އެޑިއުކޭޝަން މިނިސްޓްރީއިން ދީނީ ދަރުސްތަކަށް ހުރަސް އަޅަމުންދާތީ އެކަމާއި ދެކޮޅަށް ޢިލްމުވެރިން ތެދުވެއްޖެ.

ދީނީ ދަރުސްތަކަށް ހުރަސްއެޅުމާއި، ދީނީ އެކިއެކި ޙަރަކާތްތަކަށް ހުރަސްއެޅުމުގެ ސިޔާސަތެއް އެޑިއުކޭޝަން މިނިސްޓްރީއިން ގެންގުޅެމުންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، ދެން ކުރިޔަށް ޢަމަލުކުރާނޭ ގޮތަކާމެދު މަޝްވަރާ ކުރުމަށް ރާއްޖޭގެ ފުންނާބުއުސް އެތައް ޢިލްމުވެރިންނެއް ޖަމާވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުން އިސްނަގައިގެން ކުރިއަށްދިޔަ ގެންދިޔަ މިބައްދަލުވުމުގައި ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. މިރޭ 9:30 ގައި ކުރިއަށްދިޔަ މި ބައެްދަލުވުމުގައި ރާއްޖޭގެ އެކި ރަށްރަށަށް ދީނީ ޢިލްމުވެރިން ވަޑައިގެން ދަރުސްތައް ބޭއްވުމަށް އެރަށްރަށުގެ މަދަރުސާތައް ހޯދުމަށް ކޮށްފައިވާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ މިންވަރާއިގުޅޭގޮތުން ހުރިހާ ބޭފުޅުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެބޭފުޅުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ދީނީ ދަރުސްތައް ސްކޫލްތަކުގައި ބޭއްވުމަށް ފުރުސަތު ނުދިނުމަށް ސީދާ އެޑިޔުކޭޝަން މިނިސްޓްރީއިން އަންގައިގެން، ސުކޫލްތަކުގެ އިސްވެރިންނަށް އިންޒާރު ދެމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި ދީނީ ޢިލްމުވެރިންގެ އެކިއެކި ދަރުސްތަކަށް ރަށްރަށުގެ މަދަރުސާތައް ނުދިނުމުގެ ސިޔާސަތު އެޑިއުކޭޝަނުން ގެންގުޅޭތީ އެކަން ކުށްވެރިކޮށް ހުރިހާ ބޭފުޅުން ވާހަކަދައްކަވާފައިވެއެވެ.

މިރޭގެ ބައްދަލުވުމުގައި ޢިލްމުވެރިން ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅޭގޮތުން، ކުރެވިދާނޭ މަސައްކަތްތަަކާއި، އެކަންބޮޑުވުންތަކާމެދު އަޅާނޭ ފިޔަވަޅުތަކެއް ކަނޑައަޅައި، ކުރިޔަށް އޮތްތާނގައި، އެކަންކަމުގެ މަޢުލޫމާތު މީޑިޔާއާއި ޙިއްޞާކުރާނޭކަމުގައި މި ބައްދަލުވުން އިންތިޒާމުކުރި ފަރާތުންވަނީ ހާމަކޮށްފައެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ފުންނާބުއުސް އެތައް ޢިލްމުވެރިންނެއްގެ ދަރުސްތައް ބޭއްވުމަށް ރަށްރަށުގެ ސްކޫލްތައް ނުލިބުމުގެ ޝަކުވާ، އެބޭބޭފުޅުންގެ ފޭސްބުކް ޕޭޖުގައާއި ޓްވީޓާތަކުގައި ހާމަކޮށްފައިވެއެވެ. އަދި ދީނީ ކަންކަމަށް ފަރުވާތެރިވާކަމަށް ބުނަމުންދާ މިއަދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީއިން މިފަދަ ދަށުދަރަޖައިގެ ޢަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭކަމެއް ނޫންކަމަށް ޢިލްމުވެރިން ދެކިލައްވައެވެ.

 1,212 total views