ޖުވާކުޅުން


الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.


ޖުވާކުޅުމަކީ މޮޅުވާ މީހާ ދެރަވާ މީހާގެ އަތުން އެއްޗެއް ހޯދުމަށް ޝަރުޠުކޮށްފައި ކުޅޭ ކުޅިވަރުތަކެވެ. [1] އެފަދަ ކުޅިވަރުތައް ކުޅުން އިސްލާމްދީނުގައިވަނީ ނަހީކުރައްވާފައެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴿٩١﴾ [سورة المائدة]

މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ކާމިޔާބު ލިބުމަށްޓަކައެވެ. (90) ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަން ހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!) (91) ”

ޖުވާގެ ހުރިހާ ބާވަތެއްވެސް ޙަރާމްކަމުގައި ފިޤުހުވެރިންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. [2]

މިފަދަ ކުޅިވަރުތަކުގެ ތެރޭގައި އިހުޒަމާނުގައްޔާއި މިޒަމާނުގައި އެތައް ކަމެއް ހިމެނިގެން ދެއެވެ.

އިހުޒަމާނުގައި ޖުވާގެ ގޮތުގައި ކުޅެ އުޅުނު ކުޅިވަރުތަކުގެ ތެރޭގައި ޑައިސްގެ ކުޅިވަރުތަކާއި ރާޒުވާއާ އަދި ހިލައިންނާ އެނޫން އާލާތްތައް ބޭނުންކޮށްގެން ކުޅުނު ކުޅިވަރުތައް ހިމެނެއެވެ. [3]

މިޒަމާނުގައިވެސް އެފަދަ ކުޅިވަރުތައް ފައިސާއަށް ކުޅެއުޅެއެވެ. އަދި އޭގެ އިތުރަށްވެސް މި ޒަމާނުގައި ޢާންމުވެފައިވާ ކުޅިވަރުތަކުގެ ތެރޭގައި: ވާދަޖަހައިގެން ކުރާ ކަންތައްތަކުގައި ”bet“ ކުރުމާއި ޖުވާކުޅޭ ތަންތަނުގައްޔާއި އެނޫން ތަންތަނުގައި އެކި ނަންނަމުގައި ކުޅޭ ކުޅިވަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި: Roulette އާއި Blackjack އާއި Poker އަދި މިނޫނަސް އެތައް ނަންނަމުގައި ކުޅޭ ކުޅިވަރުތަކެއް ވެއެވެ.

މިޒަމާނުގައި މިފަދަ ވަރަށް ގިނަ ގޭމުތައް އޮންލައިންކޮށްވެސް ކުޅެއެވެ. އަދި އޮންލައިންކޮށް، ފައިސާ ދައްކައިގެން އެޕްލިކޭޝަންތައް މެދުވެރިކޮށް މިފަދަ ގޭމުތައް މީސްތަކުން ކުޅެ އުޅެއެވެ.



ޖުވާކުޅުން ނަހީކުރައްވާފައިވާ ބައެއް ޙިކުމަތްތައް


1) ޖުވާކުޅުން ނަހީކުރެއްވިއިރު މިކަން ނަހީކުރެއްވުމުގެ ބައެއް ޙިކުމަތްތައް، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެއްކަމަކީ އެއީ މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އިތުރުވެގެންދާ ކަމެކެވެ.

2) އަދި އެއީ ﷲ ހަނދުމަކުރުން އިންސާނާ ޣާފިލުކުރުވާ ކަމެކެވެ. މިކަންވެސް ވަނީ އެކަން ނަހީކުރެއްވިއިރު އަންގަވާފައެވެ.

3) އަދި އެއީ ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ކެއުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. [4]


އަދި ދުނިޔަވީ ހަމަތަކުން ބަލާއިރުގައިވެސް މިފަދަ ކުޅިވަރުތައް ކުޅެގެން ލިބޭ ގެއްލުންތައް ފޫ ނުބެދި، ބައެއް ފަހަރު މުޅި މީހާ ދަރާވިކިގެން ދެއެވެ. އަދި އެކަމުގެ ސަބަބުން ނުބައި ނުލަފާ މީހުންގެ އަތްދަށުވެގެން ދެއެވެ.

ޖުވާކުޅުމަކީ ބޮޑު ފާފައެކެވެ. ބޮޑެތި ފާފަތައް ބަޔާންކޮށް އިމާމު ޛަހަބީ رحمه الله ލިޔުއްވާފައިވާ ފޮތެއްކަމުގައިވާ الكبائر ގައިވެސް މިކަން ފާހަގަކުރައްވާފައިވެއެވެ. [5] އަދި އިބްނު ޙަޖަރު އަލްހައިތަމީ رحمه الله އެ މައުޟޫގައި ލިޔުއްވާފައިވާ الزواجر ގައިވެސް ބޮޑެތި ފާފައިގެ ތެރެއިން މިކަން ހިމަނުއްވާފައިވެއެވެ. [6] ފަހެ މިކަމަށް އަރަގަނެވިފައިވާ މީހަކުނަމަ މިފާފައަށް ތައުބާވާން ޖެހޭނެއެވެ. އަދި ކޮންމެވެސް މިންވަރެއް ޞަދަޤާތް ކުރަންވާނެއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘް ބަސްފުޅުން، މިކަމުގެ ނުބައިކަން އެނގިގެން ދެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((مَنْ قَالَ لِصَاحِبِهِ: تَعَالَ أُقَامِرْكَ، فَلْيَتَصَدَّقْ)) [رواه البخاري في صحيحه برقم: (4860)]

މާނައީ: ”މީހަކު އޭނާގެ އެކުވެރިޔާގެ ގާތުގައި: ’ޖުވާކުޅެން އަންނާށޭ‘ މިފަދައިން ބުނެފިނަމަ ފަހެ ޞަދަޤާތެއް ކުރާށެވެ.“

މިޙަދީޘަށް އިޝާރާތް ކުރައްވަމުން އިމާމު އައްޛަހަބީ رحمه الله ވިދާޅުވިއެވެ.

”އެފަދައިން ހަމައެކަނި ބުނެލުމުން ކައްފާރާއެއް ނުވަތަ ޞަދަޤާތެއް ދޭން ޖެހެއެވެ. ދެން އެކަންކުރުމުގެ ނުބައިކަމާމެދު ވިސްނާލާށެވެ.“ [7]

ދުޢާއަކީ، ﷲ ތަޢާލާ އަޅަމެން މިފަދަ އެންމެހާ ފާފަތަކުން ދުރުހެލިކުރައްވައި އަޅަމެންނަށް ދެއްވާފައިވާ ރިޒްޤާއި މުދަލުގައި ބަރަކާތް ލެއްވުމެވެ.



[1] ބައްލަވާ: معجم لغة الفقهاء (ص: 369). ދިވެހިބަހުގައި ބަޔާންކޮށްފައިވަނީ ޖުވާކުޅުމަކީ: ހަރާދު ކިޔައިގެން ކުޅޭ ކުޅިވަރު ކުޅުމެވެ.

[2] ބައްލަވާ: الموسوعة الفقهية الكويتية (39/405).

[3] ބައްލަވާ: الكبائر للذهبي (ص: 88).

[4] ބައްލަވާ: الموسوعة الفقهية الكويتية (39/405).

[5] ބައްލަވާ: الكبائر (ص: 88).

[6] ބައްލަވާ: الزواجر لابن حجر الهيتمي (2/328).

[7] ބައްލަވާ: الكبائر (ص: 89).

 3,134 total views