ރޯދަ ހިފުން ނަހީކުރައްވާފައިވާ ދުވަސްތަކާއި ޙާލަތްތައް – 7


ދިހަވަނައީ: ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ އިޛުނަ ނެތި ސުންނަތް ރޯދަ ހިފުން


މިފަދަ ކަންކަމުގައި އެންމެ ރަނގަޅު ގޮތަކީ ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް، އެއްބަސްވެގެން މިކަން ތަރުތީބުކޮށްލުމެވެ. އަދި ދެމަފިރިންވެސް މިކަމުގައި ވިސްނައިގެން ގޮތް ނިންމުމެވެ.

ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لاَ يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ» [رواه البخاري في صحيحه برقم: (5195)]

މާނައީ: “ ގާތުގައި ފިރިމީހާ ހުއްޓާ، އޭނާގެ ހުއްދަ ނެތި ސުންނަތް ރޯދަ ހިފުން އަންހެނަކަށް ހުއްދަވެގެން ނުވެއެވެ.“

މިއީ ސުންނަތް ރޯދަތަކަށް ޚާއްޞަ ޙުކުމެކެވެ. ފިރިމީހާ ރަށުގައި ނޫޅޭނަމަ އެފަދައިން ރޯދަ ހިފޭނެއެވެ. ފަރުޟު ރޯދަތަކާއި ޤަޟާ ރޯދަތައް ހިފާއިރު ފިރިމީހާގެ ހުއްދައަށް އެދެން ނުޖެހޭނެއެވެ. އަދި ވަކިން ޚާއްޞަކޮށް އަނެއް ރަމަޟާން މަސް ގާތްވެފައި ވަނިކޮށް ރޯދަތައް ޤަޟާ ނުކުރެވިދާނެކަމުގެ ބިރު އޮއްވާ އެފަދައިން ހުއްދައަށް އެދެން ނުޖެހޭނެއެވެ. [1]



ޚުލާޞާ:


މިލިޔުމުގެ ބަޔާންވެގެން ދިޔަ ޙުކުމްތަމުގެ ޚުލާޞާއަކީ:

1. ޢީދުދުވަހު ރޯދަ ހިފުން

ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހުގައި ރޯދަ ހިފުމަކީ ނަބިއްޔާ صلى الله عليه وسلم ނަހީކުރައްވާފައިވާ ކަމެކެވެ. އެއީ ނަދުރު ރޯދަ، ސުންނަތް ރޯދަ، ކައްފާރާ ރޯދަ އަދި އެނޫން ރޯދައެއް ވިޔަސް މެއެވެ.

2. އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހު ރޯދަ ހިފުން

އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހަކީ ޙައްޖުމަހުގެ 11، 12 އަދި 13ވަނަ ދުވަހެވެ. އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ރޯދަ ހިފުމަށް ނަބިއްޔާ صلى الله عليه وسلم ހުއްދަ ނުދެއްވައެވެ. ޙައްޖުވެރިންގެ ތެރެއިން ކަތިލާނެ ހަދުޔެއް ނުލިބުނު މީހުންނަށް ފިޔަވައެވެ.

3. ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުން

ވަކި ޙާލަތްތަކެއްގައި ހުކުރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. ހުކުރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ޙާލަތަކީ މިލިޔުމުގައި ބަޔާންވެދިޔަފަދަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހުކުރުދުވަސް ޚާއްޞަކުރުމެވެ. 

4. ހަމައެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން

ވަކި ޙާލަތްތަކެއްގައި ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދައެވެ. ހޮނިހިރު ދުވަހު ރޯދަ ހިފުން މަކުރޫހަވާ ޙާލަތަކީ މިލިޔުމުގައި ބަޔާންވެދިޔަފަދަ އެއްވެސް ސަބަބެއް ނެތި ސުންނަތްރޯދަ ހިފުމަށް ހަމައެކަނި ހޮނިހިރުދުވަސް ޚާއްޞަކުރުމެވެ. 

5. ޝަޢުބާންމަސް ދެބައިވުމުން ރޯދަ ހިފުން

ޝަޢުބާންމަސް ދެބައިވުމުން ރޯދަހިފުން ނަހީކުރައްވާފައިވާ ޙަދީޘެއް ވާރިދުވެފައިވެއެވެ. އެހެނަސް މި ނަހީއިން އިސްތިޘްނާވާ ޙާލަތްތަކެއް ވެއެވެ.

