ކަނބަލުންނަށް ފުރުޞަތުދެމާ! (3)

4- އެކަމުގައިބައިވެރިވާ ފަރާތްތަކުގެ ޒިންމާތައް، ވަކިވެ ބަހާލެވިފައި އޮތުން:

ކޮންމެކަމެއްވެސް ރީތިކޮށް ތަރުތީބުން ހިނގާނީ ޒިންމާތައް ވަކިވެ އެނގިގެންނެވެ. މިތަރުތީބު ބިނާވާން ޖެހޭނީ ފިޠުރީގޮތުން އިންސާނާގެ ކިބައިގައި ލެއްވިފައިވާ ފިޠުރީ ހުނަރާއި، އޭނާ ލިބިގެންފައިވާ ހުނަރުތަކުގެ މައްޗަށް ރިޢާޔަތްކުރެވިގެންނެވެ. ނުވަތަ އެކަމަކަށް އެންމެ އެކަށޭނަމީހާ އާ އެކަމެއް މަތިކޮށްގެންނެވެ. އިންސާނުންގެ ފިޠުރަތު އެގޮތެއްގައި ލައްވާފައިވާ ޞިފަތަކާއި، ހުނަރުތަކަށް ރިޢާޔަތްކުރުމެއްނެތި ޒިންމާތައް ޙާވަލުކޮށްގެން އެދެވޭ ނަތީޖާއެއް ނުނެރެވޭނެކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.

މި ނުކުތާއަކީ އަޅުގަނޑުމެން ވަރަށް ފުންކޮށް، ޙިކުމަތުގެ ނަޒަރަކުން ވިސްނާލަންޖެހޭ ނުކުތާއެކެވެ. ދަރިންގެ ތަރުބިޔަތުގައި ޢަމަލީގޮތުން މަސައްކަތް ކުރަންޖޭހޭ ފަރާތަކީ އެކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީގޮތުން ބަލަދުވެރިންކަމުގައި އަޅުގަނޑުމެން ޤަބޫލުކޮށްފީމުއެވެ. ދެފަރާތުގެ ޒިންމާވެސް ހަމަހަމަވާގޮތުގައެވެ. ނަމަވެސް ސުވާލަކީ އެފަރާތްތަކުން ޢަމަލީގޮތުން ކުރަންޖެހޭ މަސައްކަތުގައި އެއްވެސް ތަފާތެއް ވޭހެއްޔެވެ؟ ނުވަތަ ނުވޭހެއްޔެވެ؟ އެއްވެސް ތަފާތެއް ނުވާކަމަށް ޤަބޫލުކުރާނަމަ އޭގެ މާނައަކީ ދަރިން ފެންވަރުވާ ތެޔޮލާ ރީތިކުރުމާއި، އެދަރިންގެ ޚަރަދުބަރަދު ބެލެހެއްޓުމާއި މިހުރިހާކަމެއް ޢަމަލީގޮތުން ކުރުމުގައި މަންމައާއި ބައްޕަ ހަމަހަމައެވެ. އެހެންގޮތަކަށް ބުނާނަނަމަ، ކުރަންޖެހޭ މަސައްކަތުގެ ބާވަތާއި، މިންވަރުވެސް ހަމަހަމައެވެ. މިގޮތުގައި މިކަން އޮމާންކޮށް ހިނގާނެ ކަމަށް ބުއްދި ޤަބޫލުކުރޭ ހެއްޔެވެ؟ ނުވަތަ އެއީ އަޅުގަނޑުމެންގެ ދަރިންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެންމެ ރައްކާތެރިކަން ބޮޑުގޮތް ހެއްޔެވެ؟ އިންސާނީ ފިޠުރަތު ނިޔާކުރަނީ އެގޮތަށް ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބު ދިނުމުގެ ކުރީގައި އެހެން ސުވާލެއް ކޮށްލަމާހިނގާށެވެ! ދެމަފިރިން ވަރިވެގެންދާ ޙާލަތުގައި އެދެމީހުންގެ ތުއްތުދަރިން ތިބިނަމަ އެދަރިން، ތިބެން އެންމެ އެކަށީގެންވަނީ މަންމަގެ ގާތުގައިހެއްޔެވެ؟ ނުވަތަ ބައްޕަގެ ގާތުގައިހެއްޔެވެ؟ އާދެ ޝައްކެއްނެތެވެ. އެދަރިން ފެންވަރުވައި، ކާންދީ ބެލެހެއްޓުން އެންމެ ޙައްޤު ފަރާތަކީ މަންމައެވެ. މިއީ ސަލާމަތް ބުއްދި ލާޒިމް ކުރާގޮތެވެ. މަންމައެއްގެ ނުބައިކަމުގެ ސަބަބުން ދަރިޔަކަށް ފަހަރެއްގައި ދޭ ގެއްލުމަކީ ދަރިންގެ މައްޗަށް އެންމެ ކުލުނުވެރި ފަރާތަކީ މައިލަނގޮނޑިކަމުގައި އޮންނަ އުޞޫލު މުގުރިގެންދާނެ ކަމެއްނޫނެވެ. ދަރިން ހޭހަންކޮށް ބެލެހެއްޓުމީ މައިންގެ ކަމެއްކަމުގައި ބެލެވުމަކީ މުޖުތަމަޢުން އިންސާނާ ދަސްކުރާކަމެއް ކަމުގައި ބޭފުޅަކު ވިދާޅުވާނަމަ އެއީ ކުށްހީއެކެވެ. އަދި ކިއެއްތަ، އެއީ އިންސާނާގެ ފިޠުރަތު އެގޮތުގައި ބައްޓަންކުރައްވާފައިވާ ގޮތެވެ. މިއީ އިންސާނުން ޤަބޫލުކުރާ ތަފާތު ޢަޤީދާތަކާއި، ޘަޤާފީގޮތުން ހުރި ތަފާތުތަކާއެކުވެސް މުޅި އިންސާނިއްޔަތު ދައްކަމުންދާ ޙަޤީޤަތެވެ. ނާދިރު ޙާލަތްތަކަކީ ޢާންމު އުޞޫލުކަމަށް ބަލައި ޤިޔާސް ނުކުރެވޭކަން އެންމެން ޤަބޫލުކުރަން ޖެހެއެވެ.

އާނއެކެވެ! ބައްޕަޔަކު ދަރިޔަކު ފެންވަރުވާލުން ގޯސް ވާހަކައެއް ނޫނެވެ. އަދި ދަރިފުޅު ރީތިކޮށް ހެދުން ލައްވާ ނިންދަވާލުން ގޯސް ވާހަކައެއް ނޫނެވެ. ނަމަވެސް އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އެ މަސައްކަތުގެ ޙަޤީޤީ ބަލަދުވެރި ފަރާތަކީ މަންމައެވެ.

5- މާނަވީ އަދި މާލީއެހީތެރިކަން ލިބުން:

މާނަވީ އެހީތެރިކަމަކީ ވަރަށް ފުޅާމާނައެއް އޭގައި އެކުލެވޭ އެއްޗެއްކެވެ. ކަމެއްގައި މީހަކު އަދާކުރަމުންދާ ޒިންމާއަށް ވާގިދީ ހިތްވަރުދިނުމާއި، އެކަންކަން ފާހަގަކުރުމަކީ މާނަވީގޮތުން ދެވޭ އެހީތެރިކަމެކެވެ. ކަމެއްގެ ދަރުމަޔާއި ޘަވާބު އަންގައިދިނުމަކީ އެކަމަކަށް މާނަވީގޮތުން ދެވޭ އެންމެބޮޑު އެހީތެރިކަމެވެ. މުޖުތަޢުން ހެޔޮގޮތުގައި އެކަން ބަލައިގަތުމަކީވެސް މާނަވީ އެހީތެރިކަމެކެވެ.

ދަރިން ތަރުބިޔަތު ކުރުމަކީ މާލީގޮތުން އެކުދިންނަށް ޚަރަދުކުރުން ލާޒިމުކުރާކަމެކެވެ. މިކަމަކީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. ނަމަވެސް ސުވާލަކީ އެއީ ކާކުގެ ޒިންމާއެއް ތޯއެވެ؟ ޝައްކެއްނެތެވެ. އެކަމަކީ ދަރިފުޅުގެ ބައްޕަ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ ޝަރުޢީ ޒިންމާއެކެވެ. އެކަން އެހެން ފަރާތަކަށް މަތިކޮށްފައި، ބައްޕަޔަށް ނުވަތަ ބަލަދުވެރިޔާއަށް އެކަމުން ބޯދަމައި ނުގަނެވޭނެއެވެ. އެކަމަކީ ދަރިފުޅުގެ މަންމަގެ ޒިންމާއެއް ނޫނެވެ.

(ނުނިމޭ)

 4,320 total views