ބާވެފައިވާ ދީނީ ލިޔުންތައް ނައްތާލުމުގެ ޕޮރޮގްރާމެއް ސަލަފުން ފަށަނީ

ގިނަދުވަސްވެ ބާވެފައިވާ ދީނީ އެކިއެކި މަޢުލޫމާތު ހިމެނޭ ތަފާތު ލިޔުންތައް ރައްކާތެރިކަމާއިއެކު ނައްތާލުމުގެ ޚާއްޞަ ޙަރަކާތެއް ފެށުމަށް ޖަމްޢިއްޔަތުއްސަލަފުން ތައްޔާރުވެއްޖެއެވެ. މި ހިނގާ މާރިޗުމަހުގެ 20 ދުވަހުގެ ހެނދުނު 9 އަކުން ހަވީރު 5 އަށް މާލޭގެ އެކިއެކި ސަރަޙައްދުތަކުގައި މިފަދަ ލިޔުންތައް ޖަމާކުރުމުގެ މަސައްކަތްކުރިއަށް ދާނެކަމަށް ޖަމްޢިއްޔާއިން ހާމަކުރެއެވެ.

”20 މާރޗު ވާ ހޮނިހިރު ދުވަހުގެ ހެނދު 9 އިންފެށިގެން ހަވީރު 5 އަށް މާލޭގެ 4 ސަރަޙައްދެއްގައި އަޅުގަނޑުމެންގެ ކަލެކްޝަން ޓީމްތައް ޙަރަކާތްތެރިވާނެ. ލިޔުންތައް އަޅުގަނޑުމެންނަށް ގެނެސްދޭއިރު ފޮށިގަނޑަކަށް އަޅާފައި ރަނގަޅަށް ބަންދުކޮށްލާފައި ގެނެސްދިނީމަ އަޅުގަނޑުމެން ހަވާލުވާ ގޮތަށް އޮތީ“ މި ޙަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ޖަމްޢިއްޔަތުއްސަލަފުގެ ޖެނަރަލް ސެކްޓަރީ އަލްފާޟިލް އަޙްމަދު ޝަރީފު ވިދާޅުވިއެވެ.

ލިޔުންތައް ޖަމާކުރުން ކުރިއަށްދާނެ ސަރަޙައްދުތައް ފަހުން ޢިއުލާނުކުރާނެކަމަށްވެސް ޝަރީފުވިދާޅުވިއެވެ. ވީމާ ނައްތާނުލެވި ގިނަދުވަސްވެފައިވާ ދީނީ އެކިއެކި ލިޔުންތައް ރައްކާތެރިކަމާއިއެކު ނައްތާލަން ބޭނުންވާ މާލޭގައި ދިރިއުޅުއްވާ ބޭފުޅުން މި ފުރުޞަތުގެ ބޭނުން ހިފުމަކީ ޖަމްޢިއްޔަތުއްސަލަފުގެ އެދުމެކެވެ. އަދި ހުރިހާ ބޭފުޅުންވެސް ލިޔުންތައް ރަނގަޅަށް ފޮށިގަނޑެއްގައި ބައްދުކޮށްލައްވާފައި ހަވާލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެންވުމަށްވެސް ސަލަފުން އިލްތިމާސްކުރެއެވެ.

 20,146 total views