާން ކައިރިވެފައެވެ. ދެން ސާޅީސްއަހަރު ފުރެންވެސް މިވީހާ ދުވަހެއް ވާކަށްވެސް ނެތްވިއްޔާއެވެ. އަވަސްއަވަހަށް ތެދުވެ ފެންވަރާ ނަމާދު ކޮށްލައިގެން އަންހެނުން ކައިރިއަށް ބަދިގެއަށް ވަނެވެ. އޭރު އަންހެނު ހުރީ ކަންފަތުގައި ހެޑުސެޓު ޖަހައިގެން ވަރަށް އަވަދިނެތި ތަރުކާރީ ކޮށާށެވެ. މިއީ ސިޔަރަތު އަންނަ ގަޑިއެވެ. އިންމަ ވަރަށް ފަރުވާތެރިކަމާއި އެކު އަންހެނުންގެ މޫނަށް ބަލާލިއެވެ. ލޯމަތި ކުޑަކޮށް ދުޅަވެފައި ހުއްޓެވެ. ލޯކައިރީގައި ކަރުނަ ހިކިފައި ހުއްޓެވެ. ފަހަކަށް އައިސް އަންހެނުން ދީނީ ދަރުސް އަޑުއަހާކަންވެސް އިންމައަށް ވަނީ ފާހަގަވެފައެވެ. ރޯދަމަސް ފެށުނު ފަހުން ކުރިން ގެންގުޅު ޒާތްޒާތުގެ ފެޝަން ހެދުންތައް ދޫކޮށްލާ ދޫހެދުން ލާން މާކުރިން އޮތީ ނިންމާފައެވެ. ބޭރަށް ނުދެވޭތީ އަދި އެފަދަ ހެދުމެއްގައި ހުއްޓާ އިންމައަށް ނުފެނެއެވެ. ކޮންމެއަކަސް އަންހެނުން ކަމަކާއި ރޮއެފައި ހުރިކަން އިންމައަށް ޔަޤީނާ ގާތަށް ލަފާކުރެވިއްޖެއެވެ. އެހެންވެ އަންހެނުން ގާތަށް ޖެހިލާފައި ވަރަށް ލޯބިން ބޮލުގައި ފިރުމާލިއެވެ. އެވަގުތު ދެމަފިރިންގެ ހަތަރުކަޅި ހަމަވިއެވެ. އަންހެނުންގެ ލޮލުން އެތައް މެސެޖެއް އިންމައަށް ލިބުނެވެ. 

އިންމަ ކުއްލިއަކަށް ބަދިގެއިން ނުކުތެވެ. އަދި ކޮޓަރިއަށް ވަދެ ފޯނުން އެގުޅާލީ އޭނާގެ ރައްޓެހި، ކުރަހާ މާލިކަށެވެ. އެއީ އާރޓިސްޓެކެވެ. ޚިޔާލު ތަނަވަސް މީހެކެވެ.

”ފަހުދިހައެއް އައި ފަހުން އަންހެނުން ހުންނަނީ މުޅިން މިލާ މޯޅިވެފައި. ކީއްވެ ކަމެއް ނޭނގެ“ ފޯނުން އިންމަ ބުންޏެވެ.

“ މިފަހަރު އެކަމެއްނުވާނެދޯ“ އިންމައަށް ދޯ ދެމުން މާލިކު ފޯނުން ޖަވާބުދިނެވެ. އެއީ ކުރީފަހަރަކު އަންހެނުން ރުޅިގަދަވެގެން އުޅުނު ދުވަސްކޮޅެކެވެ. މާލިކުގެ ނަޞޭޙަތުގެ މަތީން އެކަން ހައްލުކުރަން އިންމަކުރިކަމަކީ ކާމިޔާބު މަސައްކަތެކެވެ. އެއީ ރޯދަ ސޭލު އަޅުވާފައި އޮތް ފިހާރައަކަށް އޯޕަން ބަޖެޓެއް ފާސްކޮށްގެން އަންހެނުން ގެންދިޔުމެވެ. އެއަހަރު ރޯދަމަސް އެއްކޮށް އޮތީ އުޑުމަތީގައި ވިލާރޮއްޖެއްވެސް ޖަހާނުލައެވެ. ވައިވެސް ހުރީ މެދު މިނެއްގައެވެ. އަމުދުން ކަނޑުގައި ރާޅެއް ނުވެސް ނެތެވެ. އެކަމަކު މިފަހަރު އެކަމެއް ވާކަށް ނެތެވެ. ކޮވިޑަކާއި ހެދިއެވެ. މާލިކަށްވެސް މިފަހަރު މާކަ މޮޅު ޚިޔާލެއް ނުދެވުނެވެ. އޭނާވެސް ގޭގައި ބަންދުވެގެން އޮތީމައި ސިކުޑިވެސް ތަޅުލެވިފައި ތޯއްޗެކެވެ. 

