7 އަހަރަށްފަހު ”ހަފްތާ ނަޞޭޙަތް“ އަލުން ފަށަނީ

މީގެ 7 އަހަރު ކުރިން ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދިޔަ ”ހަފްތާ ނަޞޭޙަތް“ އަލުން ފެށުމަށް ހަމަޖައްސައިފިއެވެ.
31 މާޗް 2012 ގައި ފެށި މި ސިލްސިލާ ޕްރޮގްރާމަކީ ރާއްޖޭގެ ވަރަށްގިނަ ޢިލްމުވެރިންގެ ބައިވެރިވުމާއެކު ކުރިއަށް ދިޔަ ޕްރޮގްރާމެކެވެ. ތަފާތު އެކިއެކި ސަބަބުތަކާހުރެ މެދުކަނޑާލަން ޖެހުނު މި ޕްރޮގްރާމު އަލުން ފަށާއިރު ކުރިއެކޭވެސް އެއްގޮތަށް ރާއްޖޭގެ ގިނަ ޢިލްމުވެރިންތަކެއް މި ޕްރޮގްރާމުން ފެނިގެންދާނެއެވެ.
ހަފްތާނަޞޭޙަތް ޕްރޮގްރާމާއިގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ދައުވާ ކޯޑިނޭޓަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިގޮތުގައި މިފަހަރުވެސް މިޕްރޮގްރާމުގައި ހަމަ ކުރިއެކޭވެސް އެއްގޮތަށް ތަފާތު ގިނަ ޢިލްމުވެރިންތަކެއް އިންޝާﷲ ފެނިގެންދާނެކަމަށާއި މިފަހަރު ބޮޑަށް އަލިއަޅުވާލަން ގަސްތުކުރަނީ މުޖުތަމަޢުގައި ހުރި އެކިއެކި އިޖްތިމާއީ މައްސަލަތަކަށްކަމަށެވެ.
”ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް އަޅުގަނޑުމެން މިސިލްސިލާ އަލުން މިފަށަނީ މިއީ ވަރަށް މުހިއްމު ޕްރޮގްރާމަކަށް ވާތީ. މިފަހަރު ބޮޑަށް އަލިއަޅުވާލަން ގަސްތުކުރަނީ މުޖުތަމަޢުގައި ހުރި އެކިއެކި އިޖްތިމާއީ މައްސަލަތަކަށް އިންޝާﷲ. މި ސިލްސިލާގައި މިފަހަރުވެސް ހަމަ ތަފާތު ޢިލްމުވެރިން ބައިވެރިވާނެ އިންޝާﷲ“ އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިއެވެ.
ތަފާތު އެކިއެކި މައުޟޫއުތަކަށް އަލިއަޅުވާލަމުންގެންދާ މި ޕްރޮގްރާމުގެ ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ ގާތްގަނޑަކަށް 5 މިނިޓް އެވެ.
ކުރިން 54 އެޕިސޯޑު ގެނެސްދީފައިވާ މި ޕްރޮގްރާމުގެ 55 ވަނަ އެޕިސޯޑު މިއަންނަ ހުކުރު ދުވަހު ނެރުމަށްވަނީ ހަމަޖެހިފައެވެ.

 18,480 total views