އެންމެ ފުރިހަމަ ލޯބި

ދުނިޔެ މައްޗަށް އިންސާނާ އެންމެ ފުރަތަމައިނުން ވުޖޫދުވާން ފަށާ ހިސާބުން ވެސް އޭނާއަށް ލިބިގެންދާ އެންމެ ފުރަތަމަ އެއްޗަކީ ލޯތްބެވެ. އޭނާގެ މަންމަގެ ރަޙިމުގައި އަށަގަނެ ފުރާނަ އެޅުމުގެ ކުރިން ވެސް އޭނާއަށް ލިބެމުން އަންނަ އެއްޗަކީ ލޯތްބެވެ. އެއީ އޭނާ މި ދުނިޔޭގައި ދިރިހުރުމައްޓަކައި ލާން ޖެހޭ އެންމެ ފުރަތަމަ ނޭވާލުމަށް ލިބޭ ފުރުޞަތުގެ ވެސް ކުރިން މާތް ﷲ އޭނާއަށްޓަކައި މިންވަރު ކުރައްވާފައިވާ އެންމެ ފުރަތަމަ ނިޢުމަތެވެ. އެހެން އެކަން ނުވާސްވީ ސަބަބެއް ވެސް ނެތެވެ. އެއްވެސް އާރެއް ބާރެއް ނެތް އެކުޑަކުޑަ އިންސާނާއަށް ލިބިފައިވާ ހަމައެކަނި ޔާރަކީ މުޅި ކާއިނާތުގެ މައްޗަށް އެފަރާތެއްގެ ރަޙްމަތް ތަނަވަސްވެގެންވާ ރަޙްމާނުވަންތަ އޯގާވަންތަ އިލާހެވެ. އެ އިލާހަކީ އެއިލާހުގެ ކޯފާފުޅުގެ މައްޗަށް އެއިލާހުގެ ރަޙްމަތް ކުރިހޯއްދަވައިފި ކަމަށް، އެއިލާހުގެ ޢަރްޝިކޮޅުގެ މަތީގައިވާ ފޮތްކޮޅުގައި ލިޔުއްވައި އެކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވި މާތް މަތިވެރި އިލާހެވެ.

އެކަން ބަޔާންކުރައްވައި މާތް ޞަޙާބީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން އިމާމް ބުޚާރީއާއި އިމާމް މުސްލިމް ރިޥާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. قال رسول الله صلى الله عليه وسلم (لما قضى الله الخلق كتب في كتابه فهو عنده فوق العرش إن رحمتي غلبت غضبي) متفق عليه.

ތަރުޖަމާ: ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ”ﷲ (ތަޢާލާ) ޚަލްޤުތަކުން ޚަލްޤުކުރެއްވުމަށް ފަހު އެކަލާނގެ ޙަޟްރަތުގައި ޢަރްޝި މަތީގައިވާ އެކަލާނގެ ފޮތްކޮޅުގައި ، ’ހަމަކަށަވަރުން ތިމަން އިލާހުގެ ކޯފާފުޅުގެ މައްޗަށް ތިމަން އިލާހުގެ ރަޙްމަތްފުޅު ކުރި ހޯދިއެވެ‘ (މިފަދައިން) ލިޔުއްވިއެވެ“.

ކަންމިހެން އޮތް އިރު، ލޯބިވުމާއި ލޯބިކުރުމާއި ލޯބި ދިނުމާއި އަދި އެނޫންވެސް އެއާ ގުޅުން ހުރި އެންމެހާ ކަންކަމަކީ އަޅުގަނޑުމެންގެ ޚާއްޞަ ނަޒަރެއް އެއަށް ހުއްޓެން ޖެހޭ ކަންކަން ކަމުގައި ނުވެ ނުދާނެއެވެ. މާތް ﷲ ގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ދެވިފައިވާ ކަމެއްކަން ހަމައެކަނި މިޙަދީޘްއަށް ބަލާލުމުން ވެސް ހާމަވެގެން ދެއެވެ. ހަމައެފަދައިން މިޙަދީޘުން އެނގިގެން ދަނީ، މާތް ﷲ ގެ ޙަޟްރަތުގައި ޢަޛާބުގެ މައްޗަށް ޢަފޫކުރެއްވުން އިސްކުރެއްވިގެންވާ ކަމެވެ. އަދަބު ދެއްވުމުގެ މައްޗަށް މަޢާފުކުރެއްވުން އިސްވެގެންވާ ކަމެވެ. ނަފުރަތްތެރިކަމުގެ މައްޗަށް މައްޗަށް އެކުވެރިކަން އިސްކުރެވިގެންވާ ކަމެވެ. ހަރުކަށިކަމުގެ މައްޗަށް އޯގާތެރިކަން އިސްކުރެވިގެންވާ ކަމެވެ. އެއީ އެހުރިހާ ކަމަކީ ހުސްވެސް ލޯތްބާ ގުޅުން ހުރި ކަންކަން ކަމުގައި ވާތީއެވެ. އަދި ދެން އެހެރީ އެއާ އިދިކޮޅު ކަންކަން ކަމުގައިވާތީއެވެ.

