ރޯދައިގެ ފިޤްހާ ބެހޭ ޕޮރޮގްރާމެއް ފަށަނީ

ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާންމަހަށް އަމާޒުކޮށް އެ މައްސަރުގައި ހިފާ މަތިވެރި ރޯދައިގެ އަޅުކަންތައްތަކާއި ގުޅޭ ތަފާތު ފިޤްހީ ޕްރޮގްރާމެއް ޖަމްޢިއްޔަތުއްސަލަފުން ފެށުމަށް ހަމަޖައްސައިފިއެވެ.
މިގޮތުން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހުގެ ރޭގަނޑު 8:30 ގައި ސަލަފުގެ ޝޯޝަލް މީޑިޔާއިން ގެނެސްދޭ މި ސިލްސިލާގައި ކިޔަވައިދެއްވާނީ ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް ޝިހާމު މުޙައްމަދެވެ.
ތިރީސް ފިލާވަޅު ހިމެނޭ މި ސިލްސިލާގައި ކިޔަވައިދެއްވާނީ އަޙްކާމުލްޙަދީޘްގެ މަޝްހޫރު މަތުނު ފޮތެއްކަމަށްވާ ޢުމުތަދުލް އަޙްކާމުގެ ރޯދައާއި ގުޅޭ ޙަދީޘްތަކެވެ. އެގޮތުން ރޯދައިގެ މާތްކަމާއި ރޯދަ ގެއްލޭ ކަންތައްތަކާއި ޢިއުތިކާފަށްއިނުން ފަދަ ރޯދައާބެހޭ ތަފާތު ފިލާވަޅުތައް މިސިލްސިލާގައި އަލި އަޅުވާލާނެއެވެ.
ޢުމުތަދުލް އަޙްކާމު މިފޮތަކީ އަލްޙާފިޡް ޢަބްދުލްޣަނީ ބުން ޢަބްދުލްވާޙިދު އަލްމަޤްދިސީ ރަޙިމަހުﷲ ޖަމާކުރައްވާ އެކުލަވާލާފައިވާ ފޮތެކެވެ. މިފޮތުގައި 430 ވަރަކަށް ހަދީޘްވެއެވެ. މި ޙަދީޘްތަކަކީ ޞަޙީޙުލްބުޚާރީ އާއި ޞަޙީހުމުސްލިމުގެ ޙަދީޘްތައް ފިޤްހީ ބާބުތަކަށް ތަރުތީބުކޮށްލައިގެން ލިޔެފައިވާ ފޮތެކެވެ.

 49,068 total views