’އޮނަތިރީސްމިނެޓް‘ ގެ 50 ވަނަ ޕްރޮގްރާމު ބުދަ ދުވަހުގެ ރޭ

– ލޯގޯ ވަނީ ބަދަލުކޮށްފައި
– ޕްރޮގްރާމުގެ ސެޓް އެއްކޮށްވަނީ ބަދަލުކޮށްފައި
– ދެން ޕްރޮގްރާމް ގެންނާނީ ކުލަކޮށް

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ބުދަ ދުވަހެއްގެ ރޭ ގެނެސްދޭ ’އޮނަތިރީސްމިނެޓް‘ ގެ 50 ވަނަ ޕްރޮގްރާމު މިއަންނަ ބުދަ ދުވަހުގެ ރޭ އިންޝާﷲ އޮންނާނެއެވެ.

2016 ވަނަ އަހަރުގެ ޖުލައި މަހު ފަށައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ދީނީ އަދި އިޖްތިމާޢީ މައްސަލަތަކަށް އަލިއަޅުވާލަމުންގެންދާ ޕްރޮގްރާމެކެވެ. ކޮންމެ ރެއަކުވެސް ތަފާތު އެކިއެކި ދީނީ ޢިލްމުވެރިންގެ މަޢޫލޫމާތުން ފުރިފައިވާ މިޕްރޮގްރާމު ހުށައަޅައިދެމުންގެންދަނީ ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު އެވެ.

ޖަމްޢިއްޔަތުއްސަލަފް ގެ ސްޓޫޑިއޯ އިން ލައިވްކޮށް ގެނެސްދޭ ’އޮނަތިރީސްމިނެޓް‘ ގެ 50 ވަނަ ޕްރޮގްރާމު ގެންނައިރު މިޕްރޮގްރާމަށްވަނީ ވަރަށްބޮޑެތި ބަދަލުތައް އައިސްފައެވެ. އެގޮތުން މި ޕްރޮގްރާމުގެ މުޅި ސެޓިންސް ވަނީ ބަދަލުކޮށްފައެވެ. އެއާއެކު ޕްރޮގްރާމުގެ ލޯގޯވެސް ވަނީ ރީބްރޭންޑު ކޮށްފައެވެ. ސަލަފްގެ ފޭސްބުކް އަދި ސަލަފް ގެ ޔޫޓިއުބް އިން ލައިވް ކުރަމުންގެންދާ މި ޕްރޮގްރާމުގެ ރެކޯޑިން ސަންޓީވީ އިންވެސް ކޮންމެ ރެއަކު ފޮނުވަމުން ގެންދެއެވެ. ކަޅާއި ހުދުން އެޑިޓްކޮށް ނެރެމުންގެންދާ މި ޕްރޮގްރާމުގެ 50 ވަނަ އެޕިސޯޑުން ފެށިގެން ނެރެމުންދާނީ ކުލަކޮށްކަމަށް ޕްރޮގްރާމުގެ ޓެކްނިކަލް ޓީމުން ޚަބަރުދެއެވެ.

50 ވަނަ ޕްރޮގްރާމުގައި ދެ ޢިލްމުވެރިއަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ އައްޝައިޚް ޙަސަން މޫސާ ފިކްރީ އާއި އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު އެވެ. މިހަފްތާގެ މައުޟޫއަކީ ’ސިޔާސީ ވަބާ‘ އެވެ.

މިހާތަނަށް ގެނެސްދީފައިވާ ’އޮނަތިރީސްމިނެޓް‘ ގެ ހުރިހާ ޕްރޮގްރާމުތަކެއް ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް އަދި ޖަމްޢިއްޔަތުއްސަލަފުގެ ސައުންޑްކްލައުޑަށް ވަނީ އަޕް ކޮށްފައެވެ.

 792 total views