ހެޑަށްއޮޅުން

ލިއުއްވީ: އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް

 

ހެޑަށް އޮޅުމަކީ މިޒަމާނުގެ ކުދިންނަށް ފަހަރެއްގައި ދެނެގަންނަން އުނދަގޫ ވާހަކައަކަށް ވެދާނެއެވެ. ތަންކޮޅެއް ކުރީޒަމާނުގައި މީހުން ލަވަޖަހާ އުޅެނީ ކެސެޓް ޕްލެޔަރ އަށް ކެސެޓް ރޯލު ލައްވައިގެންނެވެ. އެޒަމާނުގައި ޢާންމުކޮށް ފިލްމު ބަލަނީވެސް ވީސީއާރަށް ވީޑިއޯ ރޯލު ލައްވައިގެންނެވެ. މިކަމުގައި އެންމެ ނުރައްކާކަމަކަށް ވަނީ ކެސެޓްރޯލުގެ ފީތާ، ކެސެޓް ޕްލެޔަރުގެ ތެރޭގައި ދައުރުވަމުންދާ ދިޔުމަށް ބުރޫއަރައި، އޭގެހަމައިން ނެއްޓި ކެސެޓް ރޯލުގެ ފީތާ ވަންނަން ނުޖެހޭ ތަންތަނަށް ވަދެ އޮޅި ތާށިވުމެވެ. އޭގެސަބަބުން ފީތާ ހަލާކުވެ ކެސެޓް ރޯލު އެއްލާލަން ޖެހެއެވެ. އަދި ބޭނުންކުރި ނަމަވެސް، އެ ހަލާކުވި ހިސާބަށް އަންނައިރު ކިޔާނުކިޔާއެއް ނޭނގެއެވެ. ވީޑިއޯ ރޯލެއްނަމަ މަންޒަރު ނުސާފުވެ ވާނުވާގޮތް އޮޅެއެވެ.

 

ޝައްކެއްނެތެވެ. މިއަދު އަޅުގަނޑުމެން ދައްކަންވީ ކެސެޓް ރޯލު ހެޑަށް އޮޅޭ ވާހަކައެއް ނޫނެވެ. އެހެނީ އެ އުދަގުލުން މިއަދު އަޅުގަނޑުމެންނަށް މިވަނީ އަރައިގަނެވިފައެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ދައްކަންވީ ހެޑަށްއޮޅޭ ރޯލުގެ ބަދަލުގައި ހެޑަށް އޯޅޭމީހުންގެ ވާހަކައެވެ. މީހުން ހެޑަށް އޮޅުމުން ވާގޮތުގެ ވާހަކައެވެ. އޭގެސަބަބުން މުޖުތަމަޢަށް އަންނަ އޮޅުންބޮޅުންތަކުގެ ވާހަކައެވެ. ޚާއްޞަކޮށް ހެޑަށް އޮޅިފައިވާ ބައެއް ފަރާތްތަކަކީ މުޖުތަމަޢުގައި އެމީހުންގެ ދުންމާރީގެ އަޑުގަދަ ފަރާތެއްކަމުގައި ވެއްޖެނަމަ އޭގެ ގެއްލުން މުޖުތަމަޢަށް ބޮޑުވެގެންދާނެ މިންވަރުގެ ވާހަކައެވެ.

 

ނިކަން ދެކިބަލާށެވެ! އަޅުގަނޑުމެންގެ މުޖުތަމަޢަށް ނަޒަރު ހިންގާލައިފިނަމަ މިފަދަ އެތައް ފަރާތެއް އަޅުގަނޑުމެންނަށް ފެނިގެން އެބަދެއެވެ. ތިމާމެންގެ ޙަޤީޤަތް ފާޅުވެދާނެތީ ، ތިމާމެން ޤަބޫލުކުރާ ނުބައި ފިކުރުތައް ސީދާގޮތުގައި ފާޅުކުރަން ނުކެރި އޮޅުންބޮޅުން އަރާގޮތަށް ޚިޔާލު ފާޅުކުރާ ކިތައް މީހުންގެ ލިޔުންތައް އަޅުގަނޑުމެންނަށް ފެންނަމުން އެބަ ދޭހެއްޔެވެ؟ އިސްލާމްދީނުގައި އޮންނަ މެދުމިނުގެ މިންގަނޑާ ދީނުގެ ޢިލްމުވެރިން ޚިލާފުވެ، ދީނީ ޢިލްމުވެރިންނަކީ ޙައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުތަކަށް ދަޢުވަތުދެއްވާ ބައެއް ކަމުގައި އެފަދަމީހުން އެބަ ޞިފަކުރެއެވެ. މިފަދަ އޮޅުންބޮޅުންތައް އަރާފައިވާ މީހުން، އެމީހުން އެ ޤަބޫލުކުރާ މެދުމިނާ ބެހޭގޮތުން އެ ދައްކާ ވާހަކައެއް، އެބުނާ މިންގަނޑެއްވެސް ސާފެއް ނުވެއެވެ. ބައެއްފަހަރު ދީނުގައި ވާޖިބު ކުރައްވާފައިވާ ކަންކަން ކުރުމާއި އެކަންކަން ކުރުމަށް ނަޞޭޙަތް ދިނުން އެއީ ހަރުކަށި ވިސްނުންކަމުގައި އެބަ ތުހުމަތުކުރެއެވެ. އަދި އެފަދަ ނަޞޭޙަތްތައް ޓީވީތަކާއި ރޭޑީއޯ އިން ފޮނުވުމީ ހަރުކަށިވިސްނުން ފެތުރުމަށް ވާގިދިނުން ކަމުގައިވެސް މިފަދަ  މީހުން އެބަ ޞިފަކުރެއެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް ހެޑަށް އޮޅުނީމައި ވާގޮތެވެ.

