އަބޫ ޠާލިބާއި މަރަޑޯނާ

25 ނޮވެމްބަރ 2020 ވީ ބުދަ ދުވަހުގެ ރޭ މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނައީ 20 ވަނަ ޤަރުނުގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއޯގޯ މަރަޑޯނާ މަރުވި ޚަބަރެވެ. އެ ޚަބަރު އެޤައުމުގެ މީޑިޔާތަކުން ހާމަކުރުމާއެކު އަލިފާންގަނޑެއް ފެތުރޭހެން މުޅި ދުނިޔޭގެ މީޑިޔާތަކުގައި ފެތުރުނެވެ. އެކި މީހުން އެކި ޝުޢޫރުތައް ފާޅުކުރަމުންދިޔައެވެ. އެންމެ ބޮޑެތި ޤައުމުތަކުން ފެށިގެން އެންމެ ކުދި ޤައުމުތަކަށްވެސް މިކަމުގެ އަސަރުކުރިއެވެ.
މިގޮތުން ދިވެހި މީސްމީޑިޔާގައިވެސް އެވާހަކަ ފެތުރުނެވެ. އެކި މީހުން އެކި ޞިފަ ޞިފާގައެވެ. ސައްތައިން ސައްތަ އިސްލާމުން ދިރިއުޅޭ މުޖުތަމަޢެއްގައި ބަޙްޘު ކުރެވިގެންނުވާނެ މަޢުޟޫއެއްވެސް މަރަޑޯނާގެ މަރުގެ ސަބަބުން މިވަނީ އުފެދިފައެވެ. އެއީ ހަމަ އެކަނީ މަރަޑޯނާވީމައެއް ނޫނެވެ. އެފަދަ ދުނިޔެވީ މަޝްހޫރުކަމެއް ހޯދާފައިވާ ކޮންމެ މީހެއް މަރުވިޔަސް މިފަހަކުން އުފެދޭ ޓުރެންޑެކެވެ. އާދެ! RIP ޓުރެންޑެވެ. މިއީ ކިހާވަރެއްގެ ކަމެއްތޯ ޤުރުއާނާއި ސުންނަތުގެ އަލީގައި ބަލާލަމާތޯއެވެ؟
މި މައްސަލައަށް ނަޒަރެއްދޭ އިރު އަޅުގަނޑުގެ ހަނދާން ގޮސްލަނީ މާދުރަށްށެވެ. މާކުރީގެ ތާރީޚަކަށެވެ. އާދޭ! މީލާދީގޮތުން އެއީ ހަތްވަނަ ޤަރުނެވެ. އަދި އޭރު ހިޖްރީ ތާރީޚު ނުވެސް ލިޔެވެއެވެ. އެހާވެސް ކުރިއެވެ. އެރަށަކީވެސް އެހާ ޤަދީމީ ރަށެވެ. އާދެ މައްކާއެވެ. މަތިވެރިވެގެންވާ ޙަރަމްފުޅެވެ. ކަޢުބަތުﷲ ގެފުޅާ މާދުރުނޫން ހިސާބެއްގައިވާ ގެއެއްގެ ތެރެއަށް އަޅުގަނޑުގެ ހަނދާނާއި ފިކުރު މިއޮތްގެންގޮސް ވެއްދީއެވެ. އެގެއިން ފެނުނު މަންޒަރު ތިރީގައި އެބަ ޞިފަކޮށްދެމެވެ.
އެއީ އެގޭގެ ފެންޑާމައްޗެވެ. އެ ފެންޑާގެ އެއްފަރާތުގައިވާ އެނދުމަތީގައި އެވަނީ މުސްކުޅި މީހެކެވެ. އޭނާ ވަށައިގެން އެތިބީ މައްކާގެ އޭރުގެ ބޮޑެތިބޮޑެތި މީހުންނެވެ. އިސް ރަށްވެހިންނެވެ. އެގޭގެ އެމުސްކުޅިޔާ މަރުވެދާނެހެން ހީވާތީ އޭނާގެ ގާތަށް ޒިޔާރަތްކުރީއެވެ. އެއީވެސް އެމީހުން ފަދަ މައްކާގައި ނަންހިނގާ ކަމުވޮށިގެންވާ މީހެކެވެ. ކުއްލިއަކަށް އެތަނަށް އެވަޑައިގަތީ ޢުމުރުން ފަންސާސްވަރަކަށް އަހަރުވެފައިވާ ހަނދެއްފަތަ މޫނެއް ލިބިފައިވާ ރީތި ބޭކަލެކެވެ. މިބޭކަލަކު ވަޑައިގެން އެހުއްޓިވަޑަގެންނެވީ އެއްކަލަ އެނދުގެ ބޯލާކޮޅުގައެވެ. ދެން އެ އެނދުގައި އެއޮތް މުސްކުޅިމީހާއާ މުޚާޠަބު ކުރައްވަން ފެއްޓެވިއެވެ.

