”މުއުމިނުންގެ މައިކަނބަލުން“ ސިލްސިލާ ހަރޯދައަށް ފަހުވެސް ކުރިއަށް ގެންދާގޮތަށް

1441 ވަނަ އަހަރުގެ ޝައްވާލުމަހުގެ ”ހަރޯދައިގެ ދުވަސްތަކުގެ“ ގޮތުގައި އާއްމުކޮށް ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވާ ދުވަސްތަކަށް ޚާއްޞަކޮށްގެން ޖަމްޢިއްޔަތުއްސަލަފުން ފެށި ”މުއުމިނުންގެ މައިކަނބަލުން“ ގެ ދަރުސް ސިލްސިލާ ހުއްޓާނުލައި ކުރިޔަށް ގެންދާގޮތަށް ނިންމައިފިއެވެ.

މި ޝައްވާލުމަހުގެ 2ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ކީރިތި ރަސޫލާ- صلى الله عليه وسلم -ގެ ލޮބުވެތި އަނބި އަނބިކަނބަލުންގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލައި ގެނެސްދޭ މި ސިލްސިލާ ކުރިން އޮތީ ޝައްވާލުމަހުގެ 7 ވަނަ ދުވަހު ނިންމާލާގޮތަށެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ ރަސޫލާ- صلى الله عليه وسلم -ގެ ހުރިހާ އަނބިކަނބަލުންނާއި ބެހޭގޮތުން މަޢުލޫމާތު ގެނެސްދެވެންދެން ސިލްސިލާ މެދުކަނޑާނުލައި ކުރިޔަށް ގެންދާގޮތަށެވެ.

“ އަޅުގަނޑުމެން އަޞްލު ކުރިން ވިސްނައިގެން ތިބީ ހަރޯދައިގެ ހަ ދުވަހަށް މުޅި މަޢުޟޫ ކުރުކޮށް ފައްތާލާފައި ގެނެސްދޭން. ނަމަވެސް ސިލްސިލާ ފަށައިގެން ވަކި ހިސާބަކުން ލިބެމުންދިޔަ ތަރުހީބަށް ބަލާފައި އަދި މި މަޢުޟޫއަށް މީގެ ކުރިން ދަރުސްތަކެއް ދެވިފައި ނުވުމާއިވެސް އެކު ނިންމީ ނަބިއްޔާ- صلى الله عليه وسلم – ގެ އެގާރަ އަނބިކަނބަލުންނާއި ބެހޭ މަޢުލޫމާތު ދުވާލަކު އެޕިސޯޑެއްގެ ގޮތުގައި ގެނެސްދީ ފުރިހަމަ ކޮށްލަން. އެހެންވީމާ އިންޝާﷲ ކުރިއަށް އޮތް ހަފުތާވެސް މި ސިލްސިލާ ހަމަ ކުރިޔަށްދާނެ.“ ސަލަފުގެ ވެބްސައިޓަށް އިތުރަށްމަޢުލޫމާތު ދެމުން އެ ސިލްސިލާ ރާވާ ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ އޮފިސަލަކު ހާމަކުރިއެވެ.

މި ސިލްސިލާ ހުށައަޅުއްވައި ދެއްވަނީ ސަލަފުގެ ޢިލްމުވެރިންގެ މަޖްލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމެވެ. މިހާތަނަށް މި ސިލްސިލާގެ ހަތް އެފިސޯޑްވަނީ ގެނެސްދެވިފައެވެ. އެ އެފިސޯޑްތަކުގައި ނަބިއްޔާ- صلى الله عليه وسلم-ގެ ހަތަރު އަނބިކަނބަލަކާއި ބެހޭ މަޢުލޫމާތުވަނީ ގެނެސްދެވިފައެވެ. އެއީ ޚަދީޖާ ، ޢާއިޝާ، ސައުދާ އަދި ޒައިނަބު ބިންތު ޚުޒައިމާ- رضي الله عنهن- އެވެ. ބަކީ އަދި ހަތް އަނބިކަނބަލުންގެ މަޢުލޫމާތު އިންޝާ ﷲ ކުރިއަށް އޮތް ދުވަސްތަކުގައި ގެނެސްދެވޭނެއެވެ. މި ސިލްސިލާގެ ދަރުސްތައް ގެނެސްދޭނީ ސަލަފުގެ ފޭސްބުކު ޕޭޖާއި ޔޫޓިއުބު ޗެނަލު މެދުވެރިކޮށެވެ. ދަރުސް ގެނެސްދޭ ގަޑި އަކީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އެވެ.

 5,297 total views