މުޙައްރަމް މަހާއިގުޅޭ ޚާއްޞަ ޕްރޮގްރާމެއް މިރޭ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އަލަށް އުފައްދާ ”އަލް-މަވާސިމު“ ސިލްސިލާގެ ފުރަތަމަ އެޕިސޯޑް މިރޭ ގެނެސްދިނުމަށް ހަމަޖައްސައިފިއެވެ.
އަލްމަވާސިމް ޕްރޮގްރާމުގެ މީޑިއާ ކޯޑިނޭޓަރެއް އަދި ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިގޮތުގައި ޖަމްޢިއްޔާއިން އަލަށް މިފަށާ ޕްރޮގްރާމަކީ އިސްލާމީ މުޖްތަމައުގައި ފާހަގަކުރަމުންގެންދާ ޚާއްޞަ އެކިއެކި ދުވަސްތަކާއި ގުޅިގެން އެދުވަސްތަކަށް އަލިއަޅުވާލައި ގެނެސްދޭ ސިލްސިލާ ޕްރޮގްރާމެއްކަމަށެވެ.
”މިއީ އިސްލާމީ އެކިއެކި މުނާސަބަތުތަކާއި ޚާއްޞަ ދުވަސްތަކާއި ގުޅިގެން އެދުވަސްތަކަށް އަލިއަޅުވާލުމަށްޓަކައި ގެނެސްދޭ ސިލްސިލާ ޕްރޮގްރާމެއް. މިސިލްސިލާގައި ދީނުގައި ފާހަގަކުރުން ހުއްދަ ދުވަސްތަކާއި އަދި ދީނީ ކަމެއްގެ ގޮތުގައި ދެކިގެން ފާހަގަ ކުރަމުން އަންނަ ނަމަވެސް އަސްލު ދީނުގައި ނެތް ބައެއް ދުވަސްތަކާއި ބެހޭގޮތުންވެސް މަޢުލޫމާތު ގެނެސްދެވޭނެ. އިންޝާﷲ.“ އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިއެވެ.
ހަމައެކަނި ޖަމްޢިއްޔަތުއްސަލަފުގެ ”ޔޫޓިއުބްޗެނަލް“ އިން ކުރިއަށްގެންދާ މިސިލްސިލާގެ އެންމެ ފުރަތަމަ އެޕިސޯޑުގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ މިހާރު އަލަށް މިފެށުނު 1442 ވަނަ އަހަރުގެ މަތިވެރި މުޙައްރަމް މަހުގެ މާތްކަމުގެ ވާހަކައެވެ. މިރޭ 9 ޖަހާއިރު ސަލަފުގެ ޔޫޓިއުބްޗެނަލްއިން ގެނެސްދޭ މިއެޕިސޯޑުގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ ޖަމްޢިއްޔަތުއްސަލަފުގެ މުސްތަޝާރު އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ.
”މިސިލްސިލާގެ ދަރުސްތައް ތަފާތުވާނެ. މައުޟޫއަށް ކުރުކުރުކޮށް ޝައިޚް ވާހަކަ ދައްކަވާފައި ދެން އޮންނާނީ ދަރުސް އަޑުއަހަން ތިއްބެވި ބޭފުޅުން ކުރައްވާ ސުވާލުތަކަށް ޖަވާބުދިނުން. އެހެންވީ މިރޭ ޝައިޚްގެ ދަރުސް ޔޫޓިއުބްގައި ކުރިއަށް ދާއިރު ސުވާލެއް ކުރައްވަން ބޭނުންވާ ބޭފުޅުން ކޮމެންޓެއްގެ ގޮތުގައި ސުވާލު ކުރަމުންދާންވީ. ދަރުސް ނިމުނީމަ އަޅުގަނޑުމެން ދޭނަން ގޫގުލް މީޓިންގެ ލިންކެއް، އެލިންކުން ކޮށްފައި ހުންނަ ސުވާލުތަކަށް ޝައިޚް ޢަލީ ޒާހިރު ވަގުތުން ޖަވާބު ދެއްވާނެ އިންޝާ ﷲ.“ އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިއެވެ.

 12,110 total views