”އޭ ބޮޑުބޭބެއެވެ! لا إله إلا الله މިކަލިމަ ކިޔުއްވާށެވެ. އޭރުން ޤިޔާމަތްދުވަހު ބޭބެއަށްޓަކައި ﷲގެ ހަޟްރަތުގައި ތިމަންކަލޭގެފާނު ޙުއްޖަތް ޤާއިމުކުރައްވާނަމެވެ.“ ނަބިއްޔާ- صلى الله عليه وسلم މިހެން ހަމަ ޙަދީޘްކުރެއްވުމުން ވަގުތުން އެތަނުގައި އިން އަބޫ ޖަހުލު ތެދުވެ ރައްދުގައި ބުންޏެވެ. ”އޭ އަބޫ ޠާލިބެވެ! ތިބާގެ ބައްޕަ ޢަބްދުލް މުޠަލިބުގެ މިއްލަތު ދޫކޮށްލަނީ ހެއްޔެވެ؟“
ކޮންމެ އަކަސް އެންމެ ފަހުން އެއްކަލަ އެނދުގައި އެއޮތް މުސްކުޅިމީހާ، ނަބިއްޔާ صلى الله عليه وسلم ގެ ބޮޑުބޭބެ އަބޫ ޠާލިބު މި ދުނިޔެ ދޫކޮށް ދިޔައީ އެ ޤައުމުގެ މީހުންގެ ދީނުގެ މަތީގައެވެ. މަރުމަތީގައި އޭނާ ޤަބޫލު ކުރީ އަބޫ ޖަހުލުގެ ބަހެވެ. ކޮއްކޯފުޅު މުޙައްމަދު ބުނު ޢަބްދިﷲ صلى الله عليه وسلم ގެ ނަޞޭޙަތުގައި ނުހިއްޕެވިއެވެ. އެހެނެއްކަމަކަ، ކައުއިތުރު ނަބިއްޔާ صلى الله عليه وسلم އެ ބޮޑުބޭބެއަށްޓަކައި އަދިވެސް ކުރެވެން އޮތްކަމެއް ބެއްލެވިއެވެ.
އާނއެކެވެ! އެހެން ނުވާންވީ ކީއްވެގެންތޯއެވެ. އަބޫ ޠާލިބަކީ ނަބިއްޔާ صلى الله عليه وسلمގެ އުމުރުފުޅުން ދާދި ހަގު ޢުމުރުފުޅުން ފެށިގެން އެކަލޭގެފާނު ބަލާބޮޑުކުރި ބެލެނިވެރިޔާއެވެ. އެކަލޭގެފާނު ޚަދީޖަތުގެފާނާ ކައިވެނި ކުރައްވާ އެކަމަނާގެ ގެއަށް ދިރިއުޅުން ބަދަލުކުރައްވަންދެން އިތުރު އެކަލޭގެފާނު އުޅުއްވީ އަބޫ ޠާލިބުގެ ގެކޮޅުގައެވެ. އަދި ނަބިއްޔާ- صلى الله عليه وسلم ގެ ޢުމުރުފުޅުން 40 އަހަރުފުޅު ފުރުމުން ﷲގެ ވަޙީ ބާވާލައްވައި، ރަސޫލުކަމައިގެން ފޮނުއްވެވުމުންވެސް އެކަލޭގެފާނަށް އެންމެ ބޮޑު އެހީތެރިކަމާއި ނަޞްރެއް ދިން އެއް ފަރާތަކީ ޚުދު އަބޫ ޠާލިބެވެ. އަބޫ ޠާލިބުގެ ދީނާ ދެކޮޅަށް ނަބިއްޔާ صلى الله عليه وسلم ފާޅުގައި ބަސްވިދާޅުވާއިރުވެސް އަބޫ ޠާލިބު އެކަލޭގެފާނަށް އެހީތެރިވެލެއްވިއެވެ. މުޅި މައްކާގެ ޤަބީލާތައް ކައު ސާހިބާ صلى الله عليه وسلمއަށް ދެކޮޅުވެރިވީ ވަގުތުވެސް އަބޫ ޠާލިބު އިސްކުރީ ނަބިއްޔާއެވެ. އެންމެ ފަހުން ނަބިއްޔާ صلى الله عليه وسلمގެ ދިފާޢުގައި ދެފަރުބަދަ ދޭތެރޭގައިވާ ސަރަޙައްދެއްގައި އަބޫ ޠާލިބު މުސްލިމުންނާގެން ތިން އަހަރުވަންދެއް ބަންދުވެފައި ހުންނަވަން ޖެހުނެވެ. އެ މުއްދަތުގައި ކާނެ ބޯނެ އެއްޗެއް ނުލިބި، ޖަނަވާރުންގެ ކައްޓާއި ފަތްޕިލާވެލިވެސް ކާންޖެހުނެވެ. ނަމަވެސް މި ހުރިހާ ދަތިތަކެއް އަބޫ ޠާލިބުގެ އަޚާގެ ދަރިކަލުން މުޙައްމަދު صلى الله عليه وسلم އަށްޓަކައި އުފުއްލެވިއެވެ. އެކަމަކު އެންމެ ފަހު ވަގުތު އަބޫ ޠާލިބު މި ދުނިޔެ ދޫކޮށް ދިޔައީ ކާފަރުކަންމަތީގައެވެ.
މި މަންޒަރުވެގެންދިޔައީ ނަބިއްޔާ- صلى الله عليه وسلم އަށް އުނދަގޫފުޅުވި މަންޒަރަކަށެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތުގައި އެކަލޭގެފާނަށްޓަކައި ހުރިހާކަމެއް ކޮށްދެއްވި ބޮޑުބޭބެ އެ ގޮތަށް މި ދުނިޔެ ދޫކުރުމުން ޢާލަމުތަކަށް ރަޙްމަތެއްކަމުގައިވި ކަލޭގެފާނަށް ކުރާނެ އިޙްސާސް އެއީ ގަލަމަކުން ބަޔާންކޮށްދެއްވޭނޭ ކަމެއްނޫނެވެ. އެންމެ ފަހުން ކައު އިތުރު ނަބިއްޔާ- صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. ”ﷲ ތަޢާލާ ނަހީ ކުރައްވަންދެން ތިމަންކަލޭގެފާނު ބޮޑުބޭބެގެ ފާފަ ފުއްސެވުމަށް ދަންނަވާނަމެވެ.“ ދެން ﷲ ތަޢާލާ ތައުބާ ސޫރަތުގެ 113 ވަނަ އާޔަތް ބާވާލެއްވިއެވެ. އެއީ އަންނަނިވި އާޔަތެވެ. {ما كانَ للنبيِّ والذينَ آمَنُوا أنْ يَسْتَغْفِرُوا لِلْمُشْرِكِينَ ولو كَانُوا أُولِي قُرْبَى مِن بَعْدِ ما تَبَيَّنَ لهمْ أنَّهُمْ أصْحَابُ الجَحِيمِ} [التوبة: 113] މާނައީ: ”ނަބިއްޔާއަކަށްވެސް، އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާކުރެއްވުމެއް ނެތެވެ. އެބައިމީހުންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެބައިމީހުންނީ ނަރަކައިގެ އަހުލުވެރިންކަން އެބައިމީހުންނަށް ފާޅުވެ އެނގުމަށްފަހުގައެވެ.“ ދެން އެކަލޭގެފާނު އަބޫ ޠާލިބަށް އިސްތިޣުފާރުކުރެއްވުން ދޫކޮށްލެއްވިއެވެ. އަދި އަބޫ ޠާލިބަކީ ނަރަކައިގައި އެންމެ ކުޑަ ޢަޒާބު ދެއްވޭމީހާކަމުގައި ބަޔާންކުރައްވިއެވެ. އެ ޢަޒާބަކީ އަލިފާނުގެ ފައިވާނަކަށް އަބޫ ޠާލިބު އަރައިގެން ހުންނަވަންޖެހޭއިރު، އޭގެ ސަބަބުން ސިކުނޑި ކެކިކެކި ހުންނަ ހުރުމެވެ. سبحان الله.