6. ޝައްކުގެ ދުވަހު ރޯދަ ހިފުން

ޝައްކުގެ ދުވަހަކީ ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަހެވެ. ޝައްކުގެ ދުވަހުގައްޔާއި ރަމަޟާންމަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަ ހިފުން ނަބިއްޔާ صلى الله عليه وسلم ވަނީ ނަހީކުރައްވާފައެވެ. މިދުވަސްތަކުގައި ރޯދަ ހިފުމުގެ ޙާލަތްތަކެއް ވެއެވެ. އެގޮތުން ނަބަވީ އިރުޝާދުތަކުގައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ރަމަޟާންމަހުގެ ހަނދު ނުފެނިއްޖެނަމަ ޝަޢުބާން މަހުގެ ތިރީސް ހަމަކޮށްފައި ދެން ރަމަޟާން މަހުގެ އެއް ވަނަ ދުވަހު ރޯދަ ހިފަން ފެށުމަށެވެ. މިއިރުޝާދާ ޚިލާފުވެ، ރައްކާތެރިކަމުގެ ގޮތުންކަމަށް ބުނެ ހަނދު ނުފެނުމުންވެސް ޝަޢުބާން ތިރީސްވަނަ ދުވަހު ރޯދައަށް ތިބުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އާދަވެގެން ރޯދަ ނުހިފާ މީހާ އެދުވަސްތަކުގައި ރޯދަ ހިފުންވަނީ ނަހީކުރައްވާފައެވެ.

7. އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން

ނަބިއްޔާ صلى الله عليه وسلم ވަނީ، އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުން ނަހީކުރައްވާފައެވެ.

8. ވިޞާލުކޮށް ރޯދަ ހިފުން

ރޯދަ ހިފުމުގައި ވިޞާލުކުރުމަކީ އިރު އޮއްސުމުން ރޯދަ ނުވީއްލާ ރޯދަ ދިގުކޮށްލުމެވެ. އަދި އެއް ދުވަހަށް ވުރެ ގިނައިން ރޯދައަށް ހުރުމެވެ. އެދެވިގެންވާ ގޮތަކީ ވިޞާލުކޮށް ރޯދަ ނުހިފާ އިރުއޮއްސުމުން އަވަހަށް ރޯދަ ވީއްލުމެވެ. އަދި ޤަޞްދުގައި އެއަށްވުރެ ފަސްކުރުމަކީ އެންމެ އައުލާ ގޮތާ ޚިލާފު ކަމެކެވެ. އަދި ރޯދަ ވީއްލުމަކާ ނުލައި ދެ ދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސްވަންދެން ރޯދަ ހިފުމަކީ ޙަރާމްކަމެކެވެ.

9. ޙައިޟުގެ ދުވަސްވަރުގައި ނުވަތަ ނިފާސްގެ ދުވަސްވަރުގައި ރޯދަ ހިފުން

ޙައިޟުގެ ދުވަސްވަރުގައި އަދި ނިފާސްގެ ދުވަސްވަރުގައި އެއްވެސް ރޯދައެއް ހިފުމަކީ ހުއްދަކަމެއް ނޫނެވެ.

10. ފިރިމީހާ ގާތުގައި ހުއްޓާ އޭނާގެ އިޛުނަ ނެތި ސުންނަތް ރޯދަ ހިފުން

ފިރިމީހާ ގާތުގައި ހުއްޓާ ސުންނަތް ރޯދަތައް ހިފަންވާނީ ފިރިމީހާގެ އިޛުނައާ އެކުގައެވެ. އެއީ ސުންނަތް ރޯދަތަކަށް ޚާއްޞަ ޙުކުމެކެވެ. އަދި ފިރިމީހާ ރަށުގައި ނޫޅޭނަމަ އެފަދައިން ރޯދަ ހިފޭނެއެވެ. ފަރުޟު ރޯދަތަކާއި ޤަޟާ ރޯދަތައް ހިފާއިރު ފިރިމީހާގެ ހުއްދައަށް އެދެން ނުޖެހޭނެއެވެ. އަދި ވަކިން ޚާއްޞަކޮށް އަނެއް ރަމަޟާން މަސް ގާތްވެފައި ވަނިކޮށް ރޯދަތައް ޤަޟާ ނުކުރެވިދާނެކަމުގެ ބިރު އޮއްވާ އެފަދައިން ހުއްދައަށް އެދެން ނުޖެހޭނެއެވެ.

وصلى الله وسلم على نبينا محمد وعلى آله وصحبه وسلم.




[1] ބައްލަވާ: شرح النووي على صحيح مسلم (7/115) وفتح الباري لابن حجر (9/295) ومنح الجليل لعليش (2/162).

 318 total views