ނަމާދު ކުރާގޮތް ދައްކުވައިދޭ މުޅިން އައު ސީރީޒެއް


ނަމާދު ކުރާގޮތް ދައްކުވައިދޭ މުޅިން އައު ވީޑިއޯ ސީރީޒެއް ނެރުމަށް ޖަމްޢިއްޔަތުއްސަލަފުން ހަމަޖައްސައިފިއެވެ.
ނަމާދު ފެށުނީއްސުރެ ނިމެންދެން ނަމާދުގައި ކިޔާ އެކިއެކި ޒިކުރުތަކުގެ އިތުރުން ނަމާދުގެ އެކިއެކި މަޤާމުތަކުގައި މީހާގެ އެކިއެކި ގުނަވަންތައް ބަހައްޓަން ޖެހޭނެ ގޮތާއި އެއް ރުކުނުން އަނެއް ރުކުނަށް ބަދަލުވާނެގޮތް ދައްކުވައިދޭ މި ވީޑިއޯ ސީރީޒް ހުށައަޅައިދެއްވާނީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް ޢަބްދުއްސަލާމް ބިން ދާވޫދު އެވެ.
”ނަމާދު ކުރާނެ ގޮތް“ މިނަމުގައި ތައްޔާރުކުރާ މިވީޑިއޯ ސީރީޒްއާއިގުޅޭގޮތުން އައްޝައިޚް ޢަބްދުއްސަލާމް ވިދާޅުވީ ނަމާދު ކުރާގޮތް އުނގެނިދަސްކުރުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެއްކަމަށާއި މި ޕްރޮގްރާމަކީ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށްވެސް ބަލާލަން ވަރަށް ފަސޭހަ އަދި ނަމާދު ކުރަން ދަސްކޮށް އެކަމުގެ ޙުކުމްތައް ދަނެގަތުމަށް ހުޅުވިގެންދާނެ އިތުރު ދޮރެއްކަމަށެވެ.
”ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ‎ ނަމާދު ކުރެއްވިގޮތް ދަސްކޮށް އުނގެނުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް. ސަބަބަކީ ނަމާދުގެ އަޅުކަން ޤަބޫލުވެވިގެންދާނީވެސް އެކަލޭގެފާނު ދެއްކެވިގޮތަށް، އެންގެވިގޮތަށް ކޮށްގެން. އެހެންނޫނީ އަޅުގަނޑުމެން މުޅި އުމުރުދުވަހު ނަމާދު ކުރިކަމުގައިވިޔަސް ﷲ ތަޢާލާ އަޅުގަނޑުމެންގެ ނަމާދު ޤަބޫލު ނުކުރެއްވުމަކީ ވަރަށްގާތްކަމެއް. އެހެންވީމާ މިނަމާދު ކުރާނެގޮތް އުނގެނުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް“ އައްޝައިޚް ޢަބްދުއްސަލާމް ވިދާޅުވިއެވެ.
އެޕިސޯޑެއްގެ ދިގުމިނަކީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓެވެ. މި ސިލްސިލާ ޕްރޮގްރާމު ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް ޗެނެލުންނާއި ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުންނެވެ. ހަފްތާއަކު 2 އެޕިސޯޑު ގެނެސްދިނުމަށް މަސައްކަތްކުރަމުންދާ މި ސީރީސްގެ ފުރަތަމަ ޕްރޮގްރާމް މިހަފްތާގެ އަންގާރަ ދުވަހު ރިލީޒްކުރުމަށްވަނީ ހަމަޖެހިފައެވެ.
ނަމާދު ކުރަން ދަސްކޮށްދޭ ވީޑިއޯ ސީޑީއެއް 2010 ވަނަ އަހަރުވެސް ޖަމްޢިއްޔަތުއްސަލަފުންވަނީ ނެރިފައެވެ.

 19,623 total views