ރަވާތިބު ސުންނަތްތައް

މި ދުނިޔަވީ ޙަޔާތުގައި އާދައިގެ ގެއެއް އެޅުމަށްޓަކައި ތިބާ ކިހާބޮޑު ޤުރުބާނީއެއް ވަމުތޯ؟ ކިހާ ވަގުތަކާއި، ކިހާ ފައިސާއެއް އެކަމަށްޓަކައި ހޭދަކުރަމުތޯ؟ ކިހާ ދަލެއް އެކަމަކަށްޓަކައި އޮހޮރުވާލަމުތޯ؟ މިއީ ވަގުތީ ދިރިއުޅުމެއްގެ ގެއަކަށްޓަކައި ތިބާ ވާ ޤުރުބާނީއެވެ.

ކުޑަކުޑަ ޤުރުބާނީއަކުން، ތިބާގެ ލޮލަށް އެފަދަ މަތިވެރިތަނެއް ދުވަހަކުވެސް ފެނިފައިވާނުވާ، އަދި އެފަދަ ފުރިހަމަކަމެއްގެ ވާހަކަ ތިބާގެ ކަންފަތަށް ދުވަހަކުވެސް އިވިފައިނުވާ، އަދި ތިބާގެ ހިތަށް ދުވަހަކުވެސް އެފަދަ މަތިވެރިތަނެއްގެ ތަޞައްވުރެއްވެސް ކުރެވިފައިނުވާ، ދާއިމީ ޙަޔާތެއްގައި، ތިބާއަށްޓަކައި ގަނޑުވަރެއް ބިނާކޮށްދެއްވުމަށް އެދެމުތޯ؟

އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ))“ (رواه مسلم والترمذي وأبو داود وابن ماجه) މާނައީ: ”ރެއަކާއިދުވާލު ބާރަ ރަކުޢަތް ކުރާމީހަކަށް އެ ރަކުޢަތްތަކުގެ ސަބަބުން ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ.“

މި ބާރަ ރަކުޢަތަށް ރަވާތިބު ސުންނަތުގެ ނަމުން ނަންދެވިފައިވެއެވެ. އެ ބާރަ ރަކުޢަތަކީ: ފަތިސްނަމާދުގެ ކުރިން 2 ރަކުޢަތާއި، މެންދުރުނަމާދުގެ ކުރިން 4 ރަކުޢަތާއި، މެންދުރުނަމާދުގެ ފަހުން 2 ރަކުޢަތާއި، މަޣްރިބުނަމާދުގެ ފަހުން 2 ރަކުޢަތާއި، ޢިޝާނަމާދުގެ ފަހުން 2 ރަކުޢަތެވެ.

ރަވާތިބު ސުންނަތުގެ ތެރެއިން އެންމެ މަތިވެރިވެގެންވަނީ ފަތިސްނަމާދުގެ އިހުގައި ކުރެވޭ 2 ރަކުޢަތުގެ ސުންނަތެވެ. މި ދެ ރަކުޢަތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދަތުރުމަތީގައިވެސް ދޫނުކުރައްވާ 2 ރަކުޢަތެކެވެ. އަދި އެކަލޭެގެފާނުގެ ޙަދީޘްފުޅުގައިވާގޮތުން ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ މި 2 ރަކުޢަތް މަތިވެރިވެގެންވެއެވެ. سبحان الله!

މެންދުރުނަމާދުގެ އިހާއިފަހުގައި ކުރެވޭ ރަވާތިބު ސުންނަތްތަކާއި، މެންދުރުނަމާދުގެ ފަހުން ކުރެވޭ އިތުރު ދެ ރަކުޢަތް (އެބަހީ؛ މެންދުރުނަމާދުގެ ކުރިން 4 ރަކުޢަތާއި، ފަހުން 4 ރަކުޢަތް) ކުރާމީހާގެ މަސްގަނޑު މާތް ﷲ ނަރަކައަށް ޙަރާމް ކުރައްވާފައިވާކަމަށް އައިސްފައިވެއެވެ.

