މެހެމާނާ ވަކިވެ ދިއުމުގެ ކުރިން…

ޙަމްދު ހުރީ މާތް ﷲ އަށެވެ. ޞަލަޥާތްލެއްވުން އެދި ދުޢާކުރަނީ އެކަލާނގެ ލޮބުވެތި ކައުއިތުރު ނަބިއްޔާގެ މައްޗަށެވެ.

މިޢާލަމުގައިވާ ކޮންމެ ކަމަކީ ވެސް ނިމުމަކާ ދިމާލަށް ދަތުރު ކުރާ ކަންކަމެވެ. ހަމަ އެފަދައިން ކޮންމެ މީހަކީ ވެސް އެމީހަކާ ބައްދަލުކުރާ ފަރާތްތަކާ ވަކިވެ އަލްޥަދާޢު ކިޔާނެ މީހެކެވެ. ކަންމިހެން އޮތްހިނދު، މީގައި މުހިއްމުވެގެން ދަނީ އެފަރާތަކާ އެކު އަޅުގަނޑުމެން މުޢާމަލާތް ބަހައްޓާ ގޮތެވެ. ބައްދަލުވާ ހިދުން ފެށިގެން ވެސް އެފަރަތަކާ މެދު ރަނގަޅަށް ކަން ކުރެވިފައި ވާނަމަ އެއީ ވަރަށް ވެސް ބޮޑު ނިޢުމަތެކެވެ. އެހެންނަސް ފަރުވާކުޑަކޮށް މުޢާމަލާތް ކުރެވިފައި ވާނަމަ ބާކީ އޮތް ދުވަސްކޮޅުގައި ވިޔަސް، ކުރިން ފާއިތުވެގެން ދިޔަ ބައި ފޫބައްދަން ބުރަ މައްސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިއްމު ކަމެކެވެ. އެހެން ނޫންނަމަ އެކުރިމަތިވީ ވަރަށް ވެސް ހިތާމަވެރި ނިމުމަކާއެވެ.

އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވާ ބަރަކާތްތެރި މެހެމާނަކީ ވެސް އަޅުގަނޑުމެންނާ ވަކިވެ އަލްޥަދާޢު ކިޔާނެ މެހެމާނެކެވެ. ކިތަންމެ އެކުގައި އުޅެން ބޭނުން ވިޔަސް އެއީ ނައިސް ނުދާނެ ކަމެކެވެ. އެގޮތުން އަޅުގަނޑުމެން މިހާރު ގުނަމުން މިދަނީ މި މަތިވެރި ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތަކެވެ. އަޅުގަނޑުމެންނާ ކައިރިވަމުން އެއަންނަނީ އެމަހުގެ އެންމެ އަގުބޮޑު ހަދިޔާ ހިމެނިގެންވާ ޒަމާންތަކެވެ. ފަހެ، މިފަދަ ދުވަސްތަކަކީ އެއްގޮތަކަށް ވެސް ބީވެގެން ދިޔަދޭން ހެޔޮވާނެ ދުވަސްތަކެއް ނޫނެވެ. ފައިދާ އާއި ކާމިޔާބުގެ ގޮތުން ބެލިކަމުގައި ވިޔަސް މިފަދަ ފުރުޞަތުތަކަކީ މަދު ފުރުޞަތުތަކެކެވެ.

އެހެކަންކަމުން މިއީ ބަރަކާތްތެރި ލައިލަތުލްޤަދްރީގެ މޮޅުއިތުރުކަން ލިބިގަތުމައްޓަކައި މަސައްކަތްކުރަން އެދޭ މީހާ ގަދައަޅައި މަސައްކަތް ކުރަންވީ ވަގުތުތަކެވެ. މިމަހުގެ ކުރީކޮޅުގައި ފަރުވާކުޑަ ކުރެވިފައިވާ ކޮންމެ މީހަކަށް އޭނާގެ އަތުން ގެއްލިގެން ދިޔަ ދަރުމައާއި ޘަޥާބުގެ ބަދަލު އަލުން ހޯދުމައްޓަކައި ތައުބާވެ އައު ހިތްވަރަކާއެކީ ބުރަ މަސައްކަތް ކުރަން މިއީ ރަނުގެ ފުރުޞަތެކެވެ.

އެފަދަ ހިތްވަރެއްގައި މަސައްކަތް ކުރަން އެދޭނަމަ އަޅުގަނޑުމެންނަށް އަނެއްކާވެސް އޮތީ މަތިވެރި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސީރަތުގެ ޞަފުޙާތައް އަލުން ހުޅުވާލުމެވެ. އެކަލޭގެފާނު ކަންކުރެއްވި ގޮތްތައް އަލުން ކިޔައި މުރާޖާ ތަކުރާރު ކުރުމެވެ. އެ މައްސަރުގައި ކަންކުރެއްވި ގޮތްތަކުގެ މަތިން އަނެއްކާވެސް ހަނދުމަ އައުކޮށްލުމެވެ. ވަކިން ޚާއްޞަކޮށް ފަހު ދިހައެއްގައި އެކަލޭގެފާނުގެ ޢަމަލުފުޅުތައް ބެހެއްޓެވިގޮތް ހިތްމައްޗަށް ގެނައުމެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ ރަމަޟާން މަހުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅުތައް ބެހެއްޓެވި ގޮތް ބަޔާން ކުރައްވައި އަލްއިމާމް އިބްނުލްޤައްޔިމް رحمه الله ޛިކުރު ކުރައްވާފައިވާ ކުރު އެހެނަސް ޝާމިލް ޖުމްލަކޮޅެކެވެ.

قال ابن القيم – رحمه الله تعالى -: ”وكان من هديه – صلى الله عليه وسلم – في شهر رمضان: الإكثار من أنواع العبادات، فكان جبريل – عليه الصلاة والسلام – يدارسه القرآن في رمضان، وكان إذا لقيه جبريل أجود بالخير من الريح المرسلة، وكان أجـود الناس، وأجود ما يكون في رمضان، يكثر فيـه الصدقة، والإحسان، وتلاوة القرآن والصلاة والذكر، والاعتكاف. وكان يخص رمضان من العبادة ما لا يخص غيره به من الشهور، حتى إنه كان ليواصل فيه أحياناً ليوفر ساعات ليله ونهاره على العبادة“ [زاد المعاد في هدي خير العباد:2/30]

އިބްނުލްޤައްޔިމް رحمه الله تعالى ވިދާޅުވިއެވެ: ”އަދި އެކަލޭގެފާނު صلى الله عليه وسلم ރަމަޟާން މަހަށް (ދެއްކެވި) ހިދާޔަތުގެ ތެރޭގައި؛ އަޅުކަމުގެ އެކިބާވަތްތަކުން (އަޅުކަން ކުރެއްވުން) ގިނަކުރެއްވުން ހިމެނެއެވެ. އަދި ރަމަޟާން މަހުގައި ޖިބްރީލްގެފާނު عليه السلام ވެސް އެކަލޭގެފާނާ އެކުގައި ޤުރްއާން މުރާޖާކުރައްވާ ކަމުގައި ވިއެވެ. އަދި ފޮނުވާލެވޭ ވައިރޯޅިއަށް ވުރެ ވެސް ޖިބްރީލްގެފާނު عليه السلام އެކަލޭގެފާނާ صلى الله عليه وسلم (ޤުރްއާން މުރާޖާކުރެއްވުމަށް) ބައްދަލު ކުރައްވާ ދުވަސްވަރު، އެކަލޭގެފާނު صلى الله عليه وسلم ދީލަތިވެވަޑައިގަންނަވިއެވެ. އަދި އެކަލޭގެފާނަކީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ފަރާތް ކަމުގައިވިއެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތިވެވަޑައިގެންނެވީ ރަމަޟާން މަހުގައެވެ. އެމަހުގައި ޞަދަޤާތް ކުރެއްވުމާއި އިޙްސާންތެރިވެ ވަޑައިގެންނެވުމާއި، ޤުރްއާން ކިޔުއްވުމާއި، ނަމާދު ކުރެއްވުމާއި، ޛިކުރު ކުރެއްވުމާއި އިޢުތިކާފަށް އިންނެވުން އެކަލޭގެފާނު ގިނަކުރެއްވިއެވެ. އެހެން މައްސަރުތަކުގައި ނުކުރައްވާ މިންވަރަށް ރަމަޟާން މަހަށް އެކަލޭގެފާނުގެ އަޅުކަމުން މިންވަރު ޚާއްޞަ ކުރެއްވިއެވެ. އަދި އެމަހުގައި ބައެއް ފަހަރު އެކަލޭގެފާނު އަޅުކަމުގައި ދެމިހުންނެވުމަށްޓަކައި ދުވާލުން ރޭގަނޑަށް ރޯދަ ގުޅުވާލައްވާ ކަމުގައި ވެސް ވިއެވެ“.

މާތް ﷲ އެކަލޭގެފާނާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަޥާތާއި ސަލާމް ލައްވާށިއެވެ. އާމީން.

والحمد لله رب العالمين. 

ނިމުނީ

 3,413 total views