އަބޫ ޠާލިބުގެ މި ވާހަކައިގެ އަލީގައި އަޅުގަނޑުމެން މަރަޑޯނާ ނުވަތަ އެހެން ކާފަރު މަޝްހޫރު މީހެއްގެ ޙަޔާތަށް 21 ވަނަ ޤަރުނުގައި ބަލާލާއިރު ފެންނަ ޙަޤީޤަތަކީ އަހަރެމެންނަށް އެމީހުންގެ އެފަންނުގައި އެމީހުން ކިތަންމެ މޮޅު ޖާދުލެއް ދައްކައި، އެތައް ހިތްގައިމު ކަމެއް ކޮށްފައި އޮތަސް، އެމީހުންވެސް ކާފަރެއްގެ ގޮތުގައި މަރުވެ ގޮސްފިނަމަ އޮތީ ހަމަ އަބޫ ޠާލިބުގެ ޙުކުމުކަމެވެ. އެއީ އެމީހެއްގެ ކާފަރުކަން ހާމަވުމަށްފަހު، އެފަދަ ކާފަރަކަށް ފާފަ ފުއްސެވުމަށާއި، ކަށްވަޅާއި މަހުޝަރުގެ މައިދާނުގައި އޭނާއަށް ސަލާމަތާއި ރެސްޓު ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދެންނެވުމަކީ ކޮންގެންވާނެ ކަމެއްނޫންކަމެވެ. އެހެންވީމާ، އަޅުގަނޑުމެންނަށް އޮތީ RIP ނުކިޔުމެވެ. އެއީ ތައުބާ ސޫރަތުގެ 113 ވަނަ އާޔަތް ބާވާލެއްވި ހިސާބުން ކައުއިތުރު ނަބިއްޔާ صلى الله عليه وسلم ވެސް ޢަމަލުފުޅު ކުރެއްވި ގޮތެވެ. އެކަލޭގެފާނުގެ ސުންނަތުގައި ހިފާށެވެ. އެކަލޭގެފާނަށް ވުރެ އިންސާނުންނަށް ރަޙުމުކުރާނެ އެހެން އާދަމުގެދަރިއަކު ނާންނާނެއެވެ. އަދި އަބޫ ޠާލިބަށް ވުރެން ބޮޑަށް އިސްލާމްދީނާއި އެދީނުގެ ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި އަޅުގަނޑުމެންނަށް ކުރެވިފައިވާ ކަންތައްތައް ވަކި އިތުރެއްވެސް ނުވާނެއެވެ. އަދި ކޮބާތޯ؟ އަޅުގަނޑުމެން މިއަދު RIP އޭ މިކިޔާ މަޝްހޫރުމީސްމީހުން އިސްލާމްދީނަށްޓަކައި ކަމެއްކޮށްދީނީ އެއްވެސް ނޫނެވެ. އެހެންވީއިރު، އަބޫ ޠާލިބަށް ”ޕީސްކޮށް ރެސްޓު“ ނުވި އިރު އެހެން ކާފަރުންނަށް އެހެންވާނެގޮތެއް ކޮބައިތޯއެވެ؟ ވިސްނާ ފިކުރު ހިންގާށެވެ! ކަށްވަޅާއި ޤިޔާމަތް ދުވަހު މީހުން މީޒާންކުރައްވާނީ ފީފާގެ އެވޯޑަކުން ނޫނެވެ. އެކަމަކު އެކަންކުރައްވާނީ އީމާންކަމާއި ކާފަރުގެކަމުގެ މީޒާނުންނެވެ. އީމާންކަމާގެން އަތުވެއްޖެމީހަކަށް އޮތީ ސުވަރުގެއެވެ. އަދި އީމާންކަމުގެ ބަދަލުގައި ކުފުރާގެން އަތުވެއްޖެމީހަކަށް އޮތީ ނަރަކައެވެ.

 50,451 total views