ދުންފަތުގެ އިސްތިޢުމާލުކުރުން ހަމަ ޙަރާމްތަ؟

މީލާދީން 16 ވަނަ ޤަރުނުގައި ވިލާތުގެ ޤައުމުތަކަށް ތަޢާރަފުވެ ދުނިޔެއަށް ފެތުރިގެން ދިޔަ ދުންފަތާއި ބެހޭގޮތުން ޤުރުއާނާއި ސުންނަތުގައި ސީދާ ޞަރީޙަ ކޮށް ޙުކުމެއް ނެތްނަމަވެސް، އެ ދެ މަޞްދަރުގެ އަލީގައި ޢިލުމުވެރިންވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމާއި ސިނގެރޭޓު ބުއިމުގެ ޙުކުމުން ބަޔާންކޮށްފައެވެ.

މި ލިޔުމުގައި މި އަލިއަޅުވާލަނީ އެކަމުގެ މައްޗަށެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ޙަރާމްކަމަށް ޢިލްމުވެރިން ވިދާޅުވާ ބައިވަރު ސަބަބުތަކެއް ވެއެވެ. އޭގެތެރޭގައި އެންމެ މުހިއްމު ސަބަބަކީ؛ ދުންފަތަކީ އިންސާނުންގެ ޞިއްޙަތަށް ގެއްލުދެނިވި ވިހަ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މިކަމަށް އެބޭފުޅުން ދަލީލު ހޯއްދަވަނީ މިއަދު ކުރިއަރާފައިވާ ޞިއްޙީ ޢިލްމުތަކުގެ މައްޗަށް ބިނާކޮށްފައިވާ ޢިލްމީ ދިރާސާތަކުގެ މައްޗަށެވެ. ޑަބްލިޔު އެޗް އޯގެ ތަފާސް ހިސާބު ދައްކާގޮތުން ސިނގެރޭޓު ބުއިމުގެ ސަބަބުން ޖެހޭ ތަފާތު ބަލިތަކުގައި ދުނިޔެއިން ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް ހަތް މިލިޔަން މީހުން މަރުވެއެވެ. މިކަން މިހާސާފުކޮށް ހާމަވާއިރު އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް ބާވާލެއްވި އިސްލާމްދީނުގެ މައިގަނޑު އެއްމަޤްޞަދަކީ އިންސާނާގެ ނަފްސު ނުވަތަ ފުރާނަ ރައްކާތެރިކުރުންކަމަށްވާތީ، އެކަމުގެ މައްޗަށް ރިޢާޔަތްކުރައްވާ އިންސާނާގެ ފުރާނައާއި ޞިއްޙަތަށް ގެއްލުންވާ އެންމެހައިކަމެއް ޙަރާމްވާނެކަށް ދަންނަބޭކަލުންވަނީ ބަޔާންކުރައްވާފައެވެ. އެކަމަށް ދަލީލުލިބޭ އެތަށް އާޔަތެއް ޤުރުއާނުގައިވެއެވެ. މިގޮތުން ބަޤާރާ ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. ((وَلاَ تُلْقُواْ بِأَيْدِيكُمْ إِلَى التَّهْلُكَةِ)) މާނައީ: ”ތިޔަބައިމީހުންގެ އަތްތަކުން ހަލާކުގެ ތެރެއަށް ވެއްޓިނުގަންނާށެވެ.“ މިއީ ދުންފަތުގެ އިސްތިޢުމާލު ކުރުން ޙަރާމުކަމެއްކަމަށް ދަލީލުކޮށްދޭ އެއް އާޔަތެވެ. 

