ހަ ރޯދައިގެ ތެރޭގައި ޚާއްޞަ ދަރުސްތަކެއް

ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހަ ރޯދައިގެ ނަމުގައި މަޝްހޫރުވެފައިވާ ޝައްވާލުމަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ބާއްވާ ޚާއްޞަ ދަރުސް ސިލްސިލާއެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ބާއްވާ މިދަރުސްތައް މާލޭގެ ފުރުޤާން މިސްކިތުގައި މި ހަރޯދައިގެ ކޮންމެ ދުވަހެއްގެ ޢަޞްރުނަމާދަށް ފަހު އޮންނާނެއެވެ. މި ދަރުސްތަކުގައި އަލިއަޅުވާލާނީ އީމާންކަމުގެ ހަ ރުކުނާއި ބެހޭގޮތުންނެވެ.

މި ދަރުސްތައް ބޭއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ދަރުސްތަކުގެ ކޯޑިނޭޓަރު އަދި ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިގޮތުގައި އީމާންކަމުގެ ހަ ރުކުނާއި ބެހޭގޮތުން ކުރިއަށްގެންދާ މިދަރުސްތަކުގައި ތަފާތު ގިނަ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

 

”އަޅުގަނޑުމެން މިފަހަރު މިބާއްވާ ދަރުސްތަކަކީ ހަ ރޯދައިގެ ތެރޭގައި މިފަދަގޮތަކަށް ސިލްސިލާކޮށް ބާއްވާ ފުރަތަމަ ދަރުސްތައް. މިފަހަރު މިބާއްވަނީ ’ހަ ރުކުން‘ މިނަމުގައި. މިސިލްސިލާގައި އީމާންކަމުގެ ހަ ރުކުނުގެ މައްޗަށް ޖުމްލަގޮތެއްގައި ވާހަކަދެއްކުން އޮންނާނީ. ދެން ދަރުސްތައް ދެއްވާނީ އެކި ދުވަހު އެކި ޢިލްމުވެރިން.“ ޝައިޚް މުޖްތަބާ ވިދާޅުވިއެވެ.

މިސިލްސިލާގެ ފުރަތަމަ ދަރުސްގައި މިއަދު ފުރުޤާން މިސްކިތުގައި އިންޝޡާﷲ އޮންނާނެއެވެ. މިއަދުގެ ދަރުސް ’ ﷲ އަށް އީމާންވުން‘ އާއިގުޅޭގޮތުން ވާހަކަފުޅު ދައްކަވާނީ އައްޝައިޚް މުޙައްމަދު ސިނާން އެވެ. މިދަރުސް ސަލަފުގެ ފޭސްބުކު ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

 1,412 total views