ސަލަފުން މުޅިން އައު މަޖައްލާއެއް މިރޭ ނެރެނީ

ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން މުޅިން އަލަށް އައު މަޖައްލާއެއް މިރޭ ނެރޭގޮތަށް ހަމަޖެހިއްޖެއެވެ. ”ދާރިސް“ ގެ ނަމުގައި ނެރޭ މި މަޖައްލާއަކީ ޝަރުޢީ އަދަބީ އިޖްތިމާޢީ އަދި ސިޔާސީ ދާއިރާތަކާ ގުޅޭ ތަފާތު މަޒުމޫނުތައް ހިމަނައިގެން ނެރޭ ޢިލްމީ މަޖައްލާއެކެވެ.

“ މިއީ ހޭލުންތެރި އަދި ކިޔުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ނެރޭ މަޖައްލާއެއް، މި މަޖައްލާގައި ދިވެހި ރާއްޖޭގައި މިވަގުތު ތިބި އެންމެ އިތުބާރު ހިފޭ ޢިލްމުވެރިންގެ ލިޔުންތައްވެސް ހިމެނޭނެ. އަދި އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ލިޔުންތަކާއި ޅެންވެސް ހިމެނޭނެ.“ ދާރިސް މަޖައްލާގެ މުޙައްރިރު އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމު ވިދާޅުވިއެވެ.

ދާރިސް މަޖައްލާ އަކީ ސަލަފާއި މީޑިޔާ ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުނެއްކަމަށްވާ ”ސަމީކު ޕުރައިވެޓް ލިމިޓެޑާ “ ގުޅިގެން ކޮންމެ ދެމަހަކުން އެއްމަހު ނެރޭ މަޖައްލާއެކެވެ.

މި މައްޖަލާގެ ފުރަތަމަ ޢަދަދު ނެރުން އޮންނާނީ، ހުކުރު ދުވަހު ރޭގަނޑު 10 ޖަހާއިރު ސަލަފުގެ ފޭސްބުކު ޕޭޖުން ގެނެސްދޭ ހަފްތާ ޕޮރޮގްރާމުކަމަށްވާ ”އިސްލާމީ ވެށީ“ގެ މިރޭގެ ޕޮރޮގްރާމުގައެވެ. 

 14,700 total views