ދެން މި ބަލާލަނީ ދުންފަތް ބޭނުންކުރުން ޙަރާމްވާ އަނެއް ސަބަބަށެވެ. އެއީ:ސިނގެރޭޓުން ބޭރުކޮށްލާ ދުމުގެ ސަަބަބުން ގެއްލުންވަނީކީ ސިނގިރޭޓު ބޯމީހުންނަށް އެކަންޏެއް ނޫނެވެ. ދުންފަތް ބޭނުންނުކުރާ ”ސެކަންޑް ސްމޯކާރ“ ގެ ގޮތުގައި ސިނގެރޭޓުގެ ދުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި 1.2 މިލިޔަން މީހުން ދުނިޔެއިން އަހަރެއްގެ މައްޗަށް މަރުވާކަމަށް ތަފާސްހިސާބުން ދައްކައެވެ. ކުށެއްނެތް މީސްތަކުންނަަށް އުނދަގޫކުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމެކެވެ. މިގޮތުން ހިޔާދޭ ބޮޑެތި ގަސްތައް ދޮށަށް ކުޑަކަމުދިޔުންވެސް ނަހީކުރައްވާފައިވަނީ އޭގެ ސަބަބުން މީސްތަކުންނަށް އުނދަގޫވާތީއެވެ. ދެން އެހެންވީއިރު އެދޫކޮށްލާ ދުމުގެ ސަަބަބުން މަގުމަތީގައި ހިނގާފައިދާ އެއްވެސް ކުށެއްނެތް މީހާއަށް އޭގެ އަސަރުކުރުމުގެ ސަބަބުން އޭނާއަށް ކެންސަރުފަދަ ބަލިޖެހި، އެ ބަލީގައި މަރުވާނަމަ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްދަވާނެ ގޮތެއް އިސްލާމުދީނުގައި އޮންނާނެތޯއެވެ؟ނޯންނާނެކަން ކަށަވަރެވެ. އަނެއްކޮޅުން އާދަމުގެ ދަރިންނަށް އުނދަގޫވާ ކޮންމެ ކަމެއް މަލާއިކަތުންނަށް އުނދަގޫފުޅުވެއެވެ. ލޮނުމެދާއި ފިޔާ ކައިގެން މިސްކިތުގެ ޖަމާޢަތަށް ނުދާންވެސް އޮންނަނީ މީސްތަކުންނަށް އުނދަގޫވާތީއެވެ. އެހެންވީއިރު،ޢާއްމުންގެ ތެރޭގައި ދުންބުރުވަމުން ދާ ދުންމަރުމަރާއެއްހެން ސިނގެރޭޓު ބޮމުން ދެވޭނީ ކޮން ހަމައަކުންތޯއެވެ؟ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ: ((لاَ ضَرَرَ وَلاَ ضِرَارَ)) މާނައީ: ”ގެއްލުންދިނުމެއްވެސް އަދި ގެއްލުމެއް ލިބިގަތުމެއްވެސް ނުވެއެވެ.“

ދުންފަތުގެ އިސްތިޢުމާލުކުރުން ޙަރާމުވާ ތިންވަނަ ސަބަބަކީ: މުދާ އިސްރާފުކުރުވުމެވެ. އެހެނީ، ސިނގެރޭޓު ގަތުމަށް ހޭދަކުރާ ފައިސާއަކީ ތިމާގެ ނަފްސަށް ގެއްލުން ދިނުމަށް ހޭދަކުރާ ފައިސާކަމާމެދަކު އެއްވެސް ޝައްކެތް ނެތްމިންވަރަށް ހާމަވެގެން ދެއެވެ. ދީނުގައި މުދާ ހޯދާގޮތާއި، ހޭދަކުރިގޮތާމެދު ސުވާލުކުރެވޭނެއެވެ. މީހެއްގެ މުދަލެއް އެހެންމީހަކު ވަގަށް ނަގައިފިނަމަ، އަތުގެ ކުޑަހުޅުން އެ ވައްކަން ކުރިމީހާގެ އަތް ކަޑާލެވެނީ އެ މުދަލުގެ ޙުރުމަތަށްޓަކައެވެ. މި މިންވަރަށް ޙުރުމަތްތެރިކޮށްފައިވާ މުދާ، ތިމާގެ އަމިއްލަ ނަފްސާއި އަނބިދަރިންނާއި މުޖުތަމަޢުގައި ދިރިއުޅޭ އެހެނިހެން މުސްލިމުންނަށް ގެއްލުން ދިނުމަށް ބޭނުންކުރާ ވަޞީލަތަކަށްވުމަށް ދީނުގައި ޖާގަ އޮންނާނެތޯއެވެ؟ ހަމަ ބުއްދިން ވިސްނާލުމުންވެސް އެފަދަ ކުޑަކުޑަ ޖާގައެއްވެސް މި އިސްލާމުދީނުގައި ނޯންނާނެކަން އެނގި ހާމަވެގެންދާނެއެވެ. އަބޫ ހުރައިރަތުގެފާނުގެ ކިބައިން އިމާމްމުސްލިމް ރިވާކުރައްވާފައި ޙަދީޘެއްގެ މާނަގައިވެއެވެ. ”ﷲ ތަޢާލާ ތިޔަބައިމީހުން ތިން ކަމެއް ކުރުމަށް ނުރުހުންތެރިވެ ވޮޑިގެންވެއެވެ. ސާބިތުނުވާ ވާހަކަ ފެތުރުމާއި ފައިދާއެއްނުކުރާ ބޭކާރު ސުވާލުކުރުން ގިނަކުރުމާއި އަދި ފައިދާއެއްނެތް ގޮތުގައި މުދާ ހޭދަކޮށް އިސްރާފުކުރުމެވެ.“

މި ތިން ސަބަބަށް ވިސްނާލުމުންވެސް، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ސިނގިރޭޓު ބުއިން ޙަރާމްވެގެންވާކަމަށް ޢިލްމުވެރިން ވިދާޅުވަނީ ކީއްވެގެންކަން، ބުއްދީގެ އަހުލުވެރިޔަކަށް އެނގި ހާމަވާނެކަން ކަށަވަރެވެ.

 6,699 total views