ދުރޫސުލް އީމާންސިލްސިލާ އަލުން ފަށަނީ. އެކަމަކު މިފަހަރު މިސްކިތުން ބޭރުގައި

ޖަމްޢިއްޔަތުއްސަލަފުން 2018 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ “ ދުރޫސުލް އީމާން“ ސިލްސިލާ ދަރުސްތައް ކޮވިޑް19 ގެ ސަބަބުން މެދުކަނޑާލުމަށްފަހު އަލުން ފެށުމަށް ހަމަޖެހިއްޖެއެވެ. އެކަމަކު މިފަހަރު އަލުން މި ސިލްސިލާ ކުރިއަށް ގެންދަނީ ސަލަފު ޔޫޓިއުބު މެދުވެރިކޮށެވެ.

“ އަސްލު މިއީ 2018 ވަނަ އަހަރުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ މަޣްރިބު ނަމާދަށްފަހު ފަނޑިޔާރު މިސްކިތުގައި ކުރިއަށް ގެންދަމުން އައި ސިލްސިލާ ދަރުސްތަކެއް. ނަމަވެސް ކޮވިޑް19 ގެ ސަބަބުން މާލޭގެ މިސްކިތްތަކުގައި ދަރުސްތައް ބޭއްވުން މެދުކަނޑާލާފައިވާތީ، މިދަރުސް ސިލްސިލާވެސް މިވަނީ މެދުކެނޑިފައި. އެހެންކަމުން މިސިލްސިލާ ކުރިޔަށް ގެންދިޔުމަށް މިފަށަނީ ސަލަފު ޔޫޓިއުބުގައި، އިންޝާﷲ ބޭނުމަކީ މި ދަރުސްތަކުގައި ނުނިމި ހުރި ދަރުސްތައް ގެނެސްދީ ސިލްސިލާ ފުރިހަމަކޮށްލުން.“ ދުރޫސުލް އީމާން ދަރުސް ސިލްސިލާގެ ކޯޑިނޭޓަރ އަދި ސަލަފުގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް ޝިހާމް މުޙައްމަދު ސަލަފު ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ގިނަދުވަސްތަކަކަށް ފަހު މިސްކިތުން ބޭރުގައި ސްޓޫޑިއޯގައި އަލުން މި ދަރުސްތައް ފަށާއިރު، ދަރުސްތައް ފޮނުވަން ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ރޭ 9 ޖަހާއިރު ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބު ޗެނަލުންނެވެ. 

“  މިހަފްތާގެ ހޯމަ ދުވަހުރެއިން ފެށިގެން އަލުން މި ފަށަނީ. މި ސިލްސިލާގެ ދަރުސްތަކުގައި ވާހަކަ ދައްކާނީ ޢާޤީދާގެ އެކިއެކި ފިލާވަޅުތަކާއި ބެހޭގޮތުން. ޔޫޓިއުބުން އަޅުގަނޑުމެން މިގެނެސްދޭން ފަށާ ދަރުސްތަކުގެ ދިގުމިނަކީ އާއްމުކޮށް 10 މިނެޓާއި 15 މިނެޓާއި ދެމެދު.“ އިތުރަށް މަޢުލޫމާތު ދެއްވަމުން އައްޝައިޚް ޝިހާމް މުޙައްމަދު ވިދާޅުވިއެވެ.

މި ސިލްސިލާ އަލުން ފަށާއިރު މި ހިނގާ ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑު 9 ޖަހާއިރު ގެނެސްދޭ އެޕިސޯޑުގައި ވާހަކަ ދައްކަވާނީ އައްޝައިޚް ޝުޢައިބު ނާޠިމެވެ.ޝެއިޚް ގެ ދަރުސްގައި އަލި އަޅުވާލާނީ ﷲއަށް އީމާން ވުމުގެ މައްޗަށެވެ.

 14,473 total views