ޢަޤީދާގެ 200 ސުވާލާއި ޖަވާބު (16): ސުވާލު 71 އިން 75 އަށް

ސ71: ”الأَسْمَاءُ الْحُسْنَى“ އާ ގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ”مَنْ  أَحْصَاهَا دَخَلَ الجَنَّة“ (މާނައީ: ”އެއިސްމުފުޅުތައް ދަސްކޮށް، އެއިސްމުފުޅަށް ދޭންޖެހޭ ޙައްޤުތައް ދީފިމީހަކު ސުވަރުގެ ވަންނަ ހުއްޓެވެ.“) މިޙަދީޘްފުޅުގެ މުރާދަކީ ކޮބާ؟

ޖ: މި ޙަދީޘް ތަފާތު މާނާގައި ތަފްސީރުކުރައްވާފައިވެއެވެ. މިގޮތުން އެއް ތަފްސީރަކީ، އެއެންމެހާ އިސްމުފުޅުތައް ދަސްކޮށް، އެއިސްމުފުޅުތަކުން ﷲއަށް ދުޢާ ދަންނަވައި، އެއިލާހަށް ޘަނާ ދެންނެވުމެވެ.

އަދި އަނެއް ތަފްސީރަކީ، މިއިސްމުފުޅުތައް ތަފާތު ބަޔަށް ބެހެއެވެ. އެއިންކޮންމެ ބަޔަކަށްވެސް އޭގެ ޙައްޤު ދިނުމެވެ. އެބައިތަކަކީ:

* މިސާލީ އިސްމުފުޅުތަކެވެ. މިސާލެއްގެ ގޮތުން ”الرَّحِيْمُ“ ”الكَرِيْمُ“ ފަދަ އިސްމުފުޅުތަކެވެ. އަޅާގެ މައްޗަށް ވަނީ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން މިފަދަ މާތް ސިފަތަކުން ސިފަ ލިބިގަތުމެވެ.

* ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަވެގެންވާ އިސްމުފުޅުތަކެވެ. މިސާލެއްގެ ގޮތުން ”الجَبَّارُ“ ”العَظِيْمُ“ ”الـمُتَكَبِّرُ“ ފަދަ އިސްމުފުޅުތަކެވެ. ފަހެ، އަޅާގެ މައްޗަށް ވަނީ މިފަދަ އިސްމުފުޅުތަކަށް އިޤްރާރުވުމާއި، އެއިސްމުފުޅުތަކަށް އިޙްތިރާމްކުރުމާއި، އަދި އެއިން ސިފައަކުން ސިފަ ލިބިގަތުމަށް މަސައްކަތް ނުކުރުމެވެ.

* ވަޢުދުގެ މާނަ އެކުލެވިގެންވާ އިސްމުފުޅުތަކެވެ. މިސާލެއްގެ ގޮތުން ”الغَفُوْرُ“ ”الشَّكُوْرُ“ ”العَفُوُّ“ ”الرَؤُوْفُ“ ”الحَلِيْمُ“ ”الجَوَادُ“ ”الكَرِيْمُ“  ފަދަ އިސްމުފުޅުތަކެވެ. މިފަދަ އިސްމުފުޅުތައް އިވޭ ހިނދު ހިތްހަމަޖެހުމާއި، އިސްމުފުޅުތަކުން ގެނެސްދޭ ކަންކަމަށް އެދުމެވެ.

* ވަޢީދުގެ މާނަ އެކުލެވިގެންވާ އިސްމުފުޅުތަކެވެ. މިސާލެއްގެ ގޮތުން ”عَزِيْزٌ ذُوْ انْتِقَامِ“ (އެބަހީ؛ ޢަޒީޒުވަންތަ، ބަދަލު ހިއްޕެވުމުގައި ގަދަފަދަ ފަރާތް)  ”شَدِيْدُ العِقَابِ“ (އެބަހީ؛ ޢުޤޫބާތް ދެއްވުމުގައި ގަދަފަދަ ފަރާތް) ”سَرِيْعُ الحِسَابُ“ (އެބަހީ؛ ޙިސާބުބެއްލެވުން އަވަސް ފަރާތް) ފަދަ އިސްމުފުޅުތަކެވެ. މިފަދަ އިސްމުފުޅެއް އިވޭ ހިނދު ބިރުވެތިވުމާއި، އެއިލާހުގެ ސަލާމަތާއި ރައްކާތެރިކަމަށް އެދުން ހިމެނެއެވެ.

އަދި އަނެއް ތަފްސީރަކީ، އަޅާ އެއިސްމުފުޅުތަކަށް ހެކިވުމާއި، އެއިސްމުފުޅުތަކަށް ދޭންޖެހޭ ޙައްޤުތައް ދެނެހުރެ ދިނުމާއި، އެއިސްމުފުޅުން އެއިލާހަށް އަޅުކަންކުރުމެވެ. އޭގެ މިސާލަކީ: ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ޚަލްޤުތަކުންނަށްވުރެ މަތިވެރިވެގެންވާކަމަށާއި، އެތަކެއްޗަށް ވުރެ މަތީގައިވާކަމަށާއި، އެއިލާހު ޢަރުޝި މަތީގައި އިސްތަވާ ވޮޑިގެންވާކަމަށާއި، އެއިލާހުގެ ޚަލްޤުތަކުންނާ ވަކިވެވޮޑިގެންވާކަމަށް ހެކިވުމާއެކު، އެއިލާހުގެ ޢިލްމުފުޅާއި ޤަދަރުފުޅު އެންމެހާ އެއްޗެއް ވަށާލައިގެންވާކަމަށް ހެކިވުމާއެކު، މިޞިފަފުޅުތައް އެއިލާހަށް ލިބިވޮޑިގެންވާކަން ދެނެހުރެ އެއިލާހަށް އަޅުކަންކުރުމެވެ. އެފަދަ ޙާލަތެއްގައި އަޅާގެ ހިތްތައް ތަސައްވުރުވެގެންދާނީ، އެމީހާގެ ހިތް އެއިލާހަށް ބިރުވެތިކަމާއެކު މުނާޖާ ދަންނަވާ ޙާލު އެއިލާހުގެ ޙަޟްރަތަށް ޙާޟިރުކުރެވިފައިވާ ފަދައިންނެވެ. އަދި ކުށްކުރެވިފައިވާ ނިކަމެތި އަޅާ ޢިއްޒަތްވަންތަ އެންމެހާ ކަމެއްގެ ވެރި އިލާހުގެ ޙަޟްރަތުގައި ކޮޅަށް ހުއްޓި ހުންނަ ފަދައިންނެވެ. އެފަދަ ޙާލުގައި އެމީހާއަށް ހިތަށް ކުރަމުން ދާނީ އެމީހާގެ އެންމެހާ ބަސްތަކަކާއި ޢަމަލުތަކެއް ޙާޟިރުކުރެވި އެކަމުގެ ހިސާބު ބެލެވެމުންދާކަމުގެ ޝުޢޫރެވެ. ވީހިނދު، އެމީހާ ހިތާމަކުރަންޖެހި، ފަޟީޙަތްވެދާފަދަ ޢަމަލުތަކާއެކު އެއިލާހުގެ ޙަޟްރަތައް ދިޔުމަށް އެފަދަ މީހަކު ލަދުވެތި ވާނެއެވެ. ހަމައެފަދައިން އެފަދަ މީހަކަށް ފެނި ޔަޤީންވެގެން ދާނީ އެއިލާހުގެ އަމުރުފުޅާއި، އިލާހީ ޙުކުމްތައް ދުނިޔޭގެ އެކިކަންކޮޅުތަކަށް ކޮންމެ ވަގުތަކުވެސް ފައިބަމުންދާ ތަނެވެ. މިގޮތުން އެއިލާހުގެ ތަދުބީރުކުރެއްވުމުގެ އެކި ވައްތަރުތަކާއި، ބާރުވަންތަކަމާއި، މެރުއްވުމާއި، ދިރުއްވުމާއި، ޢިއްޒަތްތެރިކުރެއްވުމާއި ނިކަމެތި ކުރެއްވުމާއި، ދަށްކުރެއްވުމާއި މަތިކުރެއްވުމާއި، ދެއްވުމާއި މާނާކުރެއްވުމާއި، މުޞީބާތްތައް ފާޅުކުރެއްވުމާއި މުޞީބާތްތައް އުފުއްލެވުމާއި، މީސްތަކުންގެ ތެރޭގައި ދުވަސްތައް ބަދަލުކުރެއްވުން ފަދަ އެއިލާހަށް ހަމައެކަނި މިލްކުވެވޮޑިގެންވާ ބާރުތައް ތަންފީޛުވެގެންދާ ތަން އެމީހަކަށް އެނގިގެންދާނެއެވެ. އެއިލާހުގެ އަމުރުފުޅު، އެއިލާހު އިރާދަކުރެއްވިގޮތަކަށް ތަންފީޛުވެގެންވެއެވެ. ﴿يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِمَّا تَعُدُّونَ﴾ السجدة: ٥ މާނައީ: ”އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ ތަދުބީރުކުރައްވައެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ ޙަޟްރަތަށް އަރައިގެންދެއެވެ.“

ފަހެ، ޙައްޤުގޮތުގައި އެނގިހުރެ، އެއިލާހަށް އަޅުކަންކޮށް، މިފަދަ އިޙްސާސްތައް ކުރެވިއްޖެ މީހަކަށް އެމީހާގެ ވެރި އިލާހު ފުދިގެންވެއެވެ. ހަމައެފަދައިން އެއިލާހުގެ މޮޅު ޢިލްމުފުޅާއި، އައްސަވާވޮޑިގަތުމާއި، ބައްލަވާވޮޑިގަތުމާއި، އެއިލާހުގެ ދިރިދެމިވޮޑިގަތުމާއި، ޤާއިމުވެވޮޑިގަތުންފަދަ އިސްމުފުޅުތަކަށް ހެކިވެއްޖެމީހަކުވެސް ހަމަ މިފަދައެވެ. ހެޔޮކަމުގައި ކުރިއަރައިގެން ގޮސްފައިވާ، އެއިލާހާ ކުއްތަންވެގެންވާ މީހަކަށް މެނުވީ މިފަދަ މަތިވެރި ދަރަޖައެއް ނުލިބޭނެއެވެ.

ސ72: تَوْحِيْدُ الأَسْمَاءِ وَالصِّفَاتِ ގެ އިދިކޮޅަކީ ކޮބާ؟

ޖ : تَوْحِيْدُ الأَسْمَاءِ وَالصِّفَاتِ ގެ އިދިކޮޅަކީ، ﷲގެ އިސްމުފުޅުގައާއި ޞިފަފުޅުގައާއި، އެއިލާހުގެ އާޔަތްތަކުގައި އިލްޙާދު ކުރުމެވެ. (އެބަހީ ޙައްޤުން އެއްކިބާވެ ދިޔުމެވެ.) މީގެ ތިން ވައްތަރެއްވެއެވެ.

ފުރަތަމައީ: މުޝްރިކުން އިލްޙާދުކުރި ކުރުމެވެ. މިބައިމީހުން ﷲގެ އިސްމުފުޅުތައް، އެއިސްމުފުޅުގެ އަޞްލު އެއިލާހަށް ނިސްބަތްކުރެއެވެ. އަދި އެއިސްމުފުޅުތަށް އިތުރުކޮށްގެން ނުވަތަ އުނިކޮށްގެން މިބައިމީހުންގެ ބުދުތަކަށް ނަންދީ އުޅެއެވެ. މިގޮތުން ’ލާތު‘ ނެގިފައިވަނީ އިލާހުންނެވެ. އަދި ’އަލްޢުއްޒާ‘ ނެގިފައިވަނީ ’އަލްޢަޒީޒު‘ އިންނެވެ. އަދި ’މަނާތު‘ ނެގިފައިވަނީ ’އަލްމަންނާނު‘ އިންނެވެ.

ދެވަނައީ: މުޝައްބިހާއިން (އެބަހީ އެއްވައްތަރުކުރާމީހުން) ގެ އިލްޙާދު ކުރުމެވެ. މިބައިމީހުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޞިފަފުޅުތަކުގެ ކައިފިއްޔަތު ބުނެ، އެއިލާހުގެ ޞިފަފުޅުތައް އެއިލާހުގެ މަޚްލޫޤުންނާ އެއްވައްތަރު ކުރެއެވެ. މިއީ މުޝްރިކުންގެ އިލްޙާދުކުރުމާ ދިމާ އިދިކޮޅު އިލްޙާދެކެވެ. ފަހެ، މުޝްރިކުން ޢާލަމްތަކުގެ ވެރި އިލާހާ މަޚްލޫޤުތަކުންނާ އެއްވައްތަރު ކުރެއެވެ. އަދި މިބައިމީހުން (މުޝައްބިހާއިން) މަޚްލޫޤުތަކުންގެ ޖިސްމުތަކާ އެއިލާހާ އެއްދަރަޖައަކަށް ގެނެސް، އެމަޚްލޫޤުތަކުންނާ، މަތިވެރިވެ ވޮޑިގެންވާ އިލާހާ އެއްވައްތަރު ކުރެއެވެ.

ތިންވަނައީ: ނަފީކުރާ މުޢައްޠިލާއިންގެ އިލްޙާދުކުރުމެވެ. މިބައިމީހުންގެ ދެ ވައްތަރެއްވެއެވެ.

ހ. އެއްބަޔަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތައް އެއިލާހަށް ނިސްބަތްކުރުމަށްފަހު، އެއިސްމުފުޅުން ނެގޭ ފުރިހަމަ ޞިފަފުޅު ނަފީ ކުރާ މީހުންނެވެ. މިބައިމީހުން ބުނަނީ: ﷲ އީ ރަޙްމާންވަންތަ ރަޙީމްވަންތަ، ރަޙްމަތް ނުވާ އިލާހެވެ. އަދި މޮޅަށްދެނެވޮޑިގެންވާ، ޢިލްމެއްނުވާ އިލާހެވެ. އަދި އައްސަވާވޮޑިގެންވާ، އަޑުއެއްސެވުމެއްނުވާ އިލާހެވެ. އަދި ބައްލަވާވޮޑިގެންވާ، ބެއްލެވުމެއްނުވާ އިލާހެވެ. އަދި ކުޅަދުންވަންތަ، ކުޅަދުންވަންތަކަމެއް ނުވާ އިލާހެވެ. އަދި މިބައިމީހުން މިފަދައިން އެންމެހާ އިސްމުފުޅުތައް ބަދަލުކުރެއެވެ.

ށ. އަނެއް ބަޔަކީ އެންމެހާ އިސްމުފުޅުތަކަކާއި، އެއިސްމުފުޅުން ނެގޭ އެންމެހާ ޞިފަފުޅުތައް އެކީއެކަށް ނަފީ ކުރާމީހުންނެވެ. މިބައިމީހުން ޞިފަކުރާގޮތުގައި ﷲއީ ވުޖޫދުވެގެން ނުވާ، އިސްމުފުޅެއް އަދި ޞިފަފުޅެއް ނުވާ ފަރާތެކެވެ.

މިފަދަ އަނިޔާވެރި، ދެކޮޅުހަދާ، ޙައްޤުން އެއްކިބާވެގެންވާ މީހުންގެ ބުނުންތަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ ހުސްޠާހިރުވެ، މަތިވެރިވެވޮޑިގެންވެއެވެ. ﴿رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ هَلْ تَعْلَمُ لَهُ سَمِيًّا﴾  مريم: ٦٥ މާނައީ: ”(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިއިލާހެވެ. ފަހެ، ކަލޭގެފާނު، އެކަލާނގެއަށް އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟“ ﴿لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ﴾ الشورى: ١١ މާނައީ: ”އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.“ ﴿يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِ عِلْمًا﴾ طه: ١١٠ މާނައީ: ”އެބައިމީހުންގެ ކުރިމަތީގައިވާ ކަންތައްތަކާއި، އެބައިމީހުންގެ ފަހަތުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެބައިމީހުންނަކަށް އެކަންތައްތަކުގެ ޢިލްމެއް ނުވެއެވެ.“

ސ73: ތައުޙީދުގެ އެއްވައްތަރާއި އަނެއްވައްތަރުވަނީ ގުޅި ލާމެހިފައި ހެއްޔެވެ؟ އަދި އެއިގެ ތެރެއިން އެއްވައްތަރު ނަފީކޮށްފިނަމަ އަނެއްވައްތަރުވެސް ނަފީ ވާނެހެއްޔެވެ؟

ޖ: އާއެކެވެ. ތައުޙީދުގެ އެއްވައްތަރާއި އަނެއްވައްތަރުވަނީ ގުޅި ލާމެހިފައެވެ. ފަހެ، އޭގެތެރެއިން އެއްވައްތަރުގައި ޝިރުކުކޮށްފިކަމުގައިވާނަމަ، އަނެއްވައްތަރުތަކުގައިވެސް އެމީހަކީ މުޝްރިކެކެވެ. މިސާލަކަށް: ﷲ ފިޔަވައި އެހެން ފަރާތަކަށް ދުޢާކުރުމާއި، އެއިލާހަށް ފިޔަވައި އެހެން ފަރާތަކަށް ކުރުން ކުޅަދާނަވެގެންނުވާކަމެއްގައި އެހެން މީހަކަށް ދެންނެވުމެވެ. ފަހެ، އެއިލާހަށް ހަމައެކަނި ދުޢާ ކުރުމަކީ އަޅުކަމެކެވެ. އަދި އެއީ އަޅުކަމުގެ ސިކުނޑިއެވެ. އެހެން ފަރާތަކަށް އެކަން ކޮށްފިކަމުގައިވާނަމަ އިލާހިއްޔަތުގައި އެއިލާހަށް ޝިރުކުކުރެވުނީއެވެ. އަދި ހެޔޮކަމެއް ދެއްވުމަށް ނުވަތަ ނުބައިކަމަކުން ސަލާމަތްކޮށްދެއްވުމަށް މީހަކަށް ދަންނަވައި، އެދެންނެވޭ ފަރާތަކީ އެކަންކަން ކުރުމުގެ ކުޅަދާނަ މީހެއްކަމަށް ހިތުގައި ކަށަވަރުކޮށްފިނަމަ އެއީ ރައްބުވަންތަކަމުގައި އެއިލާހަށް ޝިރުކު ކުރެވުނީއެވެ. އެމީހާ އެކަށަވަރުކުރަނީ ﷲގެ މުލްކުވަންތަކަމުގައި އެހެންމީހަކު ހިއްސާވެގެންވާކަމަށެވެ. ހަމައެފަދައިން، ﷲ ފިޔަވައި އެމީހާ އެދުޢާކުރާފަރާތަށް ދުޢާކުރަނީ، އެދެންނެވޭ ފަރާތަށް ދުރުގައި ހުރިނަމަވެސް އަދި ކައިރީގައި ހުރިނަމަވެސް، އަދި ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެން ދެންނެވިނަމަވެސް އަޑުއިވޭނެކަމަށް ހިތުގައި ކަށަވަރުކޮށްގެންކަމުގައިވާނަމަ އެއީ ﷲގެ އިސްމުފުޅާއި ޞިފަފުޅުގައި ޝަރީކުކުރުމެވެ. އެމީހާ އެ ދައްކައިދެނީ އެފަދަ ފަރާތެއް އަޑުއެހުމުގައި މޮޅުކަމުގެ ސަބަބުން އެންމެހާ އަޑުތައް އަހާކަމުގައެވެ. އަދި ކައިރީގައިވީނަމަވެސް އަދި ދުރުގައި ހުރިނަމަވެސް އެފަދަ ފަރާތެއްގެ އަޑު އިވުމަކަށް ބަދަލެއް ނާންނަކަމަށެވެ. ވުމާއެކު، މިފަދަ އިލާހުވަންތަކަމުގެ ޝިރުކު، ރައްބުވަންތަކަމުގަޔާއި، އިސްމުފުޅާއި ޞިފަފުޅުގައި ޝިރުކުކުރުން ލާޒިމުކުރެއެވެ.

ސ74: މަލާއިކަތް ބޭކަލުންނަށް އީމާންވުމުގެ ޤުރުއާނާއި ސުންނަތުގެ ދަލީލަކީ ކޮބާ؟

ޖ: މަލާތްކަތް ބޭކަލުންނަށް އީމާންވުމާއިބެހޭގޮތުން ކީރިތި ޤުރުއާނުގައި އައިސްފައިވާ ދަލީލުތައް ގިނަގުނައެވެ. އެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿وَالْمَلَائِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَنْ فِي الْأَرْضِ﴾ الشورى: ٥ މާނައީ: ”އަދި މަލާއިކަތުން، އެބައިމީހުންގެ ވެރިއިލާހަށް ޙަމްދާއެކު ތަސްބީޙަ ދަންނަވައެވެ. އަދި ބިމުގައިވާ މީހުންނަށް ފާފަފުއްސެވުންއެދި، ދުޢާ ކުރައްވައެވެ. ދަންނާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ عِنْدَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَيُسَبِّحُونَهُ وَلَهُ يَسْجُدُونَ﴾ الأعراف: ٢٠٦ މާނައީ: ”ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިއިލާހުގެ ޙަޟްރަތުގައިވާ މަލާއިކަތުން، އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް ބޮޑާވެއެއް ނުގަނެއެވެ. އަދި އެބޭކަލުން އެކަލާނގެއަށް ތަސްބީޙަ ދަންނަވައެވެ. އަދި އެބޭކަލުން ސަޖިދަކުރައްވަނީ އެކަލާނގެއަށެވެ.“ އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿مَنْ كَانَ عَدُوًّا لِلَّهِ وَمَلَائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِلْكَافِرِينَ﴾ البقرة: ٩٨ މާނައީ: ”ﷲއާއި އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ރަސޫލުންނާއި، ޖިބްރީލްގެފާނާއި، މީކާއީލްގެފާނަށް ޢަދާވާތްތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، ކާފަރުންނަށް ޢަދާވާތްތެރިވެވޮޑިގެންވާ އިލާހެވެ.“

އެބޭކަލުންނަށް އީމާންވުމާބެހޭގޮތުން ސުންނަތުގައި އައިސްފައިވާ (ޖިބްރީލްގެފާނުގެ) ޙަދީޘް އިސްވެ ހިނގައްޖެއެވެ. ހަމައެހެންމެ ޞަޙީޙް މުސްލިމްގައިވެއެވެ. ”ހަމަކަށަވަރުން ﷲ ތަޢާލާ އެބޭކަލުން (އެބަހީ: މަލާއިކަތް ބޭކަލުން) ޚަލްޤު ކުރައްވާފައިވަނީ ނޫރުންނެވެ.“([1]) މަލާއިކަތް ބޭކަލުންނަށް އީމާންވުމާއި ގުޅޭގޮތުން އައިސްފައިވާ ޙަދީޘްތައް ގިނަގުނައެވެ.

ސ75: މަލާއިކަތް ބޭކަލުންނަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟

ޖ: އެއީ އެބޭކަލުން ވުޖޫދުވެގެންވާކަމަށާއި، އެބޭކަލުންނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމަށްޓަކައި ޚަލްޤުކުރައްވާފައިވާ މަޚްލޫޤުންތަކެއްކަމަށް ހިތުގެ އަޑިން ތެދުކޮށް ކަށަވަރުކުރުމެވެ. ހަމައެހެންމެ އެބޭކަލުންނީ، އެބޭކަލުންނާމެދު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ސިފަތަކުން ސިފަ ލިބިގެންވާ ބައެއްކަމަށް އީމާންވުމެވެ. އަދި ﴿عِبَادٌ مُكْرَمُونَ * لَا يَسْبِقُونَهُ بِالْقَوْلِ وَهُمْ بِأَمْرِهِ يَعْمَلُونَ﴾  الأنبياء: ٢٦ – ٢٧ މާނައީ: ”މާތް ކުރައްވާފައިވާ، އެކަލާނގެ އަޅުންތަކެކެވެ. އެބޭކަލުން އެކަލާނގެ ޙަޟްރަތަށް އިސްވެބަހެއް ނުދަންނަވާނެތެވެ. އަދި އެބޭކަލުން ޢަމަލުކުރައްވާނީ، އެކަލާނގެ އަމުރުފުޅާ އެއްގޮތަށެވެ.“ ﴿لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ﴾  التحريم: ٦ މާނައީ: ”ﷲ، އެބޭކަލުންނަށް (އެބަހީ މަލާއިކަތުންނަށް) ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެއެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެއެވެ.“ ﴿لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَلَا يَسْتَحْسِرُونَ * يُسَبِّحُونَ اللَّيْلَ وَالنَّهَارَ لَا يَفْتُرُونَ﴾  الأنبياء: ١٩ – ٢٠ މާނައީ: ”(އެކަލާނގެ ޙަޟްރަތުގައިވާ މަލާއިކަތުން،) އެކަލާނގެއަށް އަޅުކަން ކުރުމަކަށް ބޮޑާވެއެއްނުގަނެއެވެ. އަދި ވަރުބައްޔެއްވެސް ނުމެވޭމެއެވެ. އެ މަލާއިކަތުން ރެޔާދުވާލު ފަރުވާކުޑަވުމެއްނެތި ތަސްބީޙަ ދަންނަވަތެވެ.“ އެ ބޭކަލުންނަކީ ފޫހިވާނެ، އަދި ވަރުބަލިވާނެ ބޭކަލުންނެއް ނޫނެވެ.


([1]) رواه مسلم (الزهد / 60)، وأحمد (6 / 153، 168) .

 6,817 total views