ކޮންމެއަކަސް މިހާ ހިސާބުން ދެން އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމަކީ، ލޯތްބަކީ އެފަދަ މަތިވެރި މަޤާމެއް ލިބިގެންވާ ކަމެއް ކަމުގައި ވާއިރު، އަޅުގަނޑުމެންނަށް އެއާ މެދު ޢަމަލު ކުރެވެނީ ކިހިނަކުންތޯ ބަލައިލުމެވެ. އޭގެ ޙައްޤު އެއަށް އަދާ ކުރެވޭތޯ ސުވާލު ކުރުމެވެ. އޭގެ ޙައްޤުވެރިންނަށް އެ އަދާކުރެވޭތޯއެވެ. ނުވަތަ އެ ޙައްޤު ނޫން ފަރާތަކަށް އޭގެ އެއްވެސް މިންވަރެއް ހިއްސާ ކުރެވިފައި ވޭތޯއެވެ. ނުވަތަ އޭގެން ޙައްޤުވާ މިންވަރަށް ވުރެ ގިނަކޮށް ނުވަތަ މަދުން ބައިއެޅިފައި ވޭތޯއެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި މިބީދައިން ބަލާއިރު، އެންމެ ފުރަތަމަވެސް ޚިޔާލަށް ގެނެވެންވާނީ އަޅުގަނޑުމެން އެންމެ ލޯބިވާންޖެހޭ ފަރާތެވެ. މަތިވެރި ލޮބުވެތި އިލާހެވެ. މާތް ﷲ އެވެ. އަދި އެއަށް ފަހު އެކަލާނގެ އެންމެ ލޯބިވާ ފަރާތްތަކެކެވެ. އަދި އެއާ ޖެހިގެން ތިބި ފަރާތްތަކެވެ. މިހެންގޮސް މިތަރުތީބުން ލިސްޓުގައި ހިމެނެން ޖެހޭ އެންމެހާ ޚަލްޤުތަކުންނެވެ. 

އަރަހުށި މާތް ރަސްކަލާނގެއަށް އަޅުގަނޑު ދޭން ޖެހޭ ލޯތްބަކީ ވަރަށްވެސް މަތިވެރި ލޯތްބެކެވެ. އެއީ އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ފަދަ މުޤައްދަސް ސާފު ޠޯހިރު ލޯތްބެކެވެ. އެނޫން އެހެން އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން އެއްފަދަވެގެން ނުވާނެ ފަދަ ލޯތްބެކެވެ. އެހެނީ، އެއީ މައިވަންތަކަމުގެ ލޯތްބާއި، ދެމަފިރިންގެ ދެމެތުގައިވާ އިޝްޤީ ލޯތްބާއި، ދަރިންނަށް އޮންނަ ލޯތްބާއި، ވެރިންނާއި އެކުވެރިންނާއި ދުނިޔެވީ އެހެނިހެން ކަންކަމާއި ތަކެއްޗަށް އޮންނަ ލޯތްބާއި އަދި އެނޫން އެއްވެސް ބާވަތެއްގެ ލޯތްބަކީ މާތް ﷲ އަށް އޮންނަން ޖެހޭ ލޯތްބާ އަޅައިކިޔޭނެ ބާވަތްތަކެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ! ފުރިހަމަ މުއުމިނު އަޅާއަށް އާޚިރަތުގައި އެކަލާނގެ ދެއްވާނެހާ ސާމާނުތަކަށް އޭނާގެ ހިތުގައި އޮންނަ ލޯތްބަށް ވުރެ ވެސް މާތް ﷲ ދެކެ އޭނާ ވާ ލޯބި މިންވެސް ނުކުރެވޭހާ ފުންވެފައި ތަނަވަސްވެގެން ވެއެވެ. ފުރިހަމަވެފައި ހައިބަތު ބޮޑުވެގެން ވެއެވެ. 

އެކަން ބަޔާންވެގެން ދަނީ އޭނާއަށް ސުވަރުގޭގައި ލިބޭހާ އަރާމާއި މަތިވެރިކަމާއި އެނޫން އެންމެހާ ކަމެއް، އޭނާގެ ލޮބުވެތި އިލާހުގެ މޫނުފުޅު ދައްކަވާ ހިނދު ހަނދާން ނެތިގެންދާ ދިއުމުންނެވެ. އެކަލާނގެ ޥަޖްހުފުޅަށް ބެލުމުން އެހިލޭ އުފާވެރިލަމާއި ލައްޒަތާ އެއްފަދަ އެހެން އެއްވެސް ކަމެއް އޭނާއަށް ޖަންނަތުގައި ނުވާތީއެވެ. އެ ލޯބީގައިވާ މުޤައްދަސްކަމާއި ކަރާމާތުގެ ތަނަވަސްކަމަކީ އިމެއް ނެތް ތަނަވަސްކަމެކެވެ.

މާތް ﷲ ދެކެ އެންމެ ހެޔޮ އަދި ފުރިހަމަ ގޮތުގައި ލޯބިވުމުގެ ތަޥްފީޤު އަޅަމެންނަށް ދެއްވާށެވެ. އާމީން.

 7,916 total views