އެއްވެސް ނަމާދަކަށް ދުލުން ނިޔަތް ކިޔުމަށް އައިސްފައި ނުވާތީ، ރަވާތިބު ސުންނަތްކުރަން ފަށާއިރު ދުލުން ކިޔާނެ ނިޔަތެއް ނުވެއެވެ. އެ ވަގުތެއްގެ ސުންނަތެއް ކުރަން ހިތުން ގަސްތުކުރީމަ ފުދޭނެއެވެ. ރަވާތިބު ސުންނަތްތަކުގައި ފާތިޙާ ސޫރަތަށްފަހުގައި ޤުރްއާނުގެ މިންވަރެއް ކިޔުމަކީ ސުންނަތެކެވެ. ގަސްތުގައި ނުކިޔާ ދޫކޮށްލިޔަސް އަދި ހަނދާންނެތިގެން ދޫވިނަމަވެސް ނަމާދު ޞައްހަވާނެއެވެ. ނަމާދު ފުރިހަމަވެފައި، މޮޅުއިތުރުވެފައި، ޘަވާބާއި ދަރުމަ އިތުރުވާނީ ކޮންމެވެސް މިންވަރެއް ކިޔެވީމައެވެ. ފާތިޙާ ސޫރަތަށްފަހު ބޭނުން ސޫރަތެއް، ނުވަތަ ޤުރްއާނުން ބޭނުން ކޮންމެ ހިސާބަކުންވެސް ކިޔެވިދާނެއެވެ. ފަތިސްނަމާދުގެ ކުރިންކުރާ ދެ ރަކުޢަތުގެ ފުރަތަމަ ރަކުޢަތުގައި ފާތިޙާ ސޫރަތަށްފަހު ކާފިރޫން ސޫރަތް އަދި ދެވަނަ ރަކުޢަތުގައި އިޚްލާޞް ސޫރަތް ކިޔުމަކީ މޮޅުއިތުރު ގޮތެކެވެ.

ޢާއްމުކޮށް ރަވާތިބު ސުންނަތް ކުރާމީހަކަށް، މި ސުންނަތްތަކުގެ ތެރެއިން ސުންނަތެއް ދޫވެއްޖެނަމަ ޤަޟާކުރެވޭނެއެވެ. ފަތިސްނަމާދުގެ ދެ ރަކުޢަތް ފާއިތުވެއްޖެނަމަ، ފަތިސްނަމާދުގެ ފަހުން އެ ދެ ރަކުޢަތް ކުރެވޭނެއެވެ. އަދި މެންދުރުނަމާދުގެ ކުރީގެ ސުންނަތްތައް ގެއްލިއްޖެނަމަ މެންދުރުނަމާދުގެ ފަހުން، އަދި މެންދުރުނަމާދުގެ ފަހުން ކުރަންޖެހޭ ސުންނަތްތައް ގެއްލިއްޖެނަމަ އަޞްރު ނަމާދުގެ ފަހުންވެސް ޤަޟާކުރެވޭނެއެވެ.

ހުކުރުދުވަހު، ހުކުރުނަމާދަށް ދާމީހުންނަކަށް މެންދުރުނަމާދުގެ ރަވާތިބު ސުންނަތެއް ނޯންނާނެއެވެ. އެހެންނަމަވެސް، އިމާމާ މިންބަރަށް އަރަންދެން ބޭނުންވަރަކަށް ސުންނަތް ނަމާދުތައް ކުރެވިދާނެއެވެ. ހުކުރުނަމާދަށްފަހު، ސުންނަތުގެ ގޮތުގައި ދެ ރަކުޢަތް އަދި ހަތަރު ރަކުޢަތްކުރުންވެސް އައިސްފައިވެއެވެ. އަަދި ހުކުރުނަމާދުގެ ފަހުގެ ސުންނަތް މިސްކިތުގައި ކުރާނަމަ އެންމެ މޮޅުއިތުރީ ހަތަރު ރަކުޢަތްކުރުންކަމުގައާއި، ގޭގައި ކުރާނަމަ ދެ ރަކުޢަތް ކުރުންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

ބަޔާންވެ މިދިޔައީ ރަވާތިބު ސުންނަތްތަކެވެ. ރަވާތިބު ސުންނަތަށް ނުވާ ސުންނަތް ނަމާދުތަކެއްވެސް ފަރުޟުނަމާދުތަކުގެ އިސްފަހުގައިކުރުމަށް އައިސްފައިވެއެވެ. މިގޮތުން: މެންދުރުނަމާދުގެ ފަހުން 2 ރަކުޢަތާއި، ޢަޞްރުނަމާދުގެ ކުރިން 4 ރަކުޢަތާއި، މަޣުރިބުނަމާދުގެ ކުރިން 2 ރަކުޢަތާއި، ޢިޝާނަމާދުގެ ކުރިން 2 ރަކުޢަތް ކުރުންވެއެވެ.

މި ރަކުޢަތްތަކަށް ބަލާއިރު؛ ރަވާތިބު ސުންނަތުގެ ގޮތުގައި މެންދުރުނަމާދުގެ ކުރީގެ 4 ރަކުޢަތާއި، ފަހުން 2 ރަކުޢަތާއި، އަދި މެންދުރުނަމާދުގެ ފަހުން އިތުރު 2 ރަކުޢަތް ކުރާކަމުގައިވާނަމަ އެމީހެއްގެ މަސްގަނޑު މާތް ﷲ ނަރަކައަށް ޙަރާމް ކުރައްވާފައިވާކަމުގެ ވާހަކަ އިސްވެބަޔާންވެއްޖެއެވެ. އަދި ޢަޞްރުނަމާދުުގެ ކުރިން 4 ރަކުޢަތް ކުރާމީހަކަށް ﷲގެ ރަޙުމަތް ލެއްވުން އެދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުޢާކޮށް ދެއްވާފައިވެއެވެ. އަދި ކޮންމެ ބަންގިއަކާއި ގަމަތަކާދެމެދު ސުންނަތް ނަމާދުކުރަން އައިސްފައިވުމުން، މަޣްރިބުނަމާދާއި ޢިޝާނަމާދުގެ ބަންގިއަށްފަހު ކުރަންބޭނުންމީހަކަށް ސުންނަތް ނަމާދު ކުރެވޭނެއެވެ. ގޭގައި ނަމާދުކުރާ އަންހެން ބޭފުޅުންނާއި، އެނޫން ބޭފުޅުންވެސް މި ސުންނަތްތައް ކުރާނީ ބަޔާންކުރެވުނު މިގޮތަށެވެ.

ބަޔާންވެގެން މިދިޔައީ؛ ފަރުޟުނަމާދުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތާއި އެނޫން ސުންނަތްތަކުގެ ތަފްޞީލެވެ. އެ ސުންނަތްތަކުގެ މަތިވެރިކަމާއި މާތްކަމުގެ ވާހަކަތަކެވެ. މި ސުންނަތްތަކަކީ ފަރުޟުނަމާދުތަކަށް ތަމްރީނުކޮށްދޭ ތަމްރީނުކޮށްދިނުން ތަކެކެވެ. ފަރުޟުނަމާދުތަކުގައިވާ އުނިކަންކަން ފޫބައްދައިދޭނެ ސުންނަތްތަކެކެވެ. ތިބާގެ މައްޗަށް އޮތީ ވީވަރަކުން މި ސުންނަތްތަކަށް ފަރުވާތެރިވުމެވެ. މި ސުންނަތްތައް ފާއިތުވެދިޔަނުދީ ވޭތޯ ބެލުމެވެ.

 4,976 total views