ރޭއަޅުކަން

ދަންވަރުގެ ހަމަހިމޭންކަމުގެ ވަގުތެވެ. އެ ދަންވަރުގެ ފިނިކަމާއި، އަނދިރިކަމުގެ ވަގުތެވެ. ވަށައިގެންވާ އެތައް ބަޔަކާއި، އެތައް މަޚްލޫޤަތްތަކެއް ނިދާފައިވަނިކޮށް، ތަންމަތިން ތެދުވެ، މަޑުމޮޅިކަމާއި، ޚުޝޫޢަތްތެރިކަމާއެކު ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރާ އަޅަކީ ނިޢުމަތުން ފުރިގެންވާނެ އަޅެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ﴾ (الزمر: 9) މާނައީ: ”ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދާގައްޔާއި، ޤިޔާމުގައި މަޑުމޮޅިވެ، އާޚިރަތްދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަޙްމަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ.“

މާތް ﷲ އެފަދަ އަޅަކާމެދު ޢަޖައިބުވެވޮޑިގެންވެއެވެ. ޙަދީޘްގައި އައިސްފައިވެއެވެ. އަޅަމެންގެ ވެރިރަސްކަލާނގެ ދެ މީހަކުދެކެ ޢަޖައިބުވެވޮޑިގެންނެވިއެވެ. އެއިގެ ތެރެއިން އެކަކީ؛ އެމީހާގެ އެނދާއި ރަޖާގަނޑުން ވަކިވެ، އެމީހާގެ ލޯބިވާމީހުންނާއި އަހުލުންނާ އެކަހެރިވެ ނަމާދުކުރާމީހާއެވެ. ފަހެ، މަތިވެރިވަންތަ ﷲ (މަލާއިކަތުންނަށް) ވަޙީކުރައްވާނެތެވެ. ”ތިޔަބައިމީހުން ތިމަންއިލާހުގެ އަޅާއަށް ބައްލަވާށެވެ! އޭނާ، އޭނާގެ އެނދާއި ރަޖާގަނޑުން ވަކިވެ، އޭނާގެ ލޯބިވާމީހުންނާއި އަހުލުންނާ އެކަހެރިވެ އެހުރީ ނަމާދުގައެވެ. އެއީ ތިމަންރަސްކަލާނގެ ޙަޟްރަތުގައިވާ ނިޢުމަތްތަކަށް އެދޭޙާލުގައާއި، ތިމަންރަސްކަލާނގެ ޙަޟްރަތުގައިވާ ޢަޛާބަށް ބިރުވެތިވާ ޙާލުގައެވެ.“ رواه ابن حبّان (2557)، وروى أبوداود (2536) جملة الغازي، وحسّنه الألبانيّ في التعليقات الحسان.

ހުރިހާ ސުންނަތް ނަމާދަކަށް ބަލާއިރު؛ ބައެއް ޢިލްމުވެރިންގެ އަރިހުގައި ފަރުޟުނަމާދުތަކަށްފަހު އެންމެ މަތިވެރިވެގެންވާ ނަމާދަކީ ރޭގަނޑުގެ ރޭއަޅުކަމެވެ. ރޭއަޅުކަމުގެ ވަގުތު ފެށެނީ ޢިޝާނަމާދުގެ ފަހުން ފެށިގެންގޮސް ފަޖުރުލައިފުމަށް ދާނދެނެވެ. މި ވަގުތުގެ ކުރީކޮޅުގައާއި، މެދުތެރޭގައާއި، ފަހުކޮޅުގައި ރޭއަޅުކަންކުރެވޭނެއެވެ. އަދި ނިދާލުމަށްފަހު ތެދުވެގެންނާއި، ނުނިދާވެސް ކުރެވޭނެއެވެ. މިގޮތުން އެންމެ މޮޅުއިތުރުވެގެންވަނީ ނިދުމަށްފަހު، ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބަގައި ކުރުމެވެ. މި ވަގުތުގައި އެ ނަމާދުކުރާތީ ތަހައްޖުދުނަމާދު ނުވަތަ ދަމު ނަމާދޭ ކިޔައެވެ.

ރޭއަޅުކަންކުރާމީހާ ރޭއަޅުކަން ކުރުމުގައި ދާއިމުވެހުރުމަކީ މުހިއްމުކަމެކެވެ. ނުހޭލެވިގެން ދޫވިނަމަވެސް އެއީ މައްސަލައެއް ނޫނެވެ. އަދި މުރާލި ވަގުތުތަކުގައި ގިނަ ރަކުޢަތް ކުރުމާއި، އުނދަގޫ އަދި ވަރުބަލި ޙާލަތްތަކުގައި ލުއިކޮށް ރޭއަޅުކަންކުރެވޭނެއެވެ. އަދި ރޭއަޅުކަން ފާއިތުވެއްޖެނަމަ ޟުޙާވަގުތުގައި ޤަޟާވެސް ކުރެވޭނެއެވެ.

