އިސްލާމްދީނާއި އެދީނުގެ ޢަދާވާތްތެރިން (1)

އިސްލާމީ ޝަރީޢަތަކީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ﷲ ތަޢާލާ ހަތް އުޑުގެ މަތިން އެންމެފަހުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم މައްޗަށް ބާވާލެއްވި އެންމެ ފަހުގެ ރިސާލަތެވެ. ދުނިޔޭގައި އިންސާނުން އުޅެންވީ ގޮތުގެ މަންހަޖެވެ. އެންމެހައި ޚަލްޤުތަކުންގެ މަޞްލަޙަތު ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހުގެ ޙަޟްރަތުން ބާވާލެއްވުނު ޝަރީޢަތެކެވެ. ފިރިހެނުންނާއި އަންހެނުންގެ ޙައްޤުތައް އެންމެ ފުރިހަމަޔަށް ހޯދައިދީފައިވާ ޢަދުލުވެރި ޝަރީޢަތެކެވެ.

މިޒަމާނުގައި އިސްލާމީ އުންމަތަށް ކުރިމަތިވާ ގޮންޖެހުންތައް ގިނައެވެ.  އުންމަތުގެތެރެއިންނާއި ބޭރުން ކުރިމަތިވާ ގޮންޖެހުންތަކެވެ. ފިތުނަޔަކަށްފަހު ފިތުނަޔެއް އިސްލާމީ އުންމަތާ ދަނީ ކުރިމަތިވަމުންނެވެ. އިސްލާމީ ޤައުމުތަކުގެ ތެރެއިން ވަރަށް ގިނަ ޤައުމުތަކުގައި ހަމަޖެހުމާއި އަމާންކަންވަނީ ގެއްލިފައެވެ. އުންމަތުގެ ޢަދާވާތްތެރިންވަނީ އެމީހުންގެ މާއްދީ ފައިދާތަކަށްޓަކައި މުސްލިމް ޤައުމުތައް އަޅުވެތިކޮށްފައެވެ.  މިގޮތުން އަފްޣާނިސްތާނާއި، ޢިރާޤާއި، ސީރިއާ، ފަލަސްތީން އަދި އިރުމަތީ ތުރުކިސްތާން ފަދަ ޤައުމަތަކުގައި ދިރިއުޅެމުންދާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެތަކެއް އަނިޔާތަކެއްދަނީ ލިބެމުންނެވެ.

އެތަކެއް ސަބަބަކާހުރެ އިސްލާމްދީން މިވަނީ ބީރައްޓެހިވާން ފަށާފައެވެ. މިގޮތުން އިސްލާމްދީނުގެ މަތިވެރި ޙުކުމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރާ ޤައުމެއް ނެތޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ކާފަރުން ދަނީ އިސްލާމުން އެމީހުންގެ ދީނުން ބޭރުކުރުމަށްޓަކައި ރެއާއި ދުވާލު މަސައްކަތްކުރަމުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ اسْتَطَاعُوا ۚ))[البقرة 217] މާނައީ: ”އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުން ބޭރުކޮށް ކާފިރުކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއުރެން ފިލައިނުދާނެއެވެ.“

ބައެއް އިސްލާމީ ޤައުމުތަކާ ދެކޮޅަށް ސީދާ ހަނގުރާމަ ކުރަމުންދާއިރު، އަނެއްބައި އިސްލާމީ ޤައުމުތަކަށް އެމީހުން ބޮން ނޭޅިއެއްކަމަކު ފިކުރީ ހަނގުރާމައިގެ ތެރެޔަށް އެޤައުމުތައް ގަންބާލާ، އެޤައުމުތަކުގެ މުސްލިމް ޒުވާނުން އެމީހުންދަނީ ރެކްރޫޓްކުރަމުންނެއެވެ. މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމާ ކުރާނެ ބަޔެއް އެމީހުންދަނީ ތައްޔާރު ކުރަމުންނެވެ. މިގޮތުން މިއަދު އަޅުގަނޑުމެންގެ ދިވެހި މުޖްތަމަޢުގައިވެސް އެމީހުން ވަނީ މިކަންތައްތަކުގައި ކުރިއެރުން ހޯދާފައެވެ.

ތަފާތު ޙައްޤުތައް ހޯދުމުގެ ނަމުގައި އުފައްދާފައިވާ އެމީހުންގެ އެތަކެއް މަދަނީ ޖަމްޢިއްޔާތަކެއް މިފަސްގަނޑުގައި ރަޖިސްޓްރީކޮށް އެމީހުންދަނީ ހިންގަމުންނެވެ. ހިތާމަޔަކީ އެމީހުންގެ ބަހަށް ހެއްލިގެން އުޅޭ މީހުންނަކީ އަޅުގަނޑުމެންގެ ބަހުން ވާހަކަ ދައްކާ މުސްލިމް ދެމަފިރިންނަށް ލިބިފައިވާ ދިވެހިން ކަމަށްވުމެވެ. އެހެން ނަމަވެސް އެމީހުންނަކީ ދުނިޔެއަށްޓަކައި އާޚިރަތް ވިއްކާލައިފައިވާ ދީނާ ޤައުމަށް ޣައްދާރުވެފައިވާ ބަޔެކެވެ. އެބައިމީހުންނަކީ އަމިއްލަ އެދުންތަކަށް ތަބާވެފައި ތިބެ، ބިމުގައި ފިތުނަ ފަސާދަ އުފައްދަން އުޅޭބަޔެކެވެ. ފާޙިޝް ކަންތައްތައް މިނިވަންކަމުގެ ނަމުގައި ފެތުރުމަށް ގަދައަޅައި މަސައްކަތްކުރަމުންދާ ބަޔެކެވެ.  ﷲ ވަޙީ ކުރެއްވިއެވެ. ((وَاللَّـهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَن تَمِيلُوا مَيْلًا عَظِيمًا))[ سورة النساء 27] މާނައީ: ”އަދި، اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލެއްވުމަށެވެ. އަދި، އަމިއްލަ އެދުންތަކަށް ތަބާވާ މީހުން އެދެނީ (ޙައްޤު މަގު ފިޔަވައި ބާޠިލްގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ.“

-ނުނިމޭ-

 4,985 total views