އުތަމެ ޖަމްޢިއްޔާއަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ޖަމްޢިއްޔަތުސަލަފުން ގޮވާލައިފި

އެމް.ޑީ.އެން. އިން ނެރެފައިވާ ލާދީނީ ރިޕޯޓު ދިފާޢުކުރި އުތެމަ ޖަމިއްޔާގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ގޮވާލައިފިއެވެ.

ދިވެހިރާއްޖެއިން އިސްލާމްދީން ފޮހެލައި އިސްލާމްދީނާ ދެކޮޅަށް ހިންގާ އެންމެހައި ޙަރަކާތްތައް ތަޙްޤީޤުކުރުމަށާއި އަދި އުތެމަ އޭކިޔުނު މަދަނީ ޖަމްޢިއްޔާއަކުން ނެރެފައިވާ ރިޕޯޓުތަކެއްގައި ދީނާ ޚިލާފު ވާހަކަތަކެއް އެކުލެވޭތީ އެކަން ތަޙްޤީޤު ކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ގޮވާލާފައިވަނީ 28 ޖޫން 2020 ވީ އާދިއްތަ ދުވަހު ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އާއްމުކުރި ބަޔާނެއްގައެވެ.

އެބަޔާނުގައި އިސްލާމްދީނަކީ ދިވެހިންނަށް ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތްކަމާއި އަދި އެނިޢުމަތުން ދިވެހިން މަހުރޫމުކުރުމަށް ދިވެހިންގެ ތެރެއިން މާއްދީ މަންފާއަކަށްޓަކައި ބަޔަކު ޢަދާވާތްތެރިންނަށް އެހީތެރިވާކަމަށާއި އެފަދަ ކަންތައްތައްކުރާ ފަރާތްތަކާއި މެދު ހުޝިޔާރުވުމަށްވަނީ ގޮވާލާފައެވެ.

”މަދަނީ ޖަމްޢިއްޔާތަކުގެ ސިފައިގައްޔާއި ތަފާތު އެކިއެކި ސިފަސިފައިގައި، މިދިވެހިފަސްގަނޑުން އިސްލާމްދީން ނައްތާލުމަށް އެމީހުން ދަނީ ގިނަގުނަ މަސައްކަތްތަކެއްކުރަމުންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދަނެ، ހުޝިޔާރުވެ ތިބެންޖެހެއެވެ.’ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް‘ ގެނަމުގައި؛ ރަސޫލާ صلى الله عليه وسلم ގެ އަބުރުފުޅަށް އަރައިގަނެ ދީނުގެއަސާސްތަކަށް ފާޑުކިޔައި، އެމް.ޑީ.އެން ކިޔާ މަދަނީ ޖަމްޢިއްޔާއަކުންވަނީ ރިޕޯޓެއްނެރެފައެވެ. އެ ނުބައި ޖަރީމާ ހިންގި ފަރާތްތަކާމެދު ސަރުކާރުން އެއްވެސްފިޔަވަޅެއް އަޅާފައި ނުވަނީސް، ދިވެހިރާއްޖޭގައި އަންހެނުންގެ ޙައްޤުތަކަށްވަކާލާތުކުރުމުގެ ނަމުގައި އުފައްދާފައިވާ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ ’އުތެމަ‘ އިން އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދ. ގެ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ) ގެ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓުގައިއިސްލާމްދީނުގެ ޙުކުމްތަކާއި އަދި އުޞޫލުތަކަށް ވަނީ ފާޑުކިޔާ މަލާމާތްކޮށްފައެވެ.“ ޖަމްޢިއްޔަތުއްސަލަފުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި މީގެއިތުރުން ”އުތަމަ“ ގެ ރިޕޯޓުތަކުގައި އެމް.ޑީ.އެން. އިން ކުރިން ނެރުނު ލާދީނީ ރިޕޯޓަށް ތާޢިދުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ދީނާ ޚިލާފު ކަންތައްތައް ތަޙްޤީޤުކޮށް ފިޔަވަޅު ނާޅާނަމަ އެކަން މުޖުތަމަޢުގައި ތަކުރާރުވެގެން ހިނގައިދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ސަލަފުގެ ބަޔާން އެއްކޮށް ކިޔާލުމަށް މި ޖުމުލައަށް ފިއްތަވާލައްވާ.

 6,533 total views