 

ހެޑަށް އޮޅުނީމައިވާ އަނެއްގޮތަކީ  ތިމާމެންގެ ފެންވަރާއި ދާއިރާ އޮޅުމެވެ. ޤަލަމެއް އަތުޖެހި ލިޔާނެ ތަނެއް ފެންނަ އިރަށް، ހިތުހުރި ކޮންމެ މައުޟޫޢެއްގައި ތިމާމެންނަކީ މާހިރުންކަމުގައި ހީވުމެވެ. އެއީ ކެސެޓް ރޯލު، އޭގެހަމައިން ނެއްޓި ވަންނަން ނުޖެހޭ ތަންނަތަނަށް ވަދެ ތާށިވެ އޮޅިހަފުސްވާ ފަދައިންނެވެ. ހިތަށް އަރާކޮންމެ ވާހަކައެއް ދައްކަން ފަސްނުޖެހުމާއި ހިތަށް އަރާކޮންމެ އެއްޗެއް ލިޔަންކެރުމަކީ އެމައުޟޫޢެއްގައި ވާހަކަދައްކަން ތިބާ ކުފޫހަމަވީކަމުގެ ސެޓްފިކެޓެއް ނޫނެވެ. އަދި ކިއެއްތަ އެއީ ޖާހިލުކަމުގެ އިންތިހާއެވެ. ދަންނަމީހުންނާއި ނުދަންނަ މީހުންގެ މައިގަނޑު އެއް ތަފާތަކީ މިއެވެ. އެމީހުން ވާހަކަ ދައްކާނީ އެމީހުންގެ ދާއިރާގައެވެ. އެ ދާއިރާގައި އެމީހުން ވާހަދައްކާ ތަނަވަސްކަމާއި ފުޅާކަން ބިނާވެފައިވާނީ  އޭނާގެ ޢިލްމީ ދިރާސާގެ ތަނަވަސްކަމުގެ މައްޗަށެވެ. ފަހަރެއްގައިވެސް އޭނާއަށް ލިބިފައިވާ ޤަލަމުގެ ދެލީގެ ގިނަމާއި ލިޔަން ލިބިފައިވާ ކަރުދާހުގެ ގިނަކަމަށް ބަލައިގެންނެއް ނޫނެވެ. ނަމަވެސް ހެޑަށް އޮޅިފައި ހުންނަމީހާ ބަލަނީ އޭނާއަތުގައި އޮތް ގަލަމުގެ ދެއްޔާއި ލިޔަން ލިބިފައިފާ ކަރުދާހުގެ ގިނަކަމަށް އެކަންޏެވެ. އޭނާގެ ލިޔުން ބިނާކުރަނީ ޢިލްމީ ޙަޤީޤަތާއި ޢިލްމީ އުޞޫލެއްގެ މައްޗަކަށް ނޫނެވެ. އަދި ކެއްތަ؛ ފުރަތަމަވެސް އޭނާ ނިންމަނީ ކަން އޮންނަވީ ގޮތްކަމުގައި އޭނާއަށް ފެންނަ ގޮތެވެ. އެޔަށްފަހު އެ މައުޟޫގައި ވާރިދުވެފައިހުރި ހުރިހާ ނައްޞުތަކެއް އޭނާ ނިންމި ނިންމުމާ ސީދާކުރަންވެގެން ގަދަކަމުން ލަންބުވާ ނުލެބުނު އެއްޗެއްނަމަ ބިންދަމުން ކުރިޔަށް ދެއެވެ. އޭނާގެ ކޮށި ވިސްނުމާ ޚިލާފު އެންމެންނަކީ ހަރުކަށި މީހުންކަމުގައި ބުނަމުންނެވެ.