އެއްވެސް ނަމާދަކަށް ދުލުން ނިޔަތް ކިޔުމަށް އައިސްފައި ނުވާތީ، ރޭއަޅުކަމަށްވެސް ދުލުން ކިޔާނެ ނިޔަތެއް ނުވެއެވެ. ރޭއަޅުކަންކުރުމަށް ހިތުން ގަސްތުކުރީމަ ފުދޭނެއެވެ. ރޭއަޅުކަންކުރުމުގައި ވަކިޚާއްޞަ ޢަދަދެއް ނުވެއެވެ. ދިގުކޮށް ކުރުމަށް އެދޭމީހަކަށް ދިގުކޮށް، ނުވަތަ ކުރުކުރުމަށް އެދޭމީހަކަށް ކުރުކުރެވިދާނެއެވެ. އެހެންނަމަވެސް، އެގާރަ ރަކުޢަތް ކުރުން މޮޅުއިތުރުވެގެންވެއެވެ. އެހެނީ، އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަމަލުކުރައްވާފައިވާ ގޮތެވެ.

ރޭއަޅުކަމުގައި ފާތިޙާ ސޫރަތަށްފަހުގައި ބޭނުން ސޫރަތެއް، ނުވަތަ ބޭނުން އާޔަތްތަކެއް ކިޔެވިދާނެއެވެ. ސުންނަތްވެގެންވަނީ ލުއި ދެ ރަކުޢަތުން ރޭއަޅުކަން ފެށުމެވެ. ދެން އެ ދެ ރަކުޢަތަށްފަހު، އެމީހަކު ބޭނުންވަރަކަށް ދިގުކޮށްގެން ނަމާދުކުރުމެވެ. އަދި ކޮންމެ ދެ ރަކުޢަތަކުން ސަލާމްދިނުމެވެ. އަދި އެމީހާގެ ރޭއަޅުކަން ވިތުރިނަމާދުން ނިންމާލުމެވެ.

ރޭގަނޑުގެ އެންމެފަހުންކުރާ ނަމާދަކަށް ވިތުރިނަމާދު ހެދުމަކީ މޮޅުއިތުރުވެގެންވާކަމެކެވެ. ކުރީކޮޅުގައި ވިތުރިނަމާދުކޮށްފައި، ފަހުން ދަމުނަމާދުކުރަން ބޭނުންކަމުގައިވާނަމަ ދަމުނަމާދުކުރެވޭނެއެވެ. އެހެންނަމަވެސް އެ ރެއަކު ދެވަނަ ފަހަރަށް ވިތުރިނަމާދުކޮށްގެން ނުވާނެއެވެ. ކުރާނީ ހަމައެކަނި ދަމުނަމާދެވެ. ވިތުރިނަމާދަކީ އޮނަހިރި ޢަދަދަކަށް ރަކުޢަތް ހިމެނޭ ނަމާދެކެވެ. އެންމެ މަދު މިންވަރަކީ އެއް ރަކުޢަތެވެ. އެންމެ ރަނގަޅު މިންވަރަކީ ތިން ރަކުޢަތެވެ. އަދި އެއަށްވުރެ އިތުރުވެސް ކުރެވިދާނެއެވެ. ތިން ރަކުޢަތް ކުރާކަމުގައިވާނަމަ ފުރަތަމަ ރަކުޢަތުގައި سُوْرَةُ الأَعْلَى، އަދި ދެވަނަ ރަކުޢަތުގައި ކާފިރޫން ސޫރަތް، އަދި ތިންވަނަ ރަކުޢަތުގައި އިޚްލާޞް ސޫރަތް، ނުވަތަ އެ ސޫރަތާއެކު ފަލަޤް ސޫރަތާއި ނާސި ސޫރަތް ކިޔެވުމަކީ މޮޅުއިތުރުކަމެކެވެ. އަދި ވިތުރީގެ އެންމެ ފަހު ރަކުޢަތުގައި ޤުނޫތު ކިޔުމަކީވެސް އައިސްފައިވާކަމެކެވެ. ޤުނޫތު ނުކީކަމުގައިވީނަމަވެސް، ނުވަތަ ހަނދާންނެތިގެން ނުކިޔުނުނަމަވެސް މައްސަލައެއް ނެތެވެ. ވިތުރިނަމާދު ޞައްޙަވާނެއެވެ.

ރޭއަޅުކަމަކީ ޞާލިޙުން އެކަމެއްގެ މަތީގައި ތިއްބެވުމަށް ގަދައަޅައި މަސައްކަތްކުރެއްވި ކަމެކެވެ. މާތް ﷲގެ މުއުމިނު އަޅުތަކުންގެ އާދައެކެވެ. ތަޤްވާވެރިންގެ ޝިޢާރެކެވެ. ރައްބާނީ ބޮޑެތި ޢިލްމުވެރިންނާއި އަޅުވެރިން ތަރުބިއްޔަތުކުރުމުގެ މަދަރުސާއެވެ. މުއުމިނުންގެ ދުނިޔަވީ ސުވަރުގެއެވެ. މިފަދަ އަޅުންނަށް ތަޢުރީފުކުރައްވާ އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ * فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾ (السجد: 16، 17) މާނައީ: ”އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެބައިމީހުންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެބައިމީހުންނަށް ދެއްވި ތަކެތީން، އެބައިމީހުން ހޭދަކުރެތެވެ. ފަހެ، އެބައިމީހުންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ.“

 7,177 total views