ފިރިމީހާ ލައްވައި ނަމާދު ކުރުވަން އޭނާގެ އަންހެނުން ”ކުޅުނު ޑްރާމާ“

ރަމަޟާންމަސް މިވަނީ ނިމަފައެވެ. އެ މަހުގައި ނަމާދު ކުރި އެތަށް ބަޔަކު އަނެއްކާވެސް ނަމާދާއި ދުރުވެގެން އާދެއެވެ. މިއީ ކޮންމެ އަހަރެއްގެ ރަމާޟާންމަހަށްފަހު ފާހަގަވާ ކަމެކެވެ. އަދި މިއަދު އަޅުގަނޑުމެންގެ ތެރޭގައި ދީނީ ހޭލުންތެރިކަށް އިތުރުވެގެން ދިޔުމުގެ ސަބަބުން ފިރިން ނަމާދަށް ފަރުވާތެރި ނުވާނަމަ އެމީހުންލައްވައި ނަމާދުކުރުވަން އަނބިން ހިތްވަރުކުރާތަން މިހާރު ވަރަށް ގިނައިން ފެނެއެވެ. ޙަޤީޤަތުގައި ލޯތްބަކީ އެއީއެވެ. އެހެނީ އެ ދެމީހުން އެ ލޯބިވަނީ ހަމަ އެކަނި ދުނިޔޭގައި އެކަނި އެއްކޮށް އުޅޭކަށްނޫނެވެ. ނަމަވެސް އެއީ ދުނިޔެއިން ފަށާ ސުވަރުގޭގައި ޤަރާރުވާ ލޯތްބަކަށް ހެދުމަކީ ކޮންމެ މުސްލިމު ދެމަފިރިއެއްގެވެސް ލަނޑުދަނޑިއެވެ.
ބައެއް ފިރިންނަށް ނަމާދަށް ފަރުވާކުޑަކުރެވެނީ އޭގެ އަހައްމިއްޔަތުކަމާއި މުހިންމުކަން ނުވިސްނިއެއްވެސް ނުމެ ނޫންމެއެވެ. ނަމަވެސް ރައްޓެހިންނާއި ވަޒީފާގެ މާހައުލާއި މުޖުތަމަޢުގައިވެސް ނަމާދަށް ދެވިފައި އޮންނަ ޤަދަރު ކުޑަވީމަކަމަށް ހީވެއެވެ.
ކޮންމެއަކަސް މިލިޔާ ވާހަކައަކީ ސައްޔިދު އައްޠަންޠާވީ ކިޔާ މިޞްރުގެ ޢަރަބި ބަހުގެ އުސްތާޛަކު ލިޔުއްވާފައިވާ ވާހަކައެކެވެ. ވާހަކަ ލިޔުއްވަމުން މިއީ ސަޢުދީ ޢަރަބިއްޔާގައި ހިނގާފައިވާ ޙަޤީޤީ ވާހަކައެއްކަމަށް ވިދާޅުވެފައި ވެއެވެ. އުސްތާޛު ލިޔުން ވާފައިވެއެވެ.
އެއްފަހަރަކު ސަޢުދީ ފިރިހެނަކު އޭނާގެ އަނބިމީހާ ޖިންނި މޮޔަވާތީ އޭނާގެ ސިޓީގައި ދިރިއުޅޭ ރުޤުޔާ ކުރާ ވަރަށް މަޝްހޫރު ޝެއިޚެއްގެ އަރިހަށް ދިޔައެވެ. ދެމީހުން ވާހަކަ ދެއްކުމަށްފަހު އެއްބަސްވި ދުވަހަށް އަނބިމީހާ ގޮވައިގެން އޭނާގެ ފިރިމީހާ ޝެއިޚްގެ ގެއަށް އައެވެ. އަދި ޝެއިޚް ރުޤްޔާކުރަން ކިޔަވަންފެށިއެވެ. އެތަށް އިރަކު ކިޔަވާފައި އެ އަންހެންމީހާ އާއި މުޚާޠަބުކޮށް ބުންޏެވެ.
“ އޭ ޖިންނިއާއެ! ހަމަ މިހާރު އޭނާގެ ހަށިގަނޑުން ނުކުންނާށެވެ.
“ އަހަރެން ނުކުންނާނީ ޝަރުޠެއްގެ މަތިން“ އަންހެން މީހާ ބަރު އަޑަކުން ވާހަކަ ދެއްކިއެވެ. ހީވާނީ ހަށިގަނޑުގައި އިން ޖިންނީގެ އަޑުހެނެވެ.