 

ޝައްކެއް ނެތެވެ! ފުރިހަމަގޮތުގައި އެއްޗެއް އުފެއްދުމުން ދޭހަކޮށްދެނީ އެ އެއްޗެއް އީޖާދުކުރި ފަރާތުގެ ޤާބިލުކަމެވެ. އަދި އެކަމުގައި އެފަރާތަކަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާއެވެ. މި ޢިލްމާއި ތަޖުރިބާގެ މިންވަރު ވަޒަންކުރެވޭނީވެސް އުނގެނި ދަސްކޮށްފައިވާ މަޢުރިފާގެ އަހުލުވެރިންނަށެވެ. ކަންކަން އުނގެނި ދަސްކުރުމާއި، އުނގެނި ދަސްކޮށްފައިވާ މީހުންނަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމަކީ ޖާހިލުން ދަންނަ އެއްޗެއް ނޫނެވެ. އެހެންވެ ކަންކަމާމެދު ޖާހިލުން ދެކޭގޮތާއި ވިސްނާގޮތް؛ ޢިލްމާއި މަޢުރިފާގެ އަހުލުވެރިންނާ ވަރަށް ތަފާތުވާނެއެވެ. ޖާހިލުން ފުރަތަމަވެސް ނެރޭނީ އޭނާ ބޭނުންވާ ޖަވާބެވެ. އެހެން ގޮތަކަށް ބުނާނަމަ އެކަމެއް އޮންނަން އޭނާ ބޭނުންވާ ގޮތެވެ. ޢިލްމާއި މަޢުރިފާގެ އަހުލުވެރިން ކުރިޔަށް ދާނީ އެކަމެއްގައި ކުރިޔަށް ދިޔުމަށް ކަނޑައެޅިފައިވާ ޢިލްމީ އުޞޫލުތަކާއި ޤަވާޢިދުތަކުގެ މަތިންނެވެ. ނަތީޖާއަކީ އެ ޢިލްމީ އުޞޫލުތަކާއި ޤަވާޢިދުތަކުގެ މަތީގައި ކުރިޔަށް ދިޔުމުން ނިކުންނަ އެއްޗެކެވެ. ފަހަރެއްގައި ވެސް އެއީ އޭނާގެ އުފެއްދުމެއް ނޫނެވެ. އޭނާއަށް އެ ނިސްބަތްކުރެވެނީ އޭނާކުރި މަސައްކަތުގެ ނަތީޖާވީމައެވެ. ޙިސާބު ނަންބަރެއްގެ ޖަވާބަކީ ފަހަރެއްގައިވެސް ޙިސާބުހަދާމީހާ ނެރެން ބޭނުންވާ ވަކި ޖަވާބެއްނޫނެވެ. އެހެނަސް އެއީ ޙިސާބު ޢިލްމުގައި ކަނޑައެޅިފައިވާ ޢިލްމީ އުޞޫލުތަކާއި ޤަވާޢިދުތަކުން ކުރިޔަށް ދިޔުމުން ނިކުންނަ އެއްޗެކެވެ. ތިމާ ބޭނުންވާ ވަކި ޢަދަދެއް އެއީ ޖަވާބުކަމުގައި ނިންމާފައި އެޔާ އެއްގޮތަށް ޙިސާބު ޢިލްމުގެ އުޞޫލުތައް ބިންދާ މުގުރުމަކީ ޙައްދު ފަހަނައެޅުމެވެ.

 

ދީނު ކަންކަން ތިބާގެ ހަވާނަފްސުއެދޭ ވަކި ގޮތަކަށް ކަނޑަ އެޅުމީ މެދުމިނެއް ނޫނެވެ. އެއީ ޙައްދު ފަހަނައެޅުމެވެ. އެހެނީ ދީނުގެ އިންތަކާއި މިންތަކަކީ ކީރިތި ޤުރްއާނާއި ސުންނަތުގައި ކަނޑައަޅުއްވާފައިވާ އެއްޗެކެވެ. ސީދާކޮށް ބަޔާން ކުރައްވާފައި ނުވާ ކަމެއްނަމަ ދެން އެކަމެއްގެ ޙުކުމް ހޯދުމަށް ތަބާވާން ޖެހޭ ޢިލްމީ އުޞޫލުތައް މި ދެމަޞްދަރުގެ އަލީގައި ޢިލްމުވެރިން ވަނީ ބަޔާންކުރައްވާފައެވެ. މި އިންތަކުން ބޭރުވެއްޖެމީހަކީ ޙައްދުފަހަނައަޅާފައިވާ މީހެކެވެ.

ނުނިމޭ

 700 total views