އެދުވަހު އިރު އޮއްސެންދެން އިންމަ ކުރިކަމަކީ އިންޓަނެޓުން އަންހެނުން ރުއްސާނެގޮތާއި ބެހޭ މައޫލޫމާތު ހޯދުމެވެ. ފަސްގަޑި ބައިވިއިރުވެސް މި ލޮކްޑައުންގައި ކުރެވޭކަހަލަ ކަމެއް ނުފެނުނެވެ. ފިނިފެންމަލާއި ޗޮކްލެޓު ގަންނަން ދާނީ ކޮންތާކަށް ހެއްޔެވެ؟ ސަޕްރައިޒް ޑިނަރއެއް ދޭނީ ކޮން ރެސްޓޯރެއްގައިތޯއެވެ؟ ކުއްލި ޗުއްޓި ދަތުރެއް ރޭވޭނީ ފުރަބަންދުން ވީއްލުނީމާ ތާއެވެ؟ 

އެންމެ ފަހުން ލެޕްޓޮޕު ބާއްވާފައި ފޯނު ނެގިއެވެ. އެތައް މެސެޖެއް އައިސްފައި ހުއްޓެވެ. އެންމެ ގިނައިން ހުރީ މެސެންޖާއިން ލިބިފައި ހުރި މެސެޖެވެ. އިންމަ އެންމެ ބޮޑަށް އަޅައިގަތީ އެކުގައި ކިޔަވަން އުޅުނު ރައްޓެއްސެއް ވަރަށް ޒަމާންކޮށްފައި ފޮނުވާފައި އިން މެސެޖެއްގައެވެ. އެމެސެޖު ކިޔާލާފައި ލައިކެއްދިނެވެ. އަދި ޤަޞްދަކާ ނުލައި އެމެސެޖު ފެމެލީ ވައިބަރ ގުރޫޕަށް ލިއެވެ. އަދި ދެން ވައިބަރއިން ލިބިފައި ހުރި މެސެޖުތައް ބަލަން ފެށިއެވެ. ކުއްލިއަކަށް ފެމެލީ ވައިބަރ ގުރޫޕަށް މެސެޖެއް އައެވެ. 

”އަލްޙަމްދުލިއްލާހި“ އިންމަގެ މެސެޖަށް އަންހެނުން ޖަވާބުދީފައި އޮތެވެ. އިންމަ ހައިރާންވިއެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ބަދިގެއާއި ދިމާލަށް ދިޔައެވެ. 

“ އަވަހަށް އާދޭ. ބަންގި ގޮވަނީ“ ހެވި ދިއްލިފައި ހުރެގެން އަންހެނުން އިންމައާއި މުޚާޠަބު ކުރިއެވެ. އެމޫނުގައިވަނީ އުފާވެރިކަމެވެ. ލޯމަތިންވެސްމިލާ މިލާ މޯޅިވުމުގެ އެއްވެސް ޢަލާމާތެއް ފެންނާކަށް ނެތެވެ. އިންމަހައިރާންވެގެން ހުއްޓެވެ. ހޭވެރިކަންވީ ޓީވީން ބަންގީގެ އަޑު އިވުނީމައެވެ. ކޯދޮވެގެން ގޮސް މަޣުރިބުނަމާދު ކޮށްގެން ސިޓިން ރޫމަށް ނުކުތްއިރު ފޯނުން ޤުރުއާން ޖަހައިގެން ޤުރުއާނުގެ އެކިޔެވުމަށް ގެއްލިފައިއަންހެނުން ސޯފާގައި އިނެވެ. އިންމަ އައިސް ކައިރީގައި އިށީންކަމެއްވެސް އޭނާއަށް ނޭނގެއެވެ. އިންމަ އަންހެނުން ކައިރީގައި ދިހަވަރަކަށް މިނެޓު އިނެވެ. އެކަމަކު އަންހެނުންނަށް އެތަން ނުފެންނަ ކަހަލައެވެ. އިންމަ އޭނާގެ ގައިގައި ކޮއްޓާލިއެވެ. 

“ ކިހިނެއްވީ؟“ އަންހެނުން ޖަހާފައި ހުރި ޤުރުއާން ނިއްވާލާފައި ބުނެލިއެވެ.

“ ކީއްނުވަނީ. މިއަދު މެންދުރު މިލާފަ އިން މަލެއް ހަވީރަށް ފޮޅުނު ގޮތެއް ނޭނގިގެން މިއުޅެނީ“ އިންމަ އޭނާގެ ޝާޢިރީ އިބާރާތުން ޖަވާބު ދިނެވެ. އޭނާއަށް ވުރެ އަންހެނުން މާކުޅަދާނައެވެ.

“ މަލަށް ފެންދިން މީހާއަށް އެވަރު ނޭނގުމަކީ އެމީހާގެ މައްސަލައެއް،އެކަމާ މެދު މަލެއް ކޮން ޖަވާބެއް ދެވޭނީ“ އިންމަ ކުޑަ އިރުކޮޅަކަށް ހިމޭންވިއެވެ. އަންހެނުންގެ ޖަވާބުގެ ފުންކަމުން ޝާޢިރަކަށް ވެގެން އުޅުނު މީހާއަށް ނުވިސްނުނެވެ. ދެންވެސް ވާހަކަ ދެއްކީ އަންހެނުންވެ.

