ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 5


ހަވަނައީ: ޝައްކުގެ ދުވަހު ރޯދަ ހިފުން


ޝައްކުގެ ދުވަހަކީ ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހެވެ. އެދުވަހަށް އެނަމުން ނަން ދެވުނީ ވިލާ ބޯވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝައުބާންމަހުގެ ތިރީސްވަނަ ދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތޯ ޝައުބާންމަހުގެ ތިރީސްވަނަ ދުވަސްތޯ ޝައްކު އުފެދޭތީއެވެ. [1]

ޢަންމާރު ބުން ޔާސިރު رضي الله عنه ވިދާޅުވިއެވެ.

«مَنْ صَامَ يَوْمَ الشَّكِّ فَقَدْ عَصَى أَبَا القَاسِمِ صَلَّى اللهُ عَلَيْهِ وَسَلَّمَ» [رواه البخاري في صحيحه معلقا وجزم به (3/27) وراه الترمذي في سننه برقم: (686) وصححه الألباني في الإرواء برقم: (961)]

މާނައީ: ”ޝައްކުގެ ދުވަހު ރޯދަ ހިފައިފި މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އޭނާ އަބުލް ޤާސިމު صلى الله عليه وسلم އަށް (އެބަހީ: ނަބިއްޔާ صلى الله عليه وسلم އަށް) އުރެދިއްޖެއެވެ.“

އަދި ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެދުވަސް ކުރިން ރޯދަ ހިފުން ނަހީކޮށްފައިވާ ޙަދީޘްތަކުން މިކަމަށް ބާރު ލިބެއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لاَ يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ، إِلَّا أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمَهُ، فَلْيَصُمْ ذَلِكَ اليَوْمَ» [رواه البخاري في صحيحه برقم: (1914)]

މާނައީ: ”ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސްކުރިން ތިޔަބައިމީހުން ކުރެ މީހަކު ރޯދަ ނުހިފާ ހުށިކަމެވެ. އާދަވެގެން ރޯދަ ހިފަމުން އައި މީހަކު ފިޔަވައެވެ. ފަހެ އެފަދަ މީހަކު އެ ދުވަހުގައިވެސް ހިފާށެވެ.“


ޝައްކުގެ ދުވަހު ރޯދަ ހިފުމުގައި ނުވަތަ ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަ ހިފުމުގެ ޙާލަތްތަކެއް ވެއެވެ.

ފުރަތަމަ ޙާލަތު: އާދަވެގެން ރޯދަ ހިފަމުން އައި މީހަކު އެދުވަސްތަކުގައި ރޯދަ ހިފުން

އާދަވެގެން ރޯދަ ހިފަމުން އައި މީހަކު، މިސާލަކަށް ދެދުވަހުން އެއް ދުވަހު ނުވަތަ ކޮންމެ ހަފްތާއެއްގެ ހޯމަ ބުރާސްފަތީގައި ރޯދަ ހިފަމުން އައި މީހަކަށް އެދުވަސްތަކުގައި ރޯދަ ހިފިދާނެއެވެ.

އިސްވެ ދިޔަ ޙަދީޘްގައިވާ އެކަން އެވަނީ އިސްތިޘްނާ ކުރައްވައި ހުއްދަ ދެއްވާފައެވެ. ”އާދަވެގެން ރޯދަ ހިފަމުން އައި މީހަކު ފިޔަވައެވެ. ފަހެ އެފަދަ މީހަކު އެ ދުވަހުގައިވެސް ހިފާށެވެ.“


ދެވަނަ ޙާލަތު: ޤަޟާ ރޯދަ ހިފުން

އާދަވެގެން ހިފަމުން އައި ސުންނަތް ރޯދަ ހިފުމަށް ހުއްދަ ދެއްވާފައިވާ އިރު ރަމަޟާން މަސް ފެށުމުގެ ކުރިން ހިފަން ހުރި ޤަޟާ ރޯދަތައް އެދުވަސްތަކުގައި ހިފުން މާ އައުލާކަން ބޮޑެވެ. [2]


ތިންވަނަ ޙާލަތު: ރަމަޟާން މަހުގެ ރޯދައަށް ރައްކާތެރިވުމުގެ ގޮތުން ޝައްކުގެ ދުވަހު ރޯދަ ހިފުން

މިފަދައިން ރޯދަ ހިފުމަކީ ހުއްދަކަމެއް ނޫނެވެ.

ނަބަވީ އިރުޝާދުތަކުގައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝަޢުބާން މަހުގެ ތިރީސް ހަމަކޮށްފައި ދެން ރަމަޟާން މަހުގެ އެއް ވަނަ ދުވަހު ރޯދަ ހިފަން ފެށުމަށެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«فَإِنْ غُبِّيَ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلاَثِينَ» [رواه البخاري في صحيحه برقم: (1909)]

މާނައީ: ”ހަނދު ނުފެނިއްޖެނަމަ ފަހެ ޝަޢުބާންމަހުގެ ތިރީސް ދުވަސް ހަމަ ކުރާށެވެ.“ 

މިޙަދީޘްފުޅާ ޚިލާފުވެ، ރައްކާތެރިކަމުގެ ގޮތުން ކަމަށް ބުނެ ހަނދު ނުފެނުމުންވެސް ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަހު ރޯދައަށް ހުރުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. [3]



ހަތްވަނައީ: އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން


އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން ނަބިއްޔާ صلى الله عليه وسلم ވަނީ ނަހީކުރައްވާފައެވެ. [4]

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لَا صَامَ مَنْ صَامَ الْأَبَدَ»  [رواه مسلم في صحيحه برقم: 187 – (1159)]

މާނައީ: ”އަބަދު ރޯދަ ހިފާ މީހާއަށް ރޯދައެއް ނުވެއެވެ.“




[1] ބައްލަވާ: الموسوعة الفقهية الكويتية (2/270).

[2] ބައްލަވާ: المجموع للنووي (6/400).

[3] ބައްލަވާ: الشرح الممتع للعثيمين (6/479).

[4] ބައްލަވާ: مجموع الفتاوى لشيخ الإسلام ابن تيمية (22/303).

 115 total views