ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް: އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް

 

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްވާނެކަމެއްކަމަށާއި މިކަން ޙަރާމްވުމުގައި އެތައް ގިންތިތަކަކަށް ފެތިގެންދާކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭގައި ކުރިއަށްގެންދިޔަ ’ރޯދައާއި ސުވާލު‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވިގޮތުގައި ދުންފަތަކީ އެއްވެސް ޝައްކެއްނެތް މިންވަރަށް ނަފްސަށް ގެއްލުންދޭ އެއްޗެއްކަން އެންމެންވެސް އިއްތިފާޤުވާ އެއްޗެއްކަމަށާއި އެެހެންކަމުން ނަފްސަށް ގެއްލުން ދިނުން ﷲ ވަނީ ކީރިތިޤުރްއާނުގައި ޙަރާމް ކުރައްވާފައިކަމަށެވެ. އަދި މީގެއިތުރުންވެސް ދުންފަތުގެ އިސްތިޢުމާލު ކުރުން ޙަރާމްކަމަށް ދަލީލު ކޮށްދޭ އެތައް އާޔަތްތަކަކާއި އެތައް ޙަދީޘްބަސްފުޅުތަކެއް އެބަހުރިކަމަށެވެ.

 

“ ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަނީ ތިޔަބައިމީހުން، ތިޔަބައިމީހުންގެ ނަފްސުތައް ޤަތުލު ނުކުރާށޭ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ހަލާކުގެތެރެއަށް އެއްލާނުލާށޭ. އަދި އެފަދަ ކަމަކަށްޓަކައި ތިމާގެ މުދަލުން އިސްރާފު ކުރުމާއި، އަދި ހަމަ އެއާއެކު އެހެންމީހުންނަށް އޭގެން ގެއްލުމާއި އުނދަގޫ ފޯރާފަދަ އެންމެހައި ކަމެއް އިސްލާމްދީނުގައިވަނީ މަނާކުރައްވާފަ. އިސްރާފުކުރުން މިވަނީ މަނާކުރައްވާފަ. އަޅުގަނޑުމެންނަށް އެބައެނގޭ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކޮންމެ އަހަރަކު އެތައް ބަޔަކު މަރުވެގެން އެބަދޭ. ޑޮކްޓަރީގޮތުންވެސް އެއީ ވިހައެއްގެ ގޮތުގައި ފާހަގަކޮށްފައި މިއޮންނަނީ. އެހެންވީމަ ވިހައެއް ކައިގެން އޭގެ އަސަރުގައި މަރުވެއްޖެކަމަށްވަނީނަމަ އަޅުގަނޑުމެން ބިރުގަންނަން އެބަޖެހޭ ނަބިއްޔާ صلى الله عليه وسلم ގެ ވަޢީދުގެ ބަސްފުޅުގެތެރެއަށް ވަދެގެން ހިނގައިދާނެކަމަށް“ ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

 

ރޭގެ ޕްރޮގްރާމަށް ބޭފުޅަކު ފޮނުއްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުން އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ކުރުންފަދަ ކަންތައްތަކުން ދުރުވުމަށާއި އަދި ތިމާ ކުރަމުން އަންނަ އެހެނިހެންވެސް ވިޔާނުދާކަންތައްތައް ހުއްޓާލުމަށް ރަމަޟާން މަހަކީ ރަނުގެ ފުރުސަތެއްކަމަށާއި ބަރަކާތްތެރި ރަމަޟާން މަހުން އަޅުގަނޑުމެންނަށް ގިނަގުން އެތައް ފިލާވަޅުތަކަކާއި ތަމްރީނުތަކެއް އެބަ ލިއްބައިދޭކަމަށެވެ.

 

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރޭ ސަލަފް ސްޓޫޑިއޯއިން ލައިވްކޮށް ގެނެސްދިން ’ރޯދައާއި ސުވާލު‘ ޕްރޮގްރާމަކީ ރަމަޟާންމަސް ކައިރިވެފައިވާތީ، ރަމަޟަން މަހާއި ރޯދާއާއި ގުޅޭގޮތުން އެކިއެކި ބޭފުޅުންގެ ހިއްޕުޅުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބުދެއްވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނަވީ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި އައްޝައިޚް ޙަސަން މޫސާ ފިކްރީ އެވެ. ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުންނާއި ސަލަފް ގެ ޔޫޓިއުބް ޗެނެލުން ލައިވްކޮށް ފޮނުވި މި ޕްރޮގްރާމަށް ވަރަށް ގިނަ މީހުން ސުވާލުތައް ފޮނުވާފައިވާކަން ފާހަގަކޮށްލަމެވެ.

 

 

 

 980 total views