‎ކޯޓުތަކުގައި ވަކާލާތުކުރުމާއި، ފަނޑިޔާރުކަން ކުރުމުން؛ ޝަރީޢާ ކިޔަވާ ފަރާތްތައް އެއްކިބާކުރުމުން ޖަމްޢިއްޔަތުއްސަލަފުން ބަޔާނެއް ނެރެފި

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމާއި، ފަނޑިޔާރުކަން ކުރުމުން؛ އިސްލާމިކް ޝަރީޢާ ކިޔަވާ ފަރާތްތައް އެއްކިބާކޮށް، މަޙްރޫމްކުރާކުރުމާ މެދު ޖަމްޢިއްޔަތުއްސަލަފުން ނެރޭ ބަޔާނެއް ނެރެފިއެވެ.

ޖަމްޢިއްޔަތުއްސަލަފުން ނެރުނު ބަޔާން ތިރީގައި އެވަނީއެވެ:

”ދަންނައެ، އިންސާނާގެ ދީނާއި، ބުއްދިޔާއި، މުދަލާއި، ފުރާނަ ރައްކާތެރިކުރާނެ އެންމެހާ ގޮތަކާއި، މަގެއް އެ ޝަރީޢަތެއްގައި ލައްވައި، 7ވަނަ އުޑުގެ މަތީން އެންމެ ފަހުގެ ނަބިއްޔާ صلى الله عليه وسلم އަށް ގަދަ ކީރިތިވަންތަ ﷲ ބާވައިލައްވާފައިވާ މާތްވެގެންވާ މުޤައްދަސް ދުސްތޫރު؛ ފުރަގަހަށް އެއްލާލައި، ﷲގެ ދީނުން މުސްލިމުން ބޭރުކޮށް؛ އިންސާނުންގެ ތެރެއިން މަދު ބަޔަކު އަމިއްލައަށް އެކުލަވާލައިފައިވާ، ދުވަހުން ދުވަހަށް އެކި ފަރާތްތަކުގެ އަމިއްލަ މަޞްލަޙަތުގެ މައްޗަށް ބަދަލުކުރަމުން ގެންދާ ވަޟަޢީ ޤާނުނުގެ މައްޗަށް އަޅުވެތިކޮށްގަތުމަށް ކާފިރުންނާއި، އެމީހުންނަށް ތަބާވާ މީސްތަކުންދަނީ ރެޔާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެގޮތުން ދަޥުލަތުގެ މުއައްސަސާތަކުން އެކަށައަޅާ ޤާނޫނާއި ޤަވާޢިދުން؛ އިސްލާމީވަންތަކަމާއި، އިސްލާމީ ޝަރީޢަތާ އެކީއެކަށް ގުޅުންކަނޑާލުމަށް ދަނީ މަކަރުވެރި ރޭވުންތައް ރާވަމުންނެވެ.
މިކަމަކީ އިސްލާމީ ބިންތަކަށް އިސްލާމްދީނާ ޢަދާވާތްތެރި ދަޥުލަތްތަކުން އަތްގަދަކޮށް، އެމީހުންގެ ވެރިކަން އެބިންތަކުގައި ޤާއިމުކުރި ދުވަހުން ފެށިގެންވެސް ކުރަމުން އަންނަ މަސައްކަތެކެވެ. މިޒަމާނުގެ އިސްލާމީ ދުނިޔޭގެ ތާރީޚުގެ ކޮންމެ ޞަފްޙާއެއްގައިވަނީ މިވާހަކަތަކެވެ. ތަޢުލީމީ ދާއިރާއިން ދީނީ ޝަރުޢީ ޢިލްމު ފުހެލުމަށް ކުރަމުންގެންދާ މަސައްކަތްތަކެވެ. މުސްލިމް ޢާއިލާތައް ރޫޅާލުމަށް ތުއްތު ކުދިންނާއި އެކުދިންގެ މައިން ވަކިކޮށް ފޭކުރުމަށް ކުރި މަސައްކަތްތަކެވެ. އިސްލާމީ މުޖުތަމަޢުތަކުގައި ބަދުއަޚްލާޤީ ކަންތައްތައް ފެތުރުމަށް ޒާތްޒާތުގެ ނަންނަމުގައި ފާޙިޝް ކަންތައްތައް ފަތުރައި، އިސްލާމް ދީނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އުފައްދާ ރާވައިފައިވާ ޕްލޭންތަކެވެ. ހަމަ އެގޮތަށް، ދާޚިލީ ހަމަޖެހުން ނަގައިލުމަށްޓަކައި ސިޔާސީ ގޮތުން މުސްލިމް ޤައުމުތައް ބައިބައިކޮށް ފޮތިފޮތިކޮށްލި ގޮތެވެ. ޝަރުޢީ ދާއިރާއިން މުސްލިމު ފިޤުހުވެރިންނާއި، ޝަރުޢީ ފަނޑިޔާރުން އެކަހެރިކޮށް ކީރިތި ޤުރްއާނާއި ނަބަޥީ ސުންނަތުން ޘާބިތުވާ ޙުކުމްފުޅުތަކުގެ އަޘަރު އިސްލާމީ މުޖުތަމަޢުތަކުން ނައްތާލުމަށް ކޮށްފައިވާ ހަޑިމުޑުދާރު މަސައްކަތެކެވެ.
ކުރިއަށް މިދާ ފިކުރީ ހަނގުރާމަގައި، އެބައިމީހުން އެދަނީ މުސްލިމް ޤައުމުތަކުގައި ފަހަރަކު ހަރުފަތެއް ގިރާކުރަމުންނެވެ. މާޒީގައި ކަނޑިއާއި ބަނޑި ބޭނުންކޮށްގެންނެވެ. މިއަދު އެމީހުން ތަރުބިއްޔަތުކޮށްފައިވާ އޭޖެންޓުންނާއި، ގޮނޑިކޮއްކޮ ސަރުކާރުތަކާއި، މުސްލިމުންގެ ތެރޭގައި ތިބެ ދީނާއި ޤައުމަށް ޣައްދާރުވާ، މިނިވަންކަމުގެ އަގުވަޒަން ކުރަން ނުދަންނަ، މަދު ބަޔަކު މެދުވެރިކޮށެވެ. މި ހަނގުރާމައިގެ ވިލާގަނޑުގެ ދަށުން އަޅުގަނޑުމެންގެ މި ލޮބުވެތި ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖެ ވެސް އިސްތިސްނާ ނުވާހިނދު، މިއަދު އިވެމުން މިދަނީ ނުހަނު ބިރުވެރި އަޑެކެވެ. އާދެ! އިސްލާމީ ޔުނިވަރސިޓީތަކުން ހަމައެކަނި ކީރިތި ޤުރްއާނާއި ނަބަޥީ ސުންނަތުގެ ޢިލްމު އުނގެނިވަޑައިގެން އިސްލާމީ ޝަރީޢާގެ ރޮނގުން މަތީ ތަޢުލީމު ފުރިހަމަ ކުރައްވާފައިވާ ދީނީ ޢިލްމުވެރިން، ސައްތައިންސައްތަ މި އިސްލާމީ ޤައުމުގެ ޝަރުޢީ ދާއިރާގައި ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން ވަކާލާތުކުރުމުން ވެސް މަޙްރޫމްކޮށް، އެކަހެރިކޮށްގަންނަ ބިރުވެރި ލާދީނީ އަޑުފަށްގަނޑެވެ. މިއީ މިފާއިތުވެގެން ދިޔަ ޤަރުނުގައި އިސްލާމީ ޢަރަބި ޤައުމެއްކަމަށްވާ މިޞްރުން ވެސް ޝަރުޢީ ކޯޓުތައް އުވާލާ ޝަރުޢީ ދާއިރާއިން މުސްލިމް ޢިލްމުވެރިން އެކަހެރި ކުރުމަށް އޭރު އެ ޤައުމުގައި އޮތް އިނގިރޭސިވިލާތުގެ ގޮނޑިކޮއްކޮ ސަރުކާރުން ކަންތައްކުރި ގޮތެވެ. މަޝްހޫރު ޖާމިޢުލްއަޒްހަރުން ކިޔަވައިގެން ނިކުމެވަޑައިގަންވާ ޢިލްމުވެރިންނަށް މަޤާމުތަކަށް ނާދެވޭ ގޮތް ހަދައި، ވިލާތާއި އެނޫން ކަރަކަރައިން ކާފިރުންގެ އުނގުން އެދުރުވެގެން އަންނަ ފަރާތްތަކަށް ދަޢުލަތުގެ މަތީ މަޤާމުތަކާއި ޝަރުޢީ ދާއިރާއަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ނަތީޖާ ޤާހިރާއިންނާއި އިސްކަންދަރިއްޔާއިން މިއަދު އަޅުގަނޑުމެންގެ ހަމަލޮލަށް އެހެރީ ދިމާލަށް ފެންނާށެވެ!
ތާރީޚަކީ ތަކުރާރުވާ އެއްޗަކަށްވެފައި، ދިވެހިރާއްޖެގައި ދާދި މިދާކަށް ދުވަހު ބާ ކައުންސިލެއް އުފައްދައި އަދި އެކަމަށް ޚާއްޞަ ޤާނޫނީ ފަންނުވެރިކަމުގެ ބިލެއް ރައްޔިތުންގެ މަޖްލީހުން ފާސްކޮށްފައިވާ އިރު، މިއަދު ދިވެހިރާއްޖޭގެ ކޯޓުތަކުގައި މިވަނީ ހަމަ އެކަނި އިސްލާމިކް ލޯ ނުވަތަ ޝަރީޢާ ކިޔަވާފައިވާ ޢިލްމުވެރިން ބާކީކޮށްލުމުގެ މަކަރުވެރި ސިލްސިލާ ތަންފީޒު ކުރަން ފަށާފައެވެ.
އެހެންކަމުން މި ޢަމަލަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުން ދީނީ ޢިލްމު އުގެނިވަޑައިގެން ތިއްބަވާ ހުރިހާ ޢިލްމުވެރިން ދުރުކޮށް ފޭކުރުމަށް މާކުރިން ރޭވިގެން ހިންގާ ލާދީނީ އެޖެންޑާގެ ކުޑަ މިންވަރެއް ކަމަށް މިޖަމްޢިއްޔާއިން ޔަޤީންކޮށްދެމެވެ. އަދި މިކަމާއި މެދު އެންމެހައި ދިވެހި ރައްޔިތުން ސަމާލުވެ ހޭއެރުމަށް ގޮވާލައި، އެކަން ތިޔަ ލޮބުވެތި މުސްލިމު މުވާޠިނުންގެ ސަމާލުކަމަށް ގެންނަމެވެ.
ދިވެހި ލޮބުވެތި ރައްޔިތުންނޭވެ! އިސްލާމްދީނުގެ މަތިވެރި ނޫރުގެ އަލިކަމުން ދިވެހިންނަށް ދީނަކާއި ތާރީޚަކާއި ޘަޤާފަތަކާއި ބަހެއް ލިބިދިން ދުވަހުން ފެށިގެން ދާދި މިދާކަށް ދުވަހާއި ޖެހެންދެން ދިވެހިރާއްޖޭގެ ފަނޑިޔާރުކަމާއި ކޯޓުތަކުގައި މުޅިންހެން ތިއްބެވީ ހަމައެކަނި އިސްލާމީ ޝަރީޢާ އުނގެނިވަޑައިގެން ތިބި ޢިލްމުވެރިންކަމީ ފެންނަށް އޮތް ޙަޤީޤަތެކެވެ. އެއީ މިދައުލަތް އިސްލާމީ ވަންތަކަމާއި ޝިރުކާއި ކުފުރުގެ އަނދިރިކަމުން ސަލާމަތްވެ 800 އަހަރު ވަންދެން ދެމިއޮތް އެންމެ ބޮޑު އެއް ސަބަބެވެ.
ދިވެހިންގެ ބޮޑުތަކުރުފާނު ވާދޫ ދަންނަކަލޭގެފާނަށް ވެސް ހުށައެޅުއްވި ހުށައެޅުމަކީ ފަނޑިޔާރުކަން ޤަބޫލުކުރެއްވުންކަމަށް އެއޮތީ ސާފުކޮށް ފެންނާށެވެ. 1932 ވަނަ އަހަރު އުފެދުނު އެންމެ ފުރަތަމަ ޤާނޫނު އަސާސީއިން އެކުލަވާލި ފަނޑިޔާރުގޭގައި ވެސް އިންނެވީ ދީނީ ޢިލްމުވެރިއެކެވެ. ހަމައެކަނި ޤުރްއާނާއި ސުންނަތާއި އިމާމުންގެ ފިޤްހު ކިޔަވައި ވިދާޅުވެފައިވާ ދިވެހިންގެ ޞަލާޙުއްދީނެވެ. މިހާ ސާފުކޮށް ފެންނަން އޮތް ދިވެހިންގެ ތާރީޚީ އާދަކާދައެއް ބަދަލުކުރުމަކީ ދިވެހި ތާރީޚަށް ވެސް ދެވޭ ހަމަލާއެއްކަމަށް މެނުވީ ނުވާނެއެވެ.
ވީމާ، ހަމައެކަނި އިސްލާމީ ޝަރީޢާ ކިޔަވައިގެން ތިއްބަވާ ފަރާތަކަށް ޤާނޫނީ ވަކީލުކަމާއި ކޯޓުތަކުގެ ޤާޒީކަން ނުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހުރިހާ ޤަވާޢިދަކާއި ޤާނޫނެއް މިހާރުން މިހާރަށް މުރާޖަޢާކޮށް އިސްލާޙުކުރުމަށް ދިވެހިރާއްޖޭ ރައީސުލް ޖުމްހޫރިއްޔާއަށާއި ޖުޑިޝަރީގެ އެންމެހައި ވެރިންނަށް ޖަމްޢިއްޔަތުއްސަލަފުން ގޮވާލަމެވެ.“

 6,280 total views