“ ސާބަސް، އިންމަ އެއްނޫންތަ މި ފޯސްޓް ފެމެލީ ގުރޫޕަށް ލީ“ އަންހެނުން ފޯނުން ފޯސްޓް ދައްކާލަމުން ބުންޏެވެ. 

އާއެކެވެ. އެއީ އިންމަ ހަވީރު އޭރު އެލީ ޕޯސްޓެވެ. އޭނާ އޭގައި އެވާ އެއްޗެއް ފަރުވާތެރިކަމާއި އެކު ކިޔާލިއެވެ.  ފޯސްޓުގައި އޮތީ މިހެނެވެ.

“ ރޯދަ ހިފަން ޢުޒުރުވެރިވާ އަންހެނާ ފަހުދިހައެއްގައި އަޅުކަން ކުރާނީ ކިހިނެއްތަ؟“ މިއީ ސުރުޚީއެވެ. ދެން އޮތީ ޕޮއިންޓު ފޯމަށް ލިޔެފައިވާ ފަސްވަރަކަށް ނުކުތާއެވެ. އެއީ:1- ދުޢާކުރުން މިސާލަކަށް މިދުޢާ : اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَفَاعْفُ عَنِّي.2- ފޯނުން ބަލައިގެން ޤުރުއާން ކިޔެވުން  3- ޤުރުއާން އަޑުއެހުން. އެހެނީ ޤުރުއާން އަޑުއެހުމަކީވެސް އެކިޔެވުމާއި އެއްވަރުގެ އަޖުރެއް ލިބޭނެ ކަމެއް.4- ގިނައިގިނައިން ޒިކުރު ކުރުން މިސާލަކަށް: سبحان الله والحمدلله ولا إله إلا الله  والله أكبر.5- ޞަދަޤާތްކުރުން: މިސާލަކަށް ތަރާވިސްދަމު ނުވަތަ ހާރުދަމު ގޭގެ މީހުންނަށް ކާން އެއްޗެއް ތައްޔާރު ކޮށްލާފައި ވެސް ޞަދަޤާތުގެ ނިޔަތުގައި ދެވިދާނެއެވެ.

ދެން އެންމެ ތިރީގައި އަދި ކުޑަކުޑަ ނޯޓެއް ލިޔެފައި އިނެވެ. އޭގައި އިނީ މިހެނެވެ.

ނޯޓް: ހައިޟްވެރިޔާއަށް ނަމާދުކުރުމާއި، ރޯދަހިފުމާއި، ޠަވާފުކުރުން ފިޔަވައި އެހެން ހުރިހާ އަޅުކަމެއް ކުރެވޭނެއެވެ.

އިންމަ އެޕޯސްޓު ކިޔާލާފައި ފޯނު އަންހެނުންނަށް ދެމުން “ މި ފޯސްޓާއި ތީނަގެ މޫޑާއި ހުރީ ކޮންގުޅުމެއް“ ތޯ ސުވާލުކުރިއެވެ.

“ އަހަރެން މިއަހަރު ހުރީ ފަހުދިހައެއްގެ ހުރިހާ ރެއަކު ޤަވައިދުން ދަމުނަމާދު ކުރަން. އެހެން ހުއްޓާ ނުކުރެވޭ ގޮތް ވީ، އެހެންވީމަދެރަވީ. އަހަރެން ހީކުރީ ހަމައެކަނި ލައިލަތުލް ޤަދުރިވިލޭރޭ ލިބޭނީ ދަމުނަމާދު ކުރާމީހުންނަށް ކަމަށް. އެކަމަކު އިންމަގެ ފޯސްޓު ފެނުނީމާ ވަރަށް އުފާވި، އަދި ހިތްހަމަޖެހުނު“ އަންހެނުން އުފަލުން ބުނެލިއެވެ. ދެން ދެމީހުން އެކުގައި ގޮސް ކޮޓަރިއަށް ވަނެއެވެ.

މިއީ ޚިޔާލީ ވާހަކައެކެވެ. އެކަމަކު މިއީ އަޅުގަނޑުމެންގެ ތެރޭގައި އާއްމު ސުވާލެކެވެ. ފަހުދިހައެއްގެ މާތްކަން ހައިޟު ނިފާޞްވެރިން ހޯދާނީ ކިހިނެއްތޯއެވެ. އަދި އެއްފަހަރު އިންމަ ޝެއާކުރި ފޯސްޓު ކިޔާލާށެވެ. ތި ހުރިހާ ބޭފުޅުން އޭނާގެ ފެމެލީ ވައިބަރ ގުރޫޕުގައި ނީންނާނެކަން އެނގޭތީ މަތީގައި އަޅުގަނޑު އެއޮތީ އެފޯސްޓުގައި ހުރި ކަންތައްތައް ލިޔެލަދީފައެވެ.

ދުޢާ އަކީ މިރަމަޟާން މަހު ފަހުދިހައެއްގެ މާތްކަން އަޅުގަނޑުމެން އެންމެނަށް ﷲ މިންވަރު ކުރެއްވުމެވެ. އާމިން،

 16,156 total views