މަންދު ކޮލެޖާ ދެކޮޅަށް 30 މަދަނީ ޖަމްޢިއްޔާއިން ނެރޭ ބަޔާން

الحمد لله رب العالمين والصلاة والسلام على رسولنا الكريم محمد وعلى آله وأصحابه أجمعين. ثم أما بعد .

               ޢިލްމު އުނގެނުމާއި ޢިލްމު އުގަންނައިދިނުމަށް ބާރުއަޅާ އިސްލާމީ ރިސާލަތުގެ ނޫރު ފެތުރިފައިވާ ދިވެހި ރާއްޖޭގައި، އަންހެންކުދިން ތަޢުލީމުން މަޙްރޫމްކޮށް އެކުދީންނަށް ޢިލްމު އުނގެނުމުގެ ދޮރުތައް ބަންދުކުރެވިފައިވާ ކުރެވުން މާޒީގައި ވަނީ ނެތިގޮސްފައިއެވެ. ނަމަވެސް ހިތާމައަކީ ދާދި މިދާކަށް ދުވަހު އަނެއްކާވެސް އަޅުގަނޑުމެންނަށް ދިވެހި މީޑިޔާއިން ހާމަވެގެން މިދިޔައީ ނެތިގޮސްފައިވާ ބޯދާ އަދި އިސްލާމީ އުޞޫލުތަކާއި ޚިލާފު މި ނުބައިކަން ބޮޑު ޖަރީމާ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމުދިނުމަށް ހިންގޭ އަމިއްލަ ކޮލެޖެއްކަމަށްވާ ”މަންދު ކޮލެޖުން“ ހިންގަމުންދާ ކަމުގެ ހިތާމަވެރި ޚަބަރެވެ.


               އަޅުގަނޑުމެންނަކީ މުޖުތަމަޢުގައި އެކި ދާއިރާތަކުން ހޭލުންތެރިކަން ފަތުރައި، ތަޢުލީމާއި ތަރުބިއްޔަތުގެ ދާއިރާގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަކަށް ވީހިނދު، މީގެ އެތައް އަހަރެއް ކުރިން ނެތިގޮސްފައިވާ،އަދި އަޅުގަނޑުމެންގެ މަތިވެރި އިސްލާމްދީނާ ޚިލާފު މި ޢަމަލު، އަނެއްކާވެސް މުޖުތަމަޢުގައި ފެތުރި އާލާވެގެންގޮސްދާނެކަމުގެ ކަންބޮޑުވުމާއި އެކު، އަވަސްވެގަތީ އެކަން ވެފައިވާގޮތް ބަލައި ހޯދުމަށެވެ. އެގޮތުން ހޯދި ހޯދުމުން އެނގިގެން ދިޔައީ؛ ”މަންދު ކޮލެޖުން“، އެތަނުގެ ކޯހަކަށް ހޮވުނު އަންހެން ދަރިވަރަކު ހެދުން އަޅާގޮތުގެ ސަބަބުން؛ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޤަވާޢިދަކާ މަތިއަޅުވާފައި، ކޯހުގައި އެދަރިވަރަށް ބައިވެރި ނުވެވޭނެކަމުގައި އެންމެ ފަހުވަގުތު އަންގާފައިވާކަމުގައެވެ. ދެންފަހެ، އެބުނާ ޤަވައިދެއް ، އެމް.ކިޔު.އޭ ގައި ނޯންނާނެ ކަމުގައި އެ މުއައްސަސާ އިން މީޑިއާއަށް ދެއްވާފައިވާ ބަޔާނުގައި ހާމަކުރެއްވުމާއެކު، މަންދު ކޮލެޖުން މި ކަމުގައި ރައްޔިތުންނަށް އޮޅުވާލާފައިކަންވެސް މިވަނީ ފާޅުވެފައެވެ. އެހެންކަމުން ”މަންދު ކޮލެޖުން“ ހިންގާފައި މިވާ ފިނޑި ޢަމަލަކީ އަންހެންކުދިން ތަޢުލީމުން އެކަހެރިކުރުމުގެ ނުބައި ނާތަހުޒީބު ޢަމަލެއްކަމަށް އަޅުގަނޑުމެން ދެކެމެވެ. އަދި މިއީ ސައްތައިން ސައްތަ އިސްލާމީ މި ޤައުމުގައި އެއްގޮތަކަށްވެސް ކުރެވިގެންވާނެ ޢަމަލެއްނޫނެވެ. އެހެނީ އިސްލާމްދީނުގައި، ނަހީކުރަށްވާފައި ނުވާ ހެދުމެއް އެޅުމުން ދިވެހިދަރިވަރެއްގެ ކިޔެވުމުން މަޙްރޫމްކުރުމުގެ ބަހަނާއަކަށް އެކަން ހަދައިގެން ވާހަކަ ދެއްކުމީ ދިވެހިރާއްޖޭގެ ތަޢުލީމުގެ މައިގަނޑު ސިޔާސަތާވެސް ފުށުއަރާކަމެކެވެ. އަދި އެއީ 21ވަނަ ޤަރުނުގެ ތަހުޒީބީ އުޞޫލުތަށްވެސް އެކޮލެޖުން ޤަބޫލުނުކުރާކަމުގެ ސާފު ހެއްކެކެވެ. އަންހެނުންނާއި، އަންހެންކުދިންނާއި ދެކޮޅަށް ދުނިޔޭގައި ހިންގޭ އެކިކަހަލަ، ތަފާތުކުރުންތައް މިޤައުމުން ފުހެލައި، ވަކިން ޚާއްޞަކޮށް ތަޢުލީމީ މުއައްސަސާތަކުގައި އެފަދަކަންކަން ނުހިނގާނޭހެން ހަދައި، މިފަދަ ނާތަހުޒީބު ފަރާތްތަކަށް ގައުމުގެ ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ ފުރުޞަތު ދީފައި ނުބޭއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަޅުގަނޑުމެން އިލްތިމާސް ކުރަމެވެ. ދަންނައެވެ. ވަރަށްގިނަ އަމިއްލަ ކޮލެޖުތަކާއި ސަރުކާރުގެ ޔުނިވާރސިޓީ ތަކުގައިވެސް މޫނު ބުރުގާއާއި ބުރުގާއަޅައިގެންވެސް ކިޔެވޭއިރު، ވަކި ކޮލެޖަކުން ގެންގުޅޭ އަމިއްލަ އުޞޫލެއްގެ ދަށުން ޤައުމުގެ ގިނަ ބަޔަކު ކިޔެވުމުން މަޙުރޫމްވާނޭފަދަޔަކުން އޮތުމަކީ ކުރެވިގެންވާނޭ ކަމެއްކަމަކަށް އަޅުގަނޑުމެން ނުދެކެމެވެ.


               ހަމަ މިފުރުޞަތުގައި އަޅުގަނޑުމެން ކަންބޮޑުވާ އަނެއްކަމަކީ ދިވެހިރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަ އެޅުން އާލާވަމުން އަންނަ މިފަދަ ޚުޠޫރަތްތެރި ވަގުތެއްގައި، ސަރުކާރުން ހުއްދަދީފައިވާ ކޮލެޖަކުން މިފަދަ ކަމެއް ކުރުމަކީ، އަންހެންކުދިން ކިޔަވަންނުޖެހޭނެކަމަށް ބުނާ އަދި މިއަދު ރާއްޖޭގައި ދެވޭ ތަޢުލީމަކީ ކުފުރުކަމަށް ޞިފަކޮށް އެފަދަ ފިކުރުތައް ފަތުރާ ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކުގެ ފިކުރުތަކަށް ޖާގަދީ އިތުރަށް ވަރުގަދަވުމަށް ކޮށޭ މަގަކަށް، މަންދުކޮލެޖުގެ އެޢަމަލުވެގެން ހިގައިދާނެތީއެވެ. ދަންނައެވެ. ޤައުމުތަކުގައި ޙައްދުފަހަނެޅި މީހުން އުފެދެނީވެސް މިފަދަ ނާތަހުޒީބު ސިޔާސަތު ފަތުރާ މީހުންގެ އަނިޔާވެރިކަމުގައި ގިނަބަޔަކު ޖެހި، ތަޢުލީމުން އެއްކިބާވެ ޖާހިލުކަމުގައި ޣަރަޤުވެ، މުޖުތަމަޢުން ބާކީކުރެވި، އެއުފެދޭ ޢަދާވާތްތެރި އޮއިވަރެއްގެ ސަބަބުންނެވެ

.
               ވީމާ މަންދުކޮލެޖުން އަންހެންކުދިންގެ ތަޢުލީމަށް ހުރަސްއެޅުމަށް ދަޥުލަތުގެ ތަޢުލީމުދިނުމުގެ އެއްވެސް އިދާރާއަކުން އަންގާފައިނުވާ ޤަވާއިދެއް އަމިއްލައަށް އުފަންކޮށްގެން ހިންގާފައިވާ އެ ނާތަހުޒީބު ޖަރީމާ އަދި ހައްދުފަހަނައެޅުމުގެ ފިކުރުތަކާއި އެއްގޮތް، ފިނޑި، ޣައިރުޤާނޫނީ ޢަމަލު ތަޙްޤީޤުކޮށް އެ ކޮލެޖުގެ މަސްއޫލުވެރީން ޒިއްމާދާރު ކުރުވުމަށް ސަރުކާރުގެ ކަމާއިބެހޭ ހުރިހާ އިދާރާތަކަށް، އަޅުގަނޑުމެން ގޮވާލަމެވެ. އަދި އިސްލާމްދީނުގައި ކަށަވަރުކޮށްދީފައިވާ އަންހެނުންނަށް ތަޢުލީމު ލިބިގަތުމުގެ ޙައްޤުން އެކަހެރިކުރެވިފައިވާ އަޅުގަނޑުމެންގެ އެއުޚުތާ އަށާއި، އަދި އެފަދަ އެހެނިހެން އަޚަވާތުންނަށްވެސް އެއުރެންގެ ޙައްޤު ކަށަވަރުކޮށްދިނުމަށްވެސް މިފުރުޞަތުގައި ހަރުއަޑުން މަދަނީ މުޖުތަމަޢުގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކުގެ ހައިޘިއްޔަތުން ދިވެހި ސަރުކާރަށް އަޅުގަނޑުމެން ގޮވާލަމެވެ.

20 އޮކްޓޯބަރ 2020

 ބަޔާން ނެރޭ ޖަމްޢިއްޔާތައް

އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނެސް / ހއ. އުލިގަމުޔޫނިއަން ސްޕޯރޓްސް ކްލަބު / އއ. މަތިވެރި
ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ / ދ.ކުޑަހުވަދޫޖަމްޢިއްޔަތުލް ޤަލަމް / އދ. ދަނގެތި
ޖަމްޢިއްޔަތުއްސަލާމް / ތ.ދިޔަމިގިލިޒުވާނުންގެ ކްލަބު / އދ. ދަނގެތި
އިސްލާމިކް ފައުންޑޭޝަން އޮފް މުލައް / މ.މުލައްޖަމްޢިއްޔަތުލް އަންވާރު / އދ. ދަނގެތި
ހޮޅުދޫ އިސްލާމިކް މޫވްމަންޓް / ނ. ހޮޅުދޫދަނގެތި މަސައްކަތްތެރިންގެ ޖަމްޢިއްޔާ / އދ. ދަނގެތި
ސްމާރޓް ސޮސައިޓީ / ނ. މަނަދޫއަލްތަޛްކީރު / އދ. އޮމަދޫ
ނިދާއުލްއިސްލާމް / ނ. ފޮއްދޫހޭޅި ސްޕޯރޓްސް ކްލަބު / އދ. އޮމަދޫ
ޔުނައިޓެޑް ފޮރ މައި މީދޫ ޔޫތު ޑިވެލޮޕްމަންޓް / ރ. މީދޫކަނޑުހުޅުދޫ އެންލައިޓެނިންގ ޔޫތު އެސޯސިއޭޝަން / ގއ. ކަނޑުހުޅުދޫ
މީދޫ ޖަމްޢިއްޔަތުއްޞަލާޙް / ރ. މީދޫބިނާ ޖަމްޢިއްޔާ / ލ. މާވަށް
މީދޫ އެކުވެރި ކްލަބު / ރ. މީދޫޢިލްމު / ލ. ފޮނަދޫ
ބޭސް ފައުންޑޭޝަން / ދ. ބަނޑިދޫޖަމްޢިއްޔަތުލް މަދަދު / އއ. މަތިވެރި
ޑެއިޒީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް / ދ.ބަނޑިދޫލެންޓަރން / ރ. ހުޅުދުއްފާރު
މައިޝަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް / ދ.ބަނޑިދޫޖަމްޢިއްޔަތުލް އިންތިބާހް / ތ.ހިރިލަންދޫ
ޔުނީކް ސްޕޯރޓްސް ކްލަބު / ދ. ބަނޑިދޫޢިލްމު ފައުންޑޭޝަން / މާލެ
އިސްލާމިކް އެސޯސިއޭޝަން އޮފް ގުރައިދޫ / ތ.ގުރައިދޫޖަމްޢިއްޔަތު ސަލަފު / މާލެ

ބަޔާން ޑައުންލޯޑް ކުރެއްވުމަށް މި ޖުމްލައަށް ފިއްތަވާލައްވާ!

 16,634 total views