“ އެއްވެސް ޝަރުޠެއް ނޯނާނެ. ހަމަ މިހާރު ނުކުމޭ!.“ ޝައިޚް ރައްދުދިނެވެ. ނަމަވެސް އެ ޖިންނި އެކަމަށް އިންކާރު ކުރިއެވެ. ދެން ޝެއިޚް އިތުރަށް ކިޔާވާފައި އަނެއްކާވެސް ނުކުންނަން ބުނެފިއެވެ. ނަމަވެސް ހަމަ ޖިންނި ޝަރުޠުކުރަނީއެވެ. އެކަމަކު ޝެއިޚް ޤަބޫލެއް ނުކުރިއެވެ. ޝެއިޚް ހުށައަޅަނީ އެއްވެސް ޝަރުޠެއް ނެތި ނުކުންނާށެވެ. އެތަށް އިރަކު ވާހަކަ ދެއްކެވިއްޖެއެވެ. ޖިންނި ނުކުންނާކަށް އެއްބަހެއް ނުވިއެވެ. އެންމެ ފަހުން ޖިންނި ބުނެފިއެވެ. “ އަޅެ މި ޝަރުޠު އެއްފަހަރުވެސް އަހާބަލަ“ ދެން ޝެއިޚް އެ ކަމަށް އެންމެ ފަހުން އެއްބަސް ވެއްޖެއެވެ.
“ އަހަރެން މި އަންހެން މީހާގެ ގައިން ނުކުމެގެން އޭނާގެ ފިރިމީހާގެ ގަޔަށް ވަންނަ ގޮތަށް ނުކުމެދާނަށް“ މޮޔެވެފައި އޮތް އަނބިމީހާ ކައިރީގައި އިން ފިރިމީހާއަށް އިޝާރާތް ކުރަމުން ޖިންނީގެ އަޑުން ބުންޏެވެ. ކުއްލިއަކަށް އެ ފިރިހެންމީހާ ތެޅިގަތެވެ. އަދި ނޫނެކޭ ބުނެ އެކަމަށް އިންކާރުކުރިއެވެ. ޝެއިޚްވެސް ތިޔަ ޝަރުޠެއް ޤަބޫލެއްނުކުރާނެކަމަށް ބުންޏެވެ. ދެން ރައްދުގައި އެ ޖިންނި އެހެންވިއްޔާ ނުނުކުންނާނެކަމަށް ބުންޏެވެ. އަނެއްކާވެސް އެތަށް އިރަކު ދެފަރާތުގެ މެދުގައި ވާހަކަ ދެކެވިއްޖެއެވެ. އެންމެ ފަހުން މިފަހަރުވެސް ޖިންނި ހުށައެޅީ އެ ޝަރުޠުކުރީ ކީއްވެތޯ އަޑުއެހުމަށެވެ. ޝެއިޚްއާއި ފިރިމީހާއާއި އެތަނުގައި އިތުރަށް ތިބި ބަޔަކާއި އެންމެން ވަރަށް ޝައުޤުވެރިކަމާއި އެކު އެ ވާހަކައަށް ކަނުލައި އަޑުއަހަން ތިއްބެވެ.
“ ނޫން އެއީ ދޮގެއް“ ފިރިމީހާ ހާސްވެފައި ބާރަށް އަވަސް އަވަހަށް ޖިންނީގެ ވާހަކަ ދޮގުކުރިއެވެ. ޝެއިޚްވެސް އިސްދަށަށްޖަހާލިއެވެ. އެތަށް އިރަކު ވިސްނަން އިނދެފައި ބުންޏެވެ. “ ތިކަމަށް ޙައްލެއް އެބައޮތް“ އެ ޙައްލު އެނގުމުގެ ކުރިން އެ ފިރިހެންމީހާ (ފިރިމީހާ) އެ ދޮގުކުރީ ޖިންނީގެ ކޮން ވާހަކައެއްތޯ އަޑުއަހާލަން ބަހީއެވެ.
މިވީގޮތަކީ ޖިންނި އެ ފިރިހެންމީހާގެ ގަޔަށް ވަންނަށް ޝަރުޠުކުރީ ކީއްވެގެންކަން އެގޭތޯއެވެ؟ އެއީ އެ ފިރިހެންމީހާ ހަދާފައި ހުރި ސިހުރަކަށް ވާތީބާއެވެ؟ ނޫނެކެވެ. “ އަހަރެން މިހެއް މި ޝަރުޠު ކުރަނީ މި އަންހެންމީހާގެ ފިރިމީހާއަކީ ނަމާދަށް ފަރުވާ ކުޑަ މީހެއްވީމާ. އަހަރެންނަށް އޭނާގެ ހަށިގަނޑުގައި އުޅެން ފަސޭހަވާނެތާ.“ ޖިންނި ބުންޏެވެ.
ދެން އޮތީ ޝެއިޚް ދެއްވި ޙައްލެވެ. ޙައްލު ބުނުމުން ޖިންނި ވަގުތުން އަންހެންމީހާގެ ހަށިގަނޑުން ނުކުމެއްޖެއެވެ. އަދި ފިރިމީހާ ޝެއިޚްއަށް ވަރަށް ޝުކުރު އަދާކޮށްފައި އެ ގެއިން އަނބިމީހާ ގޮވައިގެން ހިނގައްޖެއެވެ.
އޭގެ އެތައް ދުވަހެއްފަހުން އެ ޝެއިޚް އެ އަންހެންމީހާއަށް ގުޅާލައިފިއެވެ. އަދި ޙާލު އަހުވާލު އޮޅުފިލުވާލިއެވެ. އަދި ފިރިމީހާ ކޮބައިތޯ ސުވާލުކުރިއެވެ.
“ އަލްޙަމްދުލިއްލާހި. ހާލު ވަރަށް ރަނގަޅު. އެއަށް ފަހު އެއްވެސް އުދަގުލެއް ނުވެ.“ ކުޑަކޮށް ހެމުން އެ އަންހެންމީހާ ޝެއިޚްއަށް ޖަވާބު ދިނެވެ. އަދި އިތުރަށް ބުންޏެވެ. “ މާޝާ ﷲ. އެ ދުވަހަށް ފަހު އަހަރެމެން ގޭ ކައިރީގައި ހުންނަ މިސްކިތް ހުޅުވަނީވެސް އަދި ތަޅުލަނީވެސް ފިރިމީހާ. އެހާވެސް ނަމާދަށް ފަރުވާތެރި.“
ދެން ޝެއިޚްވެސް ވަރަށް ބާރަށް ހޭން ފެށިއެވެ. އަދި އެހިސާބުން އެދެމީހުންގެ ފޯނު ކޯލުނިމުނީއެވެ.
އެކުވެރިންނޭ! މި ވާހަކައިގައި މިވީގޮތަކީ އެ ޖިންނި ގާތުގައި ޝެއިޚް ޙައްލެއްކަމަށް ބުނީ ޖިންނި އަންހެންމީހާގެ ހަށިގަނޑުން ނުކުމެ އެދެމަފިރިން ދިރިއުޅޭ ގޭގެ ކައިރި ހިސާބެއްގައި ދިރިއުޅުމަށެވެ. އަދި އޭގެފަހުން ފިރިހެންމިހާ ނަމާދަށް ފަރުވާ ކުޑަކުރާކަމަށްވާނަމަ އޭނާގެ ހަށިގަނޑަށް ވަނުމަށެވެ. ޖިންނި އެގޮތަށް އެއްބަސްވެގެން ނުކުތީއެވެ. އަސްލު މިއީ އެ ޝެއިޚް އާއި އެ އަންހެންމީހާ އާއި ދެމީހުންވެގެން އޭނާގެ ފިރިމީހާ ނަމާދަށް ފަރުވާކުޑަކުރާތީ އެކަމާއި ނަޞޭހަތްދީދީ ޤަބޫލުނުކުރީމާ ދެމީހުން ރާވައިގެން ކުޅުނު ކުޑަވަރެއްގެ ޑްރާމާއެކެވެ. އެކަން އަދި އަދަށްވެސް ފިރިމީހާއަށް އެނގޭކަމަކަށް ނުވެއެވެ.
އާއެކެވެ. އިނާމުދީގެންވިޔަސް އަދި ހުއްދަ ހީލަތެއް ހަދައިގެންވިޔަސް ބޮޑެތި ފިރިހެނުން ނަމާދު ނުކުރާނަމަ އެ ނަމާދު ކުރުވަން އެބަ ޖެހެއެވެ. އަންހެނަކަށް ކުރެވޭނީ ދެން މިކަހަލަ ކަމެއްތާއެވެ. ނަމާދު ނުކުރާމީހުންނަށް ވިސްނައިދީ ޤަބޫލު ނުކޮށްފިނަމަ އަދަބު ދިނުމަކީ މުސްލިމު ސަރުކާރަކުން ކުރަންޖެހޭކަމެކެވެ. އަދި ކިއެއްތަ ހިޖްރައިން 1102 އަކުން 1103 އަކަށް ރާއްޖޭގައި ވެރިކަން ކުރެއްވި އައްސުލްޠާން މުޙައްމުދު މުޙިއްޔުދީން އަލް ޢާދިލުގެ ވެރިކަމުގައި އެފަދަ މީހުންނަށް އަދަބުދީފައިވާކަން ތާރީޚުން ފެންނަން އެބައޮތެވެ. އެހެންވީމާ އެއީވެސް ދިވެހި ޘަޤާފަތެއްތާއެވެ.

 12,183 total views