ބިދުޢަ (ޞަޙާބީ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ބައެއް ބަސްފުޅުތައް)


ބިދުޢަވެރިންނާއި ބިދުޢަވެރި ފިރުޤާތަކާމެދު ދުރުހެލިވެ ރައްކާތެރިވުމަށް ސަލަފުންގެ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތައް


ބިދުޢައާއި އޭގެ އަހުލުވެރިންގެ ކިބައިން ދުރުހެލިވެ ރައްކާތެރިވުމަށް ސަލަފުންގެ ބޭކަލުންގެ އަރިހުން ގިނަ ބަސްފުޅުތަކެއް ވާރިދުވެގެން އައިސްފައިވެއެވެ. ބިދުޢަވެރި ފިރުޤާއެއް ނުވަތަ މަގުފުރައްދާ މީހަކު ފާޅުވާ ކޮންމެ ފަހަރަކު، އެޒަމާނެއްގައި ތިއްބެވި ޢިލްމުވެރިން، އެފަދަ މީހުންނަށް ރައްދުދެއްވައި އެބައިމީހުންގެ ކިބައިގައި ހުރި ފުރެދުންތައް މީސްތަކުންނަށް ބަޔާންކޮށްދެއްވައެވެ. އެފަދައިން ރިވާވެގެން އައިސްފައިވާ ބައެއް ބަސްފުޅުތައް ޛިކުރުކޮށްލާނަމެވެ.



ފުރަތަމައީ: ޞަޙާބީ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ބައެއް ބަސްފުޅުތައް


1) އިބްނު މަސްޢޫދު رضي الله عنه އެކަލޭގެފާނުގެ ޒަމާނުގައި ބިދުޢައެއް ފާޅުވުމުން އެކަމަށް އިންކާރުކުރެއްވިއެވެ. ޢަމްރު ބުން ސަލަމާ رحمه الله ވިދާޅުވިއެވެ.

”كُنَّا نَجْلِسُ عَلَى بَابِ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه، قَبْلَ صَلَاةِ الْغَدَاةِ، فَإِذَا خَرَجَ، مَشَيْنَا مَعَهُ إِلَى الْمَسْجِدِ، فَجَاءَنَا أَبُو مُوسَى الْأَشْعَرِيُّ رضي الله عنه فَقَالَ: أَخَرَجَ إِلَيْكُمْ أَبُو عَبْدِ الرَّحْمَنِ قُلْنَا: لَا، بَعْدُ. فَجَلَسَ مَعَنَا حَتَّى خَرَجَ، فَلَمَّا خَرَجَ، قُمْنَا إِلَيْهِ جَمِيعًا، فَقَالَ لَهُ أَبُو مُوسَى: يَا أَبَا عَبْدِ الرَّحْمَنِ، إِنِّي رَأَيْتُ فِي الْمَسْجِدِ آنِفًا أَمْرًا أَنْكَرْتُهُ وَلَمْ أَرَ – وَالْحَمْدُ لِلَّهِ – إِلَّا خَيْرًا. قَالَ: فَمَا هُوَ؟ فَقَالَ: إِنْ عِشْتَ فَسَتَرَاهُ. قَالَ: رَأَيْتُ فِي الْمَسْجِدِ قَوْمًا حِلَقًا جُلُوسًا يَنْتَظِرُونَ الصَّلَاةَ فِي كُلِّ حَلْقَةٍ رَجُلٌ، وَفِي أَيْدِيهِمْ حصًا، فَيَقُولُ: كَبِّرُوا مِائَةً، فَيُكَبِّرُونَ مِائَةً، فَيَقُولُ: هَلِّلُوا مِائَةً، فَيُهَلِّلُونَ مِائَةً، وَيَقُولُ: سَبِّحُوا مِائَةً، فَيُسَبِّحُونَ مِائَةً، قَالَ: فَمَاذَا قُلْتَ لَهُمْ؟ قَالَ: مَا قُلْتُ لَهُمْ شَيْئًا انْتِظَارَ رَأْيِكَ أَوِ انْتظارَ أَمْرِكَ. قَالَ: ”أَفَلَا أَمَرْتَهُمْ أَنْ يَعُدُّوا سَيِّئَاتِهِمْ، وَضَمِنْتَ لَهُمْ أَنْ لَا يَضِيعَ مِنْ حَسَنَاتِهِمْ“، ثُمَّ مَضَى وَمَضَيْنَا مَعَهُ حَتَّى أَتَى حَلْقَةً مِنْ تِلْكَ الْحِلَقِ، فَوَقَفَ عَلَيْهِمْ، فَقَالَ: ”مَا هَذَا الَّذِي أَرَاكُمْ تَصْنَعُونَ؟“ قَالُوا: يَا أَبَا عَبْدِ الرَّحْمَنِ حصًا نَعُدُّ بِهِ التَّكْبِيرَ وَالتَّهْلِيلَ وَالتَّسْبِيحَ. قَالَ: ”فَعُدُّوا سَيِّئَاتِكُمْ، فَأَنَا ضَامِنٌ أَنْ لَا يَضِيعَ مِنْ حَسَنَاتِكُمْ شَيْءٌ وَيْحَكُمْ يَا أُمَّةَ مُحَمَّدٍ، مَا أَسْرَعَ هَلَكَتَكُمْ هَؤُلَاءِ صَحَابَةُ نَبِيِّكُمْ صلى الله عليه وسلم مُتَوَافِرُونَ، وَهَذِهِ ثِيَابُهُ لَمْ تَبْلَ، وَآنِيَتُهُ لَمْ تُكْسَرْ، وَالَّذِي نَفْسِي بِيَدِهِ، إِنَّكُمْ لَعَلَى مِلَّةٍ هِيَ أَهْدَى مِنْ مِلَّةِ مُحَمَّدٍ صلى الله عليه وسلم أوْ مُفْتَتِحُو بَابِ ضَلَالَةٍ“. قَالُوا: وَاللَّهِ يَا أَبَا عَبْدِ الرَّحْمَنِ، مَا أَرَدْنَا إِلَّا الْخَيْرَ. قَالَ: ”وَكَمْ مِنْ مُرِيدٍ لِلْخَيْرِ لَنْ يُصِيبَهُ، إِنَّ رَسُولَ اللَّهِ صلى الله عليه وسلم حَدَّثَنَا أَنَّ قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ، وَايْمُ اللَّهِ مَا أَدْرِي لَعَلَّ أَكْثَرَهُمْ مِنْكُمْ، ثُمَّ تَوَلَّى عَنْهُمْ“. فَقَالَ عَمْرُو بْنُ سَلَمَةَ: رَأَيْنَا عَامَّةَ أُولَئِكَ الْحِلَقِ يُطَاعِنُونَا يَوْمَ النَّهْرَوَانِ مَعَ الْخَوَارِجِ. [1]

”ފަތިސް ނަމާދުގެ ކުރިން ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ ގެކޮޅުގެ ދޮރު ކައިރީގައި ތިމަންބޭކަލުން ތިއްބަވަމެވެ. އެކަލޭގެފާނު ނުކުމެވަޑައިގެންނެވުމުން، އެކަލޭގެފާނާއެކު ތިމަންބޭކަލުން މިސްކިތަށް ވަޑައިގަންނަވަމެވެ. ފަހެ، އެހެން ތިއްބަވަނިކޮށް އަބޫ މޫސާ އަލްއަޝްޢަރީ رضي الله عنه ވަޑައިގެންފިއެވެ. އަދި ވިދާޅުވިއެވެ.

”ތިޔަބޭކަލުންގެ އަރިހަށް އަބޫ ޢަބްދުރަޙްމާނު (ޢަބްދުﷲ ބުން މަސްޢޫދު) ނުކުމެވަޑައިގެންފި ހެއްޔެވެ.“

ތިމަންބޭކަލުން ދެންނެވީމެވެ.

”އަދި ނުކުމެވަޑައި ނުގަންނަވައެވެ.“

ފަހެ (އިބްނު މަސްޢޫދު) ނުކުމެވަޑައިގަންނަވަންދެން އެކަލޭގެފާނުވެސް މަޑުކުރެއްވިއެވެ. (އިބްނު މަސްޢޫދު) ނުކުމެވަޑައިގެންނެވުމުން ތިމަންބޭކަލުން ތެދުވެވަޑައިގެންނެވީމެވެ. އަދި އަބޫ މޫސާ رضي الله عنه ވިދާޅުވެއްޖެއެވެ.

”އޭ އަބޫ ޢަބްދުއްރަޙްމާނެވެ! ކުޑައިރުކޮޅެއް ކުރިން މިސްކިތުގައި ތިމަންކަލޭގެފާނަށް މުންކަރާތެއްކަމަށް ބެލެވޭފަދަކަމެއް ފެނިވަޑައިގެންފިކަން ކަށަވަރެވެ. އެކަމަކު ﷲ އަށް ޙަމްދުކުރަމެވެ. (ބޭރު ފުށުން) އެއީ ހެޔޮކަމެކެވެ.“

އިބްނު މަސްޢޫދު ވިދާޅުވިއެވެ.

”އެއީ ކޮންކަމެއް ހެއްޔެވެ.“

އެކަލޭގެފާނު ވިދާޅުވިއެވެ.

”ދިރިލެހެއްޓެވިއްޔާ، ކަލޭގެފާނަށްވެސް އަދި އެކަން ފެނިވަޑައިގަންނަވާނެއެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ މިސްކިތުގައި ނަމާދަށް އިންތިޒާރުކުރަން ޙަލަޤާތަކެއްގައި އިށީނދެގެން ތިބި ބައެކެވެ. އެބައިމީހުންގެ އަތުގައި ހިލަކޮޅުތަކެއް ވެއެވެ. އަދި ކޮންމެ ޙަލަޤާއެއްގައިވެސް އެކަކު އިސްކޮށް ހުރެގެން ކިޔައެވެ. ސަތޭކަ ފަހަރު ތަކުބީރު (الله أكبر) ކިޔާށެވެ. އެހެން ބުނުމުން އެއެންމެން ސަތޭކަ ފަހަރު ތަކުބީރު ކިޔައެވެ. ދެން އެމީހަކު ބުނެއެވެ. ސަތޭކަ ފަހަރު ތަހުލީލު (لا إله إلا الله) ކިޔާށެވެ. ދެން އެމީހުން ސަތޭކަ ފަހަރު ތަހުލީލު ކިޔައެވެ. ދެން އެމީހަކު ބުނެއެވެ. ސަތޭކަ ފަހަރު ތަސްބީޙަ (سبحان الله) ކިޔާށެވެ. ދެން އެމީހުން ސަތޭކަ ފަހަރު ތަސްބީޙަ ކިޔައެވެ.“

އިބްނު މަސްޢޫދު ވިދާޅުވިއެވެ.

”ކަލޭގެފާނު އެމީހުންނަށް އެއްޗެކޭ ވިދާޅުވިން ހެއްޔެވެ؟“

އަބޫ މޫސާ ވިދާޅުވިއެވެ.

”ކަލޭގެފާނުގެ ރައުޔަށް ނުވަތަ އަމުރަށް އިންތިޒާރުކޮށްފައި ތިމަންކަލޭގެފާނު އެބައިމީހުންނަށް އެއްޗެއް ވިދާޅުނުވަމެވެ.“

އިބްނު މަސްޢޫދު ވިދާޅުވިއެވެ.

”އެބައިމީހުންގެ ފާފަތައް ގުނާށޭ، އެބައިމީހުން ގާތު ކަލޭގެފާނު ވިދާޅުވެފައި، އެބައިމީހުންގެ ހެޔޮކަމުން އެއްވެސް މިންވަރެއް ނުގެއްލޭނެކަމުގެ ޔަޤީންކަން ކަލޭގެފާނު އެބައިމީހުންނަށް ދެއްވިނަމަ މާ ރަނގަޅުވީހެވެ.“

ދެން އެކަލޭގެފާނާއެކު ތިމަންބޭކަލުންވެސް އެތަނުން ޙަލަޤާއެއްގެ ކައިރިއަށް ދިޔައީމެވެ. ފަހެ އެބައިމީހުންގެ ގާތުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ވިދާޅުވިއެވެ.

”ތިޔަބައިމީހުން ތިޔަ ކުރަނީ ކޮންކަމެއް ހެއްޔެވެ؟“

އެބައިމީހުން ބުންޏެވެ.

”އޭ އަބޫ ޢަބްދުއްރަޙްމާނެވެ! ހިލަކޮޅުތަކެއް އެއްކޮށްގެން ތަކުބީރާއި ތަހުލީލާއި ތަސްބީޙަ ކިޔަވާފައި އަހަރެމެން ގުނަނީއެވެ.“

އެކަލޭގެފާނު ވިދާޅުވިއެވެ.

”ފަހެ ތިޔަބައިމީހުންގެ ފާފަތައް ގުނާށެވެ. ތިޔަބައިމީހުންގެ ހެޔޮކަމުން އެއްވެސް މިންވަރެއް ނުގެއްލޭނެކަމުގެ ޔަޤީންކަން ތިމަންކަލޭގެފާނު ދެއްވަމެވެ. ތިޔަބައިމީހުންނާމެދު ޢަޖައިބު ވެއްޖައީމެވެ! އޭ މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންނޭވެ! ތިޔަބައިމީހުން ތިޔަ ހަލާކުވަނީ ހާދަ އަވަހަށެވެ. ނަބިއްޔާ صلى الله عليه وسلم ގެ އެތައް އަޞްޙާބު ބޭކަލުންނެއް މި ތިއްބެވީއެވެ. އެކަލޭގެފާނުގެ ހެދުންކޮޅު އަދި ފަނާ ނުވެއެވެ. އަދި ކަންވާރުތައް ހަލާކު ނުވެއެވެ. އެއިލާހުގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ އިލާހު ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަވަނީ މުޙައްމަދު صلى الله عليه وسلم ގެ މިއްލަތަށް ވުރެ ހެޔޮ މިއްލަތެއްގެ މަތީގައެވެ. ނުވަތަ މަގުފުރެދުމުގެ ދޮރެއް ހުޅުވައިގެންނެވެ.“

އެބައިމީހުން ދަންނަވައިފިއެވެ.

”އޭ އަބޫ ޢަބްދުއްރަޙްމާނެވެ! ﷲ ގަންދީ ބުނަމެވެ. އަހަރުމެން ހެޔޮކަމެއް މެނުވީ ނޭދެމެވެ.“

އެކަލޭގެފާނު ވިދާޅުވިއެވެ.

”ހެޔޮކަން އެދޭ ކިތައް މީހުން، އެކަމާ ހިސާބަށް ވާސިލުނުވޭ ހެއްޔެވެ! ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم  ތިމަންބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ.

”(ބަޔަކު އަންނާނެއެވެ.) ހަމަކަށަވަރުން އެބައިމީހުން ޤުރުއާން ކިޔަވާނެއެވެ. އެހެނަސް އެބައިމީހުންގެ ކަރުތެރެއިން ލާފައި އެޤުރުއާން ނުދާނެއެވެ. (އެބަހީ: އޭގައިވާ އެއްޗެއް އެބައިމީހުންގެ ހިތްތަކަށް ވާސިލެއް ނުވާނެއެވެ. އަދި އެބައިމީހުން އެއަށް ޢަމަލެއް ނުކުރާނެއެވެ.)“

ﷲ ގަންދީ ވިދާޅުވަމެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ތިޔަބައިމީހުންގެ ތެރެއިންވާ ބައެއްކަމުގައި ވެދާނެކަމަށް ތިމަންކަލޭގެފާނަށް ބިރުހީވެއެވެ.

ދެން އެއަށްފަހުގައި އެކަލޭގެފާނު ވަޑައިގެންނެވިއެވެ.

ޢަމްރު ބުން ސަލަމާ ވިދާޅުވިއެވެ. ”އެ ޙަލަޤާތަކުގައި ތިބި ގިނަ މީހުން ނަހްރަވާނުގެ ދުވަހުގައި ޚަވާރިޖުންނާއެކު ތިމަން ބޭކަލުންނާ ދެކޮޅަށް ހަނގުރާމައަށް ނުކުތް މަންޒަރު ދެކެވަޑައިގެންނެވީމެވެ.“


2) އަބުއް ދަރްދާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

”اقْتِصَادٌ فِي السُّنَّةِ خَيْرٌ مِنَ اجْتِهَادٍ فِي بِدْعَةٍ“. [2]

މާނައީ: ”ބިދުޢައިގައި އަވަދިނެތި އުޅުމަށް ވުރެ، މަދު ސުންނަތްތަކެއް އަދާކުރުންވެސް މާ ހެޔޮކަން ބޮޑެވެ.“


3) އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

”مَا يَأْتِي عَلَى النَّاسِ عَامٌ إِلَّا أَحْدَثُوا فِيهِ بِدْعَةً وَأَمَاتُوا سُنَّةً، حَتَّى تَحْيَا الْبِدَعُ وَتَمُوتَ السُّنَنُ“. [3]

މާނައީ: ”ސުންނަތްތަކެއް ނެތިކޮށްފައި ބިދުޢަތަކެއް ތަޢާރަފު ނުކުރާނެ އަހަރެއް ނާންނާނެއެވެ. ބިދުޢަތައް ދިރި، ސުންނަތްތައް ނެތިގެން ދާންދެނެވެ.“



[1] أخرجه الدارمي في سننه برقم: (210) وصححه الألباني في سلسلة الأحاديث الصحيحة برقم: (2005).

[2] أخرجه اللالكائي في شرح أصول اعتقاد أهل السنة والجماعة برقم: (115).

[3] أخرجه اللالكائي في شرح أصول اعتقاد أهل السنة والجماعة برقم: (125).



ބިދުޢަ – އެހެންބައިތައް

 284 total views