ގިނަ ޖަމްޢިއްޔާތަކެއް ގުޅިގެން ބާއްވާ ދަރުހެއް މާދަމާރޭ

ރާއްޖޭގެ މަދަނީ ވަރަށްގިނަ ޖަމްޢިއްޔާތަކެއް ގުޅިގެން ބާއްވާ ދީނީ ދަރުހެއް މާދަމާރޭ (ބުރާސްފަތި ދުވަހުގެ ރޭ) ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ބަރަކާތްތެރި ޢާޝޫރާ ދުވަހުގެ މަތިވެރި މުނާސަބަތާއި ގުޅިގެން ބާއްވާ މިދަރުސްގެ މައުޟޫއަކީ ”ހުރިހާ މަގެއް ބަންދުވި ހިނދު“ މިއެވެ. މިދަރުސް އިންތިޒާމުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވެފައިވަނީ މިދަރުސްއަކީ މިހާރު ޖަމްޢިއްޔަތުއްސަލަފުން ފަށައިގެން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެއްގެ ދަށުން ބާއްވާ ދަރުސެއްކަމަށާއި ރާއްޖޭގެ ގިނަ ޖަމްޢިއްޔާތަކާއިގުޅިގެން މިފަދަ ގިނަ ދަރުސްތަކެއް އޮންލައިންކޮށް ބާއްވަމުންގެންދާ ކަމަށެވެ.

”ޖަމްޢިއްޔަތުއްސަލަފުން މިހާރުމިވަނީ ވަރަށްތަފާތު ޕްރޮގްރާމެއް ފަށާފަ. ރާއްޖޭގެ ގިނަ ޖަމްޢިއްޔާތަކެއް ގުޅިގެން ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް މިފެށީ. އަދި އޭގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އަޅުގަނޑުމެންނާއިގުޅިގެން އޮންލައިން ދަރުސް ދިނުމުގެ ފުރުސަރު މިހާރުވަނީ ހުޅުވާލާފަ. މިގޮތަށް ކޮމްބައިންކޮށް ބޭއްވީމަ ހަގީގަތުގައި ވަރަށް ރަނގަޅު. އެއީ ގިނަ ޖަމްޢިއްޔާތަކެއްގުޅިގެން މިގޮތަށް މިފަދަ މަސައްކަތްތަކެއް މީގެ ކުރިން ހިންގިފައެއް ނެތް. މީގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ދަޢުވަތަށާއި ދަޢުވަތުގައި އުޅޭ ކުދިންނަށް ކުރާނެ އިންޝާﷲ“ އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިއެވެ.
މާދަމާރޭ ބާއްވާ ދަރުސަކީ ތ. ހިރިލަންދޫ ޖަމްޢިއްޔަތުލް އިންތިބާހުގެ އެދިލެއްވުމަކަށް އެފަރާތާއި ޖަމްޢިއްޔަތުއްސަލަފު ގުޅިގެން ހިންގާ ޙަރަކާތްތެކަމަށް ޝައިޚް މުޖްތަބާ ވިދާޅުވިއެވެ.
”މިދަރުސްގައި ބޮޑަށް އަލިއަޅުވާލާނީ ޢާޝޫރާ ދުވަހުގެ މަތިވެރިކަމާއި އެދުވަހަކީ އަޞްލު ކޮބައިކަމާއި އެދުވަހުގެ މުނާސަބަތު ފާހަގަ ކުރެވޭ ސަބަބާއި މިކަހަލަ ކަންތައްތަކުގެ މައްޗަށް. އިންޝާﷲ. މިހާރު އަޅުގަނޑުމެންނާއިއެކު އިތުރު 21 އެން.ޖީ.އޯ. ބައިވެރިވާނެ މިދަރުސް ލައިވްކުރުމަށް. އެހުރިހާ ބޭފުޅުންގެ ފޭސްބުކް ޕޭޖުންވެސް ދަރުސް ލައިވްކުރާނެ އިންޝާﷲ“ ދަރުސް އިންތިޒާމުކުރުމުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔަތުލް އިންތިބާހުގެ ފަރާތުން ވާހަކަދެއްކެވި ޢަބުދުލްމަތީނު ވިދާޅުވިއެވެ.
މިމަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 9 ޖަހާއިރު އޮންނަ މިޚާއްޞަ ދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް ޢަބްދުއްސަލާމު ދާވޫދެވެ.

މިއަހަރުގެ ޢާޝޫރާ ދުވަހަކީ މި އޮގަސްޓު މަހުގެ 29ވާ ހޮނިހިރު ދުވަހެވެ.

 23,065 total views