ބައްޕަ ނިދީމަ ރޭގަނޑު ރައްޓެހިންނާއި އެކު ޒުވާނަކު ސިއްރުން ކުރި ކަންތައް

އެއީ މަދީނާގައި އިސްލާމުދީނުގެ ދަޢުވަތު ފެތުރިގަންނަން ފެށި ދުވަސްވަރެވެ. މައްކާއިން ވަޑައިގެން އުޅުއްވާ ސަފީރު މުޞްޢަބު ބިން ޢުމައިރު- ރަޟިއްޔަﷲ ޢަންހު-ގެ އަތްޕުޅުމައްޗަށް މަދީނާގެ މީސްތަކުން ދިޔައީ އިސްލާމުވަމުންނެވެ. ބަނޫ ޢަބުދުލްއަޝްހަލު ވަންހަ ކަހަލަ ބައެއް ޤަބީލާތައް އެއްކޮށްވަނީ އޭރު އިސްލާމުވެފައެވެ. ދީން ފެތުރުމާއި ދީން ބަޔާންކޮށްދެއްވުމުގައި މުޞްޢަބުގެފާނާއި އެކު މަދީނާގެ ޒުވާނުންގެ ތެރޭގައި މުސްލިމު ޒުވާނުން ވަރަށް ފޯރީގައި އުޅުއްވަމުން ދިޔައެވެ. މިފަދަ ޒުވާނުންގެ އެއް ޓީމަކީ ”ޓީމު މުޢާޛެވެ.“ އެއީ މުޢާޛު ބިން ޖަބަލާއި މުޢާޛު ބިން އަލްޙާރިޘާއި އަދި މުޢާޛު ބިން ޢަމްރޫއެވެ. މި ތިން އެކުވެރިންނަކީ މަދީނާގެ ބަނޫ ސަލަމަތު ވަންހައަށް ނިޞްބަތްވާ ބޭކަލުން ކޮޅެކެވެ. މި ޤަބީލާގެ މީހުން ދިރިއުޅުނު ހިސާބު މިހާރުވެސް މަދީނާގައި އޮވެއެވެ. އެތަނުގައި މީހުން އާބާދުވެފައިވެސް ވެއެވެ. އަދި އެބޭކަލުން ނަމާދު ކުރައްވަން ބިނާ ކުރެއްވި މިސްކިތް ބިނާ ކުރެއްވިތަނުގައި މިއަދުވެސް މިސްކިތެއް އެބަހުއްޓެވެ. އެއީ މަޝްހޫރު ދިޤުބުލަ މިސްކިތެވެ. ނުވަތަ މަސްޖިދުލް ޤިބުލަތައިނީގެ ނަމުން ތާރީޚުގައި ލިޔެވިފައިވާ މިސްކިތެވެ.

ކޮންމެއަކަސް މި ޤަބީލާގެ މާތް ބޮޑުންގެ ތެރޭގައި މިޓީމުގައި ހިމެނޭ މުޢާޛު ބިން ޢަމްރޫގެ ބައްޕަ ހިމެނެއެވެ. އެއީ ޢަމްރު ބިން ޖަމޫޙުއެވެ. މިކަލޭގެފާނަކީ ޤަބީލާގެ އިޙްތިރާމު ލިބިފައިވާ ޤަދަރުވެރި ބޭކަލެކެވެ. އަދި އުފެދުމުގައި އެއްފައި ކޮރު ބޭކަލެކެވެ. ނަމަވެސް އެ ނުކުޅެދުންތެރިކަމާއި އެކު ވެސް އެކަލޭގެފާނު ވެފައިވަނީ ޤައުމުގައި ބަސްވިކޭ ބޮޑުންގެ ތެރޭގައެވެ. އެޒަމާނުގެ ބޮޑެތި މީހުން އެމީހުންނަށް ޚާއްޞަކޮށްގެން ބުދު ހަދައިގެން ގޭގައި އެ ބުދު ބަހައްޓައިގެން އުޅުމަކީ އާދައެކެވެ. އެގޮތުން މި ޢަމުރުގެފާނުގެވެސް ލަކުޑިން ވަރަށް ރީތިކޮށް ބުދެއްހަދައިގެން އުޅެއެވެ. އެބުދަށް ކިޔާ އުޅެނީ މަނާތެވެ. ކޮންމެއަކަސް މިބުދު ދެކެ އެކަލޭގެފާނު ވަރަށް ލޯބިވެއެވެ. ދޭތެރެދޭތެރެއިން ބުދު ފެންވަރުވާ އަތަރު ބޮކަރުވެސް ކާއްތައެވެ.

މަދީނާގައި ފެތުރެމުން ދިޔަ އައު ދީނަށް މި ޢަމްރުގެ މުޅި ޢައިލާ ވަންއިރުވެސް ޢަމްރު ހުރީ ކުފުރުގެމަތީގައެވެ. އަނބިކަނބަލުންނާއި ދަރިންވެސް ދީނަށްވަނެވެ. މުސްކުޅި ބައްޕަ ކުފުރުގެ މަތީގައި ހުރުމަކީ ޒުވާން މުސްލިމު މުޢާޛު ބިން ޢަމްރުގެފާނަށް ކަންބޮޑުވާ ކަމަކަށް ވެއްޖެއެވެ. އެކަލޭގެފާނުގެ މަސައްކަތުން މަންމަ އިސްލާމުކުރެވުނަސް ބައްޕަ ލައްވާ ދީން ބަދަލު ކުރެވޭނެ މަގެއް ނުފެނުނެވެ. އެންމެ ފަހުން އެކަލޭގެފާނުގެ ޓީމުގައި ހިމެނޭ އަނެއް ދެ މުޢާޛު އާއި މިކަމާއި މަޝްވަރާ ކޮށްފިއެވެ. އަދި އެ ތިން އެކުވެރިން އެ ކުރެއްވި ސައްލާއެއް ކުރުމަށްފަހު އެ ބޭކަލުން ގޮތެއް ނިންމައިފިއެވެ.

އެދުވަސްވަރަކީ މީސްތަކުން އިރު އޮއްސުމާއިއެކު އަވަހަށް ނިދާފައި ފަޖުރުގެ އަލިކަމާއި އެކު ހޭލާއުޅުނު ޒަމާނެވެ. އެހެންކަމުން އިރުއޮއްސި މާގިނަ ވަގުތެއް ނުވަނީސް މުޅި މަދީނާވެސް އޮންނަނީ ހަމަހިމޭންވެފައެވެ. ރޭގަނޑު ދަންވިދަންވިހެން މީހުންގެ ހިލަންވުން ވެސް ދާނީ މަދުވަމުންނެވެ. މި އުޞޫލުން ޢަމްރު ބިން ޖަމޫޙުގެފާނުވެސް ވަރަށް އިރާކޮޅު ނިދިކުރައްވައެވެ. އަދި އުމުރުން ދުވަސްވެފައި ހުރުމުންވެސް ހަށިގަނޑަށް އިތުރަށް އަރާމު ބޭނުންވާތީ އަވަހަށް ނިދި ކުރެއްވިރެއެކެވެ. ނިދުމުގެ ކުރިން ކަލާނގެއަށް އަޅުކަން ކުރެއެވެ. އަދި ފަތިހު ހޭލާވެސް އަޅުކަން ކުރުން އޮވެއެވެ.

ކޮންމެއަކަސް ބައްޕަ ނިދިކަން ކަށަވަރުވުމުން މުޢާޛު މަޑުމަޑުން ގެއިން ނުކުމެއްޖެއެވެ. އަދި ކުޑަ އިރުކޮޅަކުން އެކުވެރިންނާއި އެކު ގޭތެރެއަށް ވަނެވެ. އެ އުޅެނީ މިޒަމާނުގެ ޒުވާނުން ގޮތަށް މުޅި ރޭ ފިލްމުބަލާ މެޗުބަލަން ތިބެންކަމަށް ހީނުކުރާއްޗެވެ. އެބޭކަލުން ކިތައްމެ ޒުވާނަކަސް އަދި ހަށިގަނޑުގައި ޒުވާންކަމުގެ ލޭ ހިގިނަމަވެސް އެ ހަކަތަ ބޭނުންކުރެއްވީ ބޭކާރު ކޫސަނި ކަންތައްތަށް ކުރާކަށް ނޫނެވެ. އެއާއި ޚިލާފަށް އެ ތިން ޒުވާނުން އެ އުޅެނީ އެކަމެއްގެ ސަބަބުން ޤަބީލާގެ ޤަދަރުވެރި ބޭކަލަކަށް އެއްޗެއް ވިސްނައިދެވޭތޯއެވެ.

މަޑުމަޑުން ތިން އެކުވެރިން ގެއަށް ވަނެވެ. އަޑެއްބަޑެއް ނުލައްވައި ތިން މީހުންވެގެން އެއްކަލަ ލަކުޑިން ހަދާފައިހުރި މަނާތޭ ކިޔޭ ބުދު ނަގައިފިއެވެ. ދެން އަވަސް އަވަހަށް ގެއިން ބޭރަށް ނުކުމެއްޖެއެވެ. އަދި އަނދިރި މަގަކުން ބުދު ހިފައިގެން އެ ދިޔައީ ޤަބިލާގެ މީހުންގެ ކުނި ގޮނޑަށެވެ. އެއީ އަވަށާއި ދުރުގައި ހުންނަ ވަޅެކެވެ. ކުރިން ބޯފެން ނަގަން ބޭނުންކުރިޔަސް މިހާރު އެއީ ކުނިގޮނޑެވެ. އެ ވަޅަށް އެކި ޒާތްޒާތުގެ ކުނި އަޅާފައި ހުއްޓެވެ. ވަޅާއި ހަމައަށް ފޯރުމާއި އެކު އެއްކަލަ ބުދު ބޯކޮޅަށް ވަޅުގެ ތެރެއަށް އެއްލާލިއެވެ. ދެން ތިން ޒުވާނުން ދުވެފައި އެމީހެއްގެ ގެއަށް ހިނގައްޖެއެވެ. މުޢާޛު ބިން ޢަމްރު ގެއަށް އިއިރުވެސް ބައްޕަ ހަމަ ގަދަ ނިދީގައި އޮތެވެ. މި ކުރެވުނުކަމުގެ މައްޗަށް އުފާކޮށް އެކަލޭގެފާނުވެސް ތަންމަތީގައި އޮށޯވެ ނިދައިފިއެވެ.

އެރި އިރާއެކު ގޭތެރޭގައި މައްސަލަ ބޮޑުވެއްޖެއެވެ. ބައްޕަގެ ހަޅޭކުގެ އަޑު ވަނީ މުޅި ގޭގައި ގުގުމާލާފައެވެ. މުޢާޛުގެފާނު ދަންނަކަމަށްވެސް ނަހަދާ ހުއްޓެވެ. ބައްޕަ އެންމެ ފަހުން ކޮރުޖަހަމުން މުޅި އަވަށުގައި ހިނގަން ނުކުމެއްޖެއެވެ. ކީއްކުރަންތޯއެވެ. ކަލާންގެ ހޯދާށެވެ. އަޖައިބެކެވެ. ތިން ޒުވާނުން އައިސް ކަލާންގެ ނަގައިގެން ގެންދިޔަ އިރުވެސް އެއަކަށް އަމިއްލަ ނަފްސެއްވެސް ދިފާޢެއް ނުކުރެވުނެވެ. އެވަރުގެ ބަލިކަށި ކަލާންގެއަކަށް އަޅުކަން ކުރަން ކަމުދާނެބާއެވެ.

އެތައް އިރަކު ހިނގާފައި އެންމެ ފަހުން ބައްޕަ ގެއަށް އައީ ކަލާންގެ ހޯދައިގެނެވެ. ކުނިއަޅާފައި އޮތް މިވެނި ވަޅެއްގައި ކަލާންގެ ބޯކޮޅަށް ވައްޓާލާފައި އޮއްވައި ފެނުނީކަމަށް ބުންޏެވެ. އަދި ވަރަށް ރޮއިހަދާފައި ކަލާންގެ ދޮވެ އަތަރުލައްވާ ހަމަ ކުރިންވެސް އެ ބައިންދާފައި އިންނަ ތަނުގައި ބައިންދައިފިއެވެ. އަދި ނިދުމުގެ ކުރިން ވަރަށް އަޅުކަން ކޮއްފިއެވެ. ދެން އިރުކޮޅަކުން ނިދަން އޮށޯވެއްޖެއެވެ. ބައްޕަ ނިދިކަން ކަށަވަރުވުމުން މުޢާޛުގެފާނު ތެދުވެ ބުދު ހިފައިގެން ބޭރަށް ގޮސްފިއެވެ. އަދި ގޭ ކައިރީގައި އިންތިޒާރުގައި ތިބި ދެއެކުވެރިންނާއި އެކު ގޮސް އަނެއްކާ ކުނިއަޅާ އެހެން ވަޅުގަނޑަކަށް އެއްލާލައިފިއެވެ. އަނެއް ދުވަހުވެސް ބައްޕަ ފަތިހު ތެދުވެ ކަލާންގެ ހޯދަން ހިނގައި ހޯދައިގެން ގެނެސް ކުރީ ދުވަހުގޮތަށް ވަރަށް ސާފުކޮށް އަތަރުލައްވާފައި ބުދު ބައިންދައިފިއެވެ. ކޮންމެ އަކަސް އެ ތިންޒުވާނުން ހަމަ ކޮންމެ ރެއަކުވެސް އެ ބުދު ނަގައިގެން ކޮންމެވެސް ތާކަށް ފަތިސްވުމުގެ ކުރިން އެއްލާލައެވެ. އަދި ހަމަ ކޮންމެ ދުވަހަކު ފަތިހު ތެދުވެގެން ޢަމްރުގެފާނު މުޅި އަވަށުގައި ހިންގަވައިގެން އެ ބުދު އިރުއޮއްސުމުގެ ކުރިން ހޯދައިގެން ގެނެސް ފެންވަރުވާ ބޮކަރު އަތަރުލައްވާފައި ބައިންދައެވެ. މިހެން މިކަން ތަކުރާރުވާތީ އެއް ދުވަހަކު ބުދު ހޯދައިގެން ގެނެސް ފެންވަރުވައި އަތަރުލައްވާފައި ވަރަށް އަޅުކަން ކޮށްފިއެވެ. ދެން އިރުއޮއްސުމުން ނިދުމުގެ ކުރިން ބުދުގެ ކަރުގައި ކަނޑިއެއް އެޅުވިއެވެ. އަދި ބުދާއި މުޚާޠަބުކޮށް ބުންޏެވެ.“ މި އަޅާއަށް އިބައިލާހަށް ތިފަދަ ކަމެއް ކުރާ ބަޔަކު ނޭނގެއެވެ. އެގޭނަމަ އެމީހުންނަށް އަދަބު ދީފީމުހެވެ. މިރޭ އެމީހުން އަތުވެއްޖެނަމަ މިކަނޑިން އެމީހުންގެ ކަންތައް ނިންމާލާށެވެ.“

ކޮންމެއަކަސް މިރޭވެސް އެއްކަލަ ޒުވާން ދަރިކަލުން ބުދު ނަގައިފިއެވެ. އަދި ކަނޑި އޭތީގެ ކަރުން ނަގާފައި ކަނޑި ގޭގައި ބޭއްވިއެވެ. ދެން ބުދު ހިފައިގެން އަނެއް ދެ އެކުވެރިން ކައިރިއަށް ދިޔައެވެ. ދެން މިރޭ ބުދުގައި ކަނޑިއެއް ބައްޕަ އެޅުވި ވާހަކަ އެކުވެރިން ގާތުކިޔައިދިނެވެ. ކޮންމެއަކަސް މިކަމާއި ހަދާނެގޮތެއް ވިސްނަން އިރުކޮޅަކު ތިން އެކުވެރިން ތިއްބެވެ. ދެން އެ ހޯދާއެއްޗެއް އަނދިރީގައި ހޯދައިގެން އަތުވެއްޖެއެވެ. އަދި ވާގަނޑެއްގައި އެ ގެނައި އެތި އައްސާފައި އެ ވާގަނޑުގެ އަނެއްކޮޅު ބުދުގެ ކަރުގައި އައްސައިފިއެވެ. ދެން ބުދު ގެންގޮސް އަނެއްކާވެސް ކުނިއަޅާފައި އޮން ވަޅަކަށް ވައްޓާލައިފިއެވެ.

މިއަދުވެސް އެރި އިރާއި އެކު ޢަމްރުގެފާނު ތެދުވެގެން އެންމެ ފުރަތަމަ ބެލީ ކަލާންގެ ކޮބައިތޯއެވެ. އަސްތާ ކަލާންގެއަށް ދިން ކަނޑި އޮތެވެ. އެކަމަކު ކަލާންގެއެއް ގޭގައެއް ނެތެވެ. އަނެއްކާވެސް އެ ކަލޭގެފާނު މުޅި ރަށުގައި މިއަދުވެސް ހިނގައިފިއެވެ. އެތައް އިރަކު ހިނގިފަހުން ކަލާންގެ ފެނިއްޖެއެވެ. އެކަމަކު މިފަހަރު އެކަލާންގެ ނަގާކަށް ނޫޅުނެވެ. އެހެނީ ކަނޑިއެއް ދީފައި އަމިއްލަ ނަފްސު ސަލާމަތްކުރަން ބުނި ރޭ މިއޮތީ ކަރުގައި ވާގަނޑެއްޖަހާފައި މަރުވެ ކުނިވެފައި ފުޅައަޅާފައި އޮތް ކުއްތާކާއި އެކު ކަލާންގެ ވަޅެއްގެ ތެރެއަށް އެއްލާލާފައެވެ. މި މަންޒަރު ފެނުމުން ޢަމްރުގެފާނު ވިސްނަވަން ފެއްޓެވިއެވެ. އަދި އެތައް އިރަކު ވިސްނަވާފައި އެ ވަޅުކައިރީގައި ހުރެގެން ޅެމެއް ހަދައި ކިޔާފައި ބުދު އެ އޮތްތަނުގައި ބާއްވާފައި ގެއަށް އައިސް ދަރިކަލުންނާއި އަނބިކަމަނާގެ ކުރިމަތީގައި ޝަޙާދެއްކިޔައި އިސްލާމުވެއްޖެއެވެ.

އާއެކެވެ! ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް ﷲފިޔަވައި އަޅުކަން ޙައްޤު ގޮތުގައި ކުރުން އެކަށީގެންވާ އެހެން އެއްވެސް އިލާހެއް މިކައުނުގައި ވާނެކަމަށް ޤަބޫލުކުރާނެ ޖާގައެއްނެތެވެ.

ކޮންމެއަކަސް ރޭގަނޑު ހޭލާތިބެގެންވެސް އެ ތިން ޒުވާނުން އެ ކުރީ ހެޔޮވެގެންވާ ކަމެކެވެ. ދުލުން ބުނެ ހާމަކޮށްދީގެން ބައްޕައަށް ނުވިސްނުނީމައި  ބައްޕައަށް ވިސްނައިދޭން ބުދު ކޮންމެރެއަކު ގެންގޮސް ކުނި ތަކުގެތެރެއަށް އެއްލާލަނީއެވެ. އެތައް ރެއަކަށް ފަހު އެ ޓީމުގެ މަސައްކަތް ކާމިޔާބުވީއެވެ. އިސްލާމްދީނަށް ގޮވާލައި އެކަން މީސްތަކުންނަށް ވިސްނައިދިނުމަށް އެ ޒުވާނުން އެކުރެއްވި މަސައްކަތް އަދު އަޅުގަނޑުމެންނަށް ކުރެވޭތޯއެވެ. އަޅުގަނޑުމެން ރޭގަނޑުވެއްޖެއްޔާ ތިބެނީ ބުދަށް އަޅުކަންކުރާމީހުން ކުޅެފައި ހުންނަ ސިލްސިލާ ބަލާށެވެ. ނުވަތަ އެމީހުން ކުޅޭ މެޗެއްގެ އަވައިގައެވެ. އަހަރަކު އެތައް ކާފަރު ފަތުރުވެރިއަކު ޒިޔާރަތް ކުރާއިރުވެސް ޒުވާނުން ބަލަނީ އެމީހުންގެ އަތުން ޓިޕްސް ލިބޭތޯއެވެ. ޓިޕްސް ހޯދާފައި އެމީހުންނަށް މަތިވެރި އިސްލާމްދީން ހަދިޔާ ކުރަމާތޯއެވެ. އެކަން ކުރުމަށް އިސްލާމްދީން އުނގެނި ދަސްކުރަމާތޯއެވެ